މަސް ކިރުމުގެ މަސައްކަތް ކުރިއަށް ދަނީ. މަސްވެރިން ބާނާ މަހަށް ފައިސާ ލިބުން ލަސްވެގެން މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުން. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)
އަމާޒަކީ 48 ގަޑިއިރުން ފައިސާ ދިނުން؛ މިވަގުތު ފައިސާ ދެވެން އޮތީ ހަފްތާއަކުން ހަފްތާއަކުން: މިނިސްޓަރު
އަމާޒަކީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުން ކަމަށާއި ނަމަވެސް މިވަގުތު މާލީ ހާލަތު އޮތް ގޮތުން ފައިސާ ދެވެން އޮތީ ހަފްތާއަކުން ހަފްތާއަކުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި މަސްވެރިން އިހުތިޖާޖު ކުރަމުންދާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ. އިއްޔެ އައްޑޫ ހުޅުމީދޫގައި ހުންނަ މަސް ފެކްޓަރީގައި ވެސް މަސްވެރިން މުޒާހަރާކޮށްފައިވެ އެވެ.
މަސްވެރިން ބާނާފައިވާ މަހަށް ފައިސާ ނުދީ އޮތް މައްސަލާގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ފިޝަރީޒް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށްފަައިވެ އެވެ. މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ސާފުކޮށްދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް، ކިރާ މަަހަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތް ސަރުކާރުން ހައްދަވައިދެއްވާނެ އެވެ. ނަމަވެސް، މާލީ ދަތިތަކުގެ ސަބަބުން، މިވަގުތަށް އެކަން ކުރެވެން ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ 48 ގަޑިއިރު ތެރޭ ދިނުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. މިވަގުތު އަޅުގަނޑުމެން މި ނިންމީ ހަފްތާއިން ހަފްތާއިން [ދޭން]،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަކީ ދައުރުގެ ކުރީކޮޅު އަޅުގަނޑުމެންގެ ވައުދުތައް ފުއްދާނެ ސަރުކާރެއް. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެކަން އެގޮތަށް ކުރެއްވުމަށްޓަކައި. އަޅުގަނޑުމެން ނުބަހައްޓާނަން އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދެވަނަ ބުރާ ދޭތެރޭގައި އަޅުގަނޑުމެންގެ ވައުދު ފުއްދާކަށް."
އެގޮތުން، މިސަރުކާރުން މަހުގެ އަގު ކުޑަކުރުމަށްފަހު ގަންނަމުންދާ މަހަށް މިހާރު ވެސް ކޮންމެ ހަފްތާއަކު ފައިސާ ލިބެމުންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިހާރު އެކިއުމިލޭޓް މިވަމުންދާ ހަރަދުތައް، އެއީ މަހުގެ އަގަށް މި ގެނެވުނު ބަދަލު ގެނެވުނު ދުވަހުން ފެށިގެން މި ހިނގާ ދުވަސްތަކަށް ހަފްތާއިން ހަފްތާއަށް މިފްކޯ އިން ފައިސާ ދައްކާ އިންތިޒާމު މިފްކޯ އިން ވަނީ ހަމަޖައްސާފައި. އެންމެ ފަހު ހަފްތާއަށް 26 މިލިއަން ރުފިޔާ ދެއްކުމުގެ މަސައްކަތް މިފްކޯ އިން މިހަފްތާގައި ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ފައިސާ ނުލިބި ދިގުލައިގެން ގޮސް ހާލަތު މިހާ ގޯސްވީ، މިދިޔަ ސަރުކާރުގައި މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ފައިސާ ނުދީ، ސަރުކާރު ބަދަލުވި އިރު ބޮޑު ދަރަންޏެއް ވާރުތަވުމުގެ ސަބަބުންނެވެ.
"17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރި ކުރުމަކީ މަސްވެރިން އެކަމަށް މަރުހަބާ ކީ ކަމެއް ނޫން ފުރަތަމަ ކަމަކަށް. ސިޔާސީ ބޭނުމެއްގައި ކުރެއްވި ކަމެއް އެ ކަމަކީ. މަސްވެރިން މަރުހަބާ ނުކިޔާ ކަމެއް އެ ކަމަކީ. އެކަމަކާ ގުޅިގެން ޖެހުނު ތަކުލީފުން އަޅުގަނޑުމެން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެން،" މަސްވެރިން މި މައްސަލާގައި މުޒާހަރާ ކުރާ ހާލަތަށް ދާން ޖެހުމުން ހިތާމަކުރައްވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުފާވީސް، ޔަގީނުން ވެސް މަސްވެރި އާއިލާތަކަށް މި ހާލަތު ނުޖެހުނީސް، އޭރު [މިދިޔަ ސަރުކާރުގައި] މަހުގެ އަގު ބޮޑުކޮށްލެއްވި އިރުގައި ނޫނީ ސަރުކާރު ނިމުނު އިރުގައި އެ ފައިސާކޮޅު ދައްކާ ހަލާސްކުރެވިފައި އޮތްނަމަ."
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފައިސާ ޗާޕު ނުކޮށް މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ދައްކާ ނިންމާލުމުގެ މަސައްކަތް ކުރަން؛ އެހެންކަމުން މާލީ އުނދަގޫތަކެއް އެބަހުރި
-
ފައިސާ ޗާޕު ކޮށްފި ނަމަ އެކަމުގެ ބުރަ ވެސް ބޮޑުވާނީ ހަމަ ރައްޔިތުންނަށް؛ އެހެންކަމުން މި ސަރުކާރުގައި ފައިސާ ޗާޕު ނުކުރަން ރައީސް ވަނީ ވައުދުވެވަޑައިގެންފަ
މާލީ ގޮންޖެހުންތަކާ އެކުވެސް، "މިކަމުން އިރާދަކުރެއްވިއްޔާ ރޯދަ މަހުގެ ކުރިން އަރައިގަންނާ"ނެ ކަމުގެ ޔަގީންކަން ޝިޔާމް މަޖިލީހަށް ދެއްވި އެވެ.
"އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ 5 މާޗުގެ ކުރިއަށް މަސްވެރިންނަށް ދައްކަން ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރުމުގެ ނިޔަތް އޮވެގެން އެކަމަށް މަސައްކަތްވެސް ކުރަމުން،" އޭނާ ވިދާޅުވި އެވެ. އެގޮތުން:
-
މިހާރު ދައްކަން އޮތް 280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަަ ދުވަހުގެ ކުރިއަށް ދެއްކޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ ދަނީ މަސައްކަތް ކުރަމުން
-
އެއަށްފަހު ބާކީ އޮންނާނެ 180 މިލިއަން ރުފިޔާ މާޗު 5ގެ ކުރިއަށް ދެއްކޭތޯ އަމާޒު ހިފައިފާ ވާކަމަށް ވިދާޅުވި