12/2/2024: ޝިޔާމް މިއަދުގެ މަޖިލީހުގައި(ފޮޓޯ/މަޖިލިސް)
މަސްވެރިންނަށް މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް
މިފްކޯ އިން މަސް އޮޑިފަހަރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 422 މިލިއަން ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްްޖެ އެެވެ.
ވީ ކިހިނެއް؟ - ޝިޔާމް މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުގައި މަހުގެ އަގު ކިލޯއެެއް 25 ރުފިޔާއަށް ބޮޑުކޮށްފައި ވަނިކޮށް، އެ އަގު 20ރ.އަށް ކުޑަކުރި މައްސަލާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله، ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބުދާރީ ވުމަށް މިއަދު މަޖިލީހަށް ހާޒިރުކުރުމުންނެވެ. މަސްވެރިންނަށް މިހާތަނަށް ދޫކޮށްފައިވާ ފައިސާ އާއި މިހާރު ނުދެވިހުރި ފައިސާގެ އަދަދު ސާފުކުރަން މިއަދުގެ މަޖިލީހުގައި ސުވާލު ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ:
-
މިހާތަނަށް މި ސަރުކާރުން މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި، އައިސް ހިމެނޭ ގޮތަށް 422 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
-
270 މިލިއަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އެބަހުރި
-
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް، 250 މިލިއަނެއްހާ ރުފިޔާ އެ މަނިކުފާނަށް ވާރުތަވެފައިވޭ
"އަސްލު ހަގީގަތުގައި އެ އުނދަގުލުން އަޅުގަނޑުމެންނަށް އަދި ވެސް އަރައި ނުގަނެވިގެން މިއުޅެނީ. ނަމަވެސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ މި އުނދަގުލުން އަޅުގަނޑުމެން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އަޅުގަނޑުމެން ފިލުވާލާނަން،" ޝިޔާމް ވިދާޅުވި އެވެ.
މަހުގެ އަގު ކުޑަކުރި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް މިއަދުގެ މަޖިލީހުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ ތެރޭ މަހުގެ އަގު ކިލޯއެއް 17ރ. އިން 25ރ. އަށް ބޮޑު ކުރި ކުރުމަކީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރަން ކުރި ކަމެއް ކަމަށެވެ.
އަދި، އޭރު މަހުގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، އެ ރޭޓުގައި އެއްވެސް މަސްވެރިއަކަށް ވެރިކަން ބަދަލުވުމާ ހަމަޔަށް ވެސް ފައިސާ ދީފައިނުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ، މަސްކިލޯއެއް 25ރ. އަށް ގަންނަ ނަމަ އަހަރެއް ތެރޭގައި 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މިފްކޯއަށް ދޭން ޖެހޭނެ ކަމަށެވެ.
ކޮމެންޓް (1)
ތުނޱުހަސަނު