ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރައްވަނީ (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

މަސްވެރިން

މިނިސްޓަރު ޝިޔާމް މަސްވެރިންގެ ފަރާތުން އެދިވަޑައިގަތީ އަދި ކުޑަ ވަގުތުކޮޅަކަށް

މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި މިއަދު ހެނދުނުން ފެށިގެން މަސްވެރިން އަންނަނީ ކޫއްޑޫގައި އިހުތިޖާޖު ކުރަމުން. ޝިޔާމް ވަނީ އެ މީހުންނާ ބައްދަލުކުރައްވާފައި
18 ފެބްރުއަރީ 2024

"މިއަދު މި އޮތީ އުނދަގޫ ވަގުތުކޮޅެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭރު މަސްވެރިންނަށް ގެނައި ތަސައްވުރާ އެކީގައި ރައީސް މުއިއްޒުގެ މި ފަސް އަހަރު މަސްވެރި އާއިލާތަކަށް ނިކަމެތި ކަމެއް ނާންނާނެ،" ގއ. ކޫއްޑޫގައި މުޒާހަރާ ކުރަމުންދިޔަ މަސްވެރިންނާ ބައްދަލުކުރައްވައި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.

"ހަމަ ކުޑަ ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެއްވާށޭ މި ދަންނަވަނީ."

ޝިޔާމް ތަކުރާރުކޮށް އެހެން ވިދާޅުވަމުން ދިޔައިރު، އެތަނުގައި ތިބި ބައެއް މަސްވެރިން ބުނަމުން ދިޔައީ، އެ މީހުންގެ އާއިލާތަކަށް ނިކަމެތިކަން 'އައިސް ނިމިއްޖެ' ކަމަށެވެ.

މިނިސްޓަރު ޝިޔާމްއާ ދިވެހި މަސްވެރިޔަކު ކަންބޮޑުވުން ހިއްސާކުރަނީ. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

މިފްކޯއަށް ކިރާ މަހަށް ފައިސާ ނުލިބި ދިިގުލައިގެންދާ މައްސަލައިގައި މަސްވެރިން ވަނީ މިއަދު ހެނދުނުން ފެށިގެން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބަންދުކޮށްފަ އެވެ.

މަސްވެރިންގެ މައިގަނޑު ކަންބޮޑުޥުންތަކަކީ:

  • ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް މަސްވެރިންގެ ޝަކުވާތަކަށް ސަރުކާރުން ޖަވާބުދާރީ ވެފައެއް ނުވޭ

  • މަސްވެރިންގެ އާއިލާތައް ކާނެ، ބޯނެ ފައިސާ ވެސް މިހާރު ނެތް؛ މަސްވެރިން ހާލުގައި ޖައްސައިފި ކަމަށް ވެސް ބައެއް މީހުން ގޮވަމުންދިޔަ

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރަން ވެސް މުޒާހަރާގެ ބައެއް ބައިވެރިން ޑިމާންޑްކުރި

މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވައި، މައްސަލައަށް ހޯދޭނެ ހައްލަކާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ޝިޔާމް ވަނީ މިއަދު ހަވީރު ކޫއްޑުއަށް ވަޑައިގެންފަ އެވެ.

'5 މާޗުގެ ކުރިން ބެކްލޮގް ފިލުވާނަން'

ޝިޔާމް މަސްވެރިންނާ މުހާތަބުކުރެއްވައި ވާހަކަދެއްކެވި ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

"ބޭންކްތަކާއި ފިނޭންސް މިނިސްޓްރީ އާއި އަޅުގަނޑުމެންގެ ވުޒާރާ އާއި މިފްކޯއާ އެކީގައި މަސައްކަތް ކުރަމުން މި ދަނީ މި ފައިސާ ލިބޭނެ ގޮތެއް ހޯދުމަށްޓަކައި. މަސައްކަތްތަކެއް އެބަހުރި ކުރެވިފައި، މިފްކޯއަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެގެން މި ދަންނަވަން މި ކެރެނީ، 5 މާޗުގެ ކުރިން މި ކަންކަން ހައްލު ކުރާނަމޭ. ތިޔަ ބޭފުޅުން އިރާދަކުރެއްވިއްޔާ ނުޖެހޭނެ އެއަށް ފަހު މިތަނުގައި ފައިސާ ނުލިބިގެން މުޒާހަރާ ކުރާކަށް."

މިނިސްޓަރު ޝިޔާމް ވިދާޅުވީ 5 މާޗުގެ ކުރިން ބެކްލޮގް ފިލުވައިދޭނެ ކަމަށް. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ނަމަވެސް އެތަނުގައި ތިބި ބައެއް މަސްވެރިންނަށް އެ ތާރީހު ވެސް މާ ލަހެވެ. 

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް އަދިވެސް އޮތީ ހުއްޓިފަ އެވެ.

"ޝިޔާމް މިހާރު ވެސް އަންނަނީ މަސްވެރިންނާ މަޝްވަރާ ކުރަމުން. އަދި އޮޕަރޭޝަންތައް ފެށޭ ވަރެއް ނުވޭ،" މިފްކޯގެ ރީޖަނަލް މެނޭޖަރު އަންވަރު ސާދަތު 'ދައުރު'އަށް ވިދާޅުވި އެވެ.

"މަސްވެރިންގެ ޑިމާންޑުތަކަށް ހައްލެއް ނުވަތަ ޖަވާބެއް ލިބުނީމަ މިރޭ އޮޕަރޭޝަންތައް އަލުން ފެށޭނެ ކަމަށް މި ބަލަނީ."

ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

އަންވަރު ވިދާޅުވި ގޮތުގައި މަސްވެރިންގެ އިހުތިޖާޖުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓުވީ މިއަދު ހެނދުނު އެވެ.

އެއާ އެކު އޭނާ ވިދާޅުވީ މަސް ނުކިރި ކިޔޫގައި 22 ދޯނި އެބައޮތް ކަމަށެވެ. އެއީ ގާތްގަނޑަކަށް 176 ޓަނުގެ މަހެވެ.

ކޫއްޑޫއަށް ވަޑައިގަތުމުގެ ކުރިން ޝިޔާމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވެސް 5 މާޗުގެ ކުރިން ބެކްލޮގް އެއްކޮށް ފިލުވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

"މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާއާ އެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން،" އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވި އެވެ.

"އަދި މަހުގެ އަގު އަޅުގަނޑުމެން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއް ތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މި ހަފްތާ އެ ފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ދަންނަވަން."

މަސްވެރިންނަށް ދޭން ހުރި ފައިސާ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް