މިފްކޯގެ ޖަޒީރާ ބޯޓުގައި މަސް ކިރަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މިފްކޯއަށް މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި
މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު މާދަމާ އިން ފެށިގެން 25ރ. އަށް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިރޭ ބުނެފި އެވެ.
ތަފްސީލް - މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ 'ދައުރު' އަށް ވިދާޅުވީ އެގޮތަށް ނިންމައި، އެކަމާ ގުޅޭ "ލިޔެކިޔުންތައް މިހާރު ފުރިހަމަކުރަމުން" އަންނަ ކަމަށެވެ.
ތަފްސީލެއް ނުދެއްވައި ފައުޒީ ވިދާޅުވީ އިތުރު މައުލޫމާތު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ގުޅުންހުރި - ދިވެހި މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މަހަށް ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމައި އެ ގައުމުތަކުން އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވެ އެވެ.
އަދި ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލެވޭނެ މަގެއް ހޯދައި އެކަމާ ގުޅޭ ގޮތުން ރާއްޖެ އާއި އީޔޫއާ ދެމެދު ޖޫން މަހުން ފެށިގެން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް ވެސް ޖޫން މަހު ވަނީ ފަށައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރެވޭނެ މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފަސްމަންޒަރު - ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި ބާނާ މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ މަސްވެރިންގެ ފަރާތުން އާންމުކޮށް އިވޭ ޝަކުވާތަކެކެވެ.
ގުޅުންހުރި - މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ، މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެކި ކެންޑިޑޭޓުން ތަކުރާރު ކުރައްވާފައިވާ ވައުދެކެވެ. އެގޮތުން:
-
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަހުގެ އަގު 26ރ. އަށް ބޮޑުކޮށްދޭން ވައުދުވެވަޑައިގެންފައި
-
ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބް ވަނީ މަސް ކިލޯއެއްގެ އަގު 25ރ. އަށް ހަދާނެ ކަމަށް ވިދާޅުވެފައި
-
ދެވަނަ ބުރުގައި ރައީސް ސޯލިހާ ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކިލޯއެއް ދަށްވެގެން 20ރ. އަށް ހަދާނެ ކަމަށް
އެނގުން މުހިއްމު - ކެންޑިޑޭޓުންގެ މިފަދަ ވައުދުތަކާ ގުޅިގެން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ވަނީ، މަސްވެރިން ބާނާ މަސް މާކެޓު ރޭޓުގައި ގަތުމުގެ ބަދަލުގައި ވަކި އަގެއް ކަނޑައަޅައިގެން ގަތުމަކީ ވިޔަފާރީގެ ހަމަތަކުން ބަލާ އިރު ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ފާހަގަކޮށްލެވޭ - މިފްކޯއިން މަހުގެ އަގު ބޮޑު ކުރަން ނިންމި އިރު، އިންތިހާބުގެ ދެވަނަ ބުރަށް ބާކީ އޮތީ ދެ ހަފްތާ އެވެ.