މިފްކޯގެ ސެންޓަރަކަށް މަސް ކިރުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/މަސްވެރިން/އެމްވީ)
ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލެވޭނެ މަގެއް ހޯދައިފި
ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލެވޭނެ މަގެއް ހޯދައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު އިއްޔެ ބްރަސެލްސްގައި ބޭއްވި ހަތަރު ވަނަ އިސް ވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ މުގައްރިރުކަން ކުރެއްވީ:
-
ފޮރިންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް
-
ޔޫރަޕިއަން އެކްޝަން ސާވިސްގެ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޮލާ ޕަމްޕަލޯނީ
ތަފްސީލު - އެ ބައްދަލުވުމުގައި އީޔޫ އިން ވަނީ ރާއްޖެ، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރަކަށް ވުމާއި އީޔޫ-އޯއޭސީޕީއެސް އެއްބަސްވުމުގައި އަލަށް ސޮއިކުރިކަން ފާހަގަކޮށް، އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.
އީޔޫ އިން ފާހަގަކުރި ގޮތުގައި:
-
ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދޭ އެ އެއްބަސްވުމަކީ ރާއްޖެއަށް އޯއޭސީޕީއެސް އާއި އީޔޫއާ ދެމެދު ގާއިމްކޮށްފައި އޮންނަ އީސްޓަން އަދި ސަދަން އެފްރިކަން ގްރޫޕުގެ އިކޮނޮމިކް ޕާޓްނަޝިޕް އެއްބަސްވުމުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ
-
އިކޮނޮމިކް ޕާޓްނަޝިޕް އެއްބަސްވުމުގައި ރާއްޖެ ބައިވެރިވުމަކީ، ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ ކަނޑުމަހާއި އިތުރު އުފެއްދުންތަކުން ޓެކްސް ނުނަގާ ޔޫރަޕަށް އެތެރެކުރެވޭނެ މަގުފަހި ވާނެ ކަމެއް
-
އެ މަގަށް ވާސިލުވުމަށް ކުރިއަށް އޮތް މަސްތަކުގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ރާއްޖެ އާއި އީޔޫ އިން ވަނީ މަޝްވަރާކޮށްފައި
އެނގުން މުހިންމު - މިހާރު ރާއްޖެއިން ޔޫރަޕަށް ކަނޑުމަސް އެކްސްޕޯޓު ކުރަން %24 ޓެކުހެއް ދައްކަން ޖެހެ އެވެ. ރާއްޖެއިން މިގޮތަށް ޓެކުހެއް ދެއްކި ނަމަވެސް، ރާއްޖެއާ ވާދަވެރި ސްރީ ލަންކާ ފަދަ ގައުމުތަކުން މިހާރު ވެސް ޔޫރަޕަށް ކަނޑުމަސް އެކްސްޕޯޓު ކުރަނީ ޓެކުހާ ނުލަ އެވެ.
ގުޅުން ހުރި ކަމެއް - ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާކަން އިނގިރޭސިވިލާތުން ވަނީ މިދިޔަ ހަފްތާގައި އިއުލާނުކޮށްފަ އެވެ.
މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށާއި، އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.