މާލެ، 17 ފެބްރުއަރީ 2023 - ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ކ) އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަލާމްކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އިގްތިސާދު

ޔޫކޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގްތިސާދު ބަދަލުކުރެވޭނެ: ފައްޔާޒު

އެއްބަސްވުމުގެ ސަބަބުން ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނޭ

އިނގިރޭސިވިލާތާ އެކު ރާއްޖެއިން ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު  ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވޭނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު އަދާކުރައްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމަކީ ކުރި މަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު. 

  • އެހެންވެ، ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ

"އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމީ ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިއަދު ޓްވީޓް ކުރެއްވި އެވެ. މިއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ %20 ޓެކްސް ކަނޑާލުމަށްޓަކައި ވޭތުވެދިޔަ ހަތަރު އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިއުލާނު ކުރައްވާފައިވާތީ އެކަމަށް މަރުހަބާކިޔަން ... މިކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ،" ޝާހިދުގެ ޓްވީޓުގައިވެ އެވެ.

އެނގުން މުހިއްމު - ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ގާއިމް ކުރަން އެއްބަސްވެފައިވާ މިިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ފަށަން ނިންމާފައިވާކަން އިނގިރޭސިވިލާތުގެ ސަރުކާރުން އިއުލާނުކޮށްފައިވަނީ މިއަދު އެވެ. 

އަށް ހަފްތާއަށް ދެމިގެންދާ މި މަޝްވަރާތަކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކާއި ތަޖުރިބާކާރުންގެ ހިޔާލު ހޯދުމަށް އިނގިރޭސިވިލާތުން ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ. މި މަޝްވަރާތަކުގެ ތެރެއިން އިނގިރޭސިވިލާތުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަށް ފާހަގަކުރެވޭނެ ކަމަށް ވެސް އެގައުމުން ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް