އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރައީސް ސޯލިހް އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސްގެ ކެމްޕޭނު ޓީމު)
އީޔޫ އާއި ޔޫކޭ އިން ދިވެހި މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެ: ރައީސް
ދިވެހި މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމައި އެ ގައުމުތަކުން އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އީޔޫ އާއި އިނގިރޭސިވިލާތުން ދަނީ ރާއްޖޭން ބޭރުކުރާ މަހުން %26 ޑިއުޓީ ނަގަމުންނެވެ. ނަމަވެސް، އިންޑިއާ ކަނޑުން މަސްވެރިކަން ކުރާ އެހެން ގައުމުތަކުން ބޭރުކުރާ މަހުން އެ ޑިއުޓީއެއް ނުނަގަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި، ވާދަވެރި ގައުމުތަކަށް ވުރެ ދިވެހި ކަނޑު މަހުގެ އަގު ބޮޑެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމަވާލެއްވުމުގެ ގޮތުން ރައީސް ސޯލިހު އައްޑޫ ހިތަދޫގައި މިރޭ ބޭއްވެވި ޖަލްސާގައި ވިދާޅުވީ، އީޔޫ އާއި އިނގިރޭސިވިލާތުން ނަގަމުންދާ ޑިއުޓީ ކަނޑާލިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
"ޔަގީންކަމާ އެކީގައި ދަންނަވަން ކެރޭ، ވަރަށް އަވަހަށް، ވަރަށް ވަރަށް އަވަހަށް، އެ ޓެކްސް ކަނޑާލިކަމުގެ އިއުލާނު ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ތަފްސީލް – މަހުގެ އަގާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި:
-
މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނީ ރާއްޖޭން އެކްސްޕޯޓުކުރާ މަހަށް ރަނގަޅު އަގެއް ލިބިގެން
-
އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސް ބޭރުކުރާ ވާދަވެރި އިންޑިއާ ކަނޑުގެ ގައުމުތަކުން ނުނަގާ ޓެކުހެއް ދިވެހި ކަނޑު މަހުން ނަގާތީ
ޔަގީންކަމާ އެކީގައި ދަންނަވަން ކެރޭ، ވަރަށް އަވަހަށް، ވަރަށް ވަރަށް އަވަހަށް، އެ ޓެކްސް ކަނޑާލިކަމުގެ އިއުލާނު ލިބިގެން ދާނެ.
އެނގުން މުހިންމު - މިކަން ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ އީޔޫ އާއި އިނގިރޭސި ސަރުކާރާ އެކު ވެސް އެކި ފަހަރު މަތިން ބައްދަލުކޮށް، ޑިއުޓީ ކަނޑައިދޭން އެދިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އެކަން ނުކުރެވޭތީ، ރާއްޖޭގެ ކަނޑު މަސް އެ ސަރަހައްދުގެ ގައުމުތަކުގައި ވިއްކަނީ މާ ބޮޑު އަގެއްގަ އެވެ.
ގުޅުން ހުރި ކަމެއް - މަސްވެރިންގެ ދުވަސް ފާހަގަކުރަން މިދިޔަ ޑިސެމްބަރުގައި ގދ. ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ މިކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ބުނަނީ މިކަން ހަމަޖެހުމުން، މިހާރަށް ވުރެ ރަނގަޅު އަގެއް މަސްވެރިންނަށް ދެވޭނެ މަގުފަހިވާނެ ކަމަށެވެ.