ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި އީޔޫގެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އީޔޫ

މަހުގެ ޑިއުޓީ ކަނޑާލުމަށް އީޔޫގައި ރާއްޖެ އިން އެދޭ އެދުން އަނެއްކާވެސް ތަކުރާރުކޮށްފި

26 އޮކްޓޯބަރު 2022

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް އީޔޫގެ ކިބައިން ރާއްޖެއިން އަނެއްކާވެސް އެދިއްޖެ އެވެ.

އީޔޫގެ ގައުމުތަކަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހަދައިދިނުމަށް ވެސް ރާއްޖެ އިން ތަކުރާރުކޮށް އެދުނެވެ.

ވީ ކިހިނެއް؟ - އީޔޫ އާއި ރާއްޖޭގެ ތިންވަނަ ސީނިއާ އޮފިޝަލުންގެ ބައްދަލުވުން މާލޭގައި އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ:

  • އަހުމަދު ހަލީލް - ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު 

  • ޕައޯލާ ޕަމްޕަލޯނީ - އީޔޫގެ އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ފޯ އޭޝިޔާ އެންޑް ޕެސިފިކް 

ތަފްސީލް - އެ ބައްދަލުވުމާ ބެހޭގޮތުން އީޔޫ އާއި ރާއްޖެއިން ރޭ ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެނގުން މުހިއްމު - އީޔޫއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް އީޔޫއިން ބޮޑު ޑިއުޓީއެއް ނަގާ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖެއިން އީޔޫގައި އެދޭތާ އަހަރުތަކެއް ވެއްޖެ އެވެ. އަބަދުވެސް އިޔޫއާ އެކަމާ ބެހޭގޮތުން ވާހަކަދެއްކި ނަމަވެސް، އެ މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ބައެއް ކަންކަމަކީ:

  • އ.ދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ގުޅުން ބަދަހިކުރުން

  • އިންޑޯ-ޕެސިފިކް ސަރަހައްދުގައި އީޔޫގެ ސްޓްރެޓެޖީ ފޯ ކޯޕަރޭޝަން ތަންފީޒުކުރަން ދެ ފަރާތުން އިތުރަށް މަސައްކަތް ކުރުން

  • ކައުންޓާ ޓެރަރިޒަމް ހަރުދަނާކޮށް ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުން

  •  ރާއްޖޭގެ ސެކިއުރިޓީއަށް އަމާޒުކޮށް ހާއްސަ ޕްރޮޖެކްޓެއް ފެށުން

ވިޔަފާރި އާއި އިންވެސްޓްމަންޓް ޕާޓްނަރުންގެ ހައިސިއްޔަތުން ރާއްޖެ އާއި އީޔޫއިން ވަނީ ބިޒްނަސް ރައުންޑްޓޭބަލް އިނީޝިއޭޓިވް ފަދަ މެކޭނިޒަމްތައް މެދުވެރިކޮށް އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ވެސް އެއްބަސްވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ދެ ފަރާތުން ވެސް ދެމިއޮތުމަށާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން އީޔޫ އިން ވަނީ:

  • އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކޮށްދެއްވި މަސައްކަތްތަކަށް ތައުރީފުކޮށްފައި

  •  އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ހޮވުމުން މަރުހަބާކިޔާފައި

  • ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމާއި އަދުލު އިންސާފުގެ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހުތައް ތަންފީޒުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާފައި

  • ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އީޔޫއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވޭ

.

އިތުރު އާޓިކަލް

އިތުރު އާޓިކަލް