ފަރެސްމާތޮޑާގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

މަސްވެރިން

ދިވެހި މަހުން ޑިއުޓީ ކަނޑާލުމުގެ އުންމީދު އެބައޮތް؛ އޭރުން މަހަށް ބޮޑު އަގު ދެވޭނެ: ރައީސް

ރައީސް ވިދާޅުވީ، މި މަސް ނިމޭއިރު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް

ރާއްޖޭން ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމުގެ އުންމީދު އެބައޮތް ކަމަށާއި އެއާ އެކު ދިވެހި މަސްވެރިންގެ އަތުން ގަންނަ މަހަށް ބޮޑު އަގެއް ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން މިފްކޯއަށް ސަބްސީޑީ ދީގެން، ކިލޯއަކަށް 17ރ.ގެ ރޭޓުން މަސް ގަތް ނަމަވެސް، އެއީ މި ސިނާއަތުގެ އަމިއްލަ ވިޔަފާރިތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މަހުގެ އަގަށް ބަދަލު އަންނަ އިރު، އެ ވިޔަފާރިތަކަށް ވެސް ވިސްނާލަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަގީގަތުގައި މި ސިނާއަތް ވެސް ކުރިއަރައިގެން ދާނީ ޕްރައިވެޓް ސެކްޓަރުގެ ދައުރު މިކަމުގައި ވީހާ ވެސް ފުޅާކޮށް، މިނިވަން ވިޔަފާރިއަށް ޖާގަ ދީގެން. އަޅުގަނޑުމެން މަހުގެ އަގަށް ބަދަލު ގެންނަން ބަލާއިރު، ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް ވެގެން ދާނެ ގޮތް އަޅުގަނޑުމެން މިނެކިރާލަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އަމިއްލަ ވިޔަފާރިތަކަށް ވިސްނައިގެން މަހުގެ އަގު ބޮޑު ކުރުމަށް އޮތީ ދެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ:

  • ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ވެލިއު އެޑްކޮށް، މަހުގެ ތަފާތު އުފެއްދުންތައް އުފެއްދުން 

  • މަސް އެކްސްޕޯޓްކުރާ ބޭރުގެ ބާޒާރުތަކުން މިހާރަށް ވުރެ ރަނގަޅު އަގެއް ހޯދުން

ބޭރުގެ މާކެޓްތަކުން މިހާރަށް ބުރެ ބޮޑު އަގެއް ހޯދެން އޮތީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކުން ރާއްޖޭގެ މަހަށް މިހާރު ނަގާ %24 ޑިއުޓީއަށް ލުޔެއް ލިބިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ގުޅުން ހުރި އިދާރާތަކުން ބޭރުގެ ފަރާތްތަކާ އެކު މިކަމުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ދުރު ނޫން މުސްތަގުބަލެއްގައި މިކަމަށް ހަލެއް ގެނެވި، ރާއްޖެއިން ޔޫރަޕާއި އިނގިރޭސިވިލާތަށް ބޭރު ކުރާ މަހަށް މިއަށް ވުރެ ރަނގަޅު އަގު ލިބިގެންދާނެ. އޭރުން އަޅުގަނޑުމެން ގަންނަ މަހަށް ތިބޭފުޅުންނަށް ބޮޑު އަގު ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

"މިއީ، މި ސަރައްހަދުގައި އޮތް އަޅުގަނޑުމެންގެ ވާދަވެރިންގެ އަތުން ނަގާ އެއްޗެއް ނޫން. މޮރިޝަސް [އަދި] ސީޝަލްސް އަތުން މި ޑިއުޓީ ނުނަގާ. އެހެންވީމަ، ރާއްޖޭގެ މަސް، އިނގިރޭސިވިލާތާއި ޔޫރަޕަށް ވިއްކުމުގައި ދަތިތަކެއް އެބަހުރި."

މިރޭގެ ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ކެބިނެޓް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި

ރައީސްގެ ވިދާޅުވި ގޮތުގައި:

  • އޮނޑިދޯނިފަހަރު ތަރައްގީވި މިންވަރަށް، ސަރުކާރުތަކުން މި ސިނާއަތް ތަރައްގީކޮށްފައެއް ނުވޭ

  • މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމުގެ ގޮތްތަކެއް ހޯދައިދިނުމަށް

  • މަސްވެރިންގެ ބޭންކް ލިމިޓަށް ހައްލު ހޯދައިދީ، ކްރެޑިޓަށް އެސްޓީއޯއިން ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދޭނަން

މަސްވެރިންނަށް ދޫކުރި ފައިސާ ބިލިއަނަކަށް އަރާނެ

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މި އަހަރު ކިރުވި މަހުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ނިގެން މިދާ އަހަރަކީ، "އެންމެ ގިނަ ފައިސާ ދެނެ އަހަރު" ކަމަށެވެ. އަދި 2006ގެ ފަހުން، އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި މި އަހަރު ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 965 މިލިއަން ރުފިޔާ މިފްކޯއިން ގަތް މަހަށް، މަސްވެރިންނަށް ދެވިއްޖެ. މި އަހަރު ނިމޭއިރު، އެ އަދަދު 1 ބިލިއަން ފަހަނައަޅާ ދާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގެ ތެރެއިން މަސްވެރިން. (ފޮޓޯ/ރައީސް އޮފީސް)

އެ ހިސާބުތައް އެހެން ހުރި ނަމަވެސް، އަދިވެސް މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ހޯދައިނުދެވި ހުރި ކަމަށް ރައީސް ވެސް އެއްބަސްވެވަޑައިގެންވި އެވެ. އަދި މިއަދު ހަވީރު ފަރެސްމާތޯޑާގެ މަސްވެރިންގެ ހިއްސާކުރި ވާހަކަތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

"މިއަދުގެ ބައްދަލުވުމުގައި ވިލެޖްވެރިންގެ ދޯނީގެ ފަރާތުން ޖަމީލް މި ޝަކުވާ ހުށަހެޅި. މި ހިސާބުން މަސް ކިރޭ ކަމަށް ވާނަމަ، ހަތް ފީފާ ހަރަދު ކުރަން ޖެހޭ ތަނަކަށް، ކުއްޑުއަށް ގޮސް މަސްކިރަން ޖެހުމުން 20 ފީފާ ތެލަށް ހަރަދުކުރަން ޖެހޭ ވާހަކަ. ކިއުގައި ތިބެން ޖެހުމުގެ ސަބަބުން މަހުގެ ކޮލިޓީ ދަށްވެ، ބާނާ މަސް އެކީގައި ނުކިރޭ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ދެއްވި ޔަގީން ކަމަކީ، އެ ސަރައްހަދުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ އެ ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަމެވެ. ނަމަވެސް، އެ ހައްލުތަކުގެ ތަފްސީލެއް އެ މަނިކުފާނު ހާމައެއް ނުކުރައްވަ އެވެ.

"މީގެ އިތުރުން ވެސް ސިނާއަތުގައި ހައްލުކުރަން ޖެހިފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި... ހަގީގަތުގައި ވެސް ހުރި، އަވަަހަށް ހައްލުކުރަން ޖެހިފައި ހުރި ކަންތައްތަކެއް،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް