މަސްވެރިން މަސް ބޭނުމުގައި (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)

މަސްވެރިން

މަސް ކިލޯއެއް 20ރ އަށް ކުޑަކުރިކަން އިއުލާނުކޮށްފި، އަަމަލު ކުރާނެ އިރެއް ނުބުނޭ

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަހުގެ އަގު ނޫން ކަމަށާއި މަސް ކިރަން އުފުލަން ޖެހޭ ތަކުލީފާއި މަސް ކިރުމަށް ފަހު ފައިސާ ލިބުން ލަސްވުން ކަމަށް މިނިސްޓަރު ވިދާޅުވި

މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަ އަގު 25ރ.އަށް އޮތުމަކީ މިފްކޯއަށް ގެއްލުންވާ އަގެއްކަން މަސްވެރިން ގަބޫލުކުރާ ކަމަށާއި ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު20ރއަށް ހަދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިހާރު މަސް ގަންނަ ކިލޯއަކަށް 25ރ.ގެ އަގު 20ރ.އަށް ދަށްކުރަން ނިންމި ނަމަވެސް އަގަށް ބަދަލު ގެންނާނީ ކޮން އިރަކުން ފެށިގެން ކަމެއް ވިދާޅެއް ނުވެ އެވެ.

އެނގުން މުހިއްމު -  ކުރިން މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔައީ ކިލޯއެއް 17ރ.ގެ ރޭޓުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ތެރެއިން އޭރުގެ ރައީސް ސޯލިހު ވަނީ 25ރ.އަށް މަސް ކިލޯއެއް ގަންނަން ނިންމެވިކަން 16 ސެޕްޓެމްބަރުގައި އިއުލާންކުރައްވައިފަ އެވެ. 

މިފްކޯގެ މަސް ބޯޓަކަށް މަސްކިރަނީ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

ތަފްސީލް - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަހުގެ އަގު ބޮޑުކުރަން އޭރުގެ ސަރުކާރުން ނިންމީ ސިޔާސީ ވިސްނުމެއްގައި ކަމަށެވެ. އޭގެ ސަބަބުން އެންމެ ބޮޑު ބުރައެއް އުފުލަން ޖެހުނީ އޭރު ވެސް ކޭޝްފްލޯގެ މައްސަލަ އޮތް ސަރުކާރުގެ މަސް ކުންފުންޏަށް ކަމަށް ވިދާޅުވި އެވެ.

"އެ އަދަދާ އެކު މިފްކޯއަށް ވަމުން ދިޔަ ގެއްލުން އިތުރުވެގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އާންމުކޮށް މަސް ބޭރުކުރާ މާކެޓުތަކުގައި މަހުގެ އަގު އޭރު ހުރީ ކިލޯއެއް 22.40ރ އަށް ކަމަށެވެ.

"ރައީސްގެ ވައުދުފުޅެއް އެއީ 20ރ.އަށް ވުރެ ދަށް ނޫން އަދަދެއްގައި މަހުގެ އަގު ހިފެހެއްޓުން. 20ރ އަށް ވުރެ ދަށް ނޫން އަދަދެއް ވިދާޅުވެފައި އެ އޮތީ ވެސް މިފްކޯ އަކީ ގެއްލުން ނުވާ ކުންފުންޏަކަށް ހެދުމަށް،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަަރު އަހްމަދު ޝިޔާމް. (ފޮޓޯ/ޕީއެސްއެމް)

މަސްކިލޯއެއް 25ރ އަށް ގަންނަ ނަމަ އަހަރެއް ތެރޭގައި 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން މިފްކޯއަށް ދޭން ޖެހޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ދައުލަތަށް މިހާރު ލިބޭ އާމްދަނީއާ އެކީގައި އެއްވެސް ސަރުކާރަކަށް ސަސްޓެއިން ކުރެވޭނެ އަގެއް ހެން ހިއެއްނުވޭ. އަޅުގަނޑުމެން މަހުގެ އަގު މުރާޖައާ ކުރުމުގައި [ބެލި] އެއް ކަމަކީ މިފްކޯއަށް އެވާ ގެއްލުން ކުޑަކުރުން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 25ރއަކީ މިފްކޯއަށް މަސް ގަންނަން ބޮޑު އަގެއްކަން މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

"އެއީ މަސްވެރިން ވެސް މިއަދު އެބަ ބަލާ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުގެ ޓްރެންޑު. އެހެންވީމާ މަސްވެރިންނަށް ވެސް އެބަ އެނގޭ މިއަދު އަޅުގަނޑުމެން މަސް ބޭރުކުރާ ބާޒާރުގައި [އަގު] ހުރީ22.40ރ އަށް ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އެއްވެސް ހަރަދެއް ނުލާ. މުވައްޒަފުންގެ މުސާރަ، ފްރެއިޓް ޗާޖު ވެސް ނުލާ. މަސް ގަތުމަށް ފަހު މަސް ރައްކާކުރުމަށް ދާ ހަރަދު ވެސް ނުލާ. އަޅުގަނޑުމެން އަންދާޒާ މިކުރަނީ އެ އަގު ލީމާ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބަލާއިރު މިފްކޯގެ ހަރަދުތައް ހިމެނޭހެން މަސް ކިލޯއަކުން ގާތްގަނޑަކަށް 11ރ. ގެއްލުން މިވަނީ [25ރ. އަށް މަސް ގަތީމާ]،" މަހުގެ އަގު މުރާޖައާ ކުރަން ޖެހޭ ކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަހުގެ އަގު ނޫނެވެ. މަސް ކިރަން އުފުލަން ޖެހޭ ތަކުލީފާއި މަސް ކިރުމަށް ފަހު ފައިސާ ލިބުން ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ މަސް ބޯޓަކަށް މަސްކިރަނީ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

48 ގަޑިއިރު ތެރޭ ފައިސާ ދެވޭތޯ މަސައްކަތް ކުރަނީ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، މަސް ކިރުމަށް ފަހު 48 ގަޑިއިރު ތެރޭ ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފައިސާ ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަމަށާއި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު ބައެއް މިހާރު ދީ ހަލާސްކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަވަހަށް ދޭން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަސްވެރިކަން ރަނގަޅު ނަމަ ކޮންމެ ދުވަހަކު 11-10 މިލިއަން ރުފިޔާގެ މަސް ކިރުވާ ކަމަށެވެ. އެއީ ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިން އިތުރުވާ ބަޔެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން 340 މިލިއަނަށް ވުރެ ރުފިޔާ [މަސްވެރިންނަށް] ދެވިއްޖެެ.... މި މަސް ތެރޭ ބެކްލޮގްގެ ބޮޑު ބައެއް ފިލުވާލެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގެއް އަދިވެސް އެބަ އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް