މިފްކޯގެ 'ޖަޒީރާ ބޯޓު'ގައި މަސް ކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މަސްވެރިކަން

މަސް ގަންނަ އަގު 20ރ. އަށް ދަށްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފި

ކައުންސިލުން އެގޮތަށް ނިންމާފައިވީ ނަމަވެސް، އަދި އެ ނިންމުން އިއުލާނެއް ނުކުރޭ
11 ފެބްރުއަރީ 2024
1

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 25ރ.ގެ ރޭޓުން 20ރ. އަށް ދަށްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެެއް؟ - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މަސް ގަންނަ އަގު ދަށްކުރަން އިކޮނޮމިކް ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް، އަދި އެ ނިންމުން އިއުލާނުކޮށްފައެއް ނުވެ އެވެ.

އެނގުން މުހިއްމު - އިކޮނޮމިކް ކައުންސިލަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ދިރާސާ ކުރުމަށް ފަހު، އެ ހާލަތު ރަނގަޅުކުރަން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު ރައީސް އަށް ލަފާ ދޭން 2012ގައި އެކުލަވާލި ކައުންސިލެކެވެ. އެ ކައުންސިލްގެ މުގައްރިރުކަން މިހާރު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އިކޮނޮމިކް ކައުންސިލްގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސް އެ ނިންމުމެއް ބަލައިގެންފި ނަމަ އެވެ.

ފާހަގަކޮށްލެވޭ - މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. 

މަސް ގަންނަ އަގު ބޮޑުކުރެއްވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކި ކެންޑިޑޭޓުން އެ ވައުދު ތަކުރާރު ކުރައްވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެގޮތުން:

  • ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަހުގެ އަގު 26ރ. އަށް ބޮޑުކޮށްދޭން ވައުދުވެވަޑައިގަތް

  • ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބް މަސް ކިލޯއެއްގެ އަގު 25ރ. އަށް ހަދާނެ ކަމަށް ވިދާޅުވި

  • ދެވަނަ ބުރުގައި ސޯލިހާ ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކިލޯއެއް ދަށްވެގެން 20ރ. އަށް ހަދާނެ ކަމަށް

ކެންޑިޑޭޓުންގެ މިފަދަ ވައުދުތަކާ ގުޅިގެން މަސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ވަނީ، މަސްވެރިން ބާނާ މަސް މާކެޓު ރޭޓުގައި ގަތުމުގެ ބަދަލުގައި ވަކި އަގެއް ކަނޑައަޅައިގެން ގަތުމަކީ ވިޔަފާރީގެ ހަމަތަކުން ބަލާ އިރު ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މިފްކޯ އިން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމާ އެކު:

  • ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ އެއް ކުންފުނި، އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލާފައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ބަންދުކޮށްފައި 

ގުޅުން ހުރި - އާ ސަރުކާރު ހަވާލުވީ އިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދެމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކިރާ މަހަށް ވަގުތުން ފައިސާ ނުލިބުން

  • އެހެންވެ، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން ކަމަށާއި އެކަމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް

  • މަސްވެރިން މަސް ކިރާތާ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ފައިސާ ދިނުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ވެސް މީގެ ކުރިން ޝިޔާމް ވިދާޅުވި

ކޮމެންޓް (1)

އައްޒުވީ

11 ފެބްރުއަރީ 2024
20 ރުފިޔާ ވެސް ބޮޑީ. އާބާދީގެ 5 ޕަސެންޓް ކިރިޔާ ހަމަވާ މަސްވެރި ކޮމިޔުނިޓީ އަށް ހަމަ އަގުދޭށޭ ކިޔައިގެން މަހުގެ އަގު ބޮޑު ކުރީމާ އާބާދީގެ 95 މީހުންގެ ކާބޯތަކެތި އަގު ބޮޑުވޭ. ހުރިހާ އެއްޗަކަށް މަސްލައިގެން މިކަނީ. އެހެންވި އިރު އެމީހުންގެ ކާބޯތަކެއްޗަށް ޗެސް ސަރުކާރުން ފައިސާ ލައިދޭންވާނެ. މިހާރު ވެސް މަހަށް އަގުދެނީ ލިބޭ އެއްޗަކުންނެއް ނޫން. ދައުލަތުން 10 ރ ނޫނީ 12 ރ ލައިފައި މިދެނީ
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް