18 ފެބްރުއަރީ 2024: ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ގއ. ކޫއްޑޫ

މަސްވެރިންގެ މުޒާހަރާ ތިންވަނަ ދުވަހަކަށް؛ 'ފައިސާ ނުލިބެނީސް ކޫއްޑޫ އިން ނުފައިބާނެ'

މިފްކޯގެ އެމްޑީ ޝަމާހު ކޫއްޑޫއަށް ރޭ ވަޑައިގެން މުޒާހަރާ ކުރާ މަސްވެރިންނާ ވަނީ ބައްދަލު ކުރައްވައި ވަގުތުން 22 މިލިއަން ރުފިޔާ ދެވިދާނެ ކަމަށް ވިދާޅުވެފައި؛ އެކަމަކު މަސްވެރިން އެގޮތެއް ގަބޫލެއް ނުކުރި

ކިރި މަހަށް ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު  ބޭއްވެވި ބައްދަލުވުމުގައި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެކީ ނުލިބެނީސް ކޫއްޑޫގައި ކުރަމުންދާ އިހުތިޖާޖު ހުއްޓާލާ އެ ރަށުން ނުފައިބާނެ ކަމަށް މަސްވެރިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯގެ އެމްޑީ ޝަމާހު ކޫއްޑޫއަށް ރޭ ވަޑައިގެން މުޒާހަރާ ކުރާ މަސްވެރިންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. މަސްވެރިންނާ އެކު ޝަމާހު މަސްވަރާ ކުރައްވާ ވީޑިއޯތަކެއް ވަނީ އާންމުވެފަ އެވެ.  

ތަފްސީލް - އެ ވީޑިއޯގައި، މަސްވެރިންގެ އޮތް ފައިސާ ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ހޯއްދައިދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިވަގުތު ވެސް މިތަނުގައި ހުރެގެން އަޅުގަނޑު މަސައްކަތް މި ކުރަނީ. މި ހިސާބަށް އައީ ވެސް މަސައްކަތް ކުރަމުން،" މިފްކޯގެ އެކައުންޓުގައި ފައިސާ ނެތް ކަމަށާއި ނެތް ފައިސާ އެއް ދެވެން މިވަގުތު ނޯންނާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"22 މިލިއަން އެބައިން. ތި ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަކަށް އަޅުގަނޑަށް އެ ޑިސްޓްރިބިޔުޓު ވެސް ކުރެވިދާނެ،" ސަމާހު ވިދާޅުވި އެވެ. 

މަސްވެރިންގެ ފަރާތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި މަސްވެރިޔަކު ފާހަގަ ކުރި ގޮތުގައި:

  • މުޒާހަރާގައި ބައިވެރިވާ ހުރިހާ މަސްވެރިން ވެސް ބޭނުންވަނީ 25ރ ގެ ރޭޓުން ކިރާފައިވާ މަހަށް ލިބެން ޖެހޭ ފައިސާ އެކީ ލިބުމަށް 

  • އަދި 20ރ. ގެ ރޭޓުން މަސް ކިރަން ފެށިފަހުން ލިބެން ޖެހޭ ފައިސާ ހަފްތާއަކުން ހަފްތާ އަކުން ލިިބެމުން ދިޔުމަށް ވެސް މަސްވެރިން ބޭނުންވާ ކަން އޭނާ ފާހަގަ ކުރި 

އޭނާ ބުނީ، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ އެއްކޮށް ލިބުމުން ނޫނީ ކޫއްޑޫ އިން ފައިބައިގެންދާން މަސްވެރިން ބޭނުން ނުވާ ކަމަށެވެ.

"މިދެންނެވި ކަންތައް ހަމަވީމާ ނޫނީ ކޫއްޑޫއިން ފައިބައިގެން ދާކަށް މަސްވެރިން ބޭނުމެއް ނުވޭ." އޭނާ ބުންޏެވެ. 

ފަސްމަންޒަރު - ކިރާފައިވާ މަހަށް ފައިސާ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ދެކުނުގެ މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ކުރަން ފެށީ އާދިއްތަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ހަމަ އެދުވަހު ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވާ ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ.

ޝިޔާމް ވިދާޅުވީ މާޗު މަހުގެ 5 ގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގު ފިލުވާލާނެ ކަމަށެވެ.

"މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާއާ އެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން،" ޝިޔާމް ވިދާޅުވެފައިވެ އެވެ. 

ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީ އަމާޒަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭ ކިރާ މަހަށް ފައިސާ ދިނުން ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ކަންކަން ހުރި ގޮތުން ފައިސާ އަދި ދެވޭނީ ހަފްތާއަކުން ހަފްތާއަކުން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން: 

  • މިދިޔަ ހަފްތާ ކިރި މަހުގެ 26 މިލިއަން ރުފިޔާ މި ހަފްތާ ތެރޭ ދޭނެ

  • 100 މިލިއަން ރުފިޔާ ހޯމަ ދުވަހު ދޭނެ 

  • ބާކީ އޮތް 180 މިލިއަން ރުފިޔާ މާޗު 5އަށް ދީ ނިންމާނެ 

މީގެ އިތުރަށް ޝިޔާމް ވައުދުވީ 25ރ. ގެ ރޭޓުން ކިރާފައި ހުރި މަހަށް ހަމަ އެ އަގުގައި ފައިސާ ދޭނެ ކަމަށެވެ. އަދި 20ރ. އަށް މަސް ގަނެގެން ވެސް ކިލޯއަކުން 6ރ.ގެ ގެއްލުން ވިޔަސް އެއަށް ވުރެ އަގު ކުޑަނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް (1)

ތެފައާސާ.

20 ފެބްރުއަރީ 2024
ކިހާ ބޮޑު ވެއްޖެ ކަމެއްތަ މީ ދެން؟ ބާޒާރުގައި 12 ރުފިޔާއަށް ކިލޯއެއްގެ މަގުން ހުރި އެއްޗެއް 25 ރުފިޔާއަށް ކިލޯއެއްގެ މަގުން ސަރުކާރަށް ގަންނައިރު ފަރަގަށް އެއަންނަ 13 ރުފިޔާއަކީ އަހަރެމެން ހަފުސްވެގެން ދައުލަތަށް ދައްކާ ޓެކްސް ފައިސާކޮޅުން ނަގައިފައި މަސްވެރިންނަށް ދޭ އެއްޗެކޭ. މި ހީވަނީ މަސްވެރިން އެކަނިހެން މި ރާއްޖޭގައި ތިބީ. ބަލަ ތިވެސް ވިޔަފާރިއެކޭ. ވިޔަފާރި ކުރަން ވާނީ ރިސްކު-ރިވާޑު ބޭސިސްގައި. އަގު ކަނޑައަޅަން ވާނީ ޑިމާންޑު-ސަޕްލައިއަށް ބިނާކޮށް. ސަރުކާރަށް "ބިރުދައްކައިގެން" މާކެޓު އަގަށްވުރެ 2 ގުނަ ބޮޑުކޮށް އަގު ފިކްސް ކޮށްގެން ތިޔަކުރަނީ ވިޔަފާރިއެއްނޫން.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް