ޔާމީން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޖުޑިޝަރީ މިނިވަން ކުރާނަން؛ އޭރުން ޔާމީން މިނިވަންވާން: މުއިއްޒު
ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ޝަރުއީ ދާއިރާ މިިނިވަން ކުރާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، މިވަގުތު ޖަލުގައި ހުންނެވި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު މިހެން ވިދާޅުވީ، 'ދައުރު'ގެ 'ރިޔާސީ ވާހަކަ'އިގެ ތިން ވަނަ އެޕިސޯޑުގައި މިދިޔަ ހޮނިހިރު ދުވަހު ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ކޮންމެ ފަހަރަކު "ގާނޫނީ ހަމަތަކުގެ މަތިން" ޔާމީން މިނިވަން ކުރާނެ ވާހަކަ މުއިއްޒު ވިދާޅުވެ އެވެ. ނަމަވެސް، ޔާމީން މިނިވަންކުރެވޭނެ ކަމަށް މުއިއްޒު އެ ވިދާޅުވާ ފަދަ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިނުން ދަނީ ބުނަމުންނެވެ.
ތަފްސީލް - ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވަމުން އަންނައިރު، އެ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، ދައުލަތުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ގޮތުން އެއް ކަމެއް ކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެ ކަމަށެވެ.
"އެ ހިސާބަށް ދާއިރުގައި ގެއަށް ބަދަލުކުރުން، އެކަން ހާސިލުނުވެ އޮވެއްޖެއްޔާ، ފުރަތަމަ ވެސް އެކަން ކުރުމަކީ އަޅުގަނޑަށް ހީވަނީ ގާނޫނީ ގޮތުން އޮންނަ ހައްގެއްހެން ސަރުކާރަކަށް. އެހެންވީމަ، ފުރަތަމަ ވެސް އެކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ދެން އޮންނާނީ ޝަރުއީ ދާއިރާއިން ޔާމީންއަށް ހައްގު ހޯދައިދިނުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަން ކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ގާނޫނީ ހަމަތަކުގެ މަތިން އޮންނަ ފުރުސަތެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް، ޔާމީންގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސަށް ވެސް ނޭންގޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ވެރިކަމުގެ ފުރަތަމަަ ދުވަހު ޔާމީން ގެއަށް ބަދަލުކުރިޔަސް، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި ގޮތް ނިންމާނީ އެ ކޯޓަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ގޮތަކަށް ނިންމާކަށް ނުދެންނެވޭނެ. މިނިވަންކަމާ އެކު ޝަރުއީ ދާއިރާ އޮންނާނީ. އެހެން ނަމަވެސް، އަދުލުވެރި، އިންސާފުވެރި ގޮތަކަށް އެ މައްސަލަ ނިންމުމަށް ދެންނެވޭނެ. ޖުޑީޝަރީން ނިންމާނީ. އެކަމަކު ގާނޫނުތަކާ ހިލާފަކަށް އަޅުގަނޑުގެ ކިބައިން އެއްވެސް ކަމެއް ނުފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ޝަރުއީ ދާއިރާ މިިނިވަންވެ، އިންސާފުވެރިކަމާ އެކު މަސައްކަތް ކުރެވޭ މާހައުލެއް ބިނާކުރެއްވިއްޖެ ނަމަ، ޔާމީން މިނިވަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވީ:
-
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވެސް ވަރަށް ބޮޑަށް ނުފޫޒު އެބައޮތް
-
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ވެސް ރަނގަޅު ބަދަލެއް އަންނަން ޖެހޭ
-
ޖޭއެސްސީގެ މަސައްކަތުގެ ތެރެއަށް މިހާރު އިތުރުކޮށްފައިވާ އިދާރީ ބައި ވަކިކޮށް، ކުރިން އޮތް ގޮތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ހަވާލުކުރާނަން ޖެހޭ
-
މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތްތައް ބޭއްވޭ ގޮތް ވާނީ، ޝަރުއީ ދާއިރާއަށް ދޭން ޖެހޭ މިނިވަން 'ބްރީތިން ސްޕޭސް' ދީގެން
"އަޅުގަނޑަކަށް ވަކި ގޮތަކަށް ހުކުމް ކުރާކަށް ނުބުނެވޭނެ. އެހެން ނަމަވެސް، މިދެންނެވި ނުފޫޒުތަކުން މިނިވަންކުރެވިދާނެ ޖުޑިޝަރީ. ނުފޫޒުތައް ދުއްވާލެވިދާނެ،" މުއިއްޒު ވިދާޅުވި އެވެ.
'ރިޔާސީ ޓިކެޓު ދިންއިރު ޔާމީންގެ ޝަރުތެއް ނެތް'
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ހަވާލުކޮށްފައި އޮތީ، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ޔާމީން އަށެވެ. ނަމަވެސް، ވ. އާރަށު މައްސަލާގައި މިދިޔަ 25 ޑިސެމްބަރުގައި އިއްވި 11 އަހަރުގެ ޖަލު ހުކުމާއި އެ މައްސަލާގައި ދައުލަތަށް ޔާމީން ދައްކަވަން ޖެހޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން، މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ވަނީ ސުޕްރީމް ކޯޓު މެދުވެރިކޮށް ވެސް ބަންދުވެފަ އެވެ.
ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ދެން ދިނީ މިހާރު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒަށެވެ. މުއިއްޒު އެ ޓިކެޓު ހޯއްދެވީ، ޕީޕީއެމްގެ ނައިބު ރައީސް ކަމުންނާއި އެ ޕާޓީން އިސްތިއުފާ ދެއްވައި އެ ދުވަހުން ދުވަހަށް ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު އެވެ.
ޔާމީންއަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރެން ނުވަތަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވާފައި ވަނިކޮށް، މުއިއްޒާ އެކު ކުރިއަށްދާން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމުމުން ޔާމީން ހިތްހަމަޖެހިވަޑައިނުގަތް ނަމަވެސް، ފަހު ވަގުތު ޔާމީން ވަނީ މުއިއްޒަށް ތާއީދުކުރައްވާފަ އެވެ.
ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމުން، ދެން ޓިކެޓާ ގުޅޭ ގޮތުން ކަން ކުރާނެ ގޮތަކާ މެދު ޔާމީން އާއި އެ ޕާޓީގެ ސެނެޓު މެމްބަރުންނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ، ޔާމީންގެ ހުންނެވި ހާލަތުގައި ކޮންމެ ބޭފުޅަކު އެވަގުތު ހުންނެވިނަަމަވެސް އެފަދަ ހާލަތެއްގައި ކަންތައްވެގެންދާނީ އެފަދަ ގޮތަކަކަން ގަބޫލުކުރެވޭ ކަމަށާއި، އެއީ 'ހިއުމަން ނޭޗަ' ކަމަށެވެ.
"އެ މަނިކުފާނު ޖަލުގައި އެ ހުންނަވަނީ. އެހެން ހުންނައިރުގައި، ބޭއިންސާފުން ހުންނަން ޖެހުނީމައި ވަރަށް އުނދަގޫވާނެ ދެއްތޯ. އާއިލާ ވެސް ވަރަށް ހާލުގައި އެ އުޅުއްވަނީ، ވަރަށް އަނިޔާވެރި ހާލަތެއްގައި. އަޅުގަނޑަށް ވަރަށް ރަނގަޅަަށް އެނގޭ އާއިލާ ތެރޭގައި ވެސް މި ބޭފުޅުން ތަހައްމަލުކުރައްވަމުން ގެންދަވާ ހިތާމަ ވެސް،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ޔާމީން މިނިވަންވެއްޖެ ނަމަ، އެ މަނިކުފާނުގެ ދައުރު އެ ސަރުކާރުގައި އޮންނާނީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ، ރިޔާސީ ޓިކެޓު ދެއްވިއިރު ޔާމީން އެއްވެސް ޝަރުތެއް އޭނާއަށް ނުކުރައްވާ ކަމަށެވެ.
އެހެންކަމުން، 2018 ވަނަ އަހަރު އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ނުލެއްވުނު ހާލަތުގައި، އެ ޕާޓީގެ އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީގެ ޓިކެޓު ދީ، ވެރިކަން ލިބުމުން އެ ޕާޓީގެ ތެރޭގައި ޖެހުނު ފަދަ މައްސަލައެއް ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ނުޖެހޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް-ޕީއެންސީ ގުޅިގެން ގެންނަ ސަރުކާރަކަށް ޔާމީންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ވެސް ކުރިމަތިލާނީ ޕީޕީއެމް-ޕީއެންސީ ގުޅިގެން، ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
'ރިޔާސީ ވާހަކަ'އިގެ މި އެޕިސޯޑު:
-
1-
-
2-
'ރިޔާސީ ވާހަކަ'އިގެ މި އެޕިސޯޑުގެ އިތުރު ހަބަރުތައް: