މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ސަލަފްއާ އެއްވެސް ގުޅުމެއް، މަޝްވަރާއެއް، ޑީލެއް ވެސް ނޯންނާނެ: މުއިއްޒު
މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފްއާ ގުޅުވައި ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ފަތުރަމުންދާ ވާހަކަތަކަށް މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ އާއި ސަލަފާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، ސަރުކާރުގެ އެއްވެސް މަގާމެއް އެ ޖަމިއްޔާއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް އަދި އެއްވެސް ޑީލެއް ވެސް ހަދާފައި ނުވާނެ ކަމަށެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން ދަނީ، މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ސިފަކޮށް، ތަފާތު ތުހުމަތުތައް ކުރަމުންނެވެ. 'އިބޫއަސްލަމް 2023' ކެމްޕެއިންގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކޮންމެ ދުވަހަކު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް މުއިއްޒާއި ސަލަފާ ގުޅުވައި ތުހުމަތުތައް ކުރައްވަ އެވެ.
މުއިއްޒުގެ ސަރުކާރެއްގައި އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅޭނެ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީ ސަލަފްއާ ހަވާލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.
-
އިތުރަށް ކިޔާލަން - އެމްޑީޕީން މުއިއްޒާއި ސަލަފް ގުޅުވައި އަނެއްކާވެސް ތުހުމަތުތަކެއް
ތަފްސީލް - 'ދައުރު'ގެ 'ރިޔާސީ ވާހަކަ'އިގެ ތިން ވަނަ އެޕިސޯޑުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ފުރަތަމަ ވެސް ކުރެއްވީ ސުވާލެކެވެ؛ އެމްޑީޕީން އެ ވާހަކަތައް ބިނާކުރަނީ ކޮން އަސާސަކަށްތޯ އޭނާ އެއްސެވި އެވެ. މުއިއްޒު ދެން ވިދާޅުވީ، ސަލަފަކީ އޭނާއާ އެއްވެސް ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށާއި ދީނީ އެހެން ޖަމިއްޔާއަކާ ވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ދީނީ ސިޔާސަތުތަކެއް ގެންގުޅޭ އަދާލަތު ޕާޓީގައި އުޅުއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ވެސް "އެކަން ކުރިއަށް ދާ ގޮތް ގޯސްވުމުން"ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އަދާލަތު ޕާޓީ މިހާރު އޮތީ މި ސަރުކާރުގެ ކޯލިޝަންގައި އަދި އެމްޑީޕީއާ އެކު ކަމަށެވެ.
މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންނަށް ބަސް ބުނުމުގެ ހައްގު ވެސް ނޯންނާނެ ކަމަށް މާރިޔާ ވިދާޅުވި ވާހަކަތަކުގެ ރައްދުގައި މުއިއްޒު ވިދާޅުވީ، އެމްޑީޕީން ދައްކާ އެ ވާހަކަތަކާއި އޭނާ ހުށަހަޅުއްވާފައިވާ ސިޔާސަތުތަކާ ދިމާ އިދިކޮޅުކަން، ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯއަށް ބަލައިލުމުން އެނގޭނެ ކަމަށެވެ.
"ކޮން ގޮތަކުންތޯ މި ވާހަކަތައް މި އުފަން ކުރަނީ؟ ކޮން ތާކުންތޯ؟ އަޅުގަނޑަކީ ސަލަފް ޖަމިއްޔާގެ މީހެއް ނޫނޭ. އެ ބޭފުޅުންނާ އެއްވެސް ޑީލެއް ހެދިފައެއް ނޯންނާނެ، އެއްވެސް މަގާމެއް އެއްވެސް މީހަކަށް ދިނުމާ ބެހޭ ގޮތުން،" މުއިއްޒު ވިދާޅުވި އެވެ.
'ތައުލީމީ ދާއިރާ ހަވާލުކުރަންވާނީ ޒަމާނީ ވިސްނުމުގެ ބޭފުޅަކާ'
ތައުލީމީ ދާއިރާގެ ތެރެއަށް ދީނީ ހަރުކަށި ފިކުރުތައް ވައްދައި އެ ފިކުރުގެ މީހުންގެ އަތްމައްޗަށް އެ މިނިސްޓްރީ ދޫކޮށްލަން އުޅޭ ކަމަށް ބުނެ މާރިޔާ ކުރައްވާފައިވާ ތުުހުމަތުގެ ރައްދުގައި މުއިއްޒު ވިދާޅުވީ، ތައުލީމީ ދާއިރާއަކީ ޖީލެއް ބިނާކުރުމުގައި ވަރަށް މުހިންމު ތަނެއް ކަމަށެވެ.
އެ ދާއިރާ ހިންގަން ހަވާލުކުރަން ޖެހޭނެ ކަމަށް މުއިއްޒު ގަބޫލުކުރައްވަނީ، ޒަމާނީ ވިސްނުމުގައި ކުރިއަށްދާ، ދުނިޔެއަށް ލޯ ހުޅުވިފައި ހުރި، ހުޅަނގުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އަދި ކަންކަން ބަދަލުކުރުމުގެ ރޫހު ހުރި ބޭފުޅަކާ އެވެ. އެހެން ނޫން ނަމަ، ޒުވާން ޖީލު ބިނާކޮށް، ދިވެހިން ބޭނުންވާ ކުރިއެރުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، އެ ތަނަށް ލާން ޖެހޭނީ މި ހުރިހާ ވިސްނުމެއްގެ ތެރެއިން ކުރިއަށް ދެވޭ ވަރު ބޭފުޅެއް. ވަކި ޖަމާއަތެއްގެ މީހަކު ލާން، މިދެންނެވި ގޮތަށް އަޅުގަނޑު ގެންދަން ބޭނުންވާ ގޮތަށް ނުގެންދެވޭ މީހަކު ލާން، މިއީ ހަމަ އުފައްދާ ވާހަކަ އިނގޭތޯ، އުފައްދާ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.
މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފްއާ ގުޅުވައި ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ފަތުރަމުންދާ ވާހަކަތަކަށް މުއިއްޒު މިއަދު ރައްދު… pic.twitter.com/TwaGc5Yw5E
— Dhauru (@Dhaurunews) August 26, 2023
ފާހަގަކޮށްލެވޭ ކަމެއް - މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ސިފަކޮށް އެމްޑީޕީން ކުރަމުންދާ އެކި ތުހުމަތުކާ ގުޅިގެން ސަލަފުން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ވަކި ބަޔަކަށް ދެރަވާ ގޮތަށް މާރިޔާ ވާހަކަދައްކަވާތީ، ސަލަފުން ވަނީ އެ ވާހަކައް ކުށްވެރިކޮށް، މާރިޔާއަށް ފާޑު ވެސް ކިޔައިފަ އެވެ.
ޕީޕީއެމް-ޕީއެންސީން ބުނެފައިވަނީ، އެމްޑީޕީން، ސަލަފާއި މުއިއްޒުއާ ގުޅުވައި ކުރަމުންދާ ތަފާތު ތުހުމަތުތަކަކީ އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބަށް، މުއިއްޒަށް ލިބެމުން އަންނަ ތާއީދު ގެއްލުވާލުމަށް ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓް (1)
ތެފައާސާ.