ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރިން ބޭއްވި ނޫސްެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ރިޒާ)

އެމްޑީޕީ

އެމްޑީޕީން މުއިއްޒާއި ސަލަފްއާ ގުޅުވައި އަނެއްކާވެސް ތުހުމަތުތަކެއް ކޮށްފި

މުއިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓްރީ ސަލަފްއާ ހަވާލުކުރަން ވިސްނާފައިވާ ކަމުގެ ތުހުމަތު ވެސް މާރިޔާ މިއަދު ކުރެއްވި

މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފްއާ ގުޅުވައި، ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިނުން އަނެއްކާވެސް މިއަދު ތުހުމަތުތަކެއް ކޮށްފި އެވެ.

ވީ ކިހިނެއް؟ 'އިބޫއަސްލަމް 2023' ކެމްޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ބޭއްވި 30 ވަރަަކަށް މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ މުއިއްޒާއި އޭނާގެ ސިޔާސީ މަސައްކަތްތަކަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، މުއިއްޒަކީ ސަލަފުގެ ކެންޑިޑޭޓެއް ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތައް މިއަދު ވެސް މާރިޔާ ތަކުރާރުކުރައްވައި އިތުރު ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.

ތަފްސީލް - ސޯލްޓް ކެފޭ ހުންނަ ޝައިންޓްރީ ބިލްޑިންގައި ގާއިމްކޮށްފައިވާ ރައީސްގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން މާރިޔާ ވިދާޅުވީ، މުއިއްޒަކީ ކޮން ބޭފުޅެއްތޯ ބަލައިލަން ބޭނުންވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • 2008 އިން 2010އަށް މުއިއްޒު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި

  • 2010 އިން 2012އަށް ހުންނެވީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި

  • 2012 އިން 2013އަށް އުޅުއްވީ ގައުމީ އިއްތިހާދު ޕާޓީގައި

  • 2013 އިން ފެށިގެން މިދިޔަ މަހުގެ ފަހުކޮޅާ ޖެހެން ދެން ހުންނެވީ ޕީޕީއެމްގައި؛ މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ ވެސް ޕީޕީއެމްގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނަވަނިކޮށް

  • ރިޔާސީ އިންތިހާބު ބާމަތިވެ، ޕީއެންސީގެ ސެނެޓުގައި ވޯޓެއް ނަގަން ހަމަޖެއްސުމާ އެކު، 24 ގަޑިއިރުގެ ތެރޭގައި ޕީއެންސީއަށް ސޮއިކުރައްވައި އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލެއްވި

  • މާލޭގެ މޭޔަރުކަން ހޯއްދަވަން އުޅުއްވިއިރު، މާލޭ ބޭފުޅަކަށް ވެފައި ރިޔާސީ ކެމްޕެއިންގައި ހއ. ވަށަފަރަށް ވަޑައިގަތުމުން އެއީ ވަށަފަރު ބޭފުޅަކަށް ވެއްޖެ؛ މުއިއްޒަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން، "ބޯވައެއްހެން ސިފަ ބަަދަލުކުރަމުން" ވަޑައިގަންނަވާ ބޭފުޅެއް

  • ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަން އުޅުއްވަނިކޮށް އެ ދޮރު ބަންދުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލައްވާނެ ކަމަށް މުއިއްޒު ވިދާޅުވިޔަސް، ޔާމީން ދޫކޮށްލެވޭނެ ގާނޫނީ ހަމައެއް ނެތް

ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެއްގެ ނަމުގައި މުއިއްޒު ކުރައްވާ ކަމަކީ، މާރިޔާ ސިފަކުރެއްވި ގޮތުގައި، އޮޅުވާލުމެވެ.

'މީހުން މުއިއްޒަށް ތާއީދުކުރަނީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި'

މި އިންތިހާބު މުއިއްޒު އެއް ބުރުން ނަގާނެ ކަމަށް ލަފާކުރެވޭތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ވެސް މާރިޔާ ވިދާޅުވީ، ޕީއެންސީ އާއި ސަލަފްގެ މެމްބަރުންގެ އަދަދުތައް އެންމެންނަށް ވެސް ފެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިވޭ ސަލަފް ބޭނުންވަނީ އެޑިއުކޭޝަންގެ ޕޮޓޮފޯލިއޯ ކަމަށް. އެހެންވީމަ، އަޅުގަނޑުމެން މަދަރުސާތަކުގައި ކިޔަވައިދޭނެ ސިލަބަސްއެއް އަދި އެ ބޭފުޅުން ވިދާޅުވެފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"ސަލަފްގެ ކެންޑިޑޭޓު މުއިއްޒު" ވެރިކަމަށް ވަޑައިގެންފި ނަމަ، އަންހެނުންނަށް ބަސް ބުނުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް ދޭހަވާ މޭރުމަކުން ވެސް މާރިޔާ މިއަދު ވާހަކަދެއްކެވި އެވެ.

މުއިއްޒަކީ "ސަލަފްގެ ކެންޑިޑޭޓު" ކަމަށް މާރިޔާ ތަކުރާރުކޮށް ވިދާޅުވަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ، މުއިއްޒުއަށް ތާއީދުކުރާ ކޮންމެ މީހަކު ވެސް އޭނާއަށް ތާއީދުކުރަނީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ކަމަށެވެ.

"އެހެންވީމަ، އަޅުގަނޑުމެންނަށް ފެންނަނީ ޕީއެންސީ-ސަލަފްގެ ކެންޑިޑޭޓެއް ގޮތަށް. ދެން އަނެއްކާ އެޑިއުކޭޝަން މިނިސްޓްރީ ވެސް އެ ބޭފުޅުންނާ ހަވާލުކުރުމުގެ ޝައުގުވެރިކަން އޮތީ. މިކަހަލަ ވާހަކަތައް ވެސް އަޅުގަނޑުމެންނަށް އިވޭ. އެހެންވީމަ، އެހެން އެއްވެސް ޖަމާއަތަކަށް ވަކި ވުޒާރާއެއް ހަވާލުކުރަން ނުވަތަ ވަކި ކަހަލަ ކަންތައްތައް ކުރުމަކަށް އަޅުގަނޑުމެންނަކަށް އިވިފައެއް ނެތް. އެއީ މިވާ ގޮތަކީ،" މާރިޔާ ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

އެހެން ސިފަކުރައްވާ އިތުރު ސަބަބެއްގެ ގޮތުގައި މާރިޔާ ފާހަގަކުރެއްވީ، ސަލަފް ޖަމިއްޔާ ޕީއެންސީއާ އެކު ނުކުމެ، ކެމްޕެއިން ކޮށްދެމުން އަންނަ ކަމަށް ބުނެ، ކޮންމެ ދުވަހަކު ވެސް އެކި ވާހަކަތައް ދައްކަމުން ގެންދާތީ ކަމަށެވެ.

އެކަމަކު މާރިޔާ ވިދާޅުވީ، ކެމްޕެއިންތަކުގައި ދޮރުން ދޮރަށް ހިނގާއިރު، "މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓެއް" ކަމަށް އެ ގޭގޭގެ މީހުން ވެސް ބުނާ ކަމަށެވެ. އަދި މުއިއްޒަކީ ޕީޕީއެމްގެ ރައީސް ޔާމީންގެ ކެންޑިޑޭޓަކަށް ނުވާތީ އާއި އެއީ ސަލަފްގެ ކެންޑިޑޭޓަށް ވާތީ މުއިއްޒަށް ވޯޓު ނުލާނެ ކަމަށް އެ މީހުން ބުނާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ކެމްެޕެއިން ތަރުޖަމާނުގެ ގޮތުގައި މިދިޔަ ހަފްތާގައި މާރިޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޭނާ ވަނީ މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ސިފަކުރައްވައި އޭނާއަށް ފާޑުވިދާޅުވެފަ އެވެ. 

ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ވަކި ބަޔަކަށް ދެރަވާ ގޮތަށް މާރިޔާ ވާހަކަދައްކަވާތީ، ސަލަފުން އޭރު ވަނީ އެ ވާހަކައް ކުށްވެރިކޮށް މާރިޔާއަށް ފާޑުކިޔާފަ އެވެ. 

ކޮމެންޓް (3)

މޮޔަމީހާތޯ

17 އޯގަސްޓު 2023
މާރީ ހަމަޖެހިބަލަ. ހާދަބިރެކޭ ތިޔަ ގަންނަނީ. ހައްދަވައިގެން ތެދެއް ހަދާބަލަ. މުއިއްޒުގެ އަންހެނުންވެސް ދައުލަތަށް ޚިދުމަތް ކުރޭ ނުލާހިކު ޒިންމާދާރު މަގާމެއްގަ. ގައިމު މުއިއްޒު އެހާ އަންހެނުން ބާރުވެރި ނުކުރުވާނަމަ އޭނަގެ އަންހެނުން ގޭގަދޯ ބައިންދާނީ. މާރީ މެން ތިކަހަލަ ވާހަކަ ދެއްކީމަ ވަރަށް ވައި.
2 0

ޙުސައިން

17 އޯގަސްޓު 2023
ސަލަފް އަށް އެޑިއުކޭޝަން ދެންޏާ މިފަހަރު ހަމަ ޔަޤީނުންވެސް ވޯޓް ދޭނީ މުޢިއްޒަށް
5 2

ދައިތާ

17 އޯގަސްޓު 2023
އަސަރެއްކުރޭދޯ. މިފަހަރުއެއްބުރުން އިންޝާﷲ.
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް