މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހަމަ ނޭވާ ލެވޭނީ ދަރަނި ރީސްޓްރަކްޗާކޮށްގެން؛ ފުރަތަމަ 6 މަހު އެކަން ކުރާނަން: މުއިއްޒު

2026 ވަނަ އަހަރު ރާއްޖޭން ދައްކަން ޖެހޭ ދަރަނި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާ

ރާއްޖެއަށް ހަމަނޭވާ ލެވެން އޮތީ ދަރަނި ރީސްޓްރަކްޗާކޮށްގެން ކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމަށް، މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، 'ދައުރު'ގެ 'ރިޔާސީ ވާހަކަ'އިގެ ތިން ވަނަ އެޕިސޯޑުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި އިންޓަވިއުގައި މުއިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ދަރަނި މެނޭޖުކޮށް، ގެންގުޅޭނެެ މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ކެމްޕޭންގައި ނ.އަށް ވަޑައިގެން މަނަދޫގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ބުނީ ކީކޭ؟ - އޭނާ ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރާނެ ކަމަށް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"މާނައަކީ ދައްކަން ހުރި ދަރަނިތައް ބަދަލުކުރެވޭނެ ގޮތެއް، އެ ދަމާލެވޭނެ ގޮތްތަކެއް، ބަހާލެވޭނެ ގޮތްތަކެއް، އެހެން ދިމާލަކުން އިތުރު ފައިސާ ހޯދާފައި އެ ދައްކަން ޖެހޭ ފައިސާ އިން އެއް ބައި ދައްކައި ދެން ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭން ދައްކަން ޖެހޭ ދަރަނި 2026ގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަހަރެއްގެ ތެރޭގައި ދައްކަން ޖެހޭ އެންމެ ބޮޑު ދަރަންޏެވެ.

މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ހަ މަަސްދުވަސް ރާއްޖެއަށް ވަރަށް ކްރިޓިކަލް ދުވަސްކޮޅަކަށް ވާނެ ކަމަށެވެ. ނަމަވެސް، އެހާތަނަށް ވެސް އޭނާގެ ވެރިކަމެއްގައި ދަރަނި ރީފައިނޭންސް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"2023ގެ ފަހުކޮޅު ވެރިކަމާ ހަވާލުވާ ހިސާބުން 2024ގެ ކުރީކޮޅަށް ދާއިރަށް ހައެއްކަ މަސްދުވަސް ކްރިޓިކަލް ވާނެ. އެ ހައެއްކަ މަސް ތެރޭ ޑެޓް ފައިނޭންސިން ބައިވަރު މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއަށް ހަމަނޭވާ ލެވެން އޮތީ އެކަން އެ ގޮތަށް ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް (1)

ކަތީބް

26 އޯގަސްޓު 2023
މިހާރުގެ ހާލަތަށްބަލާފަ މުއިޒްނޫން މީހަކަށް އެކަންވާނެ ކަމަކަށް ނުފެނޭ، ސަބަބަކީ މުއިޒްއަކީ ބޭރުދުނިޔޭގެ ބޮޑެތި ބާރުތެރެއިން ޗައިނާ، މިޑުލްއީސްޓްއާ ގުޅުންބޮޑު މީހެއް، މިކަމުގެ އެމީހުންނަށް ގުޅުންރަގަނޅު މީހަކަށް އެމީހުން އެހީވާނީ، އެހެންނޫންނަމަ މިސަރުކާރަށް މިދިޔަ ހަތަރު އަހަރު ލިބޭނެކަމަށް ޖެހި ހިލޭއެހީގެ ތެރެއިން 80% ނުލިބޭ އެއީ އިންޑިޔާ ފަސްޓް ޕޮލިސީގެ ދަށުން ދެންތިބި ހުރިހާ ގައުމަކާ ޖެހިގަތުމިގެ ނަތީޖާ، ގަތަރު ސްޓޭޑިއަމް ގެއްލުނު ގޮތަށް..
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް