އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ދިދަތަކާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި މުޒަހާރާއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'އިންޑިއާ ފަސްޓް' ޕޮލިސީ ދަމަހައްޓާނަން، އެކަމަކު އިންތައް ފަހަނައަޅައެއް ނުދެވޭނެ: މުއިއްޒު
އޭނާގެ ސަރުކާރެއްގައި، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން 'އިހްތިރާމާ އެކު' ރާއްޖޭން ދާން ޖެހޭނެ ކަމަށާއި، ނަމަވެސް މިނިވަންކަމަށް ބުރޫނާރާ ގޮތުގެ މަތިން، ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި 'އިންޑިއާ ފަސްޓް' ޕޮލިސީ ދަމަހައްޓާނެ ކަމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، 'ދައުރު'ގެ 'ރިޔާސީ ވާހަކަ'އިގެ ތިން ވަނަ އެޕިސޯޑުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ - "ރެސްޕެކްޓްފުލީ އެ ބޭފުޅުންގެ [އިންޑިއާގެ] ސިފައިން މި ތަނުން ދާން ޖެހެނީ. އެހެން ނަމަވެސް، މި ގައުމާއި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮންނާނީ. ހަމަ އެންމެ އިސްކަންދޭން ޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭ 'އިންޑިއާ ފަސްޓް' ޕޮލިސީ އޮންނަން ޖެހޭނެ. އެއީ، އަޅުގަނޑުމެންނަކީ ތާއަބަދަށް މި ތާނގައި [މި ސަރަހައްދުގައި] ތިބޭނެ ފަރާތް. އިންޑިއާ އާއި ރާއްޖެއާ އެންމެ ގާތް ގައުމު މިއީ،" އިންޑިއާ ސިފައިން ރައްޖެއިން ބޭރު ކުރާނީ ކިހިނެއްތޯ އެހުމުން މުއިއްޒު ވިދާޅުވި އެވެ.
"މިހާރު މި އޮތް އިންޑިއާ ސަރުކާރު، އަޅުގަނޑުމެންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ވަދެ، މިނިވަންކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކުުރުމުގެ ޕޮލިސީ ފިޔަވައި އަޅުގަނޑުމެންގެ ނެތް [އިންޑިއާއާ] ހިޔާލު ތަފާތުވާ ކަމެއް."
އޭނާގެ ސަރުކާރެއްގައި، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން “އިހްތިރާމާ އެކު” ރާއްޖޭން ދާން ޖެހޭނެ ކަމަށާއި، ނަމަވެސް މިނިވަންކަމަށް ބުރޫ ނާރާ ގޮތުގެ މަތިން، ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި ‘އިންޑިއާ ފަސްޓް’ ޕޮލިސީ ދަމަހައްޓާނެ ކަމަށް، އިދިކޮޅު… pic.twitter.com/Ib0XuPyruH
— Dhauru (@Dhaurunews) August 26, 2023
ތަފްސީލު - މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވެސް އޭނާ ވަނީ، ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާފަ އެވެ. އެ ދުވަހު ވެސް އޭނާ ވިދާޅުވީ، މިނިވަންކަމަށް ބުރޫނާރާނެ ގޮތަށް، އެއްވެސް ގައުމެއްގެ އުނގަށް ނުވެއްޓޭ ހާރިޖީ ސިޔާސަތެއް ބައްޓަން ކުރާނެ ކަމަށެވެ. ނަމަވެސް، ސީދާ 'އިންޑިއާ ފަސްޓް' ޕޮލިސީ ދަމަހައްޓާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެއް ނުވެ އެވެ.
-
އިތުރަށް ކިޔާލަން - މުއިއްޒުގެ ސިޔާސަތު: ވަކި ގައުމަކާއި ގާތް އަދި ދުރު ވެސް ނުވުން
'ދައުރު'އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ:
-
އިންޑިއާއަކީ ރާއްޖެއާ އެތައް ގޮތަކުން ދުރު ނުވެވޭނެ ވަރުގެ ގާތް ގައުމެއް؛ ބޭސްފަރުވާއަށް ވެސް އެތައް ދިވެހިންނެއް އެ ގައުމަށް ދާއިރު، ސަގާފީ ގޮތުން ވެސް ގާތް ގުޅުންތަކެއް އެބަ އޮތް
-
ނަމަވެސް، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ފުރުސަތު ދެވިގެން ނުވާނެ
"އިންޑިއާ އެކަންޏެއް ނޫން، އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސް އޮވެގެން ނުވާނެ. އިންޓަނޭޝަލް މިންގަނޑުން ބަލާއިރު [އަދި] މިލިޓަރީ ގޮތުން ބަލާއިރު، މިއީ ވަރަށް ކުޑަ ކުޑަ، ލޮއީފް، ނިކަމެތި ގައުމެއް އަދި އަމިއްލަ މިލިޓަރީއެއް އޮތަސް. އެހެންވީމަ، އަޅުގަނޑުމެން ބޭނުމެއް ނޫން ބަރުގަދަ ގައުމެއްގެ މިލިޓަރީ މި ތަނުގައި އޮންނާކަށް،" 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕެއިނެއް މިދިޔަ ތިން އަހަރު ހިންގި ޕީޕިއެމް-ޕީއެންސީއަށް ނިސްބަތްވާ ރިޔާސީ ކެންޑިޑޭޓު ވިދާޅުވި އެވެ.
"އިންޑިއާ އަކީ، އެންމެ ގާތް [އަދި] ރަހުމަތްތެރި އަވަށްޓެރިޔާ. އެހެންވީމަ، 'އިންޑިއާ ފަސްޓް' ޕޮލިސީ [ދަމަހައްޓާނަން]. އިންޑިއާ އަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ އޮތް ގާތް، އެންމެ އިސްކަންދޭ ޕޮލިސީ އޮންނަންވާނެ."
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ވެސް 'އިންޑިއާ ފަސްޓް' ކަމަށް ކަރުދާހުގައި އޮތް ނަމަވެސް، އެ ސަރުކާރުގައި އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ ސަރުކާރުގައި ބޮޑެތި ލޯނުތަކާއި ތައްގީގެ މަޝްރޫއުތަކަށް ވެސް އެހީވެ އަދި ލޯނު ނަގަމުން ދިޔައީ ޗައިނާއިންނެވެ.
'ޗައިނާ އިން އެތެރޭގެ ކަންކަމަކާ ނުބެހޭ'
މި އިންތިހާބުގައި ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ މުއިއްޒު ވިދާޅުވީ، ޗައިނާއަކީ ވެސް ރައްޖެއަށް ވަރަށް އެހީތެރިވާ، މުހިންމު ގައުމެއް ކަމަށެވެ. އެ ގާތް ގުޅުން ޗައިނާއާ އެކު ވެސް ބާއްވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޗައިނާއަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިކަން ދޭ [އަދި] އަޅުގަނޑުމެންގެ އެތެރޭގައި އެއްވެސް ކަމަކާ ނުބެހޭ ގައުމެއް. އެ ފަރާތާ ވެސް ގާތް ގުޅުމެއް އުފެދޭނެ. އެހެން ގޮސް، ހުރިހާ ބޮޑެތި، ކުދި [އަދި] އިސްލާމީ ގައުމުތައް، މި ހުރިހާ އެންމެންނާ ގާތް ގުޅުމެއް، އަޅުގަނޑުމެންނަށް ފައިދާވާ ގޮތަށް އަދި އެ ފަރާތްތަކަށް ފައިދާވާ ގޮތަށް، ރަނގަޅު ރަހުމަތްތެރި ގުޅުން އުފެދެން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
ރެސްޕެކްޓްފުލީ އެ ބޭފުޅުންގެ [އިންޑިއާގެ] ސިފައިން މި ތަނުން ދާން ޖެހެނީ.
ކޮންމެ ގައުމަކާ އެކު ވެސް ރަހުމަތްތެރި ގުޅުންތަކެއް ބޭއްވި ނަމަވެސް، އިންތައް ފަހަނައަޅާ ނުދެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެއްވެސް އެހެން ގައުމަކަށް މި ގައުމުގެ މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އޮންނަންވާނެ. އަޅުގަނޑުމެންނަށް، ދިވެހި ގައުމުގެ ފަރާތުން [މިނިވަންކަމާ އެކު] ރާއްޖޭގެ ބަސް ބުނެވެން ވާނެ،" އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ފޮނުވާލާނީ މަޝްވަރާކޮށްގެން
ޔާމީންގެ ސަރުކާރުގައި އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި އެ ސިފައިންގެ ވިސާ ކެންސަލް ކުރި އެވެ. ނަމަވެސް، އެކަން ކުރުމުން ވެސް އިންޑިއާ ސިފައިން ނުފޭބި ކަމަށް ވިދާޅުވެ، ޔާމީން ވެސް ވަނީ އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މުއިއްޒު ވެސް އެ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ. އެހެންކަމުން، މުއިއްޒުގެ ސަރުކާރެއްގައި އެކަން ކުރާނެ ގޮތަކީ ކޮބައިތޯ އެހުމުން އޭނާ ވިދާޅުވީ އެކަން ކުރާނީ މަޝްވަރާގެ އުސޫލުން ކަމަށެވެ.
"މީގައި ކުރަން ޖެހޭ ކަމަކީ، މޭޒު ކައިރީ އިށީންނަން ޖެހޭނީ. އިށީނދެ، ވާހަކަ ދައްކަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގައި އިންޑިއާގެ ކުންފުނިތަކުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ފަށާފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، "އެއީ ވެސް އެ [އިންޑިއާގެ] ސަރުކާރުން ހިމާޔަތް ކުރަން ބޭނުންވާނެ ކަންކަން" ކަމަށެވެ. އެހެންކަމުން، އިންޑިއާ ސިފައިން ފޮނުވާލުމުގައި އެ ގައުމާ އެކު މަޝްވަރާކޮށް، ރީތި އުސޫލުން މި ކަމަށް ހައްލެއްގެ ގެނެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ކޮންމެ ގޮތެއް ވިޔަސް، ގައުމަށް ފައިދާ ހުރި ކަމެއް ވިއްޔާ އަޅުގަނޑުގެ ވިސްނުމަކީ ކުރިއަށް ދާން ޖެހޭނެ. އެކަމަކު [ކުރިއަށް] ދާއިރު، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ގެއްލޭ ހިސާބަށް ގޮސް، މި ތަނުގައި އެހެން ބައެއްގެ ވަކި ހިއްްޕާލާ ގޮތަށް އެ ފުރުސަތެއް ނުދެވޭނެ،" އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ، މީގައި އަންނަން ޖެހޭނީ މިއުޗުއަލީ އަންޑަސްޓޭންޑިންއަކަަށް [ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް]. އަޅުގަނޑުމެންގެ ގައުމު ކުރިއަށް ގެންދެވި، އަޅުގަނޑުމެންގެ މިނިވަންކަން ސަލާމަތްކުރެވިފައި [އަދި] އިންޑިއާއަށް، އިންޑިއާގެ އިންވެސްޓްމަންޓްތަކަށް މި ގައުމުގައި ފުރުސަތު ލިބި، އަޅުގަނޑުމެންގެ އިން ފަހަނައަޅައި ނުދާ ގޮތަށް މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރަނީ، ރަނގަޅަށް ވާހަކަ ދެކެވިއްޖެއްޔާ މިއީ ހައްލު ކުރެވޭނެ ކަންކަން."