ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ހުޅުމާލެ ދެވަނަފިޔަވަހީގައި ބޭއްވި ޖަލްސާގައި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ވާހަަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒުގެ ހާރިޖީ ސިޔާސަތު: ވަކި ގައުމެއްގެ އުނގަށް ނުވެއްޓުމާއި ދުރު ވެސް ނުވުން

ހުރިހާ ގައުމަކާ ގާތްކަން ބޭއްވި ނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ފަހަނައަޅާ ދާކަށް ފުރުސަތެއް ނުދޭނެ ކަމަށް މުއިއްޒު ވިދާޅުވި

ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގައި ދިވެހިން އަމިއްލައަށް ދިވެހިންގެ ކަންކަން ނިންމުގެ ބާރެއް ނެތް ކަމަށާއި، ރާއްޖެ އޮތީ އެހެން ގައުމަކަށް އަޅުވެތިވެފައިވާކަން ފާހަގަކުރައްވައި އޭނާގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތަކަށް ވާނީ އެއްވެސް ގައުމެއްގެ އުނގަށް ނުވެއްޓި، އެއްވެސް ގައުމެއް ބާކީ ނުކުރާ ސިޔާސަތެއް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ، މުއިއްޒު އޭނާގެ ހާރިޖިީ ސިޔާސަތު ހާމަކުރެއްވީ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި މެނިފެސްޓޯ ލޯންޗުކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟ - "ކުޑަ ގައުމެއް، ބޮޑު ގައުމެއް، ކައިރި ގައުމެއް، ދުރު ގައުމެއް ވެގެން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި މި ދެންނެވި އިން ފަހަނައަޅައި ނުދަންޏާ އަޅުގަނޑުމެންނަށް ވާނީ ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި. [އަދި] ވަކި ގައުމެއް ކޮޅަށް ގޮސް ހުހެއް ނުވާނެ، ވަކި ގައުމަކާ ދުރެއް ވެސް ނުވާނެ،" އެ އިމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުކަން ފާހަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ތަފްސީލު - 'ދިވެހީންގެ ރާއްޖެ'ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި މުއިއްޒު ވިދާޅުވީ، ޔާމީން އެ ޝިއާރު މި އިންތިހާބަށް ކަނޑައެޅުއްވީ ރާއްޖޭގެ މިނިވަންކަން ގޮސްފައި އޮތް ހިސާބުން ކަމަށެވެ. އަދި 'ދިވެހީންގެ ރާއްޖެ ދިވެހީންނަށް' ހޯދައިދޭން މި ޖެހެނީ، މި ސަރުކާރުން އެއް ގައުމަކަށް ބަރޯސާވެ ހުސްވެފައިވާ ސިޔާސަތެއް ގެންގުޅޭތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ކަންކަން، މިއަދުގެ ސަރުކާރުން މި ވަނީ ކައިރީގައި އޮތް އަވަށްޓެރި އެހެން ގައުމަކުން ބުނާ ގޮތަަށް ނޫނިއްޔާ އެއް ކަމެއް ވެސް ނުކުރެވޭ ގޮތަށް ބައްޓަންކޮށްފައި،" އަވައްޓެރި އިންޑިއާގެ ނަން ނުގެންނެވިޔަސް، 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕެއިނެއް މިދިޔަ ތިން އަހަރު ހިންގި ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އެ ގައުމަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު ގާއިމް ކުރާނީ، ހުރިހާ ގައުމުތަކާ ރަށްޓެހި، ގާތް ގުޅުމެއް އޮންނާނެ [ގޮތަށް]. އެންމެ ކައިރި ގައުމުތަކާ އޮންނަން ޖެހޭ ގާތް ގުޅުން އޮންނާނެ. އެ ރިވެތި އުސޫލު އަޅުގަނޑުމެންގެ ތެރޭގައި އޮންނާނީ."

ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޖަލްސާގެ ކުރީ ސަފުގައި ދެ ޕާޓީގެ ލީޑާޝިޕް ބޭފުޅުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެ ގާތްކަން ހުރިހާ ގައުމަކާ ބޭއްވި ނަމަވެސް، ރާއްޖޭގެ "މިނިވަންކަމަށް [އަދި] ސިޔާދަތީ ބާރު ފަހަނައަޅާ ދާކަށް" ފުރުސަތެއް ނުދޭނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރާއްޖެއާ އެކު ގުޅުން ބޭއްވޭނީ އެ ކަމަށް އިހްތިރާމްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެމެހެއްޓެން ޖެހޭނެ. އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ދެމެހެއްޓެން، ހިމާޔާތް ކުރެވެން ޖެހޭނެ. އެ ގޮތަށް ކަންކުރަން ބޭނުންވާ ފަރާތްތަކީ، އަޅުގަނޑުމެންނާ އެންމެ ގާތް ފަރާތްކަށް ވާނެ،" އޭނާގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތު އިތުރަށް ތަފްސީލުކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ، މި އުސޫލުން ކަންކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ، ރާއްޖޭގެ ރަހުމަތްތެރި ގައުމުތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ވާނެ."

އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ދިދަތަކާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، މާލޭގައި ބޭއްވި މުޒަހާރާއެއްގެ ތެރެއިން: މުއިއްޒު މިރޭ ވިދާޅުވީ، އެނާ ގެ ހާރިޖީ ސިޔާސަތަކަށް ވާނީ ހަމަހަމަ ހާރިޖީ ސިޔާސަތަކަށް ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕިއެމް-ޕީއެންސީން 'އިންޑިއާ އައުޓް'ގެ ނަމުގައި ހަރަކާތް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، އެކި އެކި ނަންނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލުމެވެ. މުއިއްޒު ރޭ ވެސް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ބޭރު ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ.

"މި ގައުމުގައި އެހެން ގައުމެއްގެ ސިފައިން ތިބެވިގެން ނުވާނެ. މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރޭގައި އެހެން ބައެއްގެ ބާރު ހިނގިގެން ނުވާނެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ޖެހޭނެ،" އަނެއްކާވެސް ވަކި ގައުމެއްގެ ނަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އަކީ ވެސް އދ. އިން ބަލައިގެންފައިވާ ގައުމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ދިވެހިންގެ އަމިއްލަވަންތަކަން ހިމާޔާތްކޮށް، މިނިވަންކަން ދެމެހެއްޓުމަކީ ދިވެހިންގެ ހަައްގެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ބަސް އިއްވަން ޖެހޭ ތަންތަނުގައި އިއްވޭނެ، އިއްވާނަން އިރާދަކުރެއްވިއްޔާ،" ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި އަޑު ހަރުކޮށް މުއިއްޒު ވިދާޅުވި އެވެ. 

ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޒު ކުރުމުގެ ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާ: މި ޖަލްސާގައި ގިނަ ބަޔަކު ބަނީ ބައިވެރިވެފަ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ނަމަވެސް، އެކަން ކުރެވޭނީ، "ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ވަފާތެރި" އަދި "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ޕީޕިއެމް-ޕީއެންސީއަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާއަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފި ނަމަ، ރާއްޖެ އެހެން ގައުމެއްގެ އަޅުވެތިކަމާ ދިމާލަށް ދާ ދިއުން ހުއްޓުވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. އަދި އެ އިތުބާރު ރައްޔިތުން އޭނާއަށް ކުރުމަށް އޭނާ އެދިވަޑައިގެންނެެވި އެވެ.

"އިންތިހާބު ގާތްވި، ގާތްވިހެން އަންނާނެ ފައިސާ ބޮނޑިބޮނޑި ހިފައިން. އަޅުގަނޑުމެންގެ މިނިވަންކަން އެ ފައިސާ ބޮޑިއަށް ވިއްކާލާނީތޯ ނޫންތޯ އަޅުގަނޑުމެން ނިންމަން ޖެހޭނެ. އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގަ އޮތީ އަޅުގަނޑުމެންގެ މުސްތަގުބަލު ނިންމުން،" 18 ދުވަސް ފަހުން ރައްޔިތުން ލާ ވޯޓާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

"މިއަދު އެ ކަމަށް ގާފިލުވާ ބަޔަކަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންނަށް މައާފެއް ނުކުރާނެ."

އެ އަންނަ ވަގުތީ ފައިދާއަށް ނުހެއްލި، މުއިއްޒު އެދިވަޑައިގެންނެވީ "ގައުމު ދެކެ ލޯބިވާ ރައްޔިތުންގެ ގޮތުގައި" އޭނާއަށް ވޯޓު ދެއްވުމަށެވެ.

ފަސް މަންޒަރު - މުއިއްޒުގެ ސަރުކާރެއްގައި ހަމަހަމަ ހާރިޖީ ސިޔާސަތެއް ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއިރު، ޔާމީންގެ ސަރުކާރުގައި އެންމެ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދިޔައީ އަވައްޓެރި އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. ޗައިނާ އިން ގިނަ އަދަދެއްގެ ލޯނުތައް ނަގައިގެން، މާލެ އާއި ހުޅުމާލެ ގުޅުވާލި ސިނަމާލެ ބުރިޖު ފަދަ ބޮޑެތި މަޝްެރޫއުތަކެއް އެ ސަރުކާރުން ހިންގި އެވެ.

ޗައިނާއާ އެކު ބާއްވަމުންދިޔަ ގާތް ގުޅުންތަކާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވި އެވެ. އޭގެ ސަބަބުން، ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ވިސާ ވެސް ހޯޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. 

ނަމަވެސް، މި ސަރުކާރުގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ. މި ސަރުކާރުން ގިނަ ލޯނުތައް ނަގަމުން ދަނީ އިންޑިއާއިންނެވެ. ރަށެއްގެ ވޯލީ ކޯޓާއި ބަަށި ކޯޓު އެޅުން ފަދަ ކަންކަމަށް ވެސް އިންޑިއާގެ ފައިސާ އިން ހަރަދު ކުރެ ކުރެ އެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އަޅަމުން އަންނަ ތިލަމާލެ ބުރިޖު މަޝްރޫއު ވެސް ހިންގަނީ އިންޑިއާ އިން ދިން ލޯނަކުންނެވެ.

އޭގެ އިތުރުން، ޔާމީން ސަރުކާރުގައި ޗައިނާއާ އެކު އޮތް ފަދަ ގާތް ގުޅުމެއް މި ސަރުކާރުން އެ ގައުމާ އެކު ނުބާއްވަ އެވެ.

ރޭގެ ޖަލްސާގެ އިތުރު ހަބަރުތައް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް