ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ހުޅުމާލެ އަކީ މާލޭ ރައްޔިތުންގެ މިލްކެއް؛ ސިޓީ ކައުންސިލްގެ ދަށަށް ގެންދާނަން: މުއިއްޒު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ގެންދިއުމަށް ފަހު، އެ ތަނުގެ ބިމެއް ކައުންސިލްގެ ބަހެއް ނެތި ކުއްޔަށް ނުވަތަ ނުވިއްކޭނެ ކަމަށް މުއިއްޒު ވިދާޅުވި

ހުޅުމާލެ އަކީ މާލޭ ރައްޔިތުންގެ މިލްކެއް ކަމަށް ވިދާޅުވެ، އެ އަވަށުގެ ކަންކަން ހިންގުން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އާބަންކޯގެ ޒިންމާ އިން ވަކިކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތާއީދު ބޮޑު މާލޭގެ މޭޔަރުކަން އެ ޕާޓީއާ ވާދަކުރައްވައި ޕީޕީއެމްގެ ޓިކެޓުގައި ކާމިޔާބުކުރެއްވުމަށް ފަހު އެ މަގާމު ފުރުއްވަމުން ގެންދަވާ މުއިއްޒު އެ ވައުދުވެވަޑައިގަތީ، އޭނާގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުމަށް ބަޖެޓާއި ރިސޯސަސްއާ އެކު، އިރާދަކުރެއްވިއްޔާ މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރާނަން،" ހުޅުމާލޭގެ ހިންގުން ސަރުކާރު ކުންފުންޏެއްގެ ބެލުމުގެ ދަށުގައި އޮތުމުން، މޭޔަރު ކަމުގެ މަގާމަށް ވަޑައިގެން މީގެ ކުރިން ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާ މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ތަފްސީލު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކައި ތަރައްގީކުރަން ފެށި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ:

  • އާބަންކޯއިން އެ އަވަށް ހިންގަމުން ދަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން 

  • ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށް ގާނޫނުގައި ލިޔެފައި އޮތް އިރު، ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް

"ކުންފުންޏަކުން ރައްޔިތުންނާ ދޭތެރޭ ނުވިސްނާ. މުނިސިޕަލް ހިދުމަތް ދިނުމުގައި ކުންފުނިން އަޅައެއް ނުލާ. ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަމުން ދަނީ ކުންފުނިން ބޭނުންވާ ގޮތަކަށް، ވިޔަފާރި އުސޫލުން،" ޕީޕީއެމްގެ ޓިކެޓުގައި މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނު ޔާމީންގެ ތާއީދާ އެކު، ޕީއެންސީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ގާނޫނު ބުނަނީ މިއީ މާލެ. މިއީ އާބަންކޯގެ މިލްކެއް ނޫން. މިއީ މާލޭ ރައްޔިތުންގެ މިލްކެއް. މި ތަން ބަލަހައްޓަން ޖެހޭނީ މި ތަނުގެ ކައުންސިލުން. ގާނޫނު ބުނާ ގޮތުން އެއީ މާލޭ ސިޓީ ކައުންސިލުން."

މުއިއްޒުގެ މެނިފެސްޓޯގެ ފުރަތަމަ ބައި އިފްތިތާހު ކުރުމަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާ (ފޮޓޯ/ ޕީޕީއެމް)

މުއިއްޒު އިތުރަށް ވިދާޅުވީ:

  • ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ ދަށަށް ގެންދިއުމަށް ފަހު، އެ ތަނުގެ ބިމެއް ވިއްކުން ނުވަތަ ކުއްޔަށް ދިނުން ވެސް ކައުންސިލްގެ ބަހެއް ނެތި ކުރިއަކަށް ނުގެންދެވޭނެ

  • އެކަން ކުރާނީ ކައުންސިލާ މަޝްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތިން އަދި ގާނޫނުގައި އެކަން ކުރަން އޮންނަ ގޮތަށް

"ގާނޫނީ ވެރިކަމެއް އަޅުގަނޑުމެން ކުރާނީ. ގާނޫނީ ވެރިކަމެއް، އަދުލުވެރި ކަމެއް، އިންސާފުވެރި ވެރިކަމެއް އަޅުގަނޑުމެން ކުރާނީ. އެހެންވެއްޖެއްޔާ މި ބިމުން މާލޭ ރައްޔިތުންގެ ހައްގު މާލޭ ރައްޔިތުންނަށް ލިބެން ޖެހޭނެ. ލިއްބައިދޭނަން އިރާދަކުރެއްވިއްޔާ،" މެނިފެސްޓޯގެ ވާހަކަތައް ނިންމާލަމުން، އަޑަށް ބާރުލައްވާފައި މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - 2021ގައި ބޭއްވި ކައުންސިލް އިންތިހާބުގެ ދުވަސްވަރު، ވެރިކަން ކުރާ އެމްޑީޕީން ވެސް ވަނީ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ސިޓީ ކައުންސިލާ ހަވާލުކުރާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް، އެ އިންތިހާބުގައި އެމްޑީޕީއަށް ކައުންސިލުގެ މެޖޯރިޓީ ގެއްލުމާ އެކު، އެ ކަމަށް އަމަލީ ސިފަ ގެނެސްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް