ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޒު ކުރުމުގެ ރަސްމިއްޔާތުގައި އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒުގެ މެނިފެސްޓޯ: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ލޯނު ދޫކުރަން ހާއްސަ ބޭންކެއް

އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ލޯނު ސްކީމެއް އަލަށް ތައާރަފުކުރަން ވެސް ހިމަނާފައިވޭ
20 އޯގަސްޓު 2023

ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގައިދޭ އަމިއްލަ ވިޔަފާރިވެރިންނަށް ބޭނުންވާ ފައިސާ ކުޑަ އިންޓެރެސްޓް ރޭޓެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރަން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށްދެއްވި މެނިފެސްޓޯގައި ހިމަނުއްވައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި އިފްތިތާހުކުރި 19 ބާބު އެކުލެވިގެންވާ މެނިފެސްޓޯގެ ފުރަތަމަ ބާބުގައި، ގެދޮރުވެރިކަމާއި އާބަނައިޒޭޝަނާ ގުޅޭ 40 ވައުދު ހިމެނެ އެވެ.

ތަފްސީލް - ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް، މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދިނުމަށްޓަކައި އެ ކަމަށް ހާއްސަ ބޭންކެއް ގާއިމްކުރުމުގެ އިތުރުން ވެސް، މާލީ ގޮތުން ލުއި ދިނުމަށް އިތުރު ކަންކަން ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން:

  • ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށައި އެކި ސަބަބުތަކާ ހުރެ ކުރިއަށްނުގެންދެވި ހުއްޓިފައި ހުރި މަސައްކަތްތައް ނިންމާލުމަށް ލުއި ލޯނު ލިބޭނެ ސްކީމެއް އަލަށް ތައާރަފުކުރާނެ

  • އަލަށް ގެދޮރު އިމާރާތް ކުރާ ފަރާތްތަކަށް ފަސޭހައިން ދައްކައި ހަލާސްކުރެވޭނެ ގޮތަށް %5 އިންޓްރެސްޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދޭނެ

ފާހަގަކޮށްލެވޭ ކަމެއް - ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަގީންވާނެ ގޮތަށް، ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި މާލެ އިތުރަށް ތަރައްގީ ކުރުމަކީ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ބޮޑު ވައުދެކެވެ. އޭގެ އިތުރުން ވެސް، އަތޮޅުތެރޭގައި މެދުމިނުގެ ހަތް އާބަން ސެންޓަރު ތަރައްގީކޮށް، އެ ތަންތަނުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް