ރިޔާސީ ވާހަކަ

މުއިއްޒުގެ 'ރިޔާސީ ވާހަކަ': ބަހާއި އަމަލު ދިމާވާ ވެރިކަމެއް ކޮށްދޭނަން

މުއިއްޒު ވަނީ އޭނާއާ މެދު ކުރެވޭ ތުހުމަތުތަކާއި އޭނާއަށް ވެރިކަން ލިިބިވަޑައިގެންފި ނަމަ، ގެންގުޅުއްވާނެ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާފައި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަކީ މި އަހަރުގެ ވާދަވެރި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އެންމެ ޒުވާން އެއް ކެންޑިޑޭޓެވެ. އެހެން ނަމަވެސް، އޭނާގެ ތަޖުރިބާ ގިނަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ގިނަ ބިޔަ މަޝްރޫއުތަކެއް ވިލަރެސްކުރައްވައި އެ މަސައްކަތްތައް ބެލެހެއްޓެވި ބޭފުޅަކީ، އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒެވެ.

ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލުމާ އެކު، ޕީޕީއެމް-ޕީއެންސީ ތެރޭގައި ހިނގި ކޯޅުންތަކުގެ ތެރެއިން މުއިއްޒު ރިޔާސީ ޓިކެޓު ކަށަވަރުކުރައްވާފައި ވާއިރު، އޭނާ ރައްޔިތުންނަށް ދައްކަވަނީ އޭނާ ހައުސިން މިނިސްޓަރުކަމުގަ އާއި މިހާރު މާލޭގެ މޭޔަރު ކަމުގައި ހޯއްދަވާފައިވާ ކާމިޔާބީތަކެވެ. ހަމަ އެއާ އެކު، ޔާމީނަށް ވަފާތެރިވާނެ ކަމުގެ ޔަގީންކަމެވެ.

'ދައުރު'ން ގެނެސްދޭ 'ރިޔާސީ ވާހަކަ' ޝޯގެ ތިން ވަަނަ އެޕިސޯޑުގައި މުއިއްޒު އިއްޔެ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ޝޯގެ ހޯސްޓް، ދައުރުގެ ސީނިއާ ރިޕޯޓަރު މުހައްމަދު މުޒައްޔިން ނާޒިމް ކުރި ސުވާލުތަކަށް މުއިއްޒު ޖަވާބުދެއްވިއިރު، މުއިއްޒު ވަނީ އޭނާއާ މެދު ކުރެވޭ ތުހުމަތުތަކާއި އޭނާއަށް ވެރިކަން ލިިބިވަޑައިގެންފި ނަމަ، ގެންގުޅުއްވާނެ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާފަ އެވެ.

މުހައްމަދު މުޒައްޔިން ނާޒިމް: މުއިއްޒު ވެރިކަމަށް ކުރިމަތިލެއްވީ ކީއްވެ؟ ރައްޔިތުން މުއިއްޒުއަށް ވޯޓު ދޭންވީ ކީއްވެ؟

ޑރ. މުހައްމަދު މުއިއްޒު: އަޅުގަނޑު ރައްޔިތުންގެ ކަންތައްތައް ވަރަށް ގާތުން މިހާރު ވެސް މި އަންނަނީ ބަލަމުން. ގައުމުގެ ކަންތައްތައް ހުރި ގޮތުގެ ހާލަތު އަޅުގަނޑަށް އެބަ އެނގޭ. ރައްޔިތުންނަށް އެބަ ބޭނުންވޭ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނަށްޓަކައި ކުރާނެ ވެރިކަމެއް މި ގައުމުގައި ގާއިމުވާން. އަދުލުވެރިކަމާ އެކީގައި ހިންގާ ވެރިކަމެއް، ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދީގެން އެކަންކަމުގައި ނަތީޖާ ނެރެދެވޭ ކަހަލަ ވެރިކަމެއް ރައްޔިތުންނަށްޓަކައި ކުރާނެ ފަރާތެއް އެބަ ބޭނުންވޭ.

އެހެންވީމަ، އަޅުގަނޑު ކުރިމަތިލީ ރައްޔިތުންނަށް އިންސާފުވެރި ކަމާ އެކީގައި، އަދުލުވެރި ކަމާ އެކީގައި ރައްޔިތުން އެދޭ ފަދަ ގޮތަކަށް ރައްޔިތުންގެ ކަންތައްތައް، ގައުމުގެ ކަންކަން ބައްޓަންކޮށްދީ، ގައުމު ކުރިއަށް ގެންދިޔުމަށްޓަކައި. އަޅުގަނޑަށް ގަބޫލުކުރެވެނީ ރައްޔިތުންނަށްޓަކައި އެފަދަ ވެރިކަމެއް އަޅުގަނޑަށް ކޮށްދެވިދާނެ ކަމަށް.

މުޒައްޔިން: އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ވާދަވެރިކޮށް ކަންކަން މި ދަނީ. ކޮބާތޯ މުއިއްޒު އިންތިހާބަށް ޖައްސަވާ ހިސާބަކީ؟ ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، މަތިބަރު ކޯލިޝަން ސަރުކާރެއްތޯ ގާއިމް ކުރާނީ؟

މުއިއްޒު: ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދަތުރުތައް ކުރަމުން މިދަނީ. ގާތްގަނޑަކަށް މިހާރު ދެ ހަފްތާ ވަރު ވެއްޖެ ދަތުރުތައް ކުރާތާ. އަޅުގަނޑުމެންނަށް ހަމަ ހަގީގަތުގައި ވެސް ފާހަގަވަނީ ރައްޔިތުން ވަރަށް އަޅުގަނޑު މި ދެންނެވި ފަދަ ވެރިކަމެއް ބޭނުންވެޔޭ.

އެއީ އަޅުގަނޑުމެން އެއްވެސް ވަރަކަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައިގެންނެއް ނޫން. އަޅުގަނޑުމެންނަކަށް ނުވެސް ފޯރުވޭނެ ނުފޫޒެއް، އިދިކޮޅުގައި މިތިބީ. އެހެން ނަމަވެސް، ހަމަ ޖެނުއިންލީ، ހަގީގީ ސަޕޯޓެއް ދޭ ތަން އެބަ ފެނޭ. އަޅުގަނޑަށް މިހާރު ގަަބޫލުކުރެވެނީ ފަހަރެއްގައި ހަމަ އެއް ބުރުން ވެސް ކާމިޔާބު ކުރެވިދާނޭ.

އަޅުގަނޑުމެން ފެށި އިރުގައި އެ ގޮތަކަށް ހިޔެެއް ނުކުރަން. އަޅުގަނޑުމެން ހީކުރީ އެއް ވަނައަށް ނޫނީ ދެ ވަނައަށް ގޮސްގެން ދެވަނަ ބުރަކަށޭ ދާނީ. އެހެން ނަމަވެސް، މިހާރު ރައްޔިތުންގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، ގަބޫލުކުރެވޭ އެއް ބުރުން ވެސް ކާމިޔާބުވުމަކީ ފުރުސަތު އޮތް ކަމެއްކަން. ނުވިޔަސް ވެސް އިރާދަކުރެއްވިއްޔާ ދެ ވަނަ ބުރަކަށް ދާ ވަރަށް ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ލިބޭނެ.

ދެވަނަ ބުރަކަށް ގޮސްފިއްޔާ އެ ހާލަތުގައި އަޅުގަނޑުމެންނާ އެކީގައި ވާހަކަދައްކަން ތިބި ހުރިހާ ފަރާތްތަކާ ހަމަ ވާހަކަ ދެކެވޭނެ. އަޅުގަނޑުމެން ރައްޔިތުންްނަށްޓަކައި ނުކުމެ މި ތިބީ. މި ގައުމުގައި މިހާރު އޮތް ވެރިކަން ރައްޔިތުންނަށް ކަމަކު ނުދޭ، ގިނަ މީހުންނަކަށް. ކަމުދާ ބަޔަކު ވެސް ތިބޭނެ. ގިނަ މީހުންނަށް ކަމަކު ނުދޭ. އެހެންވީމަ އެބަ ޖެހޭ އަޅުގަނޑުމެންނާ އެއް ގަލަކަށް އަރާނެ އެންމެންނާ އެކީގައި ވާހަކަ ދައްކަން.

މުޒައްޔިން: އާންމު ގޮތެއްގައި މިދިޔަ އިންތިހާބުތަކަށް ބަލާއިރު، ދެވަނަ ބުރަކަށް ގޮސްގެން ކޯލިޝަން ސަރުކާރެއް ގާއިމްކުރާއިރު، ވަރަށް މަތި ބަރު ސަރުކާރުތަކެއް މި ގާއިމް ކުރަނީ. މުއިއްޒުގެ ސަރުކާރު ކިހިނެއްތޯ ވާނީ ދެވަނަ ބުރަކަށް ގޮސްގެން؟ ތި ވިދާޅުވާ ގޮތަށް އެހެން ބޭފުޅުންނާ ވާހަކަ ދައްކައިގެން މަތި ބަރު ސަރުކާރެއްތޯ ގާއިމު ކުރާނީ؟

މުއިއްޒު: ކޯލިޝަން ސަރުކާރަކީ ގާނޫނުގައި އޮންނަ ކަމެއް ނޫން. އެހެން ނަމަވެސް، ގާނޫނުގައި ނެތަސް، ގާނޫނާ ހިލާފު ކަމެއް ވެސް ނޫން. އެހެންވީމަ، އެންމެން ގުޅިގެން ވެރިކަމެއް ގާއިމު ކުރަންޏާ ކޮންމެ ގޮތެއް ވިޔަސް ސިޔާސީ ގޮތުން އެ ފަރާތްތަކުން ހާސިލްކުރަން ބޭނުންވާ ކޮންމެވެސް ކަހަލަ އުންމީދުތަކެއް ހުންނާނެ.

އެކަމަކު ކޯލިޝަން ހަދާނީ ޕީޕީއެމް-ޕީއެންސީގެ އަސާސްތަކާއި ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް. އެ މެނިފެސްޓޯއާ އެކީގައި އަޅުގަނޑު މި އަންނަނީ، އަޅުގަނޑާއި އަޅުގަނޑުގެ ރަނިން މޭޓާއި އަޅުގަނޑުމެންގެ ދެ ޕާޓީގެ ކޯލިޝަނާ. އެހެންވީމަ މި މެނިފެސްޓޯ ރައްޔިތުންނަށް ތަންފީޒުކޮށް ނުދެވޭ ގޮތަކަށް ކުރިއަކަށް ނުދާނެ. ދެން އެކަން ގަބޫލުކުރަން ވާނެ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާ އެހެން ބޭފުޅުން ވެސް.

އެ ބޭފުޅުންގެ ވެސް ހުންނާނެ ޕޮލިޓިކަލް ކޮންމެވެސް ކަހަލަ އުންމީދުތަކެއް ނުވަތަ ހާސިލް ކުރަން ބޭނުންވާ ނަތީޖާތަކެއް. އަޅުގަނޑަކީ މީހުން ގޮވައިގެން އުޅޭ މީހެއް. މާލޭ ސިޓީ ކައުންސިލުގެ މޭޔަރަކަށް ހުރެގެން، އެމްޑީޕީގެ މެމްބަރުން ވެސް ގޮވައިގެން ޓީމެއް ގޮތަށް މަސައްކަތް މި ކުރަނީ. އެންމެން ގޮވައިގެން އެންމެންނަށް އެކަށީގެންވާ ވަރެއްގެ ހައްގު ހައިސިއްޔަތު ދީގެން ގުޅިގެން އުޅެވޭނެ.

ދެން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއް ވަންޏާ ސަރުކާރު ރެޕްރެޒެންޓް ނުކުރާ ގޮތަށް ކުރިއަށް ދެވޭނެ ކަމަކަށް. އެހެން ނަމަވެސް، އެއްވާ ހިސާބަކުން ވެސް މި ދެންނެވިހެން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވާ ކަންކަން ތަންފީޒު ކުރުމަށް އެ ފަރާތްތަކުން އެއްބަސް ވާން ވާނޭ. އަޅުގަނޑަށް ހިޔެއް ނުވޭ އޭގައި ދެބަސްވާނެ ހެނެއް. އެހެންވީމަ، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އެންމެންނަށް ވެސް އެ ފަރާތްތަކުގެ ހައްގު މިންވަރު ދީގެން، އެކީގައި މަސައްކަތް ކުރުމަށްޓަކައި ހެދޭނެ ފޯމިއުލާއެއް އަޅުގަނޑަށް ގަބޫލުކުރެވޭ އޮންނާނެ ކަމަށް.

މުޒައްޔިން: އެ ހާލަތުގައި މަތި ބަރު ސަރުކާރެއްތޯ އޮންނާނީ؟

މުއިއްޒު: މަތި ބަރު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. މަތި ބަރު ކޮށްގެން ބޮޑު ސިންގާ ޕޮލިޓިކަލް ފޯސްއެއް އުފައްދާފައި ބައިވަރު ފައިސާ ހަރަދުކޮށްފައި ރައްޔިތުންނަށް އޭގެން ނަތީޖާއެއް ނުނުކުމޭ. އެއީ ރަނގަޅު ގޮތެއް ނޫން.

އެކަމަކު ކޮންމެހެން ވެސް ފުރުސަތު ދޭން ވާ ވަރަށް ދޭން ޖެހޭނެ. އެހެނެއް ނޫން، ބޭނުން ނުވާ ވަރަށް [އެކަން ކުރުން]. މިހާރު އެބަ ފެނޭ، ސިޔާސީ ނޫނަސް، ކުންފުނިތަކަށް ވެސް އެބަ ނަގާ ބައިވަރު ވަޒީފާ. ސިޔާސީ ނޫން ވަޒީފާތައް ވެސް. ބައިވަރު ކުދިންނަށް ވަޒީފާ އެބަ ދޭ. އެހެން އެކަން ވެގެން ނުވާނެ.

މިނިސްޓްރީތައް ވިޔަސް، ކުންފުނިތައް ވިޔަސް އެ ތަންތަނަށް އެކަށީގެންވާ ވަރަށް ވަޒީފާތަކަށް މީހުން ނެގުން އަޅުގަނޑުގެ ވިސްނުމުގައި އޮންނާނީ. ޕޮލިޓިކަލް ޕްރެޝަރެއް އައިސްގެން ނޫނީ ރިކުއެސްޓެއް އައިސްގެން ބޭނުން ނުވާ ވަރަށް ވަކި މުއައްސަސާއަކަށް މީހުން އިތުރުކޮށް، އެ ކަހަލަ ކަމެއް ނުކުރާނަން.

މުޒައްޔިން: މުއިއްޒު ކޮންމެ ޖަލްސާއެއްގައި ވާހަކަ ދައްކަވާއިރު، އެ ވާހަކައެއްގެ ވަކި ބައެއް އެބަ ހާއްސަކުރައްވާ ޔާމީނަށް. އަދި ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކުރާނެ ކަމަށް އެބަ ވިދާޅުވޭ. ކޮބާތޯ އެ ގާނޫނީ ހަމަ އަކީ؟ ކޮން ގޮތަކުންތޯ ޔާމީން މިނިވަން ކުރާނީ؟

މުއިއްޒު: އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ، ގާނޫނީ ގޮތުން އެއް ކަމެއް ކުރެވެން އޮންނާނޭ އެ ހިސާބަށް ދާއިރުގައި. އެއީ [ޔާމީން] ގެއަށް ބަދަލުކުރުން. އެކަން ހާސިލް ނުވެ އޮވެއްޖެއްޔާ ފުރަތަމަ ވެސް އެކަން ކުރުމަކީ އަޅުގަނޑަށް ހީވަނީ ގާނޫނީ ގޮތުން އޮންނަ ހައްގެއްހެން ސަރުކާރަކަށް. އެހެންވީމަ، އެކަން އިރާދަކުރެއްވިއްޔާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރާނަން.

ދެން އޮންނާނީ ޝަރުއީ ދާއިރާ އިން ރައީސް ޔާމީނަށް ހައްގު ހޯދައިދިނުން. ގާނޫނީ ހަމަތަކޭ މި ދެންނެވީ ގާނޫނީ ގޮތުން ދައުލަތުގެ އިސްވެރިޔާއަށް ހުންނަ ފަރާތަކަށް އެ އޮންނަ ފުރުސަތެއްގެ ތެރެއިން [ޝަރުއީ ދާއިރާގައި] ދެންނެވެން އޮތް ވަރަކަށް ދެންނެވުމޭ. ވަކި ގޮތަކަށް ނިންމާކަށް ނުދެންނެވޭނެ. މިނިވަންކަމާ އެކީ ޖުޑީޝަރީ އޮންނާނީ. އެހެން ނަމަވެސް، އަދުލުވެރި، އިންސާފުވެރި ގޮތަކަށް އެ ކަމުގައި ގޮތެއް ނިންމުމަށް ދެންނެވޭނެ. އެކަމަކު ޖުޑީޝަރީން ނިންމާނީ. ގާނޫނުތަކާ ހިލާފަކަށް އަޅުގަނޑުގެ ކިބައިން އެއް ކަމެއް ވެސް ނުފެންނާނެ.

އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، [މިހާރު އޮންނަ މާހައުލުގެ ބަދަލުގައި] އަދުލުވެރި، އިންސާފުވެރި ޖުޑިޝަރީއެއް މިނިވަންކަމާ އެކީގައި ކުރިއަށް ގެންދެވޭ ކަހަލަ މާހައުލެއް ގާއިމު ކުރެވިއްޖެއްޔާ [ޔާމީން މިނިވަން ވާނެ].

މިހާރު އޮންނަ މާހައުލުގައި އޮންނަނީ ވަރަށް ބޮޑަށް ޖޭއެސްސީ ތެރޭގައި ސިޔާސީ ނުފޫޒު. ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ވެސް ރަނގަޅު ހައްލެއް އަންނަން ޖެހޭނެ. ޖޭއެސްސީގެ ދައުރުގެ ތެރެއަށް މިހާރު ގާނޫނު ބަދަލުކޮށްގެން އިތުރުކޮށްފައި މި އޮތް އެޑްމިނިސްޓްރޭޓިވްގެ ބައި ނަގައި އޭގެ ހައްގު ޑިޕާޓްމަންޓްތައް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ހަވާލުކޮށް، ޖުޑީޝަރީއަށް މިނިވަންކަމާ އެކީ މަސައްކަތް ކުރަން ބޭނުންވާ ބްރީތިން ސްޕޭސް ދީގެން، އެ ގޮތަށް ފަންކްޝަން ކުރެވޭ ގޮތް ވީމާ، މިނިވަންކަމާ އެކީގައި އިންސާފުވެރި ކަމާ އެކީގައި ޝަރީއަތްތައް ބާއްވައި ކުރިއަށް ގެންދެވޭ ގޮތް ވުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައީސް ޔާމީނަށް ހައްގު ލިބޭނެ ކަމެއް. މިނިވަންކަމާ އެކީގައި ހުކުމް ކުރަން، މިނިވަން ކަމާ އެކީގައި އެއްވެސް ކަހަލަ ސިޔާސީ ބާރެއް އެ ބޭފުޅުންގެ މައްޗަށް ނުހިންގާ [ނަމަ].

މުޒައްޔިން: ތި ވިދާޅުވާ ގޮތަށް ޔާމީން މިނިވަންވުމާ އެކީގައި މުއިއްޒުގެ ސަރުކާރެއްގައި ޔާމީންގެ ދައުރަަކަށް ވާނީ ކޮން ކަމެއްތޯ؟

މުއިއްޒު: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ މަނިކުފާނަކީ ވަރަށް ބޮޑަށް މި ގައުމުގެ ކަންކަން ހައްލު ކުރައްވަން ބޭނުންވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑުގެ ސަރުކާރެއްގައި ޕީޕީއެމް-ޕީއެންސީ ބަރާބަރަށް ފަންކްޝަން ކުރުމުގައި ފުރިހަމަ އެއްބާރުލުން އެ މަނިކުފާނު ދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އެކަމުގެ ހެއްކަކީ މިހާރު ވެސް، މި ހިނގާ މަރުހަލާގައި ވެސް، އެ މަނިކުފާނުގެ ފުރިހަމަ އިތުބާރާ އެކީގައި، ފުރިހަމަ ތާއީދާ އެކީގައި އަޅުގަނޑު ކުރިމަތިލައިގެން ކުރިއަށް މި ދަނީ. އަދި އެއްވެސް ޝަރުތެއް ނުކުރައްވާ. އެއްވެސް ކަމެއްގައި މިހެން އެހެން ހައްދަވަން ވާނޭ ވިދާޅުވެފަ އެއް ނެތް. އެހެންވީމަ، އުފެދޭ ސަރުކާރެއް އަޅުގަނޑުގެ ފުރިހަމަ އިހުތިޔާރާއި ބާރުގައި ކުރިއަށް ގެންދެވޭނެ.

އެ މަނިކުފާނަކީ ޕީޕީއެމްގެ ރައީސް. އަޅުގަނޑަށް ހަމަ ޔަގީން، އެ މަނިކުފާނު ކުރައްވާނެ ކަމަކީ ޕީޕީއެމްގެ ފަރާތުން އުފެދޭ ސަރުކާރަށް ދެއްވަން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާ އަދި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭ އޮންނަ މަޖިލިސް އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ރަނގަޅު މެޖޯރިޓީއެއް ހޯދޭތޯ މަސައްކަތް ކުރައްވާނީ. ދެ ޕާޓީގައި މި އޮތް ސަފު ވަރުގަދަކޮށް ހިފަހައްޓަވާނެ.

ހަގީގަތުގައި ވެރިކަން ލިބުނަކަސް އަޅުގަނޑުމެންގެ ގައުމުގައި މިހުރި ކަންކަން އެއް ދުވަހުން ހައްލުވަނީކީ ނޫން. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ވަރަށް ގުޅިގެން، ވަރަށް އެކީގައި އެ މަނިކުފާނުގެ ތަޖުރިބާ އާއި ހިކުމަތްތެރިކަމާ އެކީގައި އަޅުގަނޑުމެންނަށް ކަންކަމުގައި ދެއްވާނީ އެއްބާރުލުން ކަމަށް. ސަރުކާރު ހިންގުމުގައި ވެސް ދެއްވާނީ ހަމަ ލަފާފުޅު ކަމަށް.

މުޒައްޔިން: ވިދާޅުވެއްޖެ ޔާމީންގެ ނުފޫޒެއް ނޯންނާނެ ކަމަށް އަދި ޔާމީންގެ ތާއީދު އޮންނާނެ ކަމަށް. ޕީއެންސީގެ ޓިކެޓު މުއިއްޒަށް ލިބިވަޑައިގަތުމާ އެކީގައި، އޭރު ސުޕްރީމް ކޯޓުން ޔާމީނަށް އިންތިހާބުގެ ދޮރު ބަންދުވުމާ އެކު، ޔާމީން ފުރަތަމަ ލަފާދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމަށް. އެއާ އެކީގައި ސެނެޓުގެ ނިންމުން ވެސް ފުރަތަމަ ބަލައެއްނުގަތް. ފަހު ވަގުތު މުއިއްޒުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ދިޔައިރު ވެސް ތާއީދެއް ނުކުރައްވާ. ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ މަރުކަޒުގައި ހުންނަވަނިކޮށް ތާއީދު ކުރެއްވީ. ފަހު ވަގުތު ކޮންކަހަލަ އަންޑަސްޓޭންޑިންއަކަށް އައިސްގެންތޯ ޔާމީންގެ ތާއީދު ލިބިވަޑައިގަތީ؟

މުޒައްޔިން: އަޅުގަނޑަށް ހީވަނީ ސުޕްރީމް ކޯޓުގެ ހުކުމް އައި ދުވަހު އަޅުގަނޑުމެންނަށް އެހާ ބޮޑަށް އަންޑަސްޓޭންޑް ނުވިޔަސް، ހަމަ ވިސްނާލީމަ ގަބޫލުކުރެވޭ އެ މަނިކުފާނުގެ ހާލަތު، ވިސްނުންފުޅު. ހަގީގަތުގައި ވެސް ވަރަށް ބޭއިންސާފުވެރިކޮށް ކަންތަައްތައް ދިޔައިމަ، އެކަހަލަ ވާހަކަފުޅެއް ވިދާޅުވުމަކީ ހަމަ އެކަށީގެންވާ ކަމެއް. 

ސުވާލު: ތިޔަ ވިދާޅުވަނީ ޔާމީން ޖަޒުބާތުގައި ޖެހިގެން އެހެން ވިދާޅުވީއޭތޯ؟

މުއިއްޒު: ނޫން. އެއީ ހަމަ އިންސާނީ ތޮބީއަތު. އޭގެ ކުރިން އޮތް އަޑުއެހުމާ ހިސާބުން ވެސް  އަޅުގަނޑުމެންގެ އެސްޖީ [މުހައްމަދު] ތޮލާލް އާއި ބައްދަލުވާނެ ދެއްތޯ ހަމަ ކޯޓު ތެރެއިން [ޕީޕީއެމްގެ ފަރާތުން ތަދައްހުލު ވެގެން މައްސަލަ ކުރިއަށް ގެންދިޔައިމަ]. [ތޮލާލް] ވިދާޅުވެފައި އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި ބޭއްވި ޕީއެންސީ ޕްރައިމަރީގެ ނަތީޖާ އާއި އެ ކަމުގައި ދެން ކުރިއަށްދާން ކަންކަން ކުރަންވީ ގޮތާ. ހަމަ އެ ގޮތަށް ކުރިއަށް ގެންދެވީ.

ވަރަށް ބޮޑަށް ހަމަ އެ މަނިކުފާނު [ޔާމީން] އެ ކަމުގައި އިންވޯލްވެ ވަޑައިގެން [އުޅުއްވީ]. އަޅުގަނޑުމެންނަށް ޕްލޭން ބީ، ސީ، މި ހުރިހާ އެއްޗެއް ވެސް މިއީ ހަމަ އެމަނިކުފާނު ލިޔުމުން ހުށަހަޅުއްވާފައި ހުރި އެއްޗެހި. އެ މަނިކުފާނަށް ފުރުސަތު ލިބޭތޯ ހުރިހާ މަސައްކަތެއް ކުރުމަށް ފަހު، ވޯކު ނުކޮށްފިއްޔާ ވަގުތު އޮއްވައި، ފުރުސަތު އޮވެެއްޖެއްޔާ ޕްލޭން ބީއަކަށް ދާން، ޕީޕީއެމް ތެރެއިން ބޭފުޅަކު ނެރެން [ވިދާޅުވީ]. އެހެން ނަމަވެސް، އެއް ދުވަސް އޮއްވައި ޕްލޭން އޭ ވޯކު ނުކުރާކަން އެނގުނީ. އެހެންވީމަ، ދެން އެކަން އެހެން ދިމާވެދާނެ ކަމަށްޓަކައި [ޕްލޭން] ސީގެ ވާހަކަ ވިދާޅުވެގެން ޕީއެންސީން މީހަކު ނުކުންނަން ވިދާޅުވެފައި އޮތީ. ޕީޕީއެމްގެ މީހަކު ކުރިމަތިލާން ބޭނުން ވެއްޖެއްޔާ ޕީއެންސީއަށް ބަދަލުވާން ވެސް ހަމަ އެ މަނިކުފާނު އެ ނޯޓުގައި ވިދާޅުވެފައި އޮތީ.

އެހެންވީމަ، އަޅުގަނޑުމެން ބޭއްވި އިލެކްޝަންގެ ފަހުން އޮތް އަޑުއެހުމުގައި އެވާހަކަތައް ތޮލާލަށް ވެސް އޮތީ [އެނގިފައި]. އެކަން ދިޔަ ގޮތާއި ދެން ކުރިއަށް ދާން ތައްޔާރުވުމަށް މަސައްކަތް ކުރަންވީ ގޮތާ އެ ހުރިހާ ވާހަކަތަކެއް [ވިދާޅުވެ] ވަރަށް ބޮޑަށް އިންސްޓްރަކްޝަން ދެއްވަމުން ގެންދެވީ. އެންމެ ފަހު ދުވަހު އެ ވީ ގޮތް، އަޅުގަނޑުމެން ވެސް ހިޔެއް ނުކުރަން އެގޮތަށް ދާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް. ހުށަހެޅި ހުށަހެޅުން ބަލައެއް ނުގަނެވުނުތާ ދެއްތޯ ކޯޓުން ނިމުނު އިރުގައެއް. ވަރަށް މާޔޫސްކަން ބޮޑު ގޮތަކަށް ދިޔައީ.

އެހެން ނަމަވެސް އޭގެ އެއް ދުވަސް ފަހުން ސެނެޓުގެ ލަފާފުޅާ އެކީގައި [އިންތިހާބުގައި ވާދަކުރަން ޔާމީން ނިންމެވީ]. ކުރީގެ ކަންކަމަށް [ބަލާއިރު] ވެސް، މާޒީން ވެސް، ލީޑާޝިޕުގެ ގިނަ ބޭފުޅުން ވެސް ގަބޫލުކުރައްވާ [ލަފާފުޅާ އެކީގައި ޔާމީން ހިޔާލު ބަދަލުކުރައްވާ ކަން]. ސަރުކާރު ހިންގެވި އިރު ވެސް ހުންނާނެ އަމިއްލަފުޅަށް ބައެއް ކަންކަން ގަބޫލު ނުކުރައްވާ. އެހެން ނަމަވެސް، ދެން ތިބި ބޭފުޅުންނަށް ފުރުސަތު ދެއްވާފައި. ތިމަންނަމެންނަށް ތިހެނެއް ނުފެނެއޭ މިހެން ހަދަން އެދެމޭ ކިޔާފައި އަޅުގަނޑުމެން ކަންކަން ހުށަހެޅީމަ އެ މަނިކުފާނު ހުންނާނެ ނިންމުން ބަދަލުކޮށްފައި ކުރީގެ ވެރިކަމުގައި ވެސް.

ދެން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ [އެއީ] އަޅުގަނޑުމެންގެ ކިބައިން އެކަން ހުށަހަޅަން [ޔާމީން ދެއްވި] އިޝާރާތެއް ގޮތަށް. އެއީ [ޔާމީން ފޮނުއްވި] ނޯޓުގައި އަންޑަލައިން ކުރައްވާފައި ހުރި ބައެއް ތަންތަނުންނާއި އިނގިރޭސި ބަހުން ބޭނުންކޮށްފައި ހުރި ބައެއް ބަސްތަކުން، އަޅުގަނޑުމެންނަށް ރައީސް ޔާމީން އެނގޭ މިންވަރުން އެނގުނު، ބަހެއް ބުނަން ވިދާޅުވެފައި ކަން އެއޮތީ. އެއީ އަޅުގަނޑުމެންނަށް އަންޑަސްޓޭންޑް ވީ ވަރު އެނގޭތޯ.

އެހެންވީމަ، އަޅުގަނޑުމެން ސެނެޓު ބާއްވާފައި އަޅުގަނޑުމެންގެ ވިސްނުން ރައީސަށް ހުށަހެޅީމައި ފަހުން ހަމަ އެ ގޮތަށް ފުރުސަތު ދެއްވީ. އެ މަނިކުފާނު ޖަލުގައި އެ ހުންނަވަނީ. ވަރަށް އުނދަގޫފުޅުވާނެ ދެއްތޯ ބޭއިންސާފުން އެ ގޮތަށް ހުންނަން ޖެހުނީމައި. އާއިލާ ހާލުގައި އެ އުޅުއްވަނީ. ހަމަ ވަރަށް އަނިޔާވެރި ހާލަތެއްގައި. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ކަންތައްތައް ދަމުން ދާ ގޮތް އާއިލާ ތެރޭގައި ވެސް، އެ ބޭފުޅުން އުޅުއްވަމުން ގެންދަވާ ހިތާމަ ވެސް އެނގޭ. އެހެންވީމަ، ކޮންމެ ދުވަހަކު ވެސް އެކަން އެ މަނިކުފާނަށް ފޯނުން ވެސް އަނބިކަނބަލުންނާ ވެސް ވާހަކަދެކެވޭ. އޭގެ ތެރެއިން، އަނބިކަނބަލުންނާ ވާހަކަ ދައްކަވާފައި ދެން ފަހު ދުވަހު ފޯމު ހުށަހެޅުމަށް ހުއްދަ ދެއްވީ ކުރިއަށްދާން.

މުޒައްޔިން: އޭގެ ފަހުން އަނބިކަނބަލުން މެދުވެރިކޮށް ވެސް ނުވަތަ ވަކީލުން މެދުވެރިކޮށް ވެސް މުއިއްޒަށް ސީދާ ޔާމީންގެ މެސެޖެއް އައިސްފައި ވޭތޯ، ނޫނީ ބައްދަލުކުރަން އެދިވަޑައިގެންފައިވޭ؟

މުއިއްޒު: ޑައިރެކްޓްލީ ނޫން، އަޅުގަނޑަކަށް ނާދޭ. އަޅުގަނޑަށް ސީދާ މިހެން އެހެން ހަދާށޭ ކިޔާފައެއް ނާދޭ. ދެ ޕާޓީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް [އަބްދުﷲ]އަށް އިންސްޓްރަކްޝަންސް އަންނަނީ.

މުޒައްޔިން: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018ގައި ވެރިކަމަށް ވަޑައިގެންނެވީ އޭރު ރައީސް [މުހައްމަދު] ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ ހާލަތެއް ނެތިގެން އެ މަނިކުފާނުގެ ތާއީދާ އެކު. ވެރިކަން ލިބުމަށް ފަހު އެ ދެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިގެން ދިޔަ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. ޕާޓީ ވެސް ދެ ބަޔަކަށް ބެހިގެން ދިޔައީ. މުއިއްޒުގެ ސަރުކާރެއްގައި އެހެން ވެދާނެތޯ؟

މުއިއްޒު: ނޫން، ނުވާނެ، އެކަހަލަ އެއްވެސް ކަމެއް ނުވާނެ. އަޅުގަނޑު މިހާރު މި ހުރީ ޕީއެންސީގައި ދެއްތޯ. އެހެންވީމަ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރާ ތަން ފެންނާނީ.

މުޒައްޔިން: ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް 'އިންޑިއާ އައުޓް' ކެމްޕޭނެއް ޔާމީން ފެއްޓެވި. މުއިއްޒު އެބަ ވިދާޅުވޭ އިންޑިއާ ސިފައިންނަށް މި ގައުމުގައި ނުތިބެވޭނެ ކަމަށް. ކޮބާތޯ މުއިއްޒުގެ ސަރުކާރެއްގައި އިންޑިއާ ސިފައިން މި ގައުމުން ބޭރު ކުރުމަށް އަޅާނެ ފިޔަވަޅަކީ؟

މުއިއްޒު: ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ރަނގަޅު ކޮށްލަން ޖެހޭނެ. އިންޑިއާ އަކީ އެންމެ ގާތް ރަހުމަތްތެރި އަވަށްޓެރިޔާ. އެހެންވީމަ އިންޑިއާ ފަސްޓް ޕޮލިސީ، އެއީ އިންޑިއާ އަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވާ އެންމެ އިސްކަންދޭ [ގައުމު ކަމުގައި އޮތް] ޕޮލިސީ އޮންނަން ވާނެ. 

[އިންޑިއާ އަކީ] އެންމެ ގާތް ފަރާތް. ސްރީ ލަންކާ އަކީ ދެން އެންމެ ގާތް ފަރާތް. އެހެންވީމަ އެ ގާތް ރަހުމަތްތެރި އަވަށްޓެރި ގުޅުން އުފެދެން ޖެހޭނެ. ޗައިނާ އަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިކަން ދޭ އަޅުގަނޑުމެންގެ އެތެރޭގެ އެއްވެސް ކަމަކާ ނުބެހޭ ގައުމެއް. އެފަރާތާ ގާތް ގުޅުން އުފެދޭނެ. އެހެން ގޮސް ހުރިހާ ބޮޑެތި، ކުދި، އިސްލާމީ ގައުމުތައް، މި ހުރިހާ ގައުމުތަކާ ގާތް ގުޅުމެއް އުފެދި އަޅުގަނޑުމެންނަށް ފައިދާ ވާގޮތަށް އަދި އެފަރާތްތަކަށް ވެސް ފައިދާ ވާގޮތަށް އޮންނަ ރަނގަޅު ރަހުމަތްތެރި ގުޅުން އުފެދެން އެބަ ޖެހޭ.

އެ ގުޅުމުގެ ތެރޭގައި ކްރޮސް ނުކުރެވޭނެ ލައިންތަކެއް ހުންނަން މި ޖެހެނީ. ކޮންމެ ގައުމެއްގައި ވެސް އޮންނާނެ [އެފަދަ ލައިން ތައް]. ގައިމު ވެސް މި ރާއްޖޭގައި އޮންނަން ޖެހޭނެ ގޮތް [އެއީ]. އެއްވެސް އެހެން ގައުމަކަށް މި ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ ކަމެއް ކުރުމުގެ ފުރުސަތެއް ނުދެވޭނެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އޮންނަންވާނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުން ދިވެހި ގައުމުގެ ފަރާތުން ބަސް ބުނެވެން ވާނެ. އެހެންވީމަ އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންގެ ސިޔާދަތީ ބާރު އޮތް ސަރަހައްދު އަޅުގަނޑުމެންނަށް އޮންނަންވާނެ އެ ގޮތުގައި. އެއީ އަޅުގަނޑު އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ކުރާނެ ކަންކަމެއް ނޫން.

މި ގައުމުގައި އެހެން ގައުމެއްގެ، އިންޑިއާ އެކަންޏެއް ނޫން، އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެޒެންސެއް އޮވެގެން ނުވާނެ. މިއީ ވަރަށް ކުޑަ ކުޑަ، ލޮއީފް ގައުމެއް. ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިފިއްޔާ، މިލިޓަރީގެ ގޮތުން ބަލައިފިއްޔާ ނިކަމެތި ގައުމެއް، އަޅުގަނޑުމެންގެ އަދި އަމިއްލަ މިލިޓަރީ އެއް އޮތަސް. އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން ބާރުގަދަ ގައުމެއްގެ މިލިޓަރީ މިތާ އޮންނާކަށް.

އެހެނެއް ނޫން، އެ ބޭފުޅުންގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެބޭފުޅުން އަމިއްލައަށް ގެންދާ ކަންތައްތަކެއް މި ސަރަހައްދުގައި އެހެން އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރެއަށް ނުވަދެ ކުރިއަށް ގެންދިޔުމަކީ އެހެން ކަމެއް. އެކަމަކު މި ގައުމުގެ ތެރޭގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން، ވެގެންވާނެ ގޮތެއް ނޫން، ރާއްޖޭގެ ގިނަ ރައްޔިތުން ވެސް ގަބޫލެއް ނުކުރާނެ އެ ކަމެއް. އެހެންވީމަ ރެސްޕެކްޓްފުލީ، އެމީހުންގެ ސިފައިން ހަމަ މި ތަނުން ދާން ޖެހޭނީ.

އެހެން ނަމަވެސް، މި ގައުމާއި އިންޑިއާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނާނީ. އެންމެ އިސްކަންދޭ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ 'އިންޑިއާ ފަސްޓް' ޕޮލިސީ އޮންނަން ޖެހޭނެ. އެއީ އަޅުގަނޑުމެންނަކީ ތާ އަބަދަށް މިހެން މިތާނގައި ތިބޭނެ ފަރާތްތައް. އިންޑިއާ އާއި އަޅުގަނޑުމެންނާ އެންމެ ގާތް ފަރާތް މީ. އަޅުގަނޑުމެންނަށް އެ ބޭފުޅުންނަކާއި ހަގީގަތުގައި މިހާރު އިންޑިއާ ސަރުކާރާއި އަޅުގަނޑުމެންނާ މި އޮންނަ ކަންކަމުގެ ތެރެއަށް ވަދެ އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާ ޕޮލިސީ ފިޔަވައި ނެތް ހިޔާލު ތަފާތުވާ ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން ބޭސް ފަރުވާއަށް ވެސް އިންޑިއާއަށް ދޭ. އަޅުގަނޑުމެންނާ ސަގާފީ ގޮތުން ވެސް މި އޮންނަނީ ވަރަށް ގިނަ ގާތް ކަންކަން އުފެދިފައި.

މުޒައްޔިން: ތި ވިދާޅުވަނީ ރެސްޕެކްޓްފުލީ ދާން ކަމަށް ދެން ޖެހޭނީ. ރައީސް ޔާމީންގެ ސަރުކާރުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވިސާ ކެންސަލް ކުރަން ވެސް އެބޭފުޅުން ނުފޭބި. ދެން މުއިއްޒުގެ ސަރުކާރެއްގައި ކޮންކަމެއްތޯ ކުރާނީ؟

މުއިއްޒު: އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ މޭޒު ކައިރި އިށީންނަން ޖެހޭނީ. އިށީނދެ ވާހަކަ ދައްކަން ޖެހޭނީ. މިހާރު އެބޭފުޅުންގެ ބައިވަރު ޕްރޮޖެކްޓުތައް މިތަނުގައި އެބަހުރި، އިންވެސްޓްމެންޓްސް އެބަހުރި ދެއްތޯ؟ އެއީ އެބޭފުޅުން ހިމާޔަތް ކުރަން ބޭނުންވާނެ ކަންކަން. އަޅުގަނޑުމެން ވެސް ބޭނުން މި ގައުމު ކުރިއަށް ދާން. ތަރައްގީ ވާން. އެހެންވީމަ މިހެން ހުރި ކޮންމެ ޕްރޮޖެކްޓެއްގެ ތަފްސީލް ބަލަން އެބަ ޖެހޭ.

ހަގީގަތުގައި ވަރަށް ކަންބޮޑުވޭ. މިސާލަކަށް ބްރިޖު ޕްރޮޖެކްޓުގެ ތަފްސީލް 'ގައުމީ ސަލާމަތަށް ނުރައްކާ ވާތީ' ހާމަ ނުކުރަންޏާ ކަންބޮޑުވާނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއީ ހާމަ ނުކުރެވެން ވާނެ އެއްޗެއް ކަމަކަށް. މިތަނުގައި އިންޑިއާގެ ކުންފުނިތަކުގެ އިންވެސްޓްމެންޓްތައް ކިހިނެއްތޯ ކުރިއަށް ގެންދެވޭނީ، ގައުމަށް ކިހާވަރަކަށްތޯ ފައިދާ ވާނީ، މިކަންކަން ބެލެން އެބަ ޖެހޭ. ކޮންމެ ގޮތެއް ވިޔަސް ގައުމަށް ފައިދާ ވާ ކަމެއް ވިއްޔާ އަޅުގަނޑުގެ ވިސްނުމަކީ އަދި ސިޔާސަތަކީ [އެކަމުގައި] ކުރިއަށް ދާން ޖެހޭނޭ. އެކަމަކު ކުރިއަށްދާ އިރުގައި އަޅުގަނޑުމެންގެ އަމިއްލަވަންތަކަށް ގެއްލޭ ހިސާބަށް ގޮސް، އެހެން ބަޔަކު [މި ގައުމުގައި] ވަކި ހިއްޕާލާކަށް ފުރުސަތެއް ނުދެވޭނެ.

އެހެންވީމަ މީގައި އަންނަންޖެހޭނީ ދެފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމަކަށް. [އެއީ] އަޅުގަނޑުމެންގެ ގައުމު ކުރިއަށް ގެންދެވި އަޅުގަނޑުމެންގެ މިނިވަންކަން ސަލާމަތް ކުރެވިފައި، އިންޑިއާއަށް ވެސް އިންޑިއާގެ އިންވެސްޓްމެންޓްތަކަށް މި ގައުމުގައި ފުރުސަތު ލިބި އެބޭފުޅުންގެ ވިސްނުންތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އިން ފަހަނަ އަޅާ ނުދާ ހިސާބުން މަސައްކަތް ކުރުން.

އަޅުގަނޑަށް ގަބޫލުކުރެވެނީ ރަނގަޅަށް ވާހަކަ ދެކެވިއްޖެއްޔާ މިއީ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ކަންކަމޭ.

މުއިއްޒު: ތި ވިދާޅުވާހެން އިންޑިއާގެ ބައެއް ޕްރޮޖެކްޓުތައް އެބަ ހިންގާ ރާއްޖޭގައި. އެންމެ ބޮޑު ޕްރޮޖެކްޓަކަށް މިއޮތީ ތިލަމާލެ ބްރިޖުގެ މަޝްރޫއު. މުއިއްޒު މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވޭ އެ މަޝްރޫއުގެ ފެންވަރާ މެދު. މުއިއްޒުގެ ސަރުކާރެއްގައި އެ މަޝްރޫއުގެ ކަންކަން ބެލުމަށް ފަހު، އެންމެ ރަނގަޅަށް ނުހިނގާ ނަމަ، ކިހިނެއްތޯ އަމަލު ކުރާނީ؟

މުއިއްޒު: އަދިވެސް ހަމަ އަޅުގަނޑު ކްރިޓިސައިޒް ކުރަން އިނގޭތޯ. އަދިވެސް އެ [މަސައްކަތް] ދަނީ ރަނގަޅަކަށް ނޫން. އެހެންވީމަ މި ދެންނެވީ، އެ ޕްރޮޖެކްޓު ނަގާފަ އެބަ ބަލަންޖެހެޔޭ ކިހިނެއްތޯ މި ވެގެން އުޅެނީ. އެވަރުގެ ޕްރޮޖެކްޓެއް މިހާ ގިނަ ދުވަސް ވާއިރުގައި ނުހިނގާ އޮންނާނީ ކޮންމެވެސް ސަބަބަކާ ހުރެތާ. 700 މިލިއަން ޑޮލަރު ކަންނޭނގެ [އެ މަޝްރޫއަށް ހަރަދު ކުރޭ]. ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނޭ އިނގޭތޯ އެހާ ލަސްވެގެން އުޅޭ ސަބަބެއް. ގައިމު ވެސް ކޮންމެވެސް ނުބައެއް އެބަ އުޅޭ.

އެހެންވީމަ، މިކަން ބަލާފަ އެ [މަޝްރޫއަށް] ގެންނަން ޖެހޭ ބަދަލެއް ގެންނާނީ. އެ ބަދަލަކީ އަޅުގަނޑަށް މި ގަޑީގައި ނުދެންނެވޭނެ އެ ކުންފުނި މިތަނުން ބޭރު ކުރުމޭ، އިންޑިއާގެ ލޯނު ކެންސަލް ކުރުމޭ. އެހެނެއް ނޫން. ހަމަ އޭގެ އެންމެ ރަނގަޅު ހައްލެއް ގެންނާނީ. ގެނެސްގެން އެ މަޝްރޫއު ބާރަށް ގެންދެވޭނެ ގޮތެއް ވާނީ.

އެއީ ކޮން ހައްލެއް ކަމެއް އަޅުގަނޑުމެންނަށް ދަންނަވާކަށް ނޭނގޭނެ. މީޑިއާތަކުން އާރުޓީއައި ލައިގެން ވެސް މައުލޫމާތު ނުލިބުނު މަޝްރޫއެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ސަރުކާރަކަށް އައިސްގެން އެ އެއްޗިހި ބެލޭނީ. އޭގެ އައުޓްކަމް އަކީ ކޮބައިކަމެއް ނޭނގޭ.

އެކަމަކު އެއް އައުޓްކަމް އެނގޭ. މިތާ ބްރިޖު އެޅެން ޖެހޭނެ. އެކަން އަޅުގަނޑުމެން ކުރާނަން.

މުޒައްޔިން: މުއިއްޒު އެބަ ވިދާޅުވޭ މި ސަރުކާރުން ވިއްކާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ވެސް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް. ކޮބާތޯ އެކަން ކުރާނެ ގޮތަކީ؟

މުއިއްޒު: އޭގައި ހަމަ އިޓްލޮސްއާ ވާހަކަ ދައްކައިގެން  އެ އޮންނަ އިންޓަނޭޝަަނަލް ޕްރޮސީޖާތަކުން ކުރިއަށް ދާނީ. އަޅުގަނޑަކަށް ނޭނގެ މިހާރު ވަގުތު ފާއިތު ނުވާ ކަމެއް ވެސް. ހަގީގަތުގައި އޭގައި ލިބިފައި އޮވޭ އިސްތިއުނާފު ކުރުމުގެ ވަގުތުތައް. ކޮންމެ ގޮތެއް ވިޔަސް ވެސް، ލަސް ވިޔަސް ވެސް އެކަމަށް މަސައްކަތް ކުރާނަން. އެއީ އަޅުގަނޑުމެންގެ ހައްގެއް.

ކަނޑައަޅާފައި އޮތް ބައުންޑަރީގެ ތެރެއިން ބައެއް ދޫކޮށްލުމަކީ ހާދަ ބޮޑު ގެއްލުމެކޭ. އެހެންކަމުން ދިވެހި މަސް ކަނޑުން ބައެއް، ދިވެހި ގައުމުގެ ބައެއް އަނބުރާ ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ.

މުޒައްޔިން: އެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރެވޭތޯ؟

ޖަވާބު: އަޅުގަނޑު ވަރަށް އޮޕްޓިމިސްޓިކް މިކަހަލަ ކަންކަމުގައި. ރަނގަޅު، ވަރުގަދަ މަސައްކަތްތަކެއް ކުރެވިއްޖެއްޔާ ކާމިޔާބީ ލިބުން ވަރަށް ގާތް. އަޅުގަނޑު ގަބޫލުކުރަނީ ކާމިޔާބު ވާނެ ކަމަށް.

މުޒައްޔިން: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުއަށް އެބަ ބަހުގެ ހަމަލާތަކެއް ދެއްވާ. ކީއްވެގެންތޯ މުއިއްޒުއަށް ސީދާ އެހާ ބޮޑަށް ބަހުގެ ހަމަލާތައް ދެއްވަނީ؟

މުއިއްޒު: : އަޅުގަނޑަށް ވެސް އެހެން ބޭފުޅުން ވިދާޅުވާތީ [ތިކަން] ފާހަގަ ވަނީ. އަޅުގަނޑު އެހާ ވަރަކަށް ފޮލޯއެއް ނުކުރަން. ހަގީގަތުގައި މާރިޔާއާ ކަންނޭނގެ ތި ސުވާލު ކޮށްލަން ވާނީ. އަޅުގަނޑު މި ބަލަނީ އަޅުގަނޑުގެ ޕޮލިސީތައް ވިއްކޭތޯ. އަޅުގަނޑަކަށް ވަގުތެއް ނެތް އެހެން ވާހަކައެއް ދައްކާކަށް. އެހެންވެ އަޅުގަނޑު ނުބަލަން މާރިޔާ ދައްކާ ވާހަކައެއް.

މުޒައްޔިން: މާރިޔާ އެބަ ވިދާޅުވޭ މުއިއްޒުއަކީ ޕީއެންސީ-ސަލަފު ކެންޑިޑޭޓު ކަމަށް. ސަލަފްގެ ކެންޑިޑޭޓެއްގެ ގޮތުގައި ލޭބަލް ކޮށްފައި އެބަ ވިދާޅުވޭ، ކޮންމެވެސް ވަރަކަށް އަންހެނުން ބާކީކޮށް، ހަރުކަށި ފިކުރުތަކެއްގެ ސިފަތަކެކޭ މުއިއްޒުގެ ސަރުކާރުން ފެންނާނީ. އެކަހަލަ ގޮތަކަށް ތުހުމަތު ކުރެވޭ. އެގޮތަށްތޯ އެކަން ވާނީ؟

މުއިއްޒު: : ކޮބާތޯ އެ [ތުހުމަތުތަށް] ބޭސް ކުރާ އަސާސަކީ؟ ނޯންނާނެ.

އަޅުގަނޑަކީ ޕީއެންސީ ކެންޑިޑޭޓު، ތެދެއް. އެކަމަކު ސަލަފަކީ އަޅުގަނޑު އެއްވެސް ގުޅުމެއް އޮންނަ ފަރާތެއް ނޫން. ދުވަހަކު ވެސް ނޯންނާނެ ސަލަފު ޖަމިއްޔާގައި ބައިވެރިވެފައި ވެސް މެމްބަރަކަށް ވެފައި ވެސް. އެއްވެސް ކަމެއް އެގޮތަކަށް ނޯންނާނެ، އަދި އެހެން ދީނީ ޖަމިއްޔާ އަކާ ވެސް.

ތަންކޮޅެއް ކުރިން އަދާލަތު ޕާޓީގައި އުޅުނިން. އެކަމަކު އެ [ޕާޓީން] ވެސް ނުކުތީ އެކަން ކުރިއަށްދާ ގޮތް ގޯސް ވެގެން. އެހެނަސް މި ސަރުކާރުގައި އަދާލަތު ޕާޓީ ވެސް އޮތީ، ދެއްތޯ؟ އެހެންވީމަ އެ ބޭފުޅުންނަށް އެނގޭނީ އެހެން ވާހަކަ ދައްކާ ސަބަބެއް.

ދެން އަންހެނުން އެކަހެރި ކުރާ [ކަމަށް ބުނާ ވާހަކަ]. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުރި ކަންކަން މި ދަނީ އިއުލާނު ކުރަމުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ކަނބަލުން ބާރުވެރި ކުރުވުން. ހަމަ އެކަނި ވަޒީފާގެ ފުރުސަތު ދިނުމެއް ވެސް ނޫން. 

އަޅުގަނޑު ކުރީ ދުވަހަކު ޖަލްސާއެއްގައި އިއުލާނު ވެސް ކުރިން [އަޅުގަނޑުމެންގެ އަމާޒަކީ] ޓޮޕް މެނޭޖުމަންޓު ލެވެލްއަށް، އެންމެ މަތީ މަގާމުތަކުގެ ލެވެލްއަށް ވެސް އަންހެން ބޭފުޅުން ގެނައުމަށް މަސައްކަތް ކުރުމޭ. އެބޭފުޅަކު ކިޔަވައިގެން ހުރި ދާއިރާ އަކުން، އެބޭފުޅެއްގެ ތަޖުރިބާ ހުރި ދާއިރާ އަކުން ދެވެން ހުރި އެންމެ މައްޗަކަށް ދެވެން މަސައްކަތް ކުރުމޭ. އަމިއްލައަށް އުފައްދާ ތަކެތި ވިއްކޭނެ ގޮތް ހޯދައި ދިނުމޭ. ނޫނިއްޔާ ކުންފުނިތަކުގައި ވަޒީފާ ހޯދައި ދިނުމޭ. މިހެން ގޮސް ވަރަށް ގިނަ އޮޕްޝަންސް އަދި ފުރުސަތުތައް އެބަހުރި.

އެ މީހުން އެ ދައްކާ ވާހަކައާ އަޅުގަނޑުގެ ޕޮލިސީތަކާ ދިމާ އިދިކޮޅު. އެހެންވީމަ މާރިޔާ ވިއްޔާ މާރިޔާ، އެހެން ބޭފުޅެއް ވިއްޔާ އެހެން ބޭފުޅެއް ކައިރީ އައްސަވަން ވާނީ [އެހެން ވިދާޅުވާ ސަބަބު]. އަޅުގަނޑުގެ ފަރާތުން މިހުރީ ހުށަހަޅާ ކަންކަން ވަރަށް ސާފުކޮށް ފެންނަން ނޫންހޭ، ލިޔެފައޭ މިހުރީ، ޕޯޑިއަމްތަކުގައި ލައިވް ކޮށޭ މިވާހަކަތައް މި ދައްކަނީ، އަޅުގަނޑުގެ ޓްރެކް ރެކޯޑުގައެއް ނޯންނާނޭ ތިއިން އެއްވެސް ކަމަކާ ގުޅޭ ކަމެއް ވެސް ދެއްކޭކަށެއް. އެހެންވީމަ ކޮބާތޯ އަސާސް؟

މުޒައްޔިން: މާރިޔާ އެބަ ތުހުމަތު ކުރައްވާ އެޑިއުކޭޝަން މިނިސްޓްރީ ވެސް މުއިއްޒު ސަލަފް ޖަމިއްޔާއަށް ދެއްވަން އުޅޭ ކަމަށް.

މުއިއްޒު: އާދެ، ތި ވާހަކަ ވެސް އަަޑުއެހިން. އެ ވާހަކަ މި ދަންނަވަނީ، ކޮން ގޮތަކުންތޯ މި ވާހަކަ މި އުފަން ކުރަނީ؟ ކޮން ތަނަކުންތޯ އަންނަނީ؟

އަޅުގަނޑަކީ ސަލަފް ޖަމިއްޔާގެ މީހެއް ނޫން. އެބޭފުޅުންނާ އެކި އެއްވެސް ޑީލެއް ހެދިފައެއް ނޯންނާނެ. އެއްވެސް މަގާމެއް އެއްވެސް މީހަކަށް ދިނުމާ ބެހޭގޮތުން މަޝްވަރާއެއް ކޮށްފައެއް ނޯންނާނެ. އެކަހަލަ ވާހަކައެއް ދެއްކިފައެއް ނޯންނާނެ.

އަޅުގަނޑުގެ ވިސްނުމުގައި ތައުލީމީ ދާއިރާއަކީ ގައުމުގައި ޖީލެއް ބިނާ ކުރުމުގައި ވަރަށް ވަރަށް މުހިއްމު ދާއިރާއެއް. އެހެންވީމަ ދުނިޔޭގައި ގްލޯބަލައިޒް ވެގެން މި އަންނަ މޮޑަން ވިސްނުމުގައި ކުރިއަށްދާ ހުޅަނގުގެ ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި، ވަރަށް ދުނިޔެއަށް ލޯ ހުޅުވިފައި ހުރި، ހިންގުންތެރި، ވަރަށް ބޮޑަށް ކަންކަން ބަދަލު ކުރުމުގެ ރޫހު ހުރި، ވަރަށް ރަނގަޅު ބޭފުޅަކު އެތަނަށް ލާން ޖެހޭނީ.

އެހެން ނޫނިއްޔާ ގައުމުގެ ޒުވާން ޖީލު ބައްޓަން ކުރުމުގައި އަަޅުގަނޑުމެން ބޭނުންވާ ކުރިއެރުމެއް ނުލިބޭނެ. އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ ޒުވާން ޖީލު ބައްޓަން ވެގެން އަންނަ އިރުގައި ވަރަށް ބޮޑަށް ދުނިޔޭގައި މި ވާނުވާ އެނގެން. އަދި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާން. ގައުމިއްޔަތުގެ ރޫހު އުފެދިފައި ތިބި ބަޔަކަށް ވާން. ދިވެހި ބަސް ދެކެ ލޯބިވާ، ދިވެހި ގައުމުގައި ހުރި އާދަކާދަތާކާއި މާޒީއާ ހުރިހާ ކަމެއް އެނގޭ، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ޖީލެއް އުފައްދަން ބޭނުން. މޮޑަން އަދި ދިވެހި އައިޑެންޓިޓީ، މި ހުރިހާ ކަމެއް އެކުދިންގެ ހިތުގައި ބިންވަޅު ނެގޭ ފަދަ ޖީލެއް އުފައްދަން ބޭނުން.

އެހެންވީމަ އެތަނަށް ލާން ޖެހޭނީ މި ދެންނެވި ގޮތަށް މި ހުރިހާ ވިސްނުމެއްގެ ތެރެއިން ކުރިއަށް ދެވޭ ފަދަ ބޭފުޅެއް. ވަކި ޖަމާއަތެއްގެ މީހެއް ލާނެ ކަމަށް [ނުވަތަ] އަޅުގަނޑު ގެންދަން ބޭނުންވާ ގޮތަށް [އެ ކަންކަން] ނުގެންދެވޭ މީހަކު ލާނެ ކަމަށް [ބުނުން] މިއީ ހަމަ އުފައްދާ ވާހަކަ އިނގޭތޯ.

މުޒައްޔިން: އިގްތިސޯދީ ވާހަކައަށް އެނބުރިލާ އިރު، 2026 އަންނަ އިރު ބޮޑު ދަރަންޏެއް ދައްކަން އެބަ ޖެހޭ. ކޮބާތޯ މުއިއްޒުގެ ސަރުކާރެއްގައި ދަރަނި މެނޭޖު ކުރަން އޮތް ޕްލޭނަކީ؟ ކެންޑިޑޭޓުންގެ މެނިފެސްޓޯ އިން އަޅުގަނޑުމެންނަކަށް ނުފެނޭ އެ ދަރަނި މެނޭޖު ކުރާނެ ގޮތުގެ ފޯމިއުލާއެއް. ކޮބާތޯ މުއިއްޒުގެ ވެރިކަމެއްގައި އެ ދަރަނި މެނޭޖު ކުރުމަށް ކުރާނެ ކަމަކީ؟

މުއިއްޒު: އަޅުގަނޑުމެން އޮންނާނީ ދަންނަވާފައި ދަރަނި ރީފައިނޭންސް ކުރާނެ ވާހަކަ. މާނައަކީ ދައްކަން ހުރި ދަރަނިތައް ބަދަލު ކުރެވޭނެ ގޮތެއް، ދަމާލެވޭނެ ގޮތެއް، ބަހާލެވޭނެ ގޮތްތަކެއް [ހޯދާ]، އެހެން ދިމާލަކުން އިތުރު ފައިސާ ހޯދާފައި ދައްކަން ޖެހޭ ފައިސާ އިން އެއްބައި ދައްކައި، ދެން ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތަކަށް [ޕްލޭން ކުރުން]. ގާތްގަނޑަކަށް ނުވަ ބިލިއަނެއްހާ ރުފިޔާގެ ބޮޑު ދަރަންޏެއް އަޅުގަނޑުމެން ދައްކަން އެބައޮތް 2026އަށް ދާއިރުގައި.

2023ގެ ފަހުކޮޅު ވެރިކަން ހަވާލުވާ ހިސާބުން 2024ގެ ކުރީ ކޮޅާ ހަމައަށް ދާއިރު ހައެއްކަ މަސް ދުވަސް އޮންނާނީ. ކްރިޓިކަލް ވާނެ އެ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ދަރަނި ރީފައިނޭންސް ކުރަން. އެކަމަށްޓަކައި ބައިވަރު މަސައްކަތް އަޅުގަނޑު ކުރާނަން އަދި ކާމިޔާބު ވެސް ކުރާނަން. އެކަން އެގޮތަށް ކުރެވިގެން ދެން އަޅުގަނޑުމެންނަށް ހަމަ ނޭވައެއް ލެވޭނީ. އެކަން ކާމިޔާބު ވާނެ.

މުޒައްޔިން: ނޫސްވެރިކަމުގެ މިނިވަންކަމަށް ޔާމީނުގެ ސަރުކާރުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. މުއިއްޒުގެ ސަރުކާރެއްގައި ކިހިނެއްތޯ ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނީ؟ ބައެއް ކެންޑިޑޭޓުން އެބަހުރި ދައުލަތުގެ ބަޖެޓުން ވެސް މީޑިއާތަކަށް ހަރަދުކުރާ ގޮތަށް ނިންމާފައި. ކިހިނެއްތޯ މުއިއްޒުގެ ވިސްނުން ގެންގުޅެނީ؟

މުއިއްޒު: ނޫސްވެރިންނާއި އަޅުގަނޑާ ވަރަށް ގާތް. މާލޭގެ މޭޔަރަކަށް ހުންނަ އިރު ވެސް މި ގެންދަނީ ނޫސްވެރިންނާ އެކީގައި ހުރިހާ ކަމެއް ކުރަމުން. އަޅުގަނޑު ގަބޫލު ކުރަނީ ވެރިކަމެއް ކުރާއިރުގައި، އެއީ ކޮންމެ ލެވެލްއެއްގެ ވެރިކަމެއް ވިޔަސް އަދި އަމުދުން ގައުމުގެ އެންމެ މަތީ ލެވެލްގައި ވެރިކަން ކުރާއިރު، މީޑިއާ އަކީ އޭގެ 'ޕާޓް އެންޑް ޕާސަލް' ޑިމޮކްރަސީއަށް ބަލާއިރު ވެސް.

އެހެންވީމަ ވަރަށް ބޮޑު އިސްކަމެއް ދޭނަން. ދިވެހިރާއްޖޭގައި މިހާތަނަށް ނުފެންނަ ވަރުގެ މިނިވަންކަމަކާއި ފުރުސަތުތަކެއް ނޫސްވެރިކަމުގެ ދާއިރާއިން ލިބޭނެ. ހަމަ އެކަނި ފުުރުސަތުގެ ގޮތަކަށް ނޫން. ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ވެސް އެ ދާއިރާގައި ތައުލީމާއި ތަޖުރިބާ ހޯދޭނެ ފުރުސަތުތައް ސަރުކާރު އިސް ނަގައިގެން ހޯދައިދޭނަން.

މިސާލަކަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން ކިޔެވުމަށްޓަކައި ސަރުކާރުން އިންސެންޓިވް ދީގެން ކިޔެވުމުގެ ފުރުސަތު ދޭނަން. އެހެންވީމަ ނޫސްވެރިކަން ފުޅާކޮށް، ނޫސްވެރިކަމުގެ ދާއިރާ މިނިވަންކޮށް ގެންގޮސް މިހާރު މި ފެންނަ ވަރަށްވުރެ އެތައް ގުނައެއް ބޮޑު [ކޮށްދޭނަން]. މީޑިއާ [އަދި] ނޫސްވެރިކަން އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި އިންޓަނޭޝަނަލް މިންގަނޑުން ވެސް ބަލައިގަންނަ ފެންވަރަކަށް ކުރިއަށް ގޮސްފައި އޮންނަ ދާއިރާއަކަށް ހަދައިދޭނަން. އެއަކު އެއްވެސް ސުވާލެއް ނެތް. 

މިހާރު [ވަމުން] މިދާ ކަންތައްތައް ހަމަ އެއްކޮށް ބަދަލުވާނެ. އިރާދަކުރެއްވިއްޔާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ ބޭފުޅަކު ވެސް އެދުވަހަކުން ވިދާޅުވާނެ ވަރަށް ހިތްހަމަ ޖެހެއޭ ތިމަންނަމެން މިހާރު.

މުޒައްޔިން: އިންތިހާބަށް މިއޮތީ ގާތްގަނޑަކަށް ދެ ހަފްތާއެއްހާ މުއްދަތު. ކޮބާތޯ ރައްޔިތުންނަށް ފަހު ބަހަކަށް ދޭން ބޭނުންވާ މެސެޖަކީ؟

މުއިއްޒު: ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ވާހަކަ އަކީ އަޅުގަނޑުގެ ކިބައިން ފެންނާނީ އަޅުގަނޑު ދައްކާ ވާހަކަ އާއި އަމަލާ ދިމާވާ ތަނޭ. ރައްޔިތުން ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރެދޭނަމޭ. އަޅުގަނޑުގެ ފަރާތުން ފެންނާނީ ތެދުވެރިކަމޭ، އިހުލާސްތެރިކަމޭ. އަދުލުވެރިކަމާ އެކީގައި ރައްޔިތުން ބޭނުންވާ ފަދަ ގޮތަކަށް ރައްޔިތުންނަށް ޓަކައި ކުރާ ވެރިކަމެކޭ ކޮށްދޭނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް