ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ތާއީދުކުރާކަން ހާމަކުރުމަށް މިރޭ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްގެންދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީން އަންގަވައިފި ނަމަ އިސްތިއުފާ ދިނުމާ މެދު މުއިއްޒުގެ ޖަވާބެއް ނެތް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަން ލިބިވަޑައިގަންނަވާ ހާލަތެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިފި ނަމަ، ރައީސްކަމުން އިސްތިފާދެއްވުމާ ގުޅޭގޮތުން މުއިއްޒާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާ މިރޭ ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވި އެވެ.
ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އައިސްފައިވާ ޖަލު ހުކުމާ ގުޅިގެން ޔާމީން އިންތިހާބުގައި ވާދަކުރައްވަން ހުރަސްއެޅުމުން އެމަނިކުފާނުގެ ބަދަލުގަ އެވެ.
އަދި އިންތިހާބަށް ކުރިމަތިލެއްވުމަށް އިއްޔެ ފޯމު ހުށަހެޅުއްވުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު މިރޭ ވާހަކަ ދައްކަވަން ފެއްޓެވީ "އަޅުގަނޑު މިތާނގައި މި ހުއްޓަސް މި މަގާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީންގެ މަގާމު" ކަމަށް ވިދާޅުވެ އެވެ.
އެނގުން މުހިއްމު - ޕީޕީއެމް-ޕީއެންސީގެ އިސް ގިނަ ބޭފުޅުން މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަނުކުރައްވައި ތިއްބެވުމަށް ފަހު، މިރޭ ވަނީ ޕީޕިއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒާ އެކު ބައިވެރިވެވަޑައިގެން، ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ.
-
އިތުރަށް ކިޔާލަން - ޕީޕީއެމްގެ އިސް ބޭފުޅުން އެންމެ ފަހުން މުއިއްޒަށް ތާއީދު
ތަފްސީލު - ޔާމީން އިންތިހާބު ބޮއިކޮޓްކުރަން އަންގަވާފައި ވަނިކޮށް ދެ ޕާޓީގެ ސެނެޓުން އެއާ އިދިކޮޅަށް ނިންމި ނިންމުމަކާ އެކު އިންތިހާބަށް ކުރިމަތިލެއްވި މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގަތުމަށް ފަހު ފުރަތަމަ ކުރައްވާނެ ކަމަކީ "ގާނޫނީ ހަމަތަކުގެ މަތިން" ޔާމީން މިނިވަން ކުރުން ކަމަށެވެ.
އެ ހަމައަކީ ކޮބާތޯ އަދި މާފުދޭނީތޯ 'ދައުރު' އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، "ގާނޫނީ ހަމަ، ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި" ވާ ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މުއިއްޒު އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވި އެވެ.
އޭގެ އިތުރުން، ވެރިކަން ލިބިވަޑައިގެންފި ނަމަ، ޔާމީނަށް ވެރިކަން ދިނުމަށްޓަކައި ރައީސްކަމުން އިސްތިއުފާ ދެއްވަފާނަންތޯ އެހުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރާނީ، ރައީސް ޔާމީންގެ މަޝްވަރާއާ އެކު،" މުއިއްޒު ވިދާޅުވި އެވެ.
ޔާމީން އެދިވަޑައިގެންފި ނަމަ އިސްތިއުފާ ދެއްވަފާނަންތޯ އެހުމުން އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރާނީ ޔާމީންގެ މަޝްވަރާ ލިބިގެން ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފި ނަމަ، ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނަންތޯ އެހެން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ "އެފަދަ މަޝްވަރާއެއް ނެތް" ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ:
-
އަބަދުވެސް ހުންނަވަނީ ޔާމީންގެ ވަފާތެރިއެއްގެ ގޮތުގައި ތެދުވެރިކަމާ އެކު ކަމަށް
-
ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށާއި އޮތީ ވަރަށް ބަދަހި ސަފެއްގައި އެކުވެރިކަން މަތީގައި ކަމަށް
-
ވެރިކަން ލިބިއްޖެ ނަމަ ގެންގުޅޭނީ ހުރިހާ ގައުމަކާ ގުޅުން ބާއްވާ ހާރިޖީ ސިޔާސަތެއް ކަމަށް؛ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލަ ހައްލު ކުރާނެ ކަމަށް
-
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޔާމީން ގެއަށް ބަދަލުކޮށްދޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އާދޭސް ދަންނަވާފައިވާނެ ކަމަށް
ފަސްމަންޒަރު - މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާ އެކު، ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު މުޅިން ބަންދުވުމުން އެމަނިކުފާނު ޕާޓީއަށް އެންގެވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
-
ޔާމީން އެގޮތަށް އެންގެވި ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ސެނެޓުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމީ އިންތިހާބު ބޮއިކޮޓް ނުކުުރުމަށް؛ ސެނެޓްގެ އެ ނިންމުން ވެސް ޔާމީން ގަބޫލެއް ނުކުރެއްވި
-
ޔާމީން ސެނެޓްގެ ނިންމުން ގަބޫލުނުކުރެއްވި ނަމަވެސް، އިންތިހާބަށް ކުރިމަތިލާން އޮތް އެންމެ ފަހު ވަގުތު، އިއްޔެ ހެނދުނު މުއިއްޒު ވަނީ އޭނާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައި؛ ޔާމީންގެ ތާއީދު މުއިއްޒުއަށް ލިބިވަޑައިގަތީ ފޯމު ހުށަހެޅުއްވުމަށް އިންތިހާބީ މަރުކަޒުގައި ހުންނަވަނިކޮށް