މުއިއްޒު ފޯމު ހުށަހަޅުއްވަން އިންތިހާބީ މަރުކަޒުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ޔާމީން އެންމެ ފަހުން ގޮތް ދޫކޮށް، މުއިއްޒަށް ތާއީދުކޮށްފި
ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް، އެ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ފަހަރަށް އެންގެވުމަށް ފަހު، އެންމެ ފަހުން ގޮތް ދޫކުރައްވައި، ޕީއެންސީގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން އެކަން އެންގެވީ، މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަން، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބީ މަރުކަޒަށް ވަޑައިގެން އިންނަވަނިކޮށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުރެއްވި ފޯނު ކޯލެއްގަ އެވެ.
ތަފްސީލް - އެ ފޯނު ކޯލަށް ފަހު، އަބްދުއްރަހީމް ވަނީ މުއިއްޒުގެ އިތުރުން، އެ ތަނުގައި އިންނެވި، ޔާމީންގެ އިންތިހާބީ އެޖެންޓުކުރަން ކުރެއްވި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އަރިހުގައި ވެސް "ރައީސް އޯކޭވެއްޖެ" ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "ޕްރޮގެސިވް ކޮންގްރެސް ކޯލިޝަންއަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް" އެ ކޯލިޝަނުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ދެކެވަޑައިގެން ޔާމީންގެ ވިސްނުންފުޅު ބަދަލުކުރައްވާފައިވާ ކަމަށެވެ.
"... ސެނެޓްގެ ވިސްނުމާ އެއްގޮތަށް ރައީސް ޔާމީން އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވައި ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވައިފި ވާހަކަ މައުލޫމާތަށްޓަކާ ދެންނެވިން،" ތޮލާލް ވިދާޅުވި އެވެ.
އެނގުން މުހިންމު - މުއިއްޒުގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހެޅިއިރު، ކުރީގެ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މުއިއްޒަކީ ތިން ވަނަ ޗޮއިސް ކަމަށް ޕީޕީއެމް އިން އެންމެ ފުރަތަމަ ބުންޏެވެ. އެގޮތުން:
-
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން އޮތް ދުވަހަށް ފަހު، ޕީޕީއެމްގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވި
-
ޔާމީން މުއިއްޒުއަށް ތާއީދުކުރެއްވި ނަމަވެސް، ޔާމީނަށް ވާދަނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން އިއްޔެ ޔަގީން ވުމުން، ޔާމީން އެންގެވީ ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓް ކުރުމަށް
-
ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ޔާމީންގެ އެ އެންގުމާ ދެކޮޅަށް އިންތިހާބުގައި ވާދަކުރަން ނިންމުމުން ޔާމީން ވަނީ އެކަމާ ވެސް ދެކޮޅު ހައްދަވާފައި
އެކަމާ ވިދިގެން އެ މައްސަލަ ހޫނުވެ ޔާމީންގެ ސަޕޯޓަރުންނާއި މުއިއްޒަށް ތާއީދު ކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ޒުވާބުތައް ހިނގައި އިއްޔެ މައްސަލަ ވަރަށް ގޯސްވި އެވެ.
އެކަމަށް ހައްލެއް ހޯދުމަށް ރޭ ވެސް ލީޑަޝިޕްގައި މަޝްވަރާތަކެއް ކުރި ނަމަވެސް، އެ ކަމަށް ހައްލެއް ނުލިބި ނިންމީ ބޮއިކޮޓް ކުރުމުގެ ވިސްނުން ބަދަލުކުރުމަށް އިތުރަށް ޔާމީންއާ މަޝްވަރާކުރުމަށެވެ.
ކޮމެންޓް (1)
ލިމަނީމަން