ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ތާއީދުކުރާކަން ހާމަކުރުމަށް މިރޭ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްގެންދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި ރައީސަށް އާދޭސްކޮށްފިން: މުއިއްޒު
ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި އާދޭސް ދަންނަވާފައިވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ދެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ ރައީސް ސޯލިހަށް ގުޅުއްވައި އެގޮތަށް އެދިވަޑައިގެންނެވީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން އެމަނިކުފާނާ ދެކޮޅަށް ނިންމި ދުވަހު ކަމަށެވެ. އެއީ މިދިޔަ އާދީއްތަ ދުވަހެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، އޭނާ ރައީސަށް ދެންނެވީ، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތަށް ހަދަން ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވީ ނޫންތޯ އާއި ދެން އެމަނިކުފާނު ގެއަށް ބަދަލުކުރަންވީ ނޫންތޯ އެވެ. އަދި އެކަން ކޮށްދެއްވަން އާދޭސް ދެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"... [ޔާމީންގެ] ކެންޑިޑެސީ ބާތިލްކޮށް އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށް ހުކުމް ކުރި ދުވަހު އަޅުގަނޑު [ރައީސް ސޯލިހަށް] ގުޅާފައި ދެންނެވިން، ރައީސްއޭ، މިހާރު ތިބޭފުޅުން ބޭނުންފުޅުވެލެއްވީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ގޮތް ހަދަން ނޫން ހެއްޔޭ. މިހާރު އެމަނިކުފާނަކަށް ކުރިމަތި ނުލެވޭނެކަން އެބަ ޔަގީންވޭ ނޫން ހެއްޔޭ. ދެން އެމަނިކުފާނު ގެއަށް ގެނެސްދެއްވުމަށް އަޅުގަނޑު އާދޭސް ދަންނަވަމޭ،" ތަކުރާރުކޮށް އެކަމަށް އެދިވަޑައިގެންނެވި ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.
ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި އާދޭސް ދަންނަވާފައިވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެއަކު ވިދާޅުވެއްޖެ.… pic.twitter.com/kJjxJQERAV
— Dhauru (@Dhaurunews) August 8, 2023
މުއިއްޒު ވިދާޅުވީ، އޭގެ ޖަވާބުގައި ރައީސް ސޯލިހު އެކަމާ ވިސްނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަދި މިރޭ ގޮވާލަނީ ވެސް އަޅުގަނޑު އެ ދުވަހު، މީގެ ދެ ދުވަސް ކުރިން ދެންނެވި ދެންނެވުމަށް، އިޖާބަދީ، ރައީސް ޔާމީން މިހިނދުން މިހިނދަށް ވެސް ގެއަށް ދޫކޮށްލުމަށް،" މުއިއްޒު އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ދެން އެމަނިކުފާނު ގެއަށް ނުފޮނުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ ސަރުކާރަށް ގާނޫނީ ހަމަތަކުގެ މަތިން ކުރެވެން އޮތް ކަމެއް ކަން ފާހަގަކުރައްވާ، އެކަން ކޮށްދެއްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަން، ދިވެހި އެއް ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ މި އާދޭސް ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްސަވާ، އިންސާނިއްޔަތުކަން، ކުލުނުވެރިކަން އިސްކުރައްވާ، ރައީސް ޔާމީން މިހިނދުން މިހިނދަށް ވެސް ގެއަށް ބަދަލުކޮށްދެއްވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.