ޕީޕީއެމް-ޕީއެންސީގެ މިރޭގެ ނިއުސް ކޮންފަރެންސްގައި މުއިއްޒު ލީޑަޝިޕްގެ ބޭފުޅުންނާ އެކު (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޕީޕީއެމްގެ އިސް ބޭފުޅުން އެންމެ ފަހުން ގޮތްދޫކޮށް މުއިއްޒަށް ތާއީދުކުރައްވައިފި
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓަކުން ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައި އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް އޭނާއަށް ތާއީދުނުކުރައްވައި، އެކަމާ ނުރުހޭ މޭރުމަކުން ވާހަކަދައްކަވާފައިވާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން އެންމެ ފަހުން ގޮތްދޫކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން އިންތިހާބު ބޮއިކޮޓްކުރަން އެމަނިކުފާނު އެންގެވުމުން އެކަމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީގެ ގުޅިފައިވާ ސެނެޓުން ނިންމި ނިންމުމަށް، ޔާމީނާ އަރިސް ބައެއް ބޭފުޅުން ރޭ ވަނީ ޖަލްސާއެއްގައި ފާޑުވިދާޅުވެފަ އެވެ. ނަމަވެސް އެ ބޭފުޅުން މިހާރު ގެންދަވަނީ ޕީޕީއެމްގެ އޮފީހުގައި މުއިއްޒުއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
ތަފްސީލް - ގޮތްދޫކުރައްވައި މުއިއްޒަށް ތާއީދު އޮތްކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި:
-
1-
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
-
2-
ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
-
3-
ޕީއެންސީގެ ނައިބު ރައީސް އަދި ޕީއެންސީގެ ޓިކެޓަށް މުއިއްޒުއާ ވާދަކުރެއްވި، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް
-
4-
ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު
-
5-
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު
މިކަމުގައި އަޅުގަނޑުމެންގެ ސަފު މި އޮތީ ބަދަހިކޮށް. އަޅުގަނޑުމެންގެ ލީޑަޝިޕްގެ ހުރިހާ އެންމެން މި ތިބީ އެކުގައި. ރައީސް އަބްދުއްރަހީމާއި ދެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ އެންމެން އެކުގައި މި ތިބީ. އަޅުގަނޑުމެންގެ ތެރޭގައި މިކަމުގައި ނެތް، ހިޔާލު ތަފާތުވުމެއް.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުއިއްޒު އާއި އޭނާގެ ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަކީ ޔާމީން އެންޑޯޒްކުރައްވާފައިވާ ދެ ބޭފުޅުން ކަމަށާއި އެހެންކަމުން "އެ ދެ ކެންޑިޑޭޓުންނާ އެކީގައި އަޅުގަނޑުމެން މި ނުކުންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން" ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލީޑަޝިޕް މި އޮތީ މިހާރު، ހަމަ މާދަމާއިން ފެށިގެން، މިރޭ މިވަގުތުން ފެށިގެން، މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް، ކޮންމެ ވަގުތަކު، ކުރަން ތައްޔާރަށް،" ސަޕޯޓަރުންގެ މަސައްކަތް މިހާރަށް ވުރެ ވެސް ފޯރިއާ އެކު ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ރައީސް ޔާމީން މިނިވަންކޮށް، އަލުން އަނބުރާ އަޅުގަނޑުމެންގެ ސަފަށް ގެނައުން" ކަމަށެވެ.
މިހާތަނާ ޖެހެންދެން މުއިއްޒުއަށް ތާއީދުނުކުރައްވައި ވާހަކަ ދައްކަވާފައިވާ ގޮތާ މެދު ނޫސްވެރިން ސުވާލުކުރުމުން ބައެއް ބޭފުޅުން ވަކިވަކިން މައިކަށް ވަޑައިގެން މުއިއްޒަށް ތާއީދު އޮތްކަން ހާމަކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވީ ރޭ ވާހަކަދެއްކެވީ ޔާމީން މިނިވަންކުރުމާ ބެހޭގޮތުން ބޭއްވި އެއްވުމެއްގައި ކަމަށާއި އެއީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުން ނުވަތަ ނުކުރުމާ ގުޅޭ ހަރަކާތެއް ނޫން ކަމަށެވެ.
ހިޔާލުތަފާތުވުމެއް ނެތް: މުއިއްޒު
އަބްދުއްރަހީމްގެ ވާހަކައަށް ފަހު ވާހަކަދެއްކެވީ މުއިއްޒެވެ. އޭނާގެ ވާހަކަ ފެއްޓެވީ "އަޅުގަނޑު މިތާނގައި ހުއްޓަސް، މި މަގާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީންގެ މަގާމު" ކަމަށް ވިދާޅުވަމުންނެވެ.
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓަކުން ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައި އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް އޭނާއަށް ތާއީދުނުކުރައްވައި، އެކަމާ ނުރުހޭ މޭރުމަކުން ވާހަކަދައްކަވާފައިވާ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން އެންމެ ފަހުން ގޮތްދޫކުރައްވައިފި.
— Dhauru (@Dhaurunews) August 8, 2023
އިތުރަށް… pic.twitter.com/V8ZxbgkVSB
ޔާމީނަށް އެ މަގާމުގައި ހުންނެވެން ނެތީ، އިދިކޮޅުން ކުރި ބުރަ މަސައްކަތްތަކާ އެކު ވެސް، މިސަރުކާރުން އެ ހައްގު ނިގުޅައިގެންފައިވާތީ ކަމަށާއި ރިޔާސީ ރޭހަށް ނުކުންނެވީ ޔާމީންގެ އެންގެވުމުގެ މަތިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ހާލަތު ދިމާވުމާ އެކީގައި، ދެން އެމަނިކުފާނު ނިންމެވީ، މި ދެ ޕާޓީ މަގުމަތިވިޔަ ނުދީ، އެމަނިކުފާނު ފައްޓަވާފައިވާ ގައުމީ މަސައްކަތް ކުރިއަށް ގެންގޮސް، މި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، މި ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގު ދެއްކެވުމަށް. އެގޮތުން، އެމަނިކުފާނު މި ވަނީ އަޅުގަނޑުމެންނަށް ގޮތެއް ދައްކަވާފައި،" އޭނާގެ ކެންޑިޑެސީއަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވާ، އަޅުގަނޑަށް މި ދެއްވި ފުރުސަތަކީ އަޅުގަނޑު އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމެއް."
ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރުން ކަމަށް މުއިއްޒު ވެސް ވައުދުވެވަޑައިގަތެވެ. އެ އަޒުމުގައި ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން ނުކުމެ ތިއްބެވީ އެއް އަޒުމެއްގައި، ބަދަހިކޮށް ކަމަށް ވިދާޅުވެ، ލީޑަޝިޕްގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.
"މިކަމުގައި އަޅުގަނޑުމެންގެ ސަފު މި އޮތީ ބަދަހިކޮށް. އަޅުގަނޑުމެންގެ ލީޑަޝިޕްގެ ހުރިހާ އެންމެން މި ތިބީ އެކުގައި. ރައީސް އަބްދުއްރަހީމާއި ދެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ އެންމެން އެކުގައި މި ތިބީ. އަޅުގަނޑުމެންގެ ތެރޭގައި މިކަމުގައި ނެތް، ހިޔާލުތަފާތުވުމެއް،" މުއިއްޒު ވިދާޅުވި އެވެ.
"މީގެން މި ފެންނަނީ، އަޅުގަނޑުމެން މި ތިބީ އިހުލާސްތެރި ކަމާ އެކީގައި އެއް ޓީމެއްގައި، އެއް ރޫހެއްގައި ނުކުމެ، މި މަސައްކަތް ކުރުމަށްކަން."
އެނގުން މުހިއްމު - ރޭ ޕީޕީއެމް-ޕީއެންސީގެ އޮފީސް ކުރިމަތީ ބޭއްވި ޖަލްސާގައި ލީޑަޝިޕްގެ ބޭފުޅުން ވާހަކަ ދެއްކެވީ، މުއިއްޒުގެ ނަން ނުގެންނަވައި ހަމައެކަނި ޔާމީންއާ ގުޅޭ ގޮތުންނެވެ. އަދި ޔާމީންގެ އެންގެވުމާ ދެކޮޅަށް އިންތިހާބުގައި ވާދަކުރުމަށް ސެނެޓުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ވެސް ބައެއް ބޭފުޅުން ވާހަކަދެއްކެވި އެވެ.
ތޯރިގް އާއި ޝުޖާއުގެ ވާހަަކަގައި، ސެނެޓުން ޔާމީންގެ އެންގެވުމާ ހިލާފަށް ވޯޓު ނަގައި އިންތިހާބުގައި ބައިވެރިވާން ފާސްކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި، އެއީ ވަރަށް ހިތާމަވެރިކޮށް ހިނގާފައިވާ ކަމެކެވެ.
"ރައީސް ޔާމީންގެ އިރުޝާދާ އެކު މެނުވީ، އެއްވެސް ކަމެއް ނުކުރާނެކަން ޔަގީން ކުރައްވާ. އެހެން ނަމަވެސް، ހިތާމައަކީ ރައީސް ޔާމީން ދެއްވާ ބައެއް އިމްތިހާންތަކުން އަޅުގަނޑުމެން ފެއިލްވަމުންދާ ކަމީ، މިއަދު ވަރަށް ހިތާމައާ އެކު ދަންނަވަން ޖެހޭ ކަމެއް،" ސެނެޓްގައި ނެގި ވޯޓަށް އިޝާރާތްކުރައްވައި ޝުޖާއު ރޭ ވިދާޅުވި އެވެ.
އަބްދުއްރަހީމް މިރޭ ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކޮންމެ ނިންމުމަކީ ޔާމީންގެ ލަފާފުޅާ އެއްގޮތަށް ނިންމާ ނިންމުމެއް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ ކެމްޕޭންގެ ކަންކަން ވެސް ކުރިއަށްދާނީ ޔާމީން އަންގަވާ ގޮތުގެ މަތިން ކަމަށެވެ. އަދި އޭނާގެ ދުއާއަކީ އިންތިހާބު ބޭއްވުމުގެ ކުރިން ޔާމީން މިނިވަންވެ ވަޑައިގެން ކެމްޕޭނުގައި ބައިވެރިވެވޭނެ ގޮތް މެދުވެރިވުން ކަމަށް ވެސް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: