ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު - 11 ވަނަ ބައި

23 އޭޕްރީލު 2024

އެޕިސޯޑް 11

އުނދޯލީގައި އިން އަރޫޝާއަށް ތެދުވެވުނީ މައިޝާގެ އަތުގައި ހުރި ފޮށި ފެނުމުންނެވެ.

"ތިއީ ކޮންކަމެއް؟" އަތުގައި އޮތް ފޯއްވަޅި ބިންމައްޗަށް ވެއްޓުނެވެ.

މައިޝާ އެއްވެސް އެއްޗެއް ނުބުނެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އަރޫޝާ ވަގުތުން މައިޝާގެ އަތުގައި ހިފި އެވެ.

"ކޮން ކަމެއްހޭ ތިއީ؟" އަރޫޝާ ތަކުރާރު ކޮށްލި އެވެ. މައިޝާގެ ލޮލުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ސިކުނޑީގައި ވަނީ ވިސްނަން މަޖުބޫރު އެހެނަސް ހައްލެއް ނެތް ބޮލުގެރިހުމެކެވެ.

"ވާހަކަ ދައްކަބަލަ. ކީއްކުރަން ހޭ ފޮށި ހިފައިގެން މި ގެއަށް ތި އައީ؟" އަރޫޝާ ގާތަށް ރުޅިއަ އެވެ.

"ކީއްތަ ވީ އަހަރެން މި ގެއަށް ވަނިއްޔާ؟ ކޮބާތަ މައްސަލައަކީ؟" ދުވަހަކުވެސް އެ މޭރުމުން މަންމައާ ވާހަކަ ނުދައްކާ މައިޝާއަށް ކެތްކުރަން އުނދަގޫވި އެވެ. ހިތުގައި ފޮރުވާފައިވާ ވޭނީ ހާލަތު މަންމައަށް އަޑު އިއްވަން ބޭނުންވި އެވެ. ނަމަވެސް ވަގުތަކީ ރަނގަޅު ތަންވަޅު ނޫންކަން އިހުސާސް ކުރެވުނެވެ.

އަޑު ގަދަވުމުން ނައީމާ އާއި ވާފިރުގެ އިތުރުން ހާމިދު ވެސް ނުކުތެވެ. އެތަނުން އެކަކުގެ މޫނު މައްޗަށް ހިނިތުންވުން ވެރިވީ އަރޫޝާ ފެނުމުންނެވެ. ނައީމާ ވައްކަޅިން އެ ވަގުތު ބަލާލި އެވެ.

"ދެން ބުނެބަލަ. ކައިވެންޏަށް އަދި އަހަރެއް ވެސް ވީކީ ނޫން. މަށަށް ޔަގީން ކޮންމެވެސް މައްސަލައެއް ޖެހިގެންކަން ތި އައީ،" އަރޫޝާ ޗޮކެއްކަނޑާލާފައި ބުންޏެވެ. "ތި ވާނީ ވެސް މައިޝާގެ މައްސަލައަކަށް."

މައިޝާ އިތުރަށް ފޫހިވި އެވެ. އެތަނުގައި ހުންނަން ވެސް ބޭނުންނުވި އެވެ. މަންމައަށް މައިޝާގެ ހާލަތު ވިސްނޭނީ ކޮން ދުވަހަކުން ބާވައޭ ހިތަށް އެރި އެވެ. އެ ހިތުގައި އަޅާ ވޭނާއި ތަކުލީފްތައް މަންމައަށް އިހުސާސް ކުރެވޭނެ ނަމައޭ ހިތް ބުނަމުން ދިޔަ އެވެ. އަރޫޝާގެ އަތް ފޮޅުވާލާފައި މައިޝާ އެތެރެއަށް ވަދެގެން ދިޔަ އެވެ.

ބޮލުގައި އަތް އަޅައިގެން އަރޫޝާ ހުއްޓެވެ. "މިޖެހުނީ ކިހާ ވަރުގަދަ ކަމެއް އަޅެ. މީނަގެ ކިބައިން ސަލާމަތެއް ނެތޭ،" އަރޫޝާ ގަބޫލު ކުރާ ގޮތުގައި މައިޝާއަކީ އަމިއްލަ ދަރިއެއް ވެސް ނޫނެވެ. ހިތުގައި އޮންނަ ނަފުރަތު ބޭރަށް ދެއްކޭ ނަމަ އަރޫޝާ އެކަން ވެސް ކުރީހެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ އަރޫޝާ ހުއްޓެވެ. ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން ދާ ކަހަލަ ގޮތަކަށް ދޮރާއްޓާ ދިމާލަށް ދުއްވައިގަތެވެ.

"އައްސަލާމް އަލައިކުމް." އަރޫޝާ ވަނީ ޖޫދާމެން ގެއަށެވެ. ސަލާމް ބަލައިގަތީ ޖޫދާ އެވެ.

"ކޮބާ މައިޝާ؟" އިށީންނަން ގޮނޑި ދައްކަމުން ޖޫދާ ސުވާލު ކުރި އެވެ.

"އަސްލު ކިހިނެއްތަ ވީ؟" ޖަވާބު ދިނުމުގެ ބަދަލުގައި އަރޫޝާ ވެސް ކުރީ ސުވާލެކެވެ.

"ކީކޭތަ އަހަރެން ބުނާނީ؟ އަހަރެންނަކަށް ވެސް ނޭނގެ ވީ ގޮތެއް. ދެ މީހުން ގާތުގައި ވެސް އަހައިފިން ވީ ކިހިނެއްތޯ. ކޮބާތޯ މައްސަލައަކީ. އެކަމަކު އެކަކު ވެސް ޖަވާބެއް ނުދިން. ފާއިޒް ވެސް ގޭގައި ނޫޅެނީސް މައިޝާ ނުކުމެގެން އެ ދިޔައީ. ވީ ކީއް ކަމެއް ވެސް ނޭނގެ،" ޖޫދާ ދެ ފަރާތަށް ބޯ ހޫރާލި އެވެ.

"ތި ވާނީ މައިޝާގެ ކޮންމެވެސް މައްސަލައަކަށް،" އަރޫޝާގެ ދުފުންގަނޑު ހިމުން ކުރަމުން ވިސްނާލި އެވެ.

"ހަގީގަތް ނޭނގި އަހަރެން ނުބުނާނަން ވަކި އެއްޗެއް. ކާކު ކަމެއް ނޭނގެ މި ކަމުގައި މައްސަލައަކީ. އެކަމަކު އަހަރެންގެ ވާހަކައަކީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ދިމާވެގެން ނުވާނެއޭ،" ޖޫދާގެ ކަންބޮޑުވުން ފާޅު ކުރި އެވެ.

އެ ވަގުތު ފާއިޒް އައިސް ގެއަށް ވަނެވެ. އަރޫޝާ ފެނުމުން ހިނިތުންވެލި އެވެ. އެ ހިނިތުންވުމުގައި ފޮރުވާފައިވާ ހިތްހަމަނުޖެހުން އަރޫޝާއަށް ފާހަގަ ކުރެވުނެވެ.

"ދަރިފުޅާ އާދެބަލަ މިތާ އިށީންނަން،" ޖޫދާ އެހެން ބުނުމުން ކިޔަމަންތެރިކަމާ އެކުގައި ފާއިޒް އައިސް އިށީނެވެ.

"ދަރިފުޅާ. މައިޝާ މި ގެއިން ނުކުމެގެން ގެއަށް ހިނގައްޖެ. މިހާ ހިސާބަށް ކަންތައް ދިޔައިމަ ވެގެން އުޅޭ ގޮތެއް މަންމަމެން ގާތުގައި ބުނެލަން ވާނެއެއްނު،" ޖޫދާ އެހެން ބުނުމުން ފާއިޒް ހައިރާނެއް ނުވެ އެވެ. އެއީ ނައިސް ނުދާނެ ދުވަހެއްކަން ފާއިޒަށް އޮތީ މާ ކުރިން އެނގިފައި ކަހަލަ އެވެ.

"ވެގެން އުޅޭ ގޮތް މަންމަ އެއް ފަހަރު ވެސް އަހާލިންތަ މައިޝާ ގާތުގައި؟" ވަރަށް ހިތްވަރު ކޮށްފައި ފާއިޒް އެހި އެވެ. އަރޫޝާ އެއްޗެކޭ ނުބުންޏެވެ.

"ދަރިފުޅު ބުނެބަލަ،" ޖޫދާ ބާރު އެޅި އެވެ. "ހިނގާބަލަ އަރޫޝާ ވެސް ބައިންދައިގެން މި ކަންތައް ހައްލު ކުރެވޭތޯ ބަލަމާ."

ފާއިޒް ޗޮކެއްކަނޑައިލި އެވެ. އަދި ތެދުވެގެން ހިނގައިގަތެވެ. ހަގީގަތުގައި ފާއިޒް މި ކައިވެނި މަތިން ފޫހި ވެއްޖެ އެވެ. ކުރިފަޅަމުން އާރޯވަމުން ދިޔަ ލޯބީގެ ނިރު މިލާމޯޅި ވާކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ. އެ ގަހުގައި އަޅާނޭ މަލާއި މޭވާގެ ފޮނި މީރުކަން ފާއިޒަކަށް ނުލިބުނެވެ. އިންތިޒާރު ކުރަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރި މުސްތަގުބަލަށެވެ. އަލަތު އަނބިމީހާ އުފާކޮށްދިނުމަކީ ހިތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި އުންމީދު ކުރަމުންނެވެ. ހަނދު ގެނެސްދޭށޭ ބުނި ނަމަ ފާއިޒް އެކަން ވެސް ކުރަން މަސައްކަތް ކުރާނެ އެވެ. އުޑުގައިވާހާ ތަރިތައް އުނގަށް އަޅައިދޭށޭ ބުނި ނަމަ އެކަން ވެސް ކުރެވޭތޯ ބަލާނެ އެވެ. ވަށައިގެންވާ މާހައުލަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރާލެވިފައިވާ މާތަކުގެ ބަގީޗާއަކަށް ހަދައިދިނީހެވެ. މައިޝާ ދެކެ ފާއިޒް ވީ ތެދުވެރި، ވަފާތެރި ލޯތްބެކެވެ. އެ ލޯބީގައި ކުޑަ ނަމަވެސް ކިނލަބުކަމެއް ފެންނާކަށް ނުހުންނާނެ އެވެ. އެއީ އެއަށް ވުރެ މާ ސާފު، މާތް ލޯތްބެކެވެ. ނަމަވެސް މިއަދު މައިޝާއަށް އޭގެ އަގު ވަޒަނެއް ނުކުރެވުނެވެ. މައިޝާއަށް އެ ލޯބި ހައްގެއް ނޫނެވެ.

ދެ ދުވަސް ފަހެވެ. މައިޝާ އުޅެނީ ވަރަށް ފާޑަކަށެވެ. މީހަކާ ވާހަކައެއް ނުދައްކަ އެވެ. އަރޫޝާ ސުވާލު ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. އެންމެ ފަހުން އެކި ގޮތްގޮތަށް ރުޅިއައިސްގެން ވެސް އިންޒާރުގެ ބަސްތައް ބުނަން ފެށި އެވެ. މައިޝާ ކަހާތަން ހިރުވާ ވެސް ނުލި އެވެ.

މައިޝާ އޮތީ ޖޯލީގައި ވާހަކަ ފޮތެއް ކިޔާށެވެ. ހަށިގަނޑުގައި ވަނީ ވަރުބަލިކަމާއި ލޮޑުކަމެވެ. ތެދުވާ ހިތް ނުވެފައި އޮތީ ކަންނެތްކަމުގެ އިހުސާސް ކުރަމުންނެވެ. ކިޔަން އޮތް ވާހަކައާ މައިޝާގެ ހަޔާތާ ގުޅުންތަކެއް ހުއްޓެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލާނެހާ ހިތްވަރު ވެސް މައިޝާގެ ނެތެވެ. އެފަދަ ކޮންމެ ވަގުތެއްގައި ބައްޕަމަތިން ހަނދާންވެ އެވެ. ހިމާޔަތުގެ އެ ދެ އަތް ނެތުމަކީ ދަރިއަކަށް ހާދަ ގިނަ ކަންކަމެއް އުނިވާ ކަމެއް ކަމުގައި މައިޝާގެ ހިތަށް އެރި އެވެ. އެ ވަގުތު ސަލާމް ގޮވާލާފައި މީހަކު ވަނެވެ.

"ކޮބާތޯ މައިޝާއަކީ؟" އެ މީހަކު ސުވާލު ކުރި އެވެ. މައިޝާ ޖޯލިން ތެދުވަމުން އެއީ އޭނަ ކަމުގައި ބުންޏެވެ.

"އަހަރެން މި އައީ ފާއިޒް ބުނެގެން،" އެމީހާ ކުރިއަށް ޖެހިލި އެވެ. "ފާއިޒް ބުނި ވާހަކައެއް ބުނެލަން ވެގެން."

މައިޝާގެ ހިތްތެޅިގަތެވެ. ފާއިޒް ދެކެ މައިޝާއަށް ފުން ލޯތްބެއް ނުވެވުނަސް ފާއިޒް ކަމުދެ އެވެ. ފިރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފާއިޒްގެ ކިބައިގައި ހުރެ އެވެ. އެފަދަ ބައިވެރިއެއް ލިބޭނީ މަދު މީހަކަށެވެ. އަޑު އިވެން އުޅެނީ ކޮން ކަހަލަ ހަބަރެއްކަމެއް މައިޝާއަކަށް ނޭނގުނެވެ. ނޭވާ ހިފަހައްޓާލައިގެން މައިޝާ ހުއްޓެވެ.

- ނުނިމޭ -

އިތުރު އާޓިކަލް

އިތުރު އާޓިކަލް