ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

5 ޖޫން 2023

އެޕިސޯޑް 8

"އޭނަ މީހަކާ ދެވަންވީ ކަންނޭނގެ،" ނައީމާ ވިސްނަން އިންދާ އަރޫޝާ ބުންޏެވެ. "އޭރުން ދެން އޭނަ އެކަނި ވެގެން އުޅޭކަށް ނުޖެހޭނެ. ކޮޓަރީގައި އެކަނި ނިދަން ބިރުން އުޅޭކަށް ވެސް ނުޖެހޭނެ."

ނައީމާ ހިތަށް އެރިއެވެ. ކަމަކަށް ހައްލު ގެންނަން ކަމެއް ކުރަން އުޅެންވާނީ އެކަމެއްގެ އަސްލު ސަބަބު ހޯދާފާއެވެ. މައިޝާއަށް ވެގެން އުޅެނީ ކީއްކަން ވެސް އަރޫޝާއަށް އެނގޭ ހެއްޔެވެ؟ ނައީމާއަށް ވެސް ވަނީ ޝައްކެކެވެ. ޔަގީންކަމާ އެކުގައި ބުނަން އެނގޭނީ މަންޒަރު ލޮލަށް ފެނުނީމައެވެ. ނުވަތަ މައިޝާގެ އަނގައިން އެއީ ތެދެއްކަން ބުނެ ވާހަކަ ދެއްކީމައެވެ.

މައިޝާއަށް އޮތީ ނިދިފައެވެ. ނައީމާ މަޑުމަޑުން ތަޅުގައި ހިފާލިއެވެ. ދަންވަރުގެ ހަމަހިމޭން އެ ވަގުތުގައި ގޭތެރެއިން އިވެނީ ރަފީގު ގޮވާ އަޑު އެކަންޏެވެ. ތަޅުލާފައި ހުރުމުން ނައީމާއަކަށް އެތެރެއަކަށް ނުވަދެވުނެވެ. ދެ ހިޔާލެއްގައި ހުރެފައި ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އެ ވަގުތު ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލާލިއެވެ.

"ނައީމާއްތަ ނުނިދާ ކީއް ތި ކުރަނީ؟" ވާފިރު ކުރި ސުވާލު އަނބުރާ ވާފިރަށް ކުރަން ނައީމާ ވެސް ބޭނުންވިއެވެ.

"ކަމެއް ނުކުރަން. ގިފިއްޔަށް ދާން ވެގެން،" ނައީމާ ވާފިރަށް ރަނގަޅަށް ބަލާލަމުން ބުންޏެވެ. ވާފިރު ހުރީ މުންޑެއް އެކަނި އަނދެގެންނެވެ. މަތީ ބައި ހުރީ ހުސް ގަޔާއެވެ.

"އަހަރެން ވެސް ހަމަ ތިކަމާއިގެން ނުކުތީ. އެކަމަކު ގިފިލި ބޮކި ހުރީ އަނދާފައި. ތަނެއް ދޮރެއް އެތަނަކުން ވަތްކެއް ނުވޭ،" ވާފިރު ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. ނައީމާ ހިނގައިގަތީ ގިފިއްޔާ ދިމާލަށެވެ. ބޮކި ބަލާލި އިރު ހުރީ ދިއްލާފައެވެ. ވާފިރު ހެދީ ދޮގު ހެއްޔެވެ؟ ބޮކި ކަނިކަނި ލާތަން ފެނުނީ އެ ވަގުތުއެވެ. ނައީމާ ދެ ބުމަ ގޮށްޖަހައިގެން ހުރެ ހިނގައިގަތެވެ.

އަރޫޝާ ބޭނުންވީ މައިޝާ މީހަކާ ދެވާށެވެ. ކުރިން ވެސް ވާހަކަ ދެއްކި ފާއިޒްއާ ގުޅުން ބަދަހި ކުރުވާށެވެ. މައިޝާއަކީ ގެއިން ނުކުމެ އުޅޭ ކުއްޖެއް ނޫނެވެ. ކޮންމެ ކޮންމެ މީހަކާ އިންނާކަށް މައިޝާ ގަބޫލެއް ވެސް ނުވާނެއެވެ. ދެން ވެސް އެންމެ ރަނގަޅު ވާނީ ފާއިޒްއާ ކައިވެނިކޮށްފައި މައިޝާ ގެއިން ނެރުނީމައެވެ. އަރޫޝާއަށް ފާއިޒް އެންމެ ކަމުދަނީ ތަނަވަސްކަމެއް ނެތް މީހަކަށް ވީތީއެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ ތަނަވަސްކަން ލިބިގެން ކަމަށް އަރޫޝާއަށް ގަބޫލު ކުރެވޭތީ މައިޝާއަށް މުއްސަނދި ދިރިއުޅުމެއް ހޯދާދޭކަށް އަރޫޝާ ބޭނުމެއް ނުވެއެވެ. މައިޝާ އުފަލުގައި އުޅޭތަން ދެކޭކަށް ވެސް ބޭނުމެއް ނުވެއެވެ. މަންމައަކު ދަރިއަކު ދެކެ އެހާ ފޫހިވަނީ ކީއްވެ ބާއޭ މައިޝާ އަބަދުވެސް ހިތަށް އަރައެވެ.

މީހަކާ އިންނަ ވާހަކަ ބުނީއްސުރެ މައިޝާގެ ކަމަކީ ހިތާމަ ކުރުމެވެ. ކޮޓަރީގެ އެއް ކަނެއްގައި ކުރުގެޅިގެން އިނދެ އެތައް އިރަކު ރޮއެވެ. އެ މަންޒަރު ފެންނަ ދެ ލޮލަކީ ނައީމާގެ ދެ ލޮލެވެ. މައިޝާ ގާތުގައި ނައީމާއަށް އެތައް ސުވާލެއް ކުރެވިއްޖެއެވެ. އަސްލު މައްސަލައަކީ ކޮބާތޯ އެހިއްޖެއެވެ. ކޮންމެ ކަމެއްގައި ވެސް އެހީތެރި ވެދޭނަން ކަމުގައި ބުނެދިނެވެ. ވިސްނައިދީދީ ވަރުބަލި ވި އިރު ވެސް މައިޝާގެ އުޅުމަކަށް ބަދަލެއް ނައެވެ. ދުލު ކުރިން އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ. ނައީމާގެ އޯގާތެރިކަން ފެނިފައި މައިޝާ ހިތްހަމަޖެހެއެވެ. ނައީމާގެ ކޮންމެ ފިރުމާލުމެއްގައި ވަނީ މައިވަންތަކަމުގެ ލޯތްބާއި ކުލުނެވެ. މައިޝާ އެ ލޯތްބަކަށްޓަކައި ފެންބޮވައިގަނެފައިވާ ހިތްހެޔޮކަމެވެ. މައެއްގެ ފަރާތުން ލިބެން ޖެހޭ އަޅާލުމާއި އެހީތެރިކަން މިއަދު މައިޝާއަށް ފެންނަމުން ދިޔައީ ހިލޭ މީހެއްގެ ފަރާތުންނެވެ. އެ ހިތުގައި އަޅަމުންދާ ވޭން ފެނުނީ އޭނައަށެވެ.

މާ ގިނަ ދުވަހެއް ނުވެ މައިޝާ އާއި ފާއިޒްގެ ކައިވެނި ކުރުވިއެވެ. މައިޝާގެ ނުގަބޫލުގައެވެ. ގަދަކަމުންނެވެ. އަރޫޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ކުލަގަދަ ނޫނަސް ބޭއްވުނު ހަފުލާ ކުޑައެއް ނޫނެވެ. އެ ހަފުލާގައި ބައިވެރިވި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެންމެ މީހަކު ފިޔަވައެވެ. އެއީ މައިޝާއެވެ. އޭގެ އިތުރުން ވެސް އެކަކު ހުއްޓެވެ. އޭނަގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމާއި ފޫހިކަމެވެ. އެ ކަމެއް އެކަކަށް ވެސް ފާހަގައެއް ނުވެއެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމުމުން މައިޝާ ދިޔައީ ކޮޓަރިއަށެވެ. ފޮށި ހިފައިގެން ނުކުންނަމުން އެންމެ ފަހު ފަހަރަށް ބައްޕަގެ ކޮޓަރިއާ ދިމާލަށް މައިޝާ ބަލާލިއެވެ. އެ ވަގުތު ލޯ ފުރިގެން ބަންޑުންވީ ކަރުނައިގެ ކޯރެކެވެ. މައިޝާ ހިފައިގެން ހުރި ފޮށީގައި މީހަކު ހިފިހެން ހީވެގެން ބަލާލިއެވެ. އޭނަގެ އަތް މައިޝާގެ އަތުގައި ޖެހުމުން ސިއްސައިގެން ދިޔައެވެ. އަދި ފޮށި އަތުން ދޫވިއެވެ. ހީވީ ބިރުވެރި އެއްޗެއް ފެނުނު ހެންނެވެ. ކައިރީގައި ހުރީ ފާއިޒެވެ. މައިޝާގެ ފިރިމިހާއެވެ. ފާއިޒް ހިނިތުންވެލާފައި ފޮށި ނެގިއެވެ. އަދި މައިޝާއާ އެކުގައި ބޭރަށް ނުކުތެވެ.

މައިޝާގެ އާ ދިރިއުޅުމަށް މަރުހަބާ ކިއީ ފާއިޒްގެ އާއިލާއިންނެވެ. ފާއިޒްގެ އާއިލާގައި ތިބެނީ މަންމަ އާއި ބައްޕަގެ އިތުރުން ދެ ކޮއްކޮއެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. އެ ކުދިންގެ އުމުރުން 10 އަހަރާއި 11 އަހަރެވެ. މައިޝާގެ މޫނުމަތީގައި ވަނީ ފަޅުކަމާއި އުދާސްކަމެވެ. އެކަން ފާހަގަ ކުރެވުނީ ފާއިޒްގެ މަންމަ ޖޫދާއަށެވެ. ލޮލަށް ފެނުނު އެ މަންޒަރު ބަލައިގަންނަން އުނދަގޫވިއެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން ޖޫދާ ބޭނުންވިއެވެ. ދަރިފުޅާ ގުޅުނު ގުޅުމުގެ މާނަ އެނގެން ބޭނުންވެއެވެ.

މައިޝާ އެ ގެއަށް ބަދަލުވި ދުވަހުގެ ރެއެވެ. ކައި ނިންމައިގެން ކާ ކޮޓަރިއާ ދިމާ ބޭރުގައި މައިޝާ އިނެވެ. އެތަނުގައި އެލުވާފައި ހުރި ޖޯއްޔެއްގައެވެ. ފެންޑާ ތެރެއިން ގޮނޑިއެއް ހިފައިގެން ގޮސް ޖޫދާ ވެސް ގާތުގައި އިށީނެވެ.

"ދަރިފުޅާ!" އެ އަޑު އިވުމާއެކު މައިޝާ ސިހިގެން ދިޔައެވެ. އަޒީޒް ފިޔަވާ ދަރިފުޅާއޭ ކިޔާފައި ގޮވާލާނެ މީހަކު ނުހުންނާނޭ މައިޝާ ހިތަށް އެރިއެވެ. "ދަރިފުޅު އެއްވެސް ކަމަކާ ހިތްހަމަނުޖެހިފައި ނުހުންނައްޗޭ. މި ގޭގައި އެއްވެސް ކަމެއް މަނަލެއް ނުވާނެ."

މައިޝާ އިނީ އިސްޖަހާލައިގެންނެވެ. މޫނުމަތިން ހިތާމައިގެ އަސަރު ދައްކަން ބޭނުން ނުވާތީއެވެ. އެ އޯގާތެރިކަމާއި ލޯތްބަށް ކިތަންމެ ހިތް އެދުނަސް އެ ކަންކަން ތިމާއަށް ހައްގު ނޫން ކަމުގައި ގަބޫލު ކުރެވޭތީއެވެ.

"މަންމަ ގާތުގައި ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ފާއިޒެކޭ ދަރިފުޅެކޭ މަންމައަށް ވާނީ ހަމަ އެއްވަރު. ތިއީ ވެސް މިހާރު މަންމަގެ ދަރިއެއް. ކޮންމެ ކަމެއް ދިމާވިޔަސް މަންމައާ ހިއްސާ ކުރެވޭނެ،" މައިޝާގެ ބޮލުގައި ފިރުމާލަމުން ޖޫދާ ބުންޏެވެ. މައިޝާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނައައެވެ. ޖޫދާއަށް އެ މަންޒަރު ފެނުނެވެ.

"މަންމަ މަތިން ހަނދާންވީ،" ކަރުނަ އައި އަސްލު ސަބަބު ބާއްވާފައި މައިޝާ ދޮގު ހެދިއެވެ.

"ދެން ހިނގާ އެތެރެއަށް. މިހާރު މާ ލަސް ވެއްޖެ،" ޖޫދާ ބުންޏެވެ.

ކޮޓަރިތެރޭގައި ވާ ފަނޑު އަލިކަމުން މައިޝާގެ ދެ ލޮލަށް އުނދަގޫވިއެވެ. އެހާ އަނދިރި ވުމުން މައިޝާ ބިރުގަނެއެވެ. ވުމާއެކު އަލި ގަދަ ބޮތްކެއް ދިއްލިއެވެ. އެ ވަގުތު ފާހާނާއިން ނުކުތީ ފާއިޒްއެވެ. ފާއިޒް އައިސް އެނދުގައި އިށީނެވެ. މައިޝާއާ ދާދި ގާތުގައެވެ. މައިޝާގެ ހިތަށް ބުނެދޭން ނޭނގޭ އިހުސާސްތަކެއް ވެރިވިއެވެ. ބިރުވެރިކަމާއި ޖެހިލުންވުން އައެވެ. މަސްހުނިވަމުން ދިޔަ އިހުސާސްތައް ބަންޑުން ކޮށްލަން ބޭނުންވިއެވެ. ފާއިޒްއާ ހަތަރުކަޅި ހަމަ ކުރަން ވެސް މައިޝާއަށް އުނދަގޫވިއެވެ. މައިޝާގެ އަތުގައި ފާއިޒް ހިފާލިއެވެ. މަޑުމަޑުންނެވެ. މައިޝާއަށް ހީވީ އެއްޗެއް ދަތްއެޅިހެންނެވެ. އަތް ފޮޅާލާފައި ފުންމައިގެން ތެދުވެ ބަލަހައްޓައިގެން ހުއްޓެވެ. ފާއިޒް ވެސް ތެދުވިއެވެ.

"ކިހިނެއް ވީ؟" ފާއިޒް ހައިރާންވިއެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ނުރުހުމުގައި ފާއިޒް ތި ގޮތަށް އުޅޭކަށް،" ފާއިޒަށް ފުރަގަސް ދެމުން މައިޝާ ބުންޏެވެ.

"ކޮން ގޮތަކަށް؟" ފާއިޒް މަޑުމައިތިރިކަމާ އެކުގައި އެހިއެވެ.

"ތި އުޅޭ ގޮތަށް،" މައިޝާގެ ޖަވާބު ކުރެވެ.

"އެންމެ ރަނގަޅު. އެކަމަކު އަހަރެންނަށް އަހާލެވިދާނެތަ އެއީ ކީއްވެތޯ؟ މިހާރު މިއީ ދެމަފިރިންނެއްނު؟" ފާއިޒް ކެތްތެރިކަމާ އެކުގައި ބުންޏެވެ.

"އެއީ އަހަރެން ބޭނުންވެގެންނެއް ނޫން..." މައިޝާ ހުއްޓުން އެރިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް