ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

1 ޖޫން 2023

އެޕިސޯޑް 07

އޭރު އަޒީޒް ކޮޓަރީގެ ދޮރު ހުރީ ހުޅުވިފަ އެވެ. އެތެރެއިން ފެނުނީ އަނދިރިކަމެވެ. ލަސް ފިޔަވަޅުތަކަކާ އެކު މައިޝާ އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަދި ކޮޓަރިއަށް ވަދެފައި މަޑުމަޑުން ބައްޕައަށް ގޮވާލި އެވެ. ހަބަރެއް ނުވި އެވެ. ދެ ފަހަރަކު ގޮވި އެވެ. ނަމަވެސް ހަބަރެއް ނުވުމުން މައިޝާ ކޮޓަރިން ނުކުތެވެ. ނުކުންނަމުން ނިދާ ބޮކި ދިއްލި އެވެ. އަޒީޒްއާ ދިމާއަށް ބަލާނުލައި މައިޝާ ދޮރު ލައްޕާފައި ކޮޓަރިން ނުކުމެގެން ދިޔަ އެވެ.

އަނެއް ދުވަހުގެ އިރު ފެނުން ތޮޅިލި ވަގުތެވެ. މައިޝާ ފުންމައިގެން ތެދުވީ މީހަކު އަޑުން އަޑު ނަގައި ރޯ އަޑު އިވުމުންނެވެ. އެއީ އަރޫޝާގެ އަޑެވެ. މައިޝާގެ ދެ ލޯ ބޮޑުވި އެވެ. އެނދުން ތެދުވެގެން އެ އަޑު އަންނަ ދިމާލަށް ދުއްވައިގަތެވެ. އަޑު އައީ ބައްޕަ ކޮޓަރިއާ ދިމާއިންކަން ވިސްނުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

އޭރު އަރޫޝާ އަޑުގަދަކޮށް ރޮނީ އެވެ. އިނީ އަޒީޒްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މައިޝާގެ ދެ ލޯ ބޮޑުވި އެވެ. އަޒީޒް އޮތް ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ވިސްނުނެވެ. ބައްޕަގެ އަތުގައި ހިފާލި އިރު އަތް ވަރަށް ފިންޏެވެ. މައިޝާ މޫނު މައްޗަށް އަނދިރިވެގެން ވެއްޓުނެވެ. އޭގެ ގަޑިއެއް ހާ އިރު ފަހުން ހޭ އެރި އެވެ. ކޮޓަރި ތެރޭގައި އެންމެން ތިއްބެވެ. އެކި މީހުންގެ މޫނަށް ވަކިވަކިން މައިޝާ ބަލާލި އެވެ.

"ބައްޕަ ނިޔާވެއްޖެ،" ދޮރާ ދިމާލަށް މައިޝާ ބަލަން ފެށުމުން އަރޫޝާ ބުންޏެވެ. "ޑޮކްޓަރު ބުނީ ގުދުރަތީ މަރެއް ކަމަށް."

އަޒީޒްގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ. އަޒީޒް ނިޔާވީ ކިހިނެއް ކަމެއް އެއްވެސް މީހަކަށް ނުވިސްނުނެވެ. ކޮންމެ ވަގުތަކު ވެސް މަރު އައިސް ބައްދަލު ކޮށްފާނެ އެވެ. އެކަމާ ދެކޮޅުހެދޭނީ ކާކަށް ހެއްޔެވެ؟ އެހެނަސް ބައްޕަ ވަކިވެގެން ދިޔުމަކީ މައިޝާއަށް ގަބޫލުކުރަން އުނދަގޫވި ކަމެކެވެ. ބަލައިގަންނަން ފަސޭހަ ނުވި ހަގީގަތެކެވެ. ހިމާޔަތާއި ރައްކާތެރިކަމުގެ އެ އަތް ބޯ މަތީގައި ނެތުމަކީ މައިޝާއަށް އިތުރު ވޭނަކާއި ހިތްދަތި ކަމެއް ގެނުވި ކަމެކެވެ. ކެތްކުރުން ނޫން ގޮތެއް މައިޝާއަކަށް ނުވިސްނުނެވެ.

މައިޝާގެ އުޅުން އިހުނަށް ވުރެ ބަދަލުވި އެވެ. ދޭތެރެއަކުން ބަނޑުގައި ރިއްސާ ހޮޑުލަ އެވެ. ބޮލުގައި ރިއްސާފާނެ އެވެ. ހަރަކާތްތެރިވެ އުޅޭ އިރު ކުރިން ނުހުންނަ އައިބު ގޮތްތައް ވެސް ފެންނަން ފެށި އެވެ. ސުކޫލަށް ދިޔުން އެއްކޮށް ހުއްޓާލި އެވެ. އެކަނި ކޮޓަރީގައި ނިދަން ބިރުގަންނަ ކަމަށް ބުންޏެވެ. ނަމަވެސް ފަރުވާ ކުޑަ މައެއްގެ ޒިންމާދާރުކަން އެ ވަގުތު ވެސް އަރޫޝާ ކިބައިން ނުފެނުނެވެ. މައިޝާ ކިތަންމެ ފަހަރަކު އާދޭސް ކުރި އެވެ. އަރޫޝާއާ އެއް ކޮޓަރީގައި ނިންދެވުމަށް ބުނަން ފެށި އެވެ. މައިޝާ ބުނަނީ ބިރުވެރި ހުވަފެން ފެންނަނީ ކަމުގަ އެވެ. ހީވަނީ ބައްޕަ އައިސް ގޮވާލާފާނެ ހެންނެވެ. އެ ކަހަލަ އެތައް ވާހަކައެއް ދައްކައިގެން ވެސް މައިޝާގެ އަޑެއް އަރޫޝާ ނޭހި އެވެ.

މައިޝާއަށް ކުރިމަތިވަމުން ދާ ކަންކަމަކީ ނަފުސާނީ ކަންކަން ކަމުގައި އެންމެން ވެސް ހީކުރި އެވެ. އެހާ ލޯބިވާ ބައްޕައެއް ކުއްލި ގޮތަކަށް ވަކިވެގެން ދިޔުމަކީ ކޮންމެ ދަރިއަކަށް ވެސް އަސަރު ކުރުވާނެ ކަމެކެވެ. އަރޫޝާ އެކަމަކާ އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. ތެދަށް ބުނާ ނަމަ މައިޝާއަށް އެހީތެރި ވެދޭނެ މީހަކު ގޭގައި ނޫޅެ އެވެ.

"މަންމާ! ވާފިރު ކައިރީ ބުނެބަލަ އަހަރެންގެ ކޮޓަރިއަށް ނުވަންނާށޭ،" މައިޝާ ބުންޏެވެ.

"ކީއްވެ؟ އޭނާ އެ ވަންނަނީ ކޮޓަރި ކުނިކަހާ ފާހަނާ ސާފުކޮށް ހަދަން،" ފަރުވާލެއް ނެތި އަރޫޝާ ބުންޏެވެ.

"އަހަރެން އަމިއްލައަށް އެ ކަންކަން ކޮށްފާނަން. މިހާރު އެ ވަރު ކަންކަން އަހަންނަށް ވެސް ކުރެވޭނެ. އަހަރެން ބޭނުމެއް ނޫން އެހެން މީހުން އަހަރެން ކޮޓަރިއަށް ވަންނާކަށް،" ރުޅި ކޮންޓްރޯލް ކުރަމުން މައިޝާ ބުންޏެވެ.

"އެ ކީއްވެ؟ މި ގޭގައި އުޅެނީ މައިޝާގެ ގާތް މީހުންނެއްނު،" ގެއަށް ވަންނަމުން ހާމިދު ބުންޏެވެ.

"ތި ކަމެއް އޭނާއަކަށް ނުވިސްނޭނެ ބޮޑުބޭ. ހުރިހާ އެންމެން މީނައާ މެދު ކިހާ ރަނގަޅަކަށް ކަންތައްތައް ކޮށްދެމުން މި އަންނަނީ. ބޮޑުބެ ވެސް އަބަދު މައިޝާ ކައިތޯ ނުކައިތޯ ބަލާނެ. އެކަމަކު މީނައަކަށް އެ ކަމެއް ނުވިސްނޭ،" އަރޫޝާ އިނީ ފަހާފޮށި ކައިރީގަ އެވެ.

މައިޝާ ވަށްކަޅިން ހާމިދަށް ބަލާލި އެވެ. އެ ވެސް މައިޝާގެ ނުފިލާވާ ބޮލުގެ ރިހުމެކެވެ. ކިތަންމެ ގާތް މީހަކު ވިޔަސް އެއްވެސް ކަމަކާ ނުލައި ގޭގައި އެހާ ގިނަ ދުވަހު ހުރުމަކީ މައިޝާއަށް ފަސޭހަ ކަމަކަށް ނުވި އެވެ. އަރޫޝާ ކޮންމެ ވާހަކައެއް ދެއްކިޔަސް އެއީ ހަގީގަތެއް ނޫނެވެ. މައިޝާގެ ވޭންތައް ލުއިކޮށްދޭކަށް އަރޫޝާ ކަމެއް ނުކުރެ އެވެ. މައިޝާގެ އުނދަގޫތަކާއި ހިތާމަތަކުގައި އަރޫޝާ ބައިވެރިއެއް ނުވެ އެވެ.

ގޭތެރޭގައި އުޅޭ އެހެން ކުދިން ސުކޫލަށް ގޮސް ހަދާތީ މައިޝާއަށް ފެނެ އެވެ. އެއްބަނޑު އެއްބަފާ ކުދިން ވިޔަސް މާ ގާތް ގުޅުމެއް އެ ކުދިންނާ މައިޝާއާ މެދަކު ނޯވެ އެވެ. އެކުގައި ކުޅެ މަޖާކުރަން މައިޝާ ވެސް ބޭނުންނުވަނީ އެވެ. މައިޝާގެ ކަމަކީ އަބަދު ހިޔާލަކަށް ގެއްލިފައި އޮތުމެވެ. ގޯތިތެރޭގައި ހުންނަ ޖޯލިފަތި އެއީ މައިޝާގެ ގާތް އެކުވެރިއެކެވެ. ރޭގަނޑު ވިޔަސް ގިނަ ވަގުތު އޮންނަނީ އެ ތަނުގަ އެވެ. ކޮޓަރިއަށް ވަންނަ ހިތް ނުވަނީ އެވެ. ކޮޓަރިއެކޭ މައިޝާއަށް މަތި ޖަހާފައިވާ ކުޑަ ފޮއްޓެކޭ އެއް ވަރެވެ. އެ ތަނަށް ވަނުމުން ހާސްވާ ގޮތްވެ އެވެ. އަރު ބެދި މީހާއަށް ނޭވާ ލާން ދަތިވެ އެވެ.

މައިޝާ ބަނޑު އަޅައި ވިހޭ މައިމީހާއަށް މައިޝާގެ އެއްވެސް ކަމެއް ނުފެނެ އެވެ. ނުވަތަ ފެންނަ ކަމަށް ނުހަދަނީ އެވެ. އެކަންކަން ފާހަގަވާން ފެށީ ގޭގައި އުޅޭ ކައްކާ މީހާއަށެވެ. ނަމަކީ ނައީމާ އެވެ. ނައީމާއަކީ އަރޫޝާއަށް ވުރެ ދޮށީ މީހެކެވެ. ދެކުނު ރަށަކަށް އުފަން، ތިން ކުދިންގެ މަންމައެކެވެ. މައިޝާއަށް އަންނަމުން ދާ ބަދަލުތައް ފެނުމުން ނައީމާއަކަށް ކެތެއް ނުކުރެވުނެވެ. އެ ވާހަކަތައް ދައްކަން އަރޫޝާ ގާތަށް ދިޔަ އެވެ.

"އަޅުގަނޑަށް ހީވަނީ މައިޝާއަށް ކޮންމެވެސް ގޯސް ކަމެއް އެބަ ވޭހެން،" ނައީމާ ފުރަތަމަ ވެސް ބުނީ އެހެންނެވެ.

"ކޮން ގޯސް ކަމެއް؟ މިހާރު ނައީމާއަށް ކޯއްޗެއް ފެނިގެން ތި އުޅެނީ؟" އަބަދުވެސް ވާހަކަ ދައްކާ ރުންކުރު ރާގުގައި އަރޫޝާ ބުންޏެވެ.

"މި ބުނީ... މި ބުނީ ކޮންމެވެސް ކަހަލަ އުނދަގުލެއް،" ޖެހިލުންވަމުން ނައީމާ ވާހަކަ ދެއްކި އެވެ.

"އަޖައިބެކޭ. ކޮން ކަހަލަ އުނދަގުލެއް ހޭ؟ އެއް ކަމެއް ވެސް ނުވޭ. އޭނާ ބައްޕަ ނިޔާވުމުން އެ ކަމުގެ ހިތާމައިން އަރައި ނުގަނެވިގެން އެ އުޅެނީ،" އަރޫޝާ ޗޮކެއް ކަނޑާލަމުން ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ މައިޝާ ޑޮކްޓަރަކަށް ދައްކާލަން ވީ ހެން،" ހެޔޮ އެދެމުން ނައީމާ ބުންޏެވެ.

"ބަލި ނަމައެއްނު ޑޮކްޓަރަކަށް ދެއްކޭނީ. ނޫނީ ވެގެން އުޅޭ ބައްޔެއް އެނގެންޏާއެއްނު ދަންކަންވީ ޑޮކްޓަރެއް ވެސް އެނގޭނީ؟" އަރޫޝާ ބުންޏެވެ. "އޭނާ ހުރީ ގަދަވެ ހެޔޮ ހާލުގައި. ހުރިހާ ކަމެއް ވެސް ވެގެން އެ އުޅެނީ ބައްޕަގެ މަރަށް ފަހު."

ނައީމާއަށް ވިސްނުނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ފަރުވާ ކުޑަ މައެއްގެ ބެލުމުގެ ދަށުން ކަސިޔާރު ވެގެން ދާ ދަރިއެއްގެ މުސްތަގުބަލު ކިހާ އަނދިރިވެދާނެކަމެވެ. ބައްޕައެއްގެ ހިމާޔަތާއި ރައްކާތެރިކަން ނުލިބި ފުރާވަރަށް އަޅަމުން ދާ އަންހެން ކުއްޖަކަށް ދިމާވެދާނެ ކިތަންމެ ގޮންޖެހުމެއް ހުންނާނެ އެވެ. ނައީމާއަކީ ވެސް މަންމައެކެވެ. ދެ އަންހެން ކުދިން އެބަ ތިއްބެވެ. އެ ކުދިން ތިބީ މީހުންނާ އިނދެގެންނެވެ. ދިރިއުޅުން ފުރިހަމަ ވެފައި ލިބުނު ބައިވެރިން އެ ކުދިންނަށް ހެވެވެ. އެއީ ނައީމާގެ ނަސީބު ކަމުގައި ދެކެވެ އެވެ.

މައިޝާއާ ބެހޭ ގޮތުން އަރޫޝާ އެ ދެއްކި ވާހަކަ ދެކޮޅެއް ނުޖެހެ އެވެ. ބައްޕައަކު ނިޔާވުމުން ދަރިއަކު އަބަދު ގަބުވެ ނެގިމަޑުވެފައި އިނދޭ ހެއްޔެވެ؟ ނުކެއުމާއި ނިދަން އުނދަގޫވުން ނައީމާއަށް ގަބޫލުކުރެވެ އެވެ.

"އޭނާ މީހަކާ ދެވަން ވީ ކަންނޭނގެ،" ނައީމާ ވިސްނަން އިންދާ އަރޫޝާ ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް