Majlis 2024

ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

އެޕިސޯޑް 06

ބަޔާން ކޮށްދޭން ނޭނގޭ އެ އިހުސާސްތަކުގެ ހަގީގަތް އެނގެނީ ހަމައެކަނި މައިޝާއަށެވެ. އެކަން ހިއްސާ ކުރާނީ ވެސް ކާކާ ހެއްޔެވެ؟ އަންހެން ކުއްޖެއްގެ އެންމެ ގާތް އެކުވެރިޔާއަކީ މަންމަ އެވެ. ނަމަވެސް މައިޝާގެ މަންމައަކީ ނަމެއްގައި ހުރި މީހެކެވެ. މައިޝާގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ދިން މީހެއް ނޫނެވެ. މައިޝާއަށް މަންމައެއްގެ ލޯތްބާއި އަޅާލުން ކިތަންމެ ހާ ވެސް މުހިންމެވެ. ނަމަވެސް އެއީ މައިޝާގެ ހަޔާތުގައި މީރުކަން ގެނެސްދޭނެ ލޯތްބެއް ނޫނެވެ. އަރުތެރޭގައި ހުރަހަށް ތާށިވެފައިވާ ކަށި ނައްޓައިދޭނެ މީހެއް ނޫނެވެ. ބަދަލުގައި އިތުރަށް ލައްވާނީ ހިތި ރަހަ އެވެ. ބަދަހިވެފައި ނެތް މައިވަންތަކަމުގެ ލޯބި ކިހާ ނާގާބިލްކަން ދެމައިންނަށް ވެސް ވިސްނެ އެވެ.

އަރޫޝާ ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ފާއިޒްއަކީ ކިހާ ކެރޭ ހީވާގި މީހެއްކަން ބުނެދިނެވެ. ކައިވެންޏަށް ފަހު އުޅޭނެ އުފާވެރި ދިރިއުޅުން ތަސައްވުރު ކޮށްދިނެވެ. ތިމާ ދެކެ ލޯބިވާ މީހަކާ އެކުގައި އުޅެން ފަސޭހަވާނެ ކަމުގައި ވެސް ބުންޏެވެ. މައިޝާ ހިތަށް އެރި އެވެ. ލޯތްބަކީ ކޮބައިކަން ކިޔައިދޭކަށް މަންމައަކަށް ނޭނގޭނެ އެވެ. ބައްޕަ ވީ ތެދުވެރި ލޯބީގެ އަގު ވަޒަން ނުކުރި މީހަކަށް ލޯތްބަކީ ކޮބައި ކަމެއް ނުވިސްނޭނެ އެވެ.

އަޒީޒް އަންނަ ދުވަސް ކައިރިވަމުން ދިޔަ އެވެ. އަރޫޝާގެ ހިތް އަވަސް ވަމުން ދިޔަ އެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މައިޝާގެ ހިތުގައި ފާއިޒަށްޓަކައި ޖާގަ ހެދުން ވަރަށް މުހިންމެވެ. އެތައް ނަސޭހަތެއް ދީ އެތައް ގޮތަކަށް ވިސްނައިދިނެވެ. މައިޝާ ހަމަ ހިލާ އެއްބަހެއް ނުވި އެވެ. އެންމެ ފަހުން އަރޫޝާ އިންޒާރު ވެސް ދިނެވެ. ނަމަވެސް މައިޝާ އިޖާބައެއް ނުދިނެވެ. މައިޝާގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ އެހެން ހިޔާލެކެވެ. ވިސްނެމުން ދިޔައީ އެހެން ކަމަކާ މެދުގަ އެވެ. އެކަން ކަމެއް މަންމައަކަށް ނުވިސްނޭނެ އެވެ. ވިސްނޭ ނަމަ މައިޝާގެ ލޮލުން ފާޅުވަމުން ދިޔަ ވޭނީ އަސަރު ފެންނާނެ އެވެ. ހިތް އެދި ގޮވަމުން ދިޔަ އާދޭސްތައް މަންމަގެ ކަންފަތަށް އަޑު އިވޭނެ އެވެ.

ހަގީގަތުގައި ފާއިޒްއާ ބެހޭ ގޮތުން އަރޫޝާ ދެއްކި ގިނަ ވާހަކަތައް މައިޝާ ގަބޫލްކުރި އެވެ. ހިތުން ރުހުމުންނެވެ. ނަމަވެސް ގަބޫލުކުރަން ބޭނުން ނުވާ ކަންކަން ވެސް ހުއްޓެވެ. އެއީ މީހަކަށް ބުނެދެވޭނެ އެއްޗެއް ނުވަތަ ވިސްނައިދެވޭނެ އެއްޗެއް ވެސް ނޫނެވެ. މައިޝާ އެ ވާހަކަތައް ދައްކަން ބޭނުމެއް ނުވެ އެވެ. އަރޫޝާ ޖެހިލުންވީ އަޒީޒްއަށް ފާއިޒްއާ ބެހޭ ގޮތުން އެނގިދާނެތީ އެވެ. އަޒީޒްއަށް އެނގިއްޖެ ނަމަ އެ ގުޅުން ބަދަހި ވިޔަކަ ނުދޭނެ އެވެ. އަރޫޝާ އެކަމާ ޖެހިލުންވި އެވެ. އަރޫޝާ ބޭނުންވީ މައިޝާ ފާއިޒްއާ ގުޅޭށެވެ. އެ ނޫން މީހަކާ މައިޝާ ކައިވެނި ކުރާކަށް އަރޫޝާ ބޭނުމެއް ނުވި އެވެ. ނަމަވެސް މައިޝާއަށް ވިސްނައިދިނުން ވީ ފޫ ނެތް ފާޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ.

އަޒީޒް މާލެ އައުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް އަޒީޒް ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓް ވި އެވެ. މައިޝާއަށް އެ ޚަބަރު ވެގެން ދިޔައީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ. ހިނގި އެކްސިޑެންޓްގައި އަޒީޒްއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެއްފަޅިން ވާގި ދިޔަ އެވެ. ފައިގެ ކަށިގަނޑެއް ބިންދައިގެން ދިޔަ އެވެ. މޭ މަތީގެ ގިނަ ކަށިތަކެއްގައި ރެނދުލި އެވެ. ޑޮކްޓަރު ބުނި ގޮތުގައި ދެން އަޒީޒްއަކަށް ދުވަހަކު ވެސް ނުހިނގޭނެ އެވެ. އަޒީޒްއާ އެކުގައި އިންޑިއާގައި ހުރީ އެކުވެރިއެކެވެ. އަރޫޝާއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. މައިޝާއާ ފާއިޒްގެ ގުޅުން ގާއިމް ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް ވީ އެއްވެސް ކަމެއް ނެތެވެ.

މަހެއް ހާ ދުވަސް ކޮށްފައި އަޒީޒް މާލެ ގެނަ އެވެ. އަޒީޒް އޮތް ގޮތް ފެނުމުން ކަރުނަ ނާންނަނީ ހަމައެކަނި އަރޫޝާގެ ލޮލުންނެވެ. އަރޫޝާ ވިސްނާލި އެވެ. މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. އަޒީޒްއަށް ހޭހަން ކުރުމުގައި މުޅި އުމުރު ހޭދައެއް ނުކުރެވޭނެ އެވެ. ބަލި މީހަކު ބަލާނެ ހާ ހިތްވަރެއް އަރޫޝާގެ ނެތެވެ. އަދި އެ ކަމަށް ޝައުގުވެރިކަމެއް ވެސް ނެތެވެ. މި ކަމަކަށް ޖެހޭނީ ރަނގަޅު ގޮތެއް ހޯދާށެވެ.

ވާފިރަކީ ގޭގައި ކައްކަން އުޅޭ މީހެކެވެ. އަރޫޝާ ނުކުމެގެން ދިޔަ ތަނާ ގެނައި މީހެކެވެ. ޖާނުން ވަރުގަދަ މީހެކެވެ. އަރޫޝާ އޭނާއާ ވާހަކަ ދެއްކި އެވެ. އަޒީޒްއަށް ކާން ދިނުމާއި ސާފުކުރުމާއި ފެންވެރުވުމާއި ހުރިހާ ކަމެއް ވާފިރާ ހަވާލުކުރި އެވެ. އަދި ކައްކަން އެހެން މީހަކު ގެނަ އެވެ. އެއީ އަންހެނެކެވެ.

އަރޫޝާއަކީ އަޒީޒަށް ނެތް މީހެއް ކަހަލަ އެވެ. އަޒީޒު އޮތް ކޮޓަރިއަށް ބޯ ވެސް ދިއްކޮށް ނުލަ އެވެ. އަޒީޒް އޮތީ ކައިގެންތޯ ނުވަތަ ނުކައިތޯ ވެސް ބަލާނުލަ އެވެ. ނުތާހިރާ އޮތަސް ނޭފަތުގައި އަތް އަޅަމުން ކޮޓަރި ދޮރު ލައްޕާލަ އެވެ. އަޒީޒަށް އަޑު އިވޭ ހިސާބުގައި ޝަކުވާ ކުރެ އެވެ. އަޒީޒަކީ ކިހާ ބޮޑު މުސީބާތެއްކަމާއި މީހުންނަށް ހުރި އުނދަގުލެއް ކަމުގައި ބުނަމުން ދެ އެވެ. ދުވާ ވަހުން ގޭތެރޭގައި އުޅެން ނުކެރޭ ކަމުގައި ކިޔަ އެވެ. ގިނަ ދުވަހު އެ ގޮތުގައި ނޯވެ އެކަމުން ސަލާމަތް ކުރައްވާނެ ނަމައޭ ކިތަންމެ ފަހަރަކު ބުނެ އެވެ. އަޒީޒްގެ ލޮލުން ފައިބަމުން ދަނީ ވޭނީ ކަރުނަ އެވެ. އަރޫޝާގެ ވިހަ ގަދަ ބަސްތަކުން އަޒީޒް ހިތަށް އަސަރު ކުރުވަ އެވެ. ކިތަންމެ ރެއަކު ނުނިދާ އޮވެ ރޮ އެވެ. ހައިހޫނުކަން މަތީ އެތައް އިރަކު ހޭދަކުރަން ޖެހެ އެވެ. ކުޅަދާނަ ނުވުމުން މައިޝާއަށް ގޮވަ އެވެ. ގިނަ ފަހަރު އަޒީޒް ގޮވާ އެއްޗެއް މީހަކަށް ފަހުމެއް ނުވެ އެވެ. ކިރިޔާ ވެސް އެނގެނީ މައިޝާއަށެވެ.

ބައްޕައާ ވާހަކަ ދައްކަން މައިޝާ ބޭނުންވެ އެވެ. އެކުގައި ވަގުތުތައް ހޭދަކުރަން ވެސް ބޭނުންވެ އެވެ. ނަމަވެސް މައިޝާގެ އަމިއްލަ ދިރިއުޅުމުގައި ވަމުން އަންނަ އޮޅުން ބޮޅުންތައް ގިނަ އެވެ. ކޮންމެ ފަށަކަށް ދަމާލިޔަސް ވާން ވަމުން ގޮށެއް ޖެހެ އެވެ. އެ ގޮށް މޮހަން ވަގުތު ހޭދަ ކުރާ ހާ ހިތްވަރެއް ނެތެވެ. މައިޝާގެ ކަމަކީ ބައްޕަ ގާތުގައި އިނދެގެން ރުއިމެވެ. އެ ލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއް ވެސް ނާދެ އެވެ. އަޒީޒް ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. އެ މޫނު ފެނުމުން އަޒީޒް ހިތަކަށް ކެތެއް ނުވެ އެވެ. ވަޅުވަދެފައިވާ ދެ ލޯ ކޮންމެވެސް އެހެން ކަމަކަށް ހެކިދެ އެވެ. އަޒީޒްއަށް މައިޝާއެއް ނޯޅޭނެ އެވެ. ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް މައިޝާ ދެނީ އެއް ޖަވާބެކެވެ. ބައްޕަ އެ ހާލުގައި އޮންނަ ތަން ފެނުމުން ދެރަވަނީ ކަމުގައި ބުނެ އެވެ. އެ މަންޒަރު ބަލަން މައިޝާއަށް ކެތްނުވަނީ ކަމުގައި ބުނެ އެވެ. އެކަން އަޒީޒަށް ގަބޫލް ކުރުން ވީ ދަތި ކަމަކަށެވެ.

އެއް ރެއެއްގެ މެންދަމެވެ. އަޒީޒް ވަރަށް ވޭނީ އަޑަކުން ގޮވާ އަޑު އިވުނެވެ. މައިޝާއަށް އެ އަޑު އިވެ އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ގަޔަށް ޓީޝާޓް ހެޔޮވަރު ކޮށްލި އެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެ ވަގުތު ވައި އަޑުން މީހަކު އެއްޗެއް ބުނި އަޑު އިވުނެވެ. މައިޝާ މަޑުމަޑުން ގޮސް ދޮރު ހުޅުވާލި އެވެ. އަޒީޒް އޮންނަ ކޮޓަރި ދޮރު ހުންނަނީ މައިޝާ ނިދާ ކޮޓަރިއާ ދާދި ގާތުގަ އެވެ. އަޒީޒް ކޮޓަރިން ނުކުންނާތީ ފެނުނީ އަރޫޝާ އެވެ. އޭރު އަޒީޒްގެ އަޑު ވެސް މަޑުވި އެވެ. އެއްވެސް އަޑެއް ނީވެ އެވެ. އަރޫޝާ ނުކުތީ މަޑުމަޑުންނެވެ. ދެ ފަރާތް ބަލަމުންނެވެ. އަރޫޝާއަށް މައިޝާއެއް ނުފެނެ އެވެ. އެހާ ވަގު ވަގަށް ސިއްރުން އެ ކޮޓަރިން މަންމަ ނުކުތުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަރޫޝާ ބޮލުގައި ރިއްސާލި އެވެ. ކޮޓަރީގައި ދެ ކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި އަނެއްކާވެސް ދޮރު ހުޅުވާލި އެވެ. އޭރު އަޒީޒް ކޮޓަރި ދޮރު ހުރީ ހުޅުވިފަ އެވެ. އެތެރެއިން ފެނުނީ އަނދިރިކަމެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް