ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

އެޕިސޯޑް 5

ކައިރީގައި އިން އަންހެން ކުއްޖާ ވެސް ކޮޅަށް ތެދުވީ އަރޫޝާގެ ދަރިފުޅު ބިންމަތީ ބަހައްޓާފައެވެ.

އަރޫޝާ ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީއެވެ. އަޒީޒް ވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީ އަރޫޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އަރޫޝާގެ ދެ ލޮލުން ދިޔައީ ސުވާލުތަކެއް ކުރަމުންނެވެ. އެ އަންހެން ކުއްޖާއަކީ ކާކު ހެއްޔެވެ؟ މި ގޭގައި އޭނަ އެ ކުރަނީ ކީއް ހެއްޔެވެ؟ އޭނަ އާއި އަޒީޒްއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

"އަހަރެން ފަހުން އަންނާނަން،" އެހެން ބުނެފައި އެ ޒުވާނާ ގެއިން ނުކުތެވެ. ދޮރާށިން ނުކުންނަންދެން ވެސް އަރޫޝާ ބަލަހައްޓައިގެން ހުރީއެވެ.

"މަގު އޮޅުނީތަ؟" އަޒީޒް ކުރި އެ ސުވާލުން އަރޫޝާ ނުރުހުން ވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހަގު ދަރިފުޅު ނަގައި އުރާލިއެވެ. އަޒީޒް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ފަހަތުން އަރޫޝާ ވެސް ހިނގައިގަތެވެ.

"ކޮންތާކަށް؟" އަޒީޒް އަނެއްކާވެސް ސުވާލެއް ކުރިއެވެ.

"ގޭތެރެއަށް،" އަރޫޝާ ބުންޏެވެ.

"ކޮން ބޭނުމަކު؟ ކޮން ހައިސިއްޔަތަކުން؟" އަޒީޒްގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.

"އަހަރެން މި އައީ އަނެއްކާވެސް އަޒީޒްއާ އެކު ދިރިއުޅެން. ކުދިންގެ ހައްގުގައި،" އަރޫޝާ ބުންޏެވެ.

"ކުދިންގެ ހައްގުގައޭ ބުނަން ލަދެއް ނުގަނޭ؟ އެ ކުދިން އެއްލާލާފައި މި ގެއިން ނުކުމެގެން ދިޔަ އިރު ތިޔަ މައި ލަގޮނޑިއަށް ކެތްކުރެވުނެއްނު. އޭރު ތިޔަ ހައްގު ކޮބާ؟" އަޒީޒްގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އަރޫޝާ އިސްޖަހާލިއެވެ. ކުށް ގަބޫލް ކުރެވުނެވެ.

"އަހަންނަށް މައާފެއް ނުކުރާނަންތަ؟" އަރޫޝާ އިސް އުފުލާލަމުން އެހިއެވެ. ހަގީގަތުގައި އަރޫޝާއަށް ފަސޭހައީ އަޒީޒްއާ އެއްކޮށް އުޅޭށެވެ. އެ ދިރިއުޅުމުގައި އުނިވާ ހިތްހަމަނުޖެހުން ނުލިބުނު ނަމަވެސް އުޅެން ފަސޭހަވެފައި ހަށްޓަށް ލުއިކަމުންނެވެ.

"އަރޫޝާ ކުރި ކަހަލަ ކަމެއް އަހަރެން ފަރާތުން ދިމާވި ނަމަ އެ ކަން އަރޫޝާއަށް ބަލައިގަނެވޭނެތަ؟ މައާފު ކުރަން ފަސޭހަ ވާނެތަ؟" އަޒީޒް އެހީ ވަރުގަދަ ސުވާލެކެވެ. އަރޫޝާ ހިތާހިތުން ބުނެލިއެވެ. ނުކުރެވޭނެއެވެ. ދުވަހަކު ވެސް ނުކުރެވޭނެއެވެ. ނަމަވެސް ދިނީ އެހެން ޖަވާބެކެވެ.

"މައާފު ކުރަން އުނދަގޫވާނެ. އެކަމަކު އެއް ފުރުސަތު ދޭނަން،" އެއީ އަރޫޝާއާ ދޭތެރޭ މި ވަގުތު އަޒީޒް ކަންތައް ކުރަން ބޭނުންވާ ގޮތްކަން އަޒީޒްއަށް ވިސްނުނެވެ.

"އެންމެ ރަނގަޅު. ފުރުސަތެއް އަހަރެން ދޭނަން. އެކަމަކު އަހަރެންގެ ހިތުގައި ވާ ޒަހަމް އަދި ހުރީ ތާޒާކޮށް. ލަކުނަކަށް ވާން ވެސް ދުވަސް ނަގާނެ،" އަޒީޒް ބުނި އެއްޗެއް އަރޫޝާއަށް ވިސްނުނެވެ.

"އަހަރެން އެއްޗެއް އަހާލަންތަ؟" އަރޫޝާ މަޑުމައިތިރިކަމާ އެކުގައި އެހިއެވެ. އަޒީޒް ބޯ ޖަހާލިއެވެ.

"ދެންމެ މިތަނުގައި އެ އިނީ ކޮން އަންހެން ކުއްޖެއް؟" ތެޅިތެޅި އޮތް ހިތަކާއެކު އަރޫޝާ އަހާލިއެވެ.

"އެއީ މައިޝާގެ ޓީޗަރެއް. މިހެން ދަމުން ދަމުން ވަދެލީ ވާހަކަ ދައްކާލަން،" ގޭތެރެއަށް ވަންނަމުން އަޒީޒް ބުންޏެވެ.

އަރޫޝާ އެނބުރި އައުމުން އެންމެ ފޫހިވީ މައިޝާއެވެ. އެއް އިރެއްގައި ވެސް މަންމައަކީ މައިޝާ ދެކެ ލޯބިވި މީހެއް ނޫނެވެ. ހިނިތުންވެލާފައި ނުވަތަ ލޯބިން މައިޝާއަށް ގޮވާލި މީހެއް ނޫނެވެ. މަންމައާ މެދު ޝަކުވާތައް ފުނިޖެހި އެއަށް ދަނީ ހިރަފުސް އަރަމުންނެވެ. ހިރަފުސް ފޮޅާ ސާފު ކުރާކަށް މައިޝާ ބޭނުމެއް ނުވިއެވެ. އެކަމަކު މައިޝާގެ ހިތަށް އަރައެވެ. މަންމަ ވާނީ މަންމައަށެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް، މަންމަގެ މަގާމު އެހެން މީހަކަށް ނުދެވޭނެއެވެ.

ފުރާވަރު އުމުރުގެ ޖޯޝުގަދަ އަހަރެކެވެ. މައިޝާއާ އެކުގައި ކިޔަވަމުން ދާ ގިނަ ކުދިން އުޅެނީ މީހުންނާ ގުޅިގެންނެވެ. އެ ޝައުގުވެރިކަން މައިޝާ ކިބައިގައި ނުހުންނާތީ އެ ކަމާ އެކުވެރިން ސުވާލު ކުރެއެވެ. ޖަވާބުގައި އަބަދުވެސް ހިނިތުންވެލުމަކުން ނިންމާލައެވެ. މައިޝާގެ ނަޒަރުގައި ދިރިއުޅުމަށް އެއީ މުހިންމު ކަމެއް ނޫނެވެ. މައިޝާ ދިޔައީ ކޮޅުބެދިފައިވާ މަގަކުން ހިނގަމުންނެވެ. އެކަން ދަންނަނީ މައިޝާ އެކަންޏެވެ. ކުރިން އަބަދުވެސް ސަކަ މިޒާޖެއް ހުންނަ މައިޝާ ނެގިމަޑުވެފައި އިންނަކަން ފާހަގަ ވާން ފެށީ އަޒީޒްއަށެވެ. މައިޝާއާ އެ ސުވާލު ކުރުމުން ބުނަނީ ކިޔެވުމުގައި ބުރަކޮށް އުޅޭތީ ހުންނަ ގޮތް ކަމަށެވެ.

"ކީއްވެތަ މިހާރަކަށް އައިސް މައިޝާ އެ ހުންނަނީ މާ މަޑުމަޑުން؟" އެނދުގައި އޮށޯވެލަމުން އަޒީޒް ސުވާލު ކުރީ އަރޫޝާއާއެވެ. ދެވަނަ ފަހަރަށް ކައިވެނި ކޮށްގެން ދެ މީހުން އެކުގައި އުޅުނު ކަމުގައި ވިޔަސް އިތުބާރު ކުރުމަކީ އަޒީޒްއަށް އުނދަގޫ ކަމެކެވެ. ނަމަވެސް ދަރިންގެ ކަންކަން ހިއްސާ ކުރުމަކީ އަޒީޒްއަށް ނުކޮށް ނޫޅެވޭނެ ކަމެކެވެ.

"އަހަރެންނަށް ކިހިނެއް އެނގެނީ؟ މައިޝާއަކީ އަހަރެންނާ އެއްވެސް ކަމެއް ހިއްސާ ކުރާ ކުއްޖެއް ނޫން،" ފޫހި ރާގަކަށް އަރޫޝާ ބުންޏެވެ.

"ތިއެއް ނޫނޭ. ކީއްވެތަ ބޮޑުބެ މި ގޭގައި އެ އުޅެނީ؟ ކޮބާ އޭނަގެ އަނބިދަރިން؟" އަރޫޝާ ސުވާލު ކޮށްލީ އެއްޗެއް ހަނދާންވާން ގޮތަށެވެ.

"އަހަރެން ހިތަށް ވެސް އެރި މިހާ ދުވަސް ވީ އިރު އަރޫޝާ ތިޔަ ސުވާލު ނުކޮށް ހުރީ ކީއްވެބާއޭ،" ގައިގައި ރަޖާ އަޅާލަމުން އަޒީޒް ބުންޏެވެ. "ބޮޑުބެގެ ނުތިބޭނެ އަނބިދަރިންނެއް. އެއީ އަހަރެންގެ ބައްޕައާ އެއްބަނޑު މީހެއް. އޭނަ ބޭހެއް ކުރަން މާލެ އައި ގޮތަށް އެ ހުންނަނީ. ރަށަށް ދާކަށް ބޭނުމެއް ނުވެޔޯ ބުނީ. ދެން ގަދަކަމުން ފޮނުވާލާކަށް ނުކެރޭނެއެއްނު."

"އެކަމަކު އެހެން އައިސް އެއްވެސް ކަމެއް ނުކޮށް ގޭގޭގައި މިހާ ދުވަހު ހުންނަން ކެރޭތަ؟ ރުފިޔާއެއް އެއްޗެއް ވެސް ނުދޭނު،" އަރޫޝާ ބުންޏެވެ.

"ދެން މަށަކަށް ނުކެރޭނެ ރުފިޔާ ދޭށޭ ބުނާކަށް،" ފަރުވާ ކުޑަ ރާގެއްގައި އަޒީޒް ބުންޏެވެ.

މައިޝާ އޮތީ ނިދޭތޯއެވެ. ރެއަކީ ދިގު ރެއެކެވެ. ހަށިގަނޑުގައި އިހުސާސް ވަމުން ދިޔައީ ވަރުބަލިކަމެވެ. ބޮލުގައި ރިއްސައެވެ. މީހާ ހުރީ ހުންފަދަ ކޮށްފައެވެ. ކިތަންމެ ފަހަރަކު ބައްޕައަށް ގޮވާލަން ދާން ހިތަށް އެރިއެވެ. ނަމަވެސް ފައި ހަރަކާތެއް ނުކުރިއެވެ. މުޅި ހަށިގަނޑުގައި ދައުރުވަމުން ދިޔައީ ވަރުބަލިކަމާއި ކަންނެތްކަމެވެ. ގަޑީގެ ހިނގާ ކަށްޓާ ދިމާލަށް ބަލަހައްޓައިގެން އޮވެވުނީ އިރުއަރާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މަންޒަރު ފުސްވަމުން ދިޔައީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ގިނަވުމުންނެވެ. އެއްވެސް އިހުތިޔާރަކާ ނުލައި ބާލީސް މައްޗަށް ކަރުނައިގެ ކޯރެއް ބަންޑުންވިއެވެ.

ޖެހިގެން އައި ހަފުތާގައި އަޒީޒް ފުރީ އިންޑިއާއަށެވެ. ދިޔައީ 10 ދުވަހަށެވެ. މައިޝާ ބޭނުންވީ އެކުގައި ދާށެވެ. ބައްޕަ ދިޔުމުން މައިޝާ ކިހާ އެކަނިވާނެކަން ބައްޕައަށް ނުވިސްނެނީ ހެއްޔެވެ؟ އެ ދުވަސްތަކަކީ މައިޝާއަށް ހިތްދަތި ދުވަސްތަކަކަށް ވާނެކަން ބައްޕައަށް ނޭނގެނީ ހެއްޔެވެ؟ ދުނިޔޭގައި އުޅޭ އިރު ދިމާވާ ދަތިތަކާއި އުނދަގޫތަކަށް ކެތްކުރަން ބައްޕަ ނަސޭހަތް ދިނެވެ. އުޅުމާއި ގުޅުންތައް ބަހައްޓަންވީ ގޮތްތައް ބައްޕަ ދަސްކޮށްދިނެވެ. މައިޝާ އެކަންކަން ހަނދާން ހުއްޓެވެ. އުނދަގޫވީ އެ ގޮތަށް އަމަލުތައް ބެހެއްޓުމެވެ.

ފާއިޒަކީ މައިޝާއާ އެއް ކުލާހެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ. މި އަހަރަކީ ދެ މީހުންގެ ވެސް ސްކޫލުގެ ފަހު އަހަރެވެ. ބެލެނިވެރިއެއްގެ ފަރާތުން އަރޫޝާއަށް އެނގުނީ ފާއިޒަކީ ކޮން ފެންވަރެއްގެ ކުއްޖެއްކަން އެކަންޏެއް ނޫނެވެ. ފާއިޒަށް މައިޝާ ކަމުދާ ވަރު ވެސް އެނގުނެވެ. ހިތްހެޔޮ، މަޑުމައިތިރި ސޮރެކެވެ. އޯގާތެރިކަމާއި ކިޔެވުމުގައި މޮޅުތަކެއް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އަރޫޝާ ބޭނުންވި އެންމެ މުހިންމު ކަންތައް ވެސް ފާއިޒުގެ ކިބައިގައި ހުއްޓެވެ. އަރޫޝާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން ނުފިލާ ހުއްޓެވެ. އަރޫޝާ ބޭނުންވީ އަޒީޒް އަންނަންވާ އިރަށް އެކަމުގެ ކޮޅުމަތި ފެންނަ ހިސާބުގައި ބާއްވާށެވެ.

"މައިޝާ! މަންމަ އެބަ އޮތް ވާހަކައެއް ދައްކާލަން ވެފައި." އުނދޯލީގައި އަރޫޝާ އިނީ ދުފާށެވެ. އެހާ ލޯބިން މައިޝާއަށް އަރޫޝާ ގޮވާލި ފުރަތަމަ ފަހަރަކީ އެއީއެވެ. އެ ގޮވާލުމުގެ އަޑީގައި ކޮންމެވެސް ކަމެއް ވާނޭ މައިޝާ ހިތަށް އެރިއެވެ.

"ކޮން ވާހަކައެއް؟" ކޮނޑުގައި އޮތް ދަބަސް ގޮނޑީގައި ބާއްވަމުން މައިޝާ އެހިއެވެ. އަދި އިށީނެވެ.

"މިހާރު ދެން މިއީ މައިޝާގެ ފަހު އަހަރެއްނު. ކިޔަވައި ނިންމައިގެން މީހަކާ އިންނަން އުޅޭ. އަންހެން ކުދިން އެހާ ގިނަ ދުވަހު ކައިވެނި ނުކޮށް ތިބޭކަށް ނުވާނެ،" އަރޫޝާ އިނީ ބިލެއްގަނޑެއްގެ އަރިމަތި ނަގާށެވެ. ވަށްކަޅިން މައިޝާއާ ދިމާލަށް ބަލަމުންނެވެ.

މައިޝާގެ މޫނު މައްޗަށް އެރި ކުލަވަރު އަރޫޝާއަށް ފެނުނެވެ. ހިތްނުތަނަވަސްވެފައި އިން މައިޝާ މޫނު އަނބުރާލިއެވެ. ފޫހިވެ ހާސްވާ ގޮތްވިއެވެ. ބަޔާންކޮށްދޭން ނޭނގޭ އެ އިހުސާސްތަކުގެ ހަގީގަތް އެނގެނީ ހަމައެކަނި މައިޝާއަށެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް