Majlis 2024

ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

އެޕިސޯޑް 4

އިހުތިޔާރު ކުރި އެ މަގުން ފަހުން ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަމަކާ ކަމެއް ވެސް ނުވިސްނުނީމައެވެ.

އަރޫޝާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް އިވުނު އަޑަކުންނެވެ. އެ އަޑު އައީ ކަނާއަތް ފަރާތާ ދިމާލަށް ހުރި ދޮރަކުންނެވެ. އެއީ ކޮޓަރިއެކެވެ. ދެ މީހަކު ވަރަށް ބާރަށް ހޭ އަޑު އިވެން ފެށިއެވެ. އަރޫޝާ ހުރީ ގުޑާލަން ވެސް ނޭނގިފައެވެ. ދޮރު ހުޅުވާލާފައި ނުކުތީ ލަތީފްއެވެ. ފަހަތުން ނުކުތީ ޒުވާން އުމުރުގެ އަންހެން ކުއްޖެކެވެ. އަރޫޝާއަށް ދެ ބުމަ ގާތް ކޮށްލެވުނެވެ. ލަތީފްއާ ދިމާލަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

"އަރޫ. ކޮން އިރަކު މިގެއަށް އައީ؟ ނުވެސް ބުނަމެއްނު މިއަދު އަންނަ ވާހަކައެއް؟" ރޫ އަރާފައިވާ ގަމީސް ރީތިކޮށްލަމުން ލަތީފް ބުންޏެވެ. ލަތީފްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރު އަރޫޝާ ދެނެގަތެވެ. ދެން ވެސް އެއްޗެއް ނުބުންޏެވެ.

"ލައި. މިއީ އަރޫ. އަހަރެން ކުރިން ބުނީމެއްނު؟" ނިތް އަރުވާލަމުން ލަތީފް ބުންޏެވެ. "އަރޫ، މިއީ ލައިބާ. އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑެއް."

އަރޫޝާ ހުރީ ހިތްހަމަނުޖެހިފައެވެ. ރައްޓެއްސެއް ވެއްޖިއްޔާ ނިދާ ކޮޓަރިއާ ހިސާބަށް ވަދެ ސަކަރާތް ޖަހާ ހިސާބަށް ދޭ ހެއްޔެވެ؟ ދެ މީހުން ނުކުތީ އެކަކު ގައިގައި އަނެކަކު 'އުނގުޅެމުން'ނެވެ. އެއީ އަރޫޝާއަށް ބަލައިގަންނަން އުނދަގޫވި ކަމެކެވެ. ލަތީފްއަކީ އަރޫޝާގެ ވާން އުޅޭ ފިރިމީހާއެވެ. އެ ފަދަ ގޮތަކަށް ހިލޭ އަންހެނަކާ އެކު އެކަހެރިވެ ހީ ސަމާސާ ކުރުމަކީ ގަބޫލް ކުރަން ދަތި ކަމެކެވެ. އަރޫޝާ އެއްވެސް އެއްޗެއް ނުބުނެއެވެ. ލައިބާ ގެއިން ނުކުތީ ފަހުން އަންނާނެ ކަމުގައި ބުނަމުންނެވެ.

"އަރޫ. ކިހިނެއް ތި ހެދީ؟ ލައިއާ ވާހަކަ ދައްކާލަން ވާނެއެއްނު؟" ލަތީފް ހިތްހަމަނުޖެހުން ފާޅު ކުރިއެވެ. އަރޫޝާ ހައިރާންވިއެވެ. އަދިވެސް ހިތްހަމަނުޖެހެންވީ ލަތީފް ހެއްޔެވެ؟ ބޭނުން ނަމަ ލަތީފްއާ ކުރެވޭނެ ކިތަންމެ ސުވާލެއް ހުއްޓެވެ. ނަމަވެސް ޒުވާބަކަށް ދާން ޖެހިދާނެތީ އެ ގޮތް ބޭނުމެއް ނުވިއެވެ. ވަގުތު އެކަމަށް ތަނެއް ނުދިނެވެ. އަރޫޝާ ހުރީ ނިދާލަން ބޭނުންވެފައެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމަށް ވުރެ ސިކުނޑިއަށް ވަނީ ބަރުހެލިކަން އިހުސާސް ކުރެވިފައެވެ.

ދުވާލު ގިނަ އިރު ނިދުމުގެ ސަބަބުން އަރޫޝާއަށް ދަންވަރު ވީ އިރު ވެސް ނުނިދެއެވެ. ނިދާ ތަނާއި ނިދާ ކޮޓަރި ވެސް ވަނީ ބަދަލުވެފައެވެ. އަރޫޝާއަކީ މިހާރު މީހެއްގެ އަތްނބެއް ނޫނެވެ. ނަމަވެސް މަގަތުގައި އޮތީ ހިލޭ ފިރިހެނެކެވެ. ދަމާ ގުގުރީގެ އަޑުގަދައެވެ. ވިސްނަން އޮއްވައި ދެ ގަޑި ބައިވިއެވެ. ކުދިން މަތިން ހަނދާންވާން ފެށިއެވެ. މަންމައާ ނުލައި އުޅެން ދަސްވެފައި ނުވާ ކުދިންތަކެއް މައެއްގެ ވަކިވުން ތަހައްމަލް ކުރާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އެ ހިތާމަ ތެރެއަށް އެ ކުދިން ދޫކޮށްލާފައި އަންނަމުން ނުވިސްނާފައި މިހާރު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އަރޫޝާ ހިތަށް އެރިއެވެ. ކުދިން ކުށްވެރި ކުރާނީ އަރޫޝާ ހެއްޔެވެ؟ ހަގީގަތުގައި ވެސް މައްސަލައަކީ އަރޫޝާ ހެއްޔެވެ؟ އަޒީޒްއާ އެކު އުޅެމުން ދިޔަ ދިރިއުޅުމުން އުނިވި ލޯބި ހޯދަން އަރޫޝާ ނުކުތުން އެއީ ކުށެއް ހެއްޔެވެ؟

ފަތިހު ހޭލުމަކީ އަރޫޝާއަށް އާދަވެފައިވާ ކަމެކެވެ. ނަމަވެސް ރޭގަނޑުގެ ނިދި ނުލިބުމުން ހޭލުން ލަސްވިއެވެ. ގެއަކީ އަރޫޝާއަށް އާ ގެއެކެވެ. ލަތީފް ނޫން އިތުރު މީހަކު އެ ގޭގައި ނޫޅެއެވެ. ނަމަވެސް ތިން ކޮޓަރި ހުރެއެވެ. ލަތީފް ކޮޓަރި ނޫން ދެން ހުންނަ ކޮޓަރިތައް ހުންނަނީ ތަޅުލާފައެވެ. ގެއަށް ހޭނެން ދުވަސްކޮޅެއް ނެގިއެވެ. ބާވެފައިވާ ބަދިގެއެކެވެ. ގޭތެރެ ވަނީ ކުނި ނުކަހާ އެތައް ދުވަހެއް ވެފައެވެ. އަރޫޝާގެ މަސައްކަތުން ގޭތެރެއަށް ތަރުތީބުކަން ގެނައެވެ. ގޮނޑިއަށް އަރައިގެން، ހިރަފުސް އަރާފައިވާ ތަންތަން ވެސް ސާފު ކުރިއެވެ. ފާރުތަކުގައި ހަޑިވެފައިވާ ތަންތަން ފޮހެ ދޮވެ ހެދިއެވެ. އިރުން އިރަށް ކައްކާފައި ލަތީފަށް ކާން ހަދައިދެއެވެ. ލަތީފް ގިނަ ވަގުތު އުޅެނީ ބޭރުގައެވެ. ދަނީ ކޮން ތަނަކަށް ކަމެއް ނުބުނެއެވެ. އަރޫޝާ އަހާލުމުން އަންނަނީ ރުޅިއެވެ. މަޑުމަޑުން ނަމަވެސް އަރޫޝާއަށް ލަތީފް ދަސްވާން ފެށިއެވެ.

ކައިވެނީގެ ވާހަކަ ދެކެވުނު އަދަދު އެނގޭނީ ގުނާ ނަމައެވެ. ލަތީފް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ބޯޓް ދަތުރުކުރަން ދާނީ ކޮން އިރަކުތޯ އެހުމުން ބުނީ ދެން ނުދާނެ ކަމުގައެވެ. މާލެއާ ވީ ކޮޅުން ވަޒީފާއެއް ހޯދައި އެތަނުގައި އުޅޭނީ ކަމުގައެވެ. ލަތީފްގެ އާއިލާ ކޮބާތޯ ވެސް އަރޫޝާ އެހިއެވެ. އެކަމަށް ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ލަތީފްގެ އުޅުމަކީ ސުވާލު މާކެއް ފަދަ އުޅުމެކެވެ. މީހެއްގެ އަތްނބެއްގެ މަގާމުގައި އަރޫޝާ ހުރި އިރު ލަތީފް ދެއްކީ އެހެން ސިފައެކެވެ. މިހާރު ލަތީފް ކިބައިން ފެންނަނީ އަރޫޝާ އެންމެ ހިތް ނޭދޭ ސިފަތަކެވެ. ލަތީފަކީ މުޑުދާރު މީހެކެވެ. ދާ އަންނައުނުތައް އެތަން މިތަނަށް އުކައެވެ. ތެތް ތުވާއްޔާއި ނުބައި ވަސް ދުވާ އިސްޓާކީނަކީ ދުވަހަކު ވެސް ނުދޮންނަ ކަހަލަ އެއްޗެއްސެވެ. ފެންވަރަނީ ހިތަށް އެރި ދުވަހަކުއެވެ. ސިނގިރޭޓް ބުއިމަކީ ދެވިހިފާފައިވާ ކަމެކެވެ. ލަތީފްގެ އުޅުމާއި އަޒީޒްގެ އުޅުން އަޅާ ކިޔެން ފެށުނީ ބޭއިހުތިޔާރުގައެވެ. އަޒީޒްއާ ދޭތެރޭ ވިސްނެން ފެށުނީ އަރޫޝާއަށް ވެސް ނޭނގިއެވެ. އޭރު އެގޭގައި އުޅޭތާ އަހަރެއް ވަނީއެވެ.

އަރޫޝާ އަދާ ކުރީ އަތްނބެއްގެ 'ވަޒީފާ' އެވެ. އެކަން ލަތީފް ބަލައެއްނުގަނެއެވެ. ހިތަށް އެރިއްޔާ ގެއަށް އާދެއެވެ. ހިތަށް އެރިއްޔާ އެއް ދުވަހާއި އެރޭ ވެސް ނައިސް އުޅެއެވެ. އެކުގައި ބޭރަށް ދިޔަ ދުވަހެއް ހަނދާނެއް ނެތެވެ. އެކަނި ގިނަ ވަގުތުތައް ހޭދަ ކުރަން ފެށުމުން އަރޫޝާ ހަނދާން ވަނީ ކުދިން މަތިންނެވެ. ދޮރާށި ކައިރީގައި ކުދިން ފެނޭތޯ ސިއްރުން ބަލަން ހުރެވެއެވެ. ކުދިން އަޒީޒްއާ އެކުގައި ސުކޫލަށް ދާ ތަން ފެނެއެވެ. އެ ކުދިން ގައިގާ ބައްދާލާ ހިތްވެއެވެ. ލޯބިން ފިރުމާލާ ހިތްވެއެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. އަރޫޝާ ހިތަށް އެރިއެވެ. އަޒީޒް ކިބައިން މައާފަށް އެދެންވީ ހެއްޔެވެ؟ ކުދިންގެ ހައްގުގައި އެނބުރި އެ ދިރިއުޅުމަށް ދާންވީ ހެއްޔެވެ؟ އަޒީޒް އަރޫޝާ ބަލައިގަންނާނެ ހެއްޔެވެ؟ އާނއެކެވެ. އަޒީޒް އަރޫޝާ ދެކެ އިންތިހާއަށް ލޯބިވިއެވެ. އަޒީޒް އަދިވެސް އަރޫޝާ ބަލައިގަންނާނެއެވެ. ދަރިންނަށްޓަކައި ވެސް އަޒީޒް އެކަން ޖެހޭނީ ކުރާށެވެ. އަރޫޝާއާ ނުލައި އަޒީޒަކަށް އެ ކުދިންނެއް ނުބެލެހެއްޓޭނެއެވެ. އެ ކުދިންނަކަށް އެކަށީގެންވާ ތަރުބިއްޔަތެއް ނުދެވޭނެއެވެ. އަރޫޝާ ހިންދެމިލިއެވެ. އެއީ ހަގީގަތެއް ކަމަށް ގަބޫލުކޮށް ފޮށްޓަށް އެއްޗެހި އަޅަން ފެށިއެވެ.

އިހުތިޔާރު ކުރި އެ މަގުން ފަހުން ކުރިމަތިލާން ޖެހޭނީ ކޮން ފަދަ ކަމަކާ ކަމެއް ވެސް ނުވިސްނުނީމައެވެ. ދޮރާށިން ނުކުންނަމުން ހަނދާނަށް އައީ އަޒީޒް އާއި ދަރިން ދޫކޮށްލާފައި ލަތީފް ގާތަށް އައި ދުވަހެވެ. އަރޫޝާ މަޑު ހިނގުމެއްގައި ގޮސް އަޒީޒްގެ ގެއަށް ވަނެވެ. ފުރަތަމަ ވެސް ފެނުނީ މައިޝާއެވެ. މައިޝާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. އެކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ. އެ މޫނުން ބުނެދެމުން ދިޔައީ މަންމަ ތިއައީ ކީއްކުރަންތޯ ކުރާ ސުވާލެވެ. އަރޫޝާ ކުރިއަށް ހިނގައިގަތެވެ. ގޯތިތެރެއިން ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ. މައިޝާ ވެސް ފަހަތުން ވަނެވެ. އަރޫޝާ އަތުގައި ހުރި ފޮށި ދޫވިއެވެ. އަޒީޒް ފެނުމުންނެވެ. ނޫނެކެވެ. އަޒީޒް ގާތުގައި އިން ޒުވާން އަންހެން ކުއްޖާ ފެނުމުންނެވެ. އޭނަގެ އުނގުގައި އިނީ އަރޫޝާގެ އެންމެ ހަގު ދަރިފުޅެވެ. އެއީ ލޮލަށް ބަލަން އުނދަގޫވި މަންޒަރެކެވެ. އަޒީޒްއަށް ކޮޅަށް ތެދުވެވުނެވެ. ކައިރީގައި އިން އަންހެން ކުއްޖާ ވެސް ކޮޅަށް ތެދުވީ އަރޫޝާގެ ދަރިފުޅު ބިންމަތީ ބަހައްޓާފައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ޙިކނދ

22 މޭ 2023
ދެބުޅާ ފެހި މީދަލަށް ދޯ މިވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް