ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

8 ޖޫން 2023

އެޕިސޯޑް 9

"އެއީ އަހަރެން ބޭނުން ވެގެންނެއް ނޫން..." މައިޝާ ހުއްޓުން އެރިއެވެ.

"ބޭނުން ވެގެންނެއް ނޫން؟" ފާއިޒް މައިޝާގެ ކުރިމައްޗަށް އެރިއެވެ. "މި ކައިވެނި ކުރީ؟"

"ނޫން އެހެންނެއް ނޫން. ބޭނުން ވެގެންނެއް ނޫން މިގެއަށް ބަދަލުވީ،" މައިޝާއަށް ބުނާނެ ނުބުނާނެ އެއްޗެއް ނޭނގުނެވެ. "އަހަރެން ބޭނުންވީ އެ ގޭގައި އުޅެން. ބައްޕަގެ ހަނދާންތަކާ އެކު."

ފާއިޒް ހިނިތުންވެލިއެވެ. "މައިޝާ މިހާރު ބޭނުން ވިޔަސް އެ ގެއަށް ބަދަލުވާންވީ. އަހަރެމެން ދޭތެރޭގައި އެއްވެސް ކަމެއް މަޖުބޫރެއް ނުވާނެ. އެއްވެސް ކަމެއް ސިއްރެއް ނުވާނެ،" މައިޝާއާ ހަތަރު ކަޅި ހަމަ ކޮށްލާފައި ފާއިޒް ބުންޏެވެ. މައިޝާ ހިތާ ހިތުން ޝުކުރު ކުރީ އެހާ ރަނގަޅު ބައިވެރިއެއް ލިބުނީތީއެވެ. ނަމަވެސް ފާއިޒްއަށް ހަގީގަތް އެނގުމުން ވެދާނެ ގޮތަކާ މެދު މައިޝާ ކަންބޮޑުވިއެވެ.

ފާއިޒް މައިޝާ ދެކެ ވަރަށް ލޯބިވެއެވެ. ބުނާ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކޮށްދެއެވެ. މައިޝާ ފާއިޒް ދެކެ ލޯބި ނުވި ނަމަވެސް ފޫއްސެއް ނުވެއެވެ. ޖޫދާއަށް އެ މަންޒަރު ފެނެއެވެ. މައިޝާ ކިބައިގައި ހުންނަ މުރާލިކަމާއި ހީވާގިކަން ފެނުމުން އެކަމާ އުފާ ކުރެއެވެ. އެ ފަދަ ޅީދަރިއެއް ލިބުމުން އެކަމާ ހިތްހަމަޖެހެއެވެ. ނަމަވެސް ކޮޓަރީގެ ހަތަރު ފާރު އެތެރޭގައި އެފަދަ ހަމަޖެހުމާއި އުފާވެރިކަން އޮންނަ ކަމެއް ނޭނގެއެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. މައިޝާ ކައިވެނި ކުރި ފަހުން މަންމަ ގެއަށް ދިޔަ ފުރަތަމަ ދުވަހެވެ. ގޭތެރެއަށް ވަންނަން ނުވަންނަން ހުރެފައި އެތެރެއަށް ބަލާލިއެވެ. އެ ވަގުތު ނައީމާ ފެނުނެވެ. މައިޝާ ފެނުމުން ނައީމާ އުފާވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް މައިޝާގެ އަތުގައި ހިފިއެވެ. އަދި އެތެރެއަށް އައުމަށް ބުންޏެވެ. މައިޝާ ގޮސް ވަނީ އަޒީޒް އޮތް ކޮޓަރިއަށެވެ. މައިޝާ ހައިރާންވިއެވެ. ކޮޓަރި ވަނީ އެއްކޮށް ބަދަލު ކޮށްފައެވެ. އެ ތަނުގައި ހުރީ އަރޫޝާ ގެންގުޅޭ ފަހާ ސާމާނުތަކެވެ. ބައްޕަ ނިދި އެނދެއް ނެތެވެ. ބައްޕަގެ ފޮޓޯއެއްހާ ހިސާބު ވެސް ގޭގައި ނެތެވެ. މުޅި ކޮޓަރިތެރޭ އޮތީ އަންނައުނާއި ފޮއްޗެވެ. ދެ ފަހާފޮށްޓާއި ފޮށިގަނޑުތަކެއް ވެސް ހުއްޓެވެ. މައިޝާ ފަހަތަށް އެނބުރުނު ވަގުތު ނައީމާ އެތަނަށް ވަނެވެ.

"ތިއީ މަންމަ މިހާރު ފަށައިގެން އުޅޭ ކަމެއް. ރައްޓެއްސަކާ އެކު ބޭރަށް ގޮސް ފަހާ އެއްޗެހި ގެނެސްގެން ތި މަސައްކަތް ކުރަނީ،" ނައީމާ ދިއްކޮށްލީ ޖޫސް ތަށްޓެކެވެ. މައިޝާ އޭގައި ހިފިއެވެ.

"އެކަމަކު މިއީ ބައްޕަގެ ކޮޓަރިއެއްނު. މި ނޫން ތަނަކު ވެސް މި ކަން ކުރެވޭނެ،" ކޮޓަރިން ނުކުންނަމުން މައިޝާ ބުންޏެވެ.

"މައިޝާ! ކީއްކުރަން އައިސް ތި އުޅެނީ؟" ހާލު އަހާލައި ފެނުނީމައި އުފާވުމުގެ ބަދަލުގައި ފޫހި ރާގަކަށް އަރޫޝާ ބުންޏެވެ. އަރޫޝާ އައީ ބަދިގެއާ ދިމާއިންނެވެ.

"ތިހެން ދެން އަބަދު މިގެއަށް އަންނާކަށް ނުވާނެއެއްނު. މީހަކާ އިނީމަ އުޅެން ޖެހޭނީ ފިރިމީހާގެ ބަސް އަހައިގެން އެ ގޭގައި. އޭނަ ބުނާ ގޮތަކަށް އޭނައަށް ހިދުމަތްކުރުމުގައި. ތި ގޮތަށް އިރުކޮޅަކާ މިގެއަށް އަންނަންޏާ އެ ގޭ މީހުން ވެސް ހިތްހަމަނުޖެހޭނެ." މައިޝާ ހައިރާނެއް ނުވިއެވެ. މަންމަގެ ގޮތް އެނގޭތީއެވެ. އެއްޗެއް ނުބުނީ އެހެންވެގެންނެވެ. އަރޫޝާއަށް ވެގެން ވާ ނަމަ މައިޝާގެ މޫނު ވެސް ބަލާކަށް ބޭނުމެއް ނުވާނެއެވެ.

"ދެން ދޭ ގެއަށް. މިހާރު ފާއިޒް ހުންނާނެ ލަސްވެފައި،" އިސްތަށިގަނޑު ރީތި ކުރަމުން އަރޫޝާ ބުންޏެވެ. ވީ ފޫހިން މައިޝާ ހުރީ ޖޫސްތަށީގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ނައީމާ މައިޝާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.

މައިޝާ ހިތަށް އެރިއެވެ. މިގެއަކީ އޭނަގެ ބައްޕަގެ ގެއެކެވެ. ބައްޕަގެ އެހެން ކުދިންނެކޭ މައިޝާއެކޭ މިގެއަށް ވާނީ ހަމަހަމައެވެ. އެކަމަކު އެއްބަނޑު ކުދިން ވެސް މައިޝާއާ ވާހަކައެއް ނުދައްކައެވެ. މައިޝާ އިސްވެ އަނގައިން ބުނަން އުޅުނު ނަމަވެސް އެ ކުއްޖަކު އެ ތަނަކުން ތެދުވެގެން ދެއެވެ. މައިޝާ ހުންނަނީ ބާކީވެފައެވެ. އަމިއްލަ ގެއަށް އެތައް ދުވަހެއް ކޮށްފައި އައުމުން ވެސް ހާލު އަހާލާނެ މީހަކު ނުވެއެވެ. ލޮލުން އޮހޮރެން ފެށި ކަރުނަ ލައްކަ ގިނަ ވާހަކަ ބަޔާން ކޮށްދިނެވެ.

ފާއިޒް ކޮޓަރިއަށް ވަން އިރު މައިޝާއެއް ނެތެވެ. ބޭރަށް ނުކުމެފައި ބަދިގެ ބަލާލިއެވެ. އެތަނަކު ވެސް ނެތެވެ. ޖޫދާއަށް ގޮވާފައި އަހާލުމުން، މައިޝާ ދިޔައީ ގެއަށް ކަމުގައި ބުންޏެވެ. ފާއިޒްގެ ކަންބޮޑުވުން ހަމައަކަށް އެޅުނެވެ. ހިތްހަމަނުޖެހުނީ ބުނެނުލާ ދިޔައީމައެވެ. ވިސްނާލަން ހުރެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެނދާ ދިމާލަށް ބަލާލިއެވެ. އެ ދާނަކީ ލޯބީގެ ދާނަކަށް ހެދުމަށް ފާއިޒްއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް އެއް އަތް ޖެހިޔަސް އަޑެއް ނުކިޔާނެއެވެ. ފާއިޒް މައިޝާ ދެކެ ވާ ލޯބި އޭނައަށް ނޭނގެނީ ހެއްޔެވެ؟ މައިޝާއަށްޓަކައި އެ ހިތުގައި ޖަހަމުންދާ ވިންދުގެ އަޑު ނީވެނީ ހެއްޔެވެ؟ މައިޝާގެ އަސްލު މައްސަލައަކީ ބައްޕަ ނިޔާވުން ހެއްޔެވެ؟ މިހާ ދުވަސް ވީ އިރު އެ ހިތާމައަށް ލުއިކަމެއް ނުލިބެނީ ހެއްޔެވެ؟ ނުވަތަ މައިޝާގެ އަސްލު މައްސަލައަކީ އެހެން ކަމެއް ހެއްޔެވެ؟ ފާއިޒްގެ ސިކުނޑި ސުމަކަށް ދިޔައެވެ. ވިސްނި ވަރަކަށް އަންނަ ހިޔާލު ގިނަ ވާން ފެށިއެވެ. ދާން ބޭނުން ނުވާ މިސްރާބަށް ވިސްނުން ހިނގައި ދާނެތީ ފާއިޒް ޖެހިލުންވިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި މައިޝާ އެތެރެއަށް ވަނެވެ. ފާއިޒް އިނީ އެނދުމަތީގައެވެ. މައިޝާ ފެނުމުން ހިނިތުންވެލިއެވެ. މައިޝާގެ ލޮލުން ހެކި ދިނީ އެހެން ކަމެކެވެ. ފާއިޒްއަށް އެ ވަރު ވިސްނުނެވެ. މިލާ މޯޅި ވެފައިވާ މޫނު މަތިން ފެނުނީ ހިތާމައާއި ހިތްދަތިކަމެވެ. ހީވަނީ އެތައް އިރަކު ރޮއިފައިހެންނެވެ. ފާއިޒްގެ ހިތް ތެޅިގަތެވެ.

"މައިޝާ. ކިހިނެއްވީ؟" މައިޝާ ގާތަށް ޖެހިލަމުން ފާއިޒް އަހާލިއެވެ. މައިޝާ އެއްވެސް އެއްޗެއް ނުބުނެ ފާހާނާއަށް ވަނެވެ. އެތަނުގައި އެތައް އިރަކު ހުރެ ރުޔެވެ. ތިރީސް މިނެޓް ކޮށްފައި ނުކުތް އިރު ވެސް ފާއިޒް އެ ހުރި ގޮތަށް ހުއްޓެވެ. މައިޝާ އިތުރަށް ދެރަވިއެވެ. ހެޔޮ އެދޭ ފިރިމީހާ ގާތުގައި ހުރިހާ ވާހަކައެއް ކިޔާ ދީފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ.

"މައިޝާ. އަހަރެން ނާހާނަން ކިހިނެއްތޯ ވީ. މައިޝާއަށް ފެނުނު އިރަކުން އަހަރެން ގާތުގައި ބުނޭ. އެކަމަކު އަހަރެންގެ އަންހެނުން ރޮއި ހިތާމަ ކުރާތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވޭ،" ފާއިޒް އޯގާތެރިކަމާއެކުގައި ބުންޏެވެ.

މައިޝާ ވަށައިގެން ބަލާލިއެވެ. ހަތަރު ގަނޑު ފާރު ހީވަނީ މައިޝާ ފިއްތާލާފާނެ ހެންނެވެ. މަތި ބެދިފައިވާ އެތަނުގައި މައިޝާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މީހުން ތިބި ނަމަވެސް އެ ގޭގައި ވެސް މައިޝާއަށް ކުރެވެނީ ބީރައްޓެހި އިހުސާސެކެވެ. އެ އިހުސާސްތައް ބޭރު ކުރާނެ ހިތްވަރެއް ނުލިބެއެވެ. އޯގާތެރި ފިރިއެކެވެ. މަންމައެއްގެ ލޯބި ދޭ ހެޔޮ މައިދައިތައެކެވެ. ފާއިޒްގެ ބައްޕައާއި ކޮއްކޮމެން ވެސް އެހާ ރަނގަޅެވެ. ވީ އިރު މައިޝާއަށް އުނި ވަނީ ކޮން ކަމެއް ހެއްޔެވެ؟ ނުފުދެނީ ކޮން ބޭނުމެއް ހެއްޔެވެ؟

ކައިވެނި ކުރަން ބޭނުން ނުވެ ހުރެ މި ކަން ކުރުމުން ވެސް މައިޝާއަށް ލިބުނު އެއްވެސް ދެރައެއް ނެތެވެ. ކަނޑުވާން އުޅޭ އިރު ކިތަންމެ ބިރުގަތް ނަމަވެސް ކަނޑުވުމުން އެ ބިރު ކެނޑެއެވެ. މައިޝާއަށް ވެސް ވީ އެ ކަހަލަ ގޮތެވެ. ފާއިޒްއާ އެކީ އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފާއިޒް ކިބައިގައި މައިޝާ ބޭނުންވާ ހުރިހާ ސިފައެއް ހުއްޓެވެ. މައިޝާއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރެއެވެ. ހަރުކަށިކަމެއް ނުހުރެއެވެ. މައިޝާ ހިތްހަމަނުޖެހިފައި ހުރިކަން އެނގިޖިއްޔާ އިސްޖަހާލައިގެން ފާއިޒް ދަނީއެވެ. އިތުރަށް ސުވާލެއް ނުކުރެއެވެ. ބައެއް ފަހަރު އެހެން ވުމުން މައިޝާ ދެރަވެއެވެ.

ދެމަފިރިން ދެ ބީރައްޓެހިން ހެން އުޅެން މައިޝާއަށް އުނދަގޫ ވާން ފެށިއެވެ. ފާއިޒް ގާތުގައި ވާހަކަ ދައްކަން މައިޝާ ހިތަށް އެރިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް