ވާހަކަ: އިހްތިޔާރު

ވާހަކަ

ވާހަކަ: އިހުތިޔާރު

10 ވަނަ އެޕިސޯޑް

ފާއިޒް ގާތުގައި ވާހަކަ ދައްކަން މައިޝާ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި ވިސްނާލިއެވެ. ވާހަކަ ދެއްކި ނަމަވެސް މައްސަލަ ހައްލުވާނެ ހެއްޔެވެ؟ ކުށްވެރި ވާނީ މައިޝާއެވެ. ފިރިއެއްގެ ފަރާތުން މައިޝާއަށް އުނި ވާ އެއްވެސް ކަމެއް ނޯވެއެވެ. ހަޔާތުގެ ހުންގާނު ފާއިޒް ހަވާލުކޮށްފައި އޮތީ މައިޝާއަށެވެ. ދާން ވީ މިސްރާބާއި މަންޒިލް އެނގެނީ ވެސް އޭނައަށެވެ. ފާއިޒް އެކަމަކާ ގޮތެއް ނުކިޔައެވެ. ދެ ބަހެއް ވެސް ނުވެއެވެ. ވުމާއެކު ވާހަކަ ފަށާނީ ކީ ކޭ ކިޔާފައި ހެއްޔެވެ؟

ނުގަބޫލުގައި ކުރެވުނު ކައިވެނިން މައިޝާއަށް އުފާވެރި ކަމެއް ނެތެވެ. ފިރިމީހާ ކިތަންމެ ހިތްހެޔޮވެފައި ރަނގަޅު ނަމަވެސް ވެހެވެ. ދެން ހުރީ މަންމައެވެ. އެއީ ނެތް މީހެކެވެ. މަންމަގެ ފަރާތުން ލިބެނީ ނުރުހުމާއި ހިތްދަތިކަމެވެ. އާއިލާގެ އެހެން ކުދިން ފަރާތުން ވެސް ލިބެނީ ހިތްހަމަ ނުޖެހުމާއި ބަދު ބަސްތަކެވެ. ފާއިޒްދެކެ ލޯބި ވުމަކީ މައިޝާއަށް ކުރަން އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ފިރިއެއްގޮތުގައި ބަލައިގަނެވިދާނެއެވެ. އެކުގައި އުޅެވި ދާނެއެވެ. އެ ނޫން އެހެން ގޮތެއް ނެތީމައެވެ.

މައިޝާ ވަރަށް ވިސްނިއެވެ. ފާއިޒްގެ އަތުގައި މައިޝާ ހިފީ މަޑުމަޑުންނެވެ. ފަރުވާތެރިކަމާއި ކެތްތެރިކަމާއެކުގައެވެ. އެ ދެމެދުގައި ހުރި ފަރުދާތައް ކެހެމުން ދިޔައީ ވެސް ލަސްލަހުންނެވެ. ބޭނުން ނުވާ ކަމަކަށް ރުހެން ކިހާ ހިތްވަރެއް ހޯދަން ޖެހޭނެކަން މައިޝާ ދަނެއެވެ. އެކަން ތަޖުރިބާ ކުރީ ޅަ އުމުރުގައެވެ. ފާއިޒްގެ އަތް މައިޝާގެ މުށުތެރޭގައި ބަންދު ކުރީ ދުވަހަކު ވެސް އެ އަތް ދޫ ނުކޮށްލާނަން ކަމަށް ވައުދު ވަމުންނެވެ. ތިމާއަށް ކުރިމަތި ލާން ޖެހޭ ހުރަސްތައް އެހެން މީހަކަށް ގިރައެއް ނުކޮށް ދެވޭނެއެވެ. ނަމަވެސް އެކަމުގައި އެހީތެރިވެދެވި ދާނެއެވެ. އެކަން ކުރަން ޖެހޭނީ އަމިއްލައަށެވެ. އެކަމަ ކުރިމަތިލާ ތަޖުރިބާ ކުރަން ޖެހޭނީ ވެސް ތިމާ އެކަންޏެވެ. ސިކުނޑިއަށް ލުއި ކަމެއް އިހުސާސް ކުރެވޭނީ އޭރުންނޭ މައިޝާ ހިތަށް އެރިއެވެ.

ކައިވެންޏަށް 4 މަސް ވީ ދުވަހެވެ. ފާއިޒްއާއި މައިޝާގެ ގުޅުން ރަނގަޅު ވިތާ އަދި މިވީ އެންމެ ހަފުތާއެކެވެ. އެކުގައި އުޅެން މައިޝާއަށް ދަސްވެއްޖެއެވެ. މައިޝާގެ ހިތުގައި ވާ ލައްގަނޑު ނުފިލި ނަމަވެސް ކުލަ ފަނޑުވިއެވެ. އެހެން މީހަކަށް ނުފެންނާނެހާ މަޑުންނެވެ. މައިޝާ އުންމީދު ކުރީ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލު ވީ ކަމަށެވެ. ނަމަވެސް ހިތުގައި އެހެން ބިރުވެރިކަމެއް ވަކިއަޅަން ފެށިއެވެ. މައިޝާ ހިތަށް އެރިއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ. ދެން ހަދާނީ ކިހިނެއް ކަމެއް ނުވިސްނުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. ފާއިޒް ގާތުގައި ބުނާނީ ކީކޭ ކަމެއް ވެސް ނޭނގުނެވެ.

މައިޝާގެ އުޅުން ބަދަލުވިއެވެ. ވާހަކަ ދެއްކުން މަދުވެފައި ގިނަ ވަގުތު ކޮޓަރީގައި ހޭދަ ކުރަން ފެށިއެވެ. ފާއިޒް ވަދެއްޖެ ނަމަ ކޮޓަރިން ނުކުމެގެން ދެއެވެ. ޖޫދާއަށް އެ މަންޒަރު ކަމަކު ނުދިޔައެވެ. ދަރިފުޅު އެކަނިވެފައި ވިސްނަން އިންނަ ތަން ފެންނަން ފެށީ މަދެއް ކޮށެއް ނޫނެވެ. ޖެހިގެން އުޅެނީ ކޮން މައްސަލައެއް ތޯ ބަލަން ބޭނުންވިއެވެ. ދެ މީހުންނަށް އެކަނި ހައްލު ނުވާ ވަރުގެ ކަމެއް ނަމަ އެކަމުގައި ޖޫދާ އެހީތެރިވާން ހުރީ ތައްޔާރަށެވެ.

ޖޫދާ ފުރަތަމަ ވާހަކަ ދެއްކީ މައިޝާއާއެވެ. މައިޝާގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ނުލިބުނެވެ. ސުވާލަކަށް ޖަވާބު ނުދޭ އިރު އަނގައިން ވެސް ނުބުންޏެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. މައިޝާގެ ހިތުގެ ހާލަތު މަންމައަށް އަޑު އިވޭނެ ނަމައޭ މައިޝާ ހިތަށް އެރިއެވެ. ދުށް ރީތި ހުވަފެންތައް ބިލާހަކަށްވިއެވެ. އުންމީދުތައް ވިއްސިވިހާލި ވެގެން ދާ މަންޒަރު މައިޝައަށް ފެންނަމުން ދިޔައެވެ. ހިތުގައި އުފެދެމުން ދިޔަ ޝަކުވާ ގިނަ ކަމުން ވިންދު ޖަހާނެ ޖާގަ ވެސް ނުލިބުނެވެ. ޖޫދާ ހުރީ އަޑު އަހާށެވެ. ނަމަވެސް މައިޝާގެ ދުލު ކުރިއަށް އެންމެ ބަހެއް ގެންނާނެ ހާ ހިތްވަރު ވެސް ނުލިބުނެވެ. އެންމެ ފަހުން އެ ލޮލުން ފާއްދާލި ކަރުނަ ޖޫދާއަށް ފެނުނެވެ. ޖޫދާ ކިތަންމެ ގިނަ ސުވާލެއް ކުރި ނަމަވެސް މައިޝާ އަނގައިން ނުބުނާނެ ކަން ވިސްނުނެވެ. ވީމާ ވާހަކަ އެހެން ދިމާލަކަށް ދީލާލަން ހިތަށް އެރިއެވެ. ޖެހިގެން އުޅޭ މައްސަލައަކީ ކޮބާ ތޯ ނުބަލައި ހައްލަކީ ކޮބާ ކަން ކިޔައި ދޭން ފެށިއެވެ.

ފިރިމީހާއާއި އަނބިމީހާގެ ޒިންމާތަކަކީ ކޮބާކަމާއި ޒަވާޖީ ހަޔާތެއްގައި ދެ މީހުންގެ ދައުރު ކިޔާދިނެވެ. ޖެހޭ ކުދި ކުދި މައްސަލަތަކަކީ ހައްލު ނުކުރެވޭ ވަރުގެ ކަންކަން ނޫންކަމެވެ. އަންހެނުންގެ މަގާމާއި އެ މީހުން އުފުލަން ޖެހޭ ބުރައާއި ކެތްތެރިވާން ޖެހޭ މިންވަރު ވެސް ބުނެދިނެވެ. ފިރިއަކަށް އަދާ ކޮށްދޭން ޖެހޭ ވާޖިބުތަކާއި ކިޔަމަންތެރިކަން އަދާ ކުރަން ޖެހޭ މިންވަރު ވެސް ކިޔާދިނެވެ. އަނބިމީހާއަށް ލިބޭ އިހުތިޔާރުތަކާއި ފިރިމިހާގެ ހައްގުގެ ވާހަކަތަކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމާއި އެ ކުދިންގެ ހައްގުގައި ދެމަފިރިން އަދާ ކުރަން ޖެހޭ މުހިންމު ޒިންމާ ތަކުގެ ވާހަކަތައް ވެސް ކިޔާ ދިނެވެ. ޖޫދާގެ މަގުސަދަކީ މިއިން މައުޟޫއަކަށް ދިޔުމުން މައިޝާގެ ހިޔާލު އެހެން ދިމާލަކަށް އެނބުރޭތޯއެވެ. ނުވަތަ މައްސަލައަކީ މިއިން ކަމެއްގެ ސަބަބު ކަމަށް ދެކެވުމެވެ. ނަމަވެސް ވީ ކަމެއް ނެތެވެ. ޖޫދާގެ މަސައްކަތް ނާކާމިޔާބުވިއެވެ. ފޫ ނެތް ފަޔަށް ފެންފުރުނީއެވެ. ޖޫދާ ފުންނޭވާއެއް ލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. މައިޝާއާ ދިމާލަށް ބަލާވެސް ނުލައެވެ. މައިޝާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ހުސްވިއެވެ. ދެލޯ ހިކުނެވެ. އަރު ބެދުނެވެ.

ޖޫދާ ދެން ދިޔައީ ފާއިޒް ގާތަށެވެ. ވެގެން އުޅޭ ގޮތަކީ ކޮބާ ތޯ ބެލުމަށެވެ. މައްސަލަ ޖެހެން ވީ އަސްލު ސަބަބު ދެނެގަތުމަށެވެ.

"މަންމާ! ނޭނގެ އަހަންނަކަށް ވެސް" ފާއިޒްގެ ޖަވާބު ކުރެވެ. މޫނުމަތިން ފެނުނީ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމެވެ.

"ކީއްވެ ނޭނގެންވީ؟ ތިއި ދަރިފުޅުމެންގެ ދެ މީހުން ދޭތެރޭގައި ހިނގާ ކަމެއްނު. ތި ކަމަށް ހައްލެއް ގެނެވޭނީ ވެސް މައްސަލައިގެ އަސްލު ސަބަބު ހޯދިގެން. ދަރިފުޅު ބޭނުމެއް ނުވޭތަ...""

"ބޭނުން ވޭ މަންމާ! ވަރަށް ބޭނުން. އެކަމަކު މައިޝާއަށް ވަނީ ކީއް ކަމެއް އަހަރެންނަކަށް ނޭނގެ. އަހަރެން މި ވާހަކަތައް ދައްކާކަށް ބޭނުމެއް ވެސް ނޫން" ފާއިޒް ޖޯލިން ތެދުވަމުން ބުންޏެވެ. ޖޫދާ ބޭނުން ނަމަ ފާއިޒް މަޑުކުރެވުނީހެވެ. ނަމަވެސް ފާއިޒްއަށް މަޖުބޫރު ކުރަން ނުވަތަ ބާރު އަޅާކަށް ޖޫދާ ބޭނުމެއް ނުވިއެވެ.

ނިދަން ކޮޓަރިއަށް ވަންނަން ފާއިޒް ފޫހިވާން ފެށިއެވެ. ރޭގަނޑު ވުމުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ކުރަން ފެށިއެވެ. ޖޫދާއަށް ކެތްކުރަން އުނދަގޫވިއެވެ. ކިތަންމެ ފަހަރަކު އެ ވާހަކަ ދެކެވިއްޖެއެވެ. ދެ މަފިރިން ގާތުގައި ވީ ކިހިނެއް ތޯ އެހިއްޖެއެވެ. ފާއިޒްގެ ބައްޕަ ގާތުގައި ވެސް އެ ވާހަކަ ހިއްސާ ކުރެވިއްޖެއެވެ. ޖޫދާއަށް ހަދާނެ ގޮތެއް ނުވިސްނިގެން އުޅެނިކޮށް އެހެން ކަމެއް ދިމާވިއެވެ.

ދުވަހެއްގެ މެންދުރު ވަގުތެކެވެ. މައިޝާ ކޮޓަރިން ނުކުތީ ފޮށި ހިފައިގެންނެވެ. ޖޫދާގެ ދެ ލޯ ބޮޑުވިއެވެ. ފާއިޒް ގެއަކު ނޫޅެއެވެ. ޖޫދާ، ހަދާނެ ގޮތް ހުސްވިއެވެ. މައިޝާ ހުއްޓުވަން ކުރެވުނު ހުރިހާ ކަމެއް ކުރިއެވެ. މައިޝާ ހަމަ ހިލާ ގުޑާ ނުލިއެވެ. ނުކުމެގެން ދިޔަ ގޮތަށް ދިޔައީ ފަސް އެނބުރި ބަލާ ވެސް ނުލައެވެ. ކަރުނަ ހުސް ވެފައިވާ ދެލޯ އަވީގައި ޖެހުމުން ދިލަ ނެގިއެވެ. މަގުގެ ކޮޅުން ވެސް މީހަކު ފެންނަނީ މަދުންނެވެ. މައިޝާ ހިނގަމުން ފޮށި ހިފައިގެން ނުކުތީ އެ ހޫނު މެންދުރުގެ ވަގުތުގައެވެ. ދާ ހިއްލަމުން ދިޔަ އިރު ހިތަށް އަރަމުން ދިޔަ އެއްޗެހިތައް ގިނަވިއެވެ. ގެއަށް ވަނުމާއެކު މަންމަގެ ފުސް މޫނާ ކުރިމަތިލާން ޖެހޭނެއެވެ.

މައިޝާ ދޮރާށިން ވަދެގެން އެތެރެއަށް ދިޔައެވެ. އުނދޯލީގައި އިން އަރޫޝާއަށް ތެދުވެވުނީ މައިޝާގެ އަތުގައި ހުރި ފޮށި ފެނުމުންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (3)

އިބާ

19 ޖޫން 2023
އެހާ ކޮންސްޓެންޓް ކޮށް ނުގެނެވެންޔާ ކިޔުންތެރިން ވަރަށް ފޫހިވާނެ
4 1

ބަދުރު

3 ޖުލައި 2023
@އިބާ ފޫހިވަންޏާ ނުކީމަ ނިމުނީ. ތިހާ މޮޅިއްޔާ ލިޔެލާފަ ފޮނުވާލަބަލަ ނޫހަކަށް
0 1

ަފާތުން

19 ޖޫން 2023
ކޮބާ 11ވަނަބައި
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް