'ލަސްވިޔަސް'ގެ ބަތަލާ ވާޝިޔާ މުހައްމަދު 'ދައުރު'އަށް އިންޓަވިއު ދެނީ

'ލަސްވިޔަސް'އާ މެދު ވާޝިޔާ: މިއީ އެންމެންނަށް އޮތް ފިލްމެއް

މިރޭ އޮލިމްޕަހުގައި މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ 'ލަސްވިޔަސް' އަޅުވާ އިރު ބަތަލާ ވާޝިޔާ މުހައްމަދު ގަބޫލުކުރަނީ ހުރިހާ އުމުރު ފުރަޔަކަށް ވެސް ކަމުދާނެ ކަމަށް. އެ އިހުސާސްތައް ހުންނާނެ ކަމަށް
12 އޭޕްރީލު 2024

މިއީ ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އަށް ވެސް ބޮޑު ރެއެކެވެ. ފިލްމު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކުރި ދެވަނަ ފީޗާ ފިލްމު 'ލަސްވިޔަސް' އޮލިމްޕަހުގައި ރަސްމީކޮށް ނެރޭ އިރު އެ ފިލްމުގައި އޭނާ ކުރި މަސައްކަތާއި ތަޖުރިބާގެ ސަބަބުން ފިލްމީ ކެރިއަރުގައި ކުރިއަށް ވުރެ މޮޅު އެކްޓަރަކަށް ވެއްޖެ ކަމަށް ވެސް ހުރީ ގަބޫލުކޮށްގެންނެވެ.

އާންމުންނަށް އެ މަސައްކަތް ފެނުމުގެ ފުރުސަތު އެންމެ ފަހުން މި ލިބެނީ އެވެ.

'ލަސްވިޔަސް'ގައި ވާޝިޔާއަކީ ޒުވާން ލޯބިވެރިއެކެވެ. އޭގެ ފަހުން ޒުވާން މަންމައެކެވެ. އެ ބައިތައް ފިލްމުގައި ދައްކަައިދޭ ގޮތްތަކާއި އެހެން ޝަހުސިއްޔަތުންނާ އެކު ކިޔައިދޭ ވާހަކަ އާންމުންނާ ހަމައަށް ގެނެސްދެނީ، އޭނާ ބުނާ ގޮތުގައި، އަހަރެމެން އެންމެންގެ ހަޔާތާ ވެސް ގުޅުވައިގެންނެވެ.

ލަސްވިޔަސްގައި ވާޝިޔާ އާއި ބަތަލް އަހުމަދު އީސާ (އާނަންދު)

"ގަބޫލުކުރަނީ މި ފިލްމަކީ ހުރިހާ ޖެނެރޭޝަނެއްގެ މީހުން ވެސް ލައިކްވާނެ ފިލްމެކޭ. އެހެންވެ މި ފިލްމަކީ ވަކިން ހާއްސަ ޓާގެޓް އޯޑިއަންސަކަަށް ޓީނޭޖާސް، އެޑަލްޓްސް، ނުވަތަ އޯލްޑާ ޕީޕަލް އެގޮތަކަށް ނޫން ނަގާފައި އޮތީ. މީގައި އެކި ކެރެކްޓާސް އިން ގޯތުރޫކުރާ އެއްޗެހި ފީލްވާނެ އެކި ލެވެލްގައި، އެކި މީހުންނަށް. ރިލޭޓްކުރެވޭނެ،" ވާޝިޔާ ބުންޏެވެ.

"މިސާލަކަށް ޝިއާއަށް ޔަންގް އެޑަލްޓަކާ ބަލާފައި އަހަރެން ކުޅުނީ މަންމައެއްގެ  ރޯލު. ޝިއާއަށް ފީލްވީ އެ ކެރެކްޓާއަށް ވަދެފައި ހުރިލެއް ބޮޑުކަމުން، އޯކޭ މަގޭ ދަރިއޭ އެއީ. އެހެންވީމާ އަސްލު މަންމައަކަށް އެ އުމުރުގައި އިހުސާސްވާނެ ގޮތް. މިސާލަކަށް ދަރިއެއް ލިބުމުގެ ކުރިން ޝިއާ ކުޅެފައި އޮތް ކެރެކެޓާ، އޭތި ވެސް ރިލޭޓްވާނެ މިހާރު ލޯބިން އިންނަން ބޭނުންވެގެން މީހަކާ އެކު އުޅޭ އިރު އެ ގޯތުރޫކުރާ ސިޓުއޭޝަންތައް."

މީގެ 34 އަހަރު ކުރިން ނެރުނު 'ދެރިޔާ'އަށް ފަހު ޑައިރެކްޓްކުރި ފުރަތަމަ ފިލްމާ ބެހޭ ގޮތުން ތަފާތު ފަހަރު ނިޔާޒު ދެއްކި ވާހަކަތަކުން ވެސް އެނގެނީ 'ލަސްވިޔަސް' ބިނާކޮށްފައި ވަނީ މި ޒަމާނުގައި އަހަރެމެން ދިވެހިން ކޮށްފައިވާ/ކުރަމުން ދާ އެތައް ތަޖުރިބާތަކެއްގެ މައްޗަށް ކަމެވެ. އޭގެ ތެރެއިން ވެސް ދިވެހިންގެ މެދުގައި އާންމު ވަރީގެ މައްސަލަތަކެވެ. ވަރީގެ ސަބަބުން ދެން ނުކުންނަ ނަތީޖާ އެވެ. އެކި އުމުރުގެ މީހުންގެ މުޅި ހަޔާތް އެ ތަޖުރިބާކުރާ ކެކުޅުމެވެ. ސިއްރުންނާއި އެހެން މީހުންނަށް ފެންނަ ގޮތަށެވެ.

"މީގެ ކޮންމެ ސޯޝަލް އިޝޫއަކީ ކޮންމެވެސް މީހަކު، ކޮންމެވެސް ހިސާބަކު ޓެކްލްކުރަން ޖެހިފައި ހުރި ކަންކަން،" ނިޔާޒުގެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ވާޝިޔާ ބުންޏެވެ.

"އެހެންވީމާ މިއީ ވަކި ހާއްސަ ބަޔަކަށް އޮތް އެއްޗެއް ނޫން. މިއީ އެންމެންނަށްޓަކައި ހަދާފައި އޮތް އެއްޗެއް."

"ޓެޑަށް ދޭނީ 10 އަކުން 10"

ނިޔާޒުގެ ކޮންމެ އުފެއްދުމެއްގެ ފެންވަރު ވެސް މައްޗެވެ. ފީޗާ ފިލްމެއް ޑައިރެކްޓްނުުރި ނަމަވެސް މިދިއަ 34 އަހަރުގެ ތެރޭގައި ވަރަށް ގިނަ އިސްތިހާރުތަކާއި ބައެއް ސިލްސިލާތަކާއި ލަވަތައް ޑައިރެކްޓްކުރި އެވެ. އޭނާގެ ހުނަރާއި އާންމުންނަށް ދައްކައިދޭން ބޭނުންވާ ކަންކަން ގެންނަ ގޮތް މޮޅެވެ.

'ލަސްވިޔަސް' އިން އެ ތަފާތު ފެންނާނެކަމާ މެދު ވާޝިޔާއަށް އެއްވެސް ޝައްކެއް ނެތެވެ. އޭނާ ބުނި ގޮތުގައި 'ލަސްވިޔަސް'ގެ ކުރިން އޭނާއަށް ލިބުނު ތަޖުރިބާއާ ނުބައްދަލު ބޮޑު ބަދަލެއް ނިޔާޒުގެ ސަބަބުން އޭނާއަށް އައިކަން ޔަގީނެވެ.

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ބަތަލާ ވާޝިޔާއާ އެކު ފިލްމު ސެޓްގައި (ފޮޓޯ/އެޓާނަލް ޕިކްޗާސް)

ނިޔާޒްގެ ހުނަރާ ބެހޭ ގޮތުން ވާޝިޔާ ބުނީ 'ފަށާނީ 10އަކުން 10 ދީފައި' ކަމަށެވެ.

"އެ އެކްސްޕީރިއަންސްއެއް ނުލިބޭ އެހެން ޑައިރެކްޓަރުންނާ އެކުއެއް،" ވާޝިޔާ ބުންޏެވެ.

ފިލްމު ނަގަމުން ދިޔަ އިރު "ދެން [އޮތީ] ކޮން ސީންއެއްހޭ، ކްރޫގެ މީހެއް ކައިރިން ވެސް އަހާކަށް ނުޖެހޭ. އެންމެން ވެސް ތައްޔާރު. އެންމެންނަށް ވެސް އެނގޭ ކުރަންވީ ކީއްކަން، ކީއްކުރަންކަން އައިސް މި ތިބީ، ކޮން ސީނެއްކަން ނަގާނީ، ކިހާ ވަގުތެއްކަން ދާނީ."

ފިލްމުގެ ބައެއް ސީންތަކުގެ ތެރެއަށް ވަދެވުނުލެއް ބޮޑުކަމުން އެތައް ފަހަރަކު 'ހިތް ފަޅައިގެން ދިޔަ'ކަން ވާޝިޔާ ފާހަގަކުރި އެވެ. ގެއަށް ގޮސް އެތައް އިރެއް ވާއިރު ވެސް އެ މަންޒަރުތަކުގެ އިހުސާސްތަކުން ދުރަށް ނުދެވިގެން އުޅެވުނެވެ. އެއީ، ޒުވާން ބަތަލާ ގަބޫލުކުރާ ގޮތުގައި، ނިޔާޒު އޭނާ ލައްވާ ކުރުވި މަސައްކަތެވެ. ފިލްމުގައި ނެރެން ބޭނުންވި ނަތީޖާ އެވެ.

ޒޯޔާގެ މަންޒަަރުތައް ތަފާތު

'ލަސްވިޔަސް'ގައި ވާޝިޔާގެ ދަރިފުޅުގެ ބައި ކުޅެނީ، ކުރީގެ ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމެވެ. ފިލްމުގައި އެއީ މަރާ ހަނގުރާމަކުރަމުން ދާ ބަލި ކުއްޖެކެވެ.

ޒޯޔާއާ އެކު ކުޅުނު ބައެއް މަންޒަރުތައް ވާޝިޔާއަށް ވަރަށް އުނދަގޫވި އެވެ. ހިތަށް ވެސް އެހާމެ ތަދުވި އެވެ. އޭގެ އެއް ސަބަބަކީ ޒޯޔާގެ ހުނަރެވެ. ވާޝިޔާ ބުނެލީ 'މާޝާﷲ، ޒޯޔާ ވަރަށް މޮޅު' ކަމަށެވެ.

"ޝިޔާއަށް ތަންކޮޅެއް ބޮޑަށް [މަންޒަރުގެ ތެރެއަށް] ވަދެވުނީ ކަންނޭނގެ [ޒޯޔާ] މޮޅުވުމާ އެކު،" ވާޝިޔާ ބުންޏެވެ.

މަރިޔަމް ޒޯޔާ ހަސަން އާއި ބަތަލް އަދި ފިލްމުގައި އޭނާގެ ބައްޕަ އަހުމަދު އީސާ

ފަހުން އެ މަންޒަރުތައް ބަލަން ވެސް އޭނާއަށް އުނދަގުލެވެ. ފަހަރެއްގައި މިރޭ ފިލްމު އަޅުވާއިރު އެ މަންޒަރުތައް ނުބަލާ ވެސް އޭނާ އިނދެފާނެ އެވެ. އެހާ ވެސް އޭގެ އަސަރުތައް ބޮޑު ކަމަށް ބުންޏެވެ.

ނިޔާޒް ގަބޫލުކުރާ ގޮތުގައި ފިލްމު މެދުވެރިކޮށް ދިވެހި މުޅި މުޖުތަމައުއަށް ވެސް ބޮޑު ހޭލުންތެރިކަމެއް ގެނެވިދާނެ އެވެ. އޭނާ ސްކްރިޕްޓް ލިއުނީ ހަމައެކަނި ފިލްމެއް ހަދާފައި ދޫކޮށްލުމުގެ ނިޔަތަކު ނޫނެވެ. އޭގެ ސަބަބުން ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ފިލާވަޅެއް ލިބިދާނެކަމުގެ އުއްމީދާ ވެސް އެކުގަ އެވެ.

ވާޝިޔާ ބުނީ 'ލަސްވިޔަސް'ގެ މަސައްކަތުން އޭނާ ކުރިއަށް ވުރެ ރަނގަޅު އެކްޓަރަކަށް ހަދައިދިން ކަމަށް

ވާޝިޔާގެ ލަވަކިޔުމުގެ ހަޔާތާއި ލޯބީގެ ދުވަސްތަކާއި ކައިވެންޏާއި އޭގެ ފަހުގެ ދިރިއުޅުމެވެ. އޭނާ އާއި ފިލްމުގެ އެހެން ޝަހުސިއްޔަތުތަކުން ދައްކައިދޭނީ ދިވެހިންގެ ވާހަކަތަކެވެ. ދިވެހިންގެ އިހުސާސްތަކެވެ.

""ރާއްޖޭގައި ނޫޅޭނެ މި ފިލްމުގައި ދައްކާ މައްސަލަަތައް ތަޖުރިބާ ނުކުރާނެ އާއިލާއެއް،" ކުރިން 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ނިޔާޒު ބުންޏެވެ.

ހަޔާތުގައި 34 އަހަރަކީ ކުޑަ މުއްދަތެއް ނޫނެވެ. ނިޔާޒުގެ އާ ފީޗާ ފިލްމެއް ނުފެނި ވެސް މާޒީ އެވީ އެހާ ދިގު މުއްދަތެކެވެ. ނަމަވެސް މިރޭ އެ އިންތިޒާރު ނިމުމަކަށް އަންނާނެ އެވެ.

ފިލްމުގައި "ވަރަށް އުފާވާ ސީންތައް ވެސް ހުރި. ވަރަށް ހިތުގައި ޖެހިގެން ރޯން ބޭނުންވި ސީންތައް ވެސް ހުރި. ރުޅިގަދަ ސީންތައް ވެސް. މިއީ ރޯލާކޮސްޓާއެއް. އެއް ލެވެލްއަކަށް މިހެން ދަނީއެއް ނޫން،" ވާޝިޔާ ބުންޏެވެ.

"ޝިއާ ހަމަ ވަރަށް ހޯޕްފުލް."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް