ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ 'ލަސްވިޔަސް'ގައި މުހިންމު ބައެއް އަދާކުރާ ޒޯޔާ ހަސަން އިބްރާހިމް އާއި ބަތަލް އަހުމަދު އީސާ ފިލްމުގެ މުހިންމު މަންޒަރެއްގައި (ފޮޓޯ/އެޓާނަލް ޕިކްޗާސް)

'ލަސްވިޔަސް'ގައި ޒޯޔާގެ އެ މަންޒަރުން ނިއުމާ ވެސް ރޮއްވާލައިފި

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ބަތަލާ ނިއުމާ ބުނީ ދަރިފުޅު ޒޯޔާ ކުޅެފައި އޮތް ފެންވަރަށް އޭނާގެ މުޅި ކެރިއަރުގައި ވެސް އެކްޓްކުރެވިފައި ނުވާ ކަމަށް
27 ފެބްރުއަރީ 2024

ނިއުމާ މުހައްމަދަކީ ދިވެހި ސިނަމާ ފަތަހަކުރި ތަރިއެކެވެ. ރާއްޖޭގެ އެންމެ އަގުބޮޑު އެކްޓްރެސްގެ ގޮތުގައި ދެމިހުއްޓެވެ. ދިވެހި ފިލްމު ކުޅުމުގައި ކެރިއާ ބިނާކޮށް 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފި އެވެ. އަމިއްލަ ސްޓޫޑިއޯއެއް ހަދައި، ފިލްމު ޑައިރެކްޓްކޮށް ޕްރޮޑިއުސް ވެސް ކުރެ އެވެ.

ފިލްމީ ތަރި ނިއުމާ މުހައްމަދު 

ނިއުމާގެ ދިގު ފިލްމީ ކެރިއަރުގައި އޭނާއަށް ނުލިބުނު އެއް ފުރުސަތަކީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމެއްގައި މަސައްކަތް ކުރުމެވެ. ނަމަވެސް އޭނާގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމް ވަނީ އެ ފުރުސަތު ހޯދައިފަ އެވެ. އަދި ޒޯޔާގެ ހުނަރު ފެނިފައި ނިއުމާ ވެސް ހައިރާންވެއްޖެ އެވެ. 

'ލަސްވިޔަސް' ޓްރެއިލާ އާއި ބައެއް ލަވަތައް ރިލީޒް ކުރުމުގެ އިވެންޓްގެ ތެރެއިން ނިއުމާ އާއި ޒޯޔާ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

'ލަސްވިޔަސް'ގައި އުމުރުން 15 އަހަރުގެ ޒޯޔާ ކުޅެފައިވާ ބަޔާ ގުޅޭ ގޮތުން ނިއުމާ ވަނީ ފޭސްބުކްގައި އޭނާގެ އިހުސާސްތައް މިއަދު ހިއްސާކޮށްފަ އެވެ. 

"މަގޭ މުޅި ފިލްމު ކެރިަރުގައި ވެސް މަށަށް އެކްޓް ނުކުރެވޭ ވަރަށް ލަސްވިޔަސްގައި މަގޭ ދަރި ޒޯޔާ އެކްޓްކޮށްފި،" ނިއުމާ ލިއުނެވެ.

ޒޯޔާ އާއި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) (ފޮޓޯ/އެޓާނަލް ޕިކްޗާސް)

"އަހަރެންގެ ދަރިފުޅާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވަމެވެ.

'ލަސްވިޔަސް'ގައި ޒޯޔާ ކުޅެނީ ބަލި ކުއްޖެއްގެ ބައެވެ. ފިލްމުގެ ފަހު އެންމެ ފަހު ބައިގައި ހިމެނޭ ހަތް މިނިޓްގެ ދިގު މަންޒަރެއްގައި ދައްކަނީ ޒޯޔާ އާއި އޭނާގެ ބައްޕަގެ ރޯލު ކުޅޭ އަހުމަދު އީސާގެ އަސަރު ގަދަ ވާހަކަތަކެކެވެ. އެއީ އެހާމެ އަސަރު ގަދަ ވެސް މަންޒަރެކެވެ.

ނިޔާޒުގެ ސުޓޫޑިއޯގައި އިނދެ އެ މަންޒަރު ބަލައިލަން ނިއުމާއަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާގެ ހިތަކަށް ކެތެއް ނުވި އެވެ. އެ މަންޒަރު ބަލަން އުނދަގޫވި އެވެ.

'ލަސްވިޔަސް'ގެ މުހިންމު މަންޒަރެއް ކުޅެމުން ދިޔަ އިރު ޒޯޔާ އާއި އޭނާގެ މަންމަ ނިއުމާ އަދި ޑައިރެކްޓަރު މުހައްމަދު ނިިޔާޒު ޓެޑްރީ (ފޮޓޯ/އެޓާނަލް ޕިކްޗާސް)

"އަހަންނަށް ވެސް ނުކުޅެވޭނެ އެހާ މޮޅަށް. އަހަރެން އިނީ ބަސް ހުއްޓިފައި. އަހަންނަށް ކަރުނަތަކެއް ނުހިފެހެއްޓޭ. ޓެޑްރީ ކައިރީ ބުނިން ދެން ނުބެލޭނެޔޭ،" ފަހުން 'ދައުރު'އާ ވާހަކަ ދައްކަމުން ނިއުމާ ބުންޏެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައި 'ދެރިޔާ'ގެ ޑައިރެކްޓަރުގެ ދެ ވަނަ ފީޗާ ފިލްމު އޮލިމްޕަހުގައި އަޅުވަން ތާވަލްކޮށްފައި ވަނީ 12 އެޕްރީލްގަ އެވެ. މިހާތަނަށް ފިލްމު ތިން ލަވައެއް ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް