'ލަސްވިޔަސް'ގެ ބަތަލަށް އެއީ ހަނދާން ނައްތާނުލެވޭނެ ފިލްމެއް

ފިލްމުގެ ފުރަތަމަ މަންޒަރު ނަގަމުން ދަނިކޮށް އަންހެނުން ކުރި ފޯނު ކޯލުން ފެށިގެން އެ ފިލްމުން ލިބުނީ އާ އުފަލެއް، ފިލާވަޅުތަކެއް. ދަސްވީ އާ ކަންކަން، ބަދަލުކޮށްލީ އޭނާގެ މުޅި ފަންނު
20 މާރިޗު 2024
2

ފިލްމީ ދާއިރާއިން ތަނަވަސްވާ ފުރުސަތުތަކުގެ ތެރެއިން އޭނާއަށް ދޫކޮށްނުލެވޭނެ އެއް ފުރުސަތަކީ މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމަކުން ބައެއް ކުޅެން ލިބުމެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެފަދަ ފުރުސަތެއްގެ ބޭނުންހިފަން އޭނާ ހުރީ ތައްޔާރަަށެވެ. ދެން އައީ 'ލަސްވިޔަސް' އެވެ.

އަންނަ މަހު 12ގައި އޮލިމްޕަހަށް އަންނަން ތައްޔާރުވެފައިވާ ނިޔާޒުގެ ދެވަނަ ފީޗާ ފިލްމުގެ ބަތަލަކީ އަހުމަދު އީސާ އެވެ. ފިލްމީ ދާއިރާގެ މަޝްހޫރު ނަމުން ނަމަ އާނަންދު އެވެ.

އެކަމަކު 'ލަސްވިޔަސް'އަކީ އޭނާއަށް ވަރަށް ބޮޑު ޗެލެންޖެކެވެ. އޭނާ ކުރަން ބޭނުން ނުވި އެތައް ކަމެއް އެ ފިލްމަށްޓަކައި ކޮށް ނިންމި އެވެ. މިސާލަކަށް ލޯބީގެ މަންޒަރުތަކެވެ. ތުނބުޅި ކުރުކުރުމެވެ.

ލަސްވިޔަސްގެ ލޯބީގެ މަންޒަރެއްގައި އަހުމަދު އީސަ އާއި ބަތަލާ ވާޝިޔާ މުހައްމަދު

"އަސްލު ނުބައިބައި ކުޅޭހިތްވަނީ. [ޓެޑް ކައިރީގައި ބުނިން] މިހާތަނަށް ގިނަ ފިލްމުތަކުގައި ކުޅެން ބޭނުންވަނީ ވެސް ނުބައިބައޭ. ލޯބީގެ ބައި ކުޅެން އަސްލު ބޭނުމެއް ނޫނޭ. އެއީ ރޮމޭންޓިކް، ތަންކޮޅެއް ގައިގޯޅިވާން ޖެހޭތީވެ, އެ އުނދަގޫ ހުންނާތީ،" އަހުމަދު ބުންޏެވެ.

ބައެއް މަންޒަރުތައް ކުޅެން ޖެހިލުންވެ އެ ނޫން ގޮތަކަށް ބަދަލުކޮށްލެވިދާނެތޯ ވެސް ނިޔާޒު ކައިރީގައި އޭނާ އެހި އެވެ. ނަމަވެސް މީގެ 30 އަހަރު ކުރިން ނެރުނު 'ދެރިޔާ'ގެ ޑައިރެކްޓަރުގެ ފަރާތުން އިވުނީ އެކްޓަރުންނަށް ދޭން ޖެހޭނެ ނަސޭހަތެކެވެ.

"ފިލްމު ކުޅޭ މީހަކު ވިއްޔާ ޖެހޭނެއޭ އެބައި ވެސް ކުޅެން. ކޮންމެ ކެރެކްޓާއެއް ކުޅެން ޖެހުނަސް އެކަމަށް މީހާ ވެސް ބަދަލުވާން،" ނިޔާޒު އޭނާ ކައިރީގައި ބުނި ވާހަކަ، 'ދައުރު'އަށް ތަކުރާރުކޮށްދިނެވެ.

ލޯބި ވެސް ހިމެނޭ ފިލްމަކަށް ވާތީ ނިޔާޒުގެ ބެލުމުގެ ދަށުން ވަރަށް ބޮޑަށް ރިހާސަލްތައް ބޭއްވި އެވެ. ލޯބީގެ މަންޒަރުތައް ކުޅެން ޖެހުމުގެ އުނދަގޫތަކުގެ އިތުރުން އަހުމަދަށް އެހެން ހުރަސްތަކެއް ވެސް ދިމާވި އެވެ؛ ފިލްމުތަކުގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެންގުޅޭ ގޮތްގަނޑުން ދުރަށް ދިއުމެވެ.

'ލަސްވިޔަސް'ގައި އަހުމަދުގެ މާމަގެ ބައި ކުޅޭ ފައުޒިއްޔާ ހަސަންއާ ބައްދަލުކުރާ މަންޒަރު

"ކުރިން ޔޫއްޕެއާ އެކު މަސައްކަތްކުރެވިފައި ހުރީމާ އެ މެތަޑް އިނީ. ޔޫއްޕެގެ މެތަޑް. ޓެޑް ވަރަށް ހިތްހަމަ ވެސް ނުޖެހުނު. ތިމަންނަ ޔޫއްޕެ ބޭނުން ނަމަ ޔޫއްޕެއެއް ނޫންހޭ ގެންނާނީ ފިލްމަށް، ކީއްކުރަންހޭ އާނަންދު ގެެންނަންވީ،" އަހުމަދު ބުންޏެވެ.

އެކަމަކު ނިިޔާޒުގެ ފިލްމެއްގެ ބަތަލް ބައި ކުޅެން ލިބި، އެކަން ނުވެގެން ދޫކޮށްލާ މީހަކަށް ވާން އޭނާ ބޭނުމެއް ނުވި އެވެ. ބޭނުންވީ، އޭނާގެ ބަހުން ނަމަ 'މެކްސިމަމް ދައްކާލާށެ'ވެ. ތަކުރާރުކޮށް ބޭއްވި ރިހާސަލްތަކާ އެކު އެންމެ ފަހުން އޭނާ ބޭނުންވާ ގޮތަށް އަދި ނިޔާޒު ވެސް ހިތްހަމަޖެހޭ ފެންވަރަށް ފިލްމު ނިންމާލި އެވެ.

'ލަސްވިޔަސް'ގެ ރީތި މަންޒަރެއްގައި އަހުމަދު އީސާ އާއި ބަތަލާ ވާޝިޔާ މުހައްމަދު

"ވަރަށް ބޮޑު މަސައްކަތުން ޓެޑް ބޭނުންވާ ކެރެކްޓާއަށް މީހާ ފިޓްވީ. އޭގެ ކުރިން އޮންނަނީ ކޮންމެވެސް އެހެން މީހަކު އައިސް،" އަހުމަދު ބުންޏެވެ.

"ޓެޑް ބޭނުންވާ ފިލްމުގައި އުޅޭ އިގުބާލުގެ ކަރެކްޓާއެއް ނޫން ފުރަތަމަ ހުރީ. އެހެން މީހެއް. ވަރަށް ގިނަ އެއްޗެހި ކިޔައިދީގެން ޓެޑް ބޭނުންވާ މީހާއަށް ފިޓްކުރީ."

'ލަސްވިޔަސް'އަކީ މިހާތަނަށް ފިލްމީ ދާއިރާގައި އަހުމަދުގެ އެންމެ ބޮޑު މަސައްކަތެވެ. އެންމެ ގިނަ ވަގުތާއި އެންމެ ދިގު މުއްދަތެއް ވެސް ދިޔަ ފިލްމެވެ. ނަމަވެސް އާ އެތައް ކަމެއް ދަސްވެ، ފިލްމީ ދާއިރާގެ އާ އެތައް ތަޖުރިބާއެއް ލިބި، އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. މި ފިލްމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ގަބޫލުކޮށްގެންނެވެ.

ފިލްމުގެ ފުރަތަމަ މަންޒަރު ވެސް ހަނދާނުން ނުފޮހެވޭނެ

'ލަސްވިޔަސް'ގެ ފުރަތަމަ މަންޒަރު ނެގުމުގެ މަސައްކަތް ހުޅުމާލޭގެ ކެފޭއެއްގެ ތެރޭގައި ކުރިއަށް ދަނިކޮށް އޭނާއަށް އަންނަނީ އަންހެނުންގެ ކޯލެކެވެ. އެ ކޯލާ އެކު، ފިލްމުގެ މަންޒަރުގައި އޭނާ ދައްކަން ޖެހޭ މޫޑު ބަދަލުވެ، އުފަލުން ފޮޅުނެވެ. އަންހެނުން ދިނީ ބަނޑުބޮޑުވިކަމުގެ ހަބަރެވެ. އަހުމަދަށް ބާރަށް އަހާލެވުނީ 'ހަމަ ސީރިއަސްކޮށް' ހެއްޔޭ އެވެ. ތިން ކުދިން ލިބުނުތާ އަހަރުތަކެއް ފަހުން އަނެއްކާ އަންހެނުން ބަލިވެ އިނުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެކެވެ. އެހެންކަމުން 'ލަސްވިޔަސް'ގެ އެ މަންޒަރުގެ މަތިން ކުޑަކޮށް ހަނދާން ނެތުނެވެ.

ފިލްމާ ބެހޭ ގޮތުން އަހުމަދު އީސާ 'ދައުރު'އަށް ކުރިން ދިން އިންޓަވިއުއެއްގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

"ދެން ޓެޑް ބުނެފި ކިހިނެއްވީހޭ، ފޯން ނަގައިގެން ކޮން ވާހަކައެއްހޭ ތި ދައްކަނީ؟ މަ ބުނީ އަންހެނުން ގުޅާފައި ބުންޏޭ ބަނޑުބޮޑޭ. ބުނީމާ [ޓެޑް] ބުނީ އެދެން މި ގަޑީގައި އުފާވާކަށް ނޫނެން ނޫންހޭ ޖެހޭނީ. މިހާރު ތިހުރީ އެހެން ކަމެއްގައޭ. ދެން ފަހުން ގެއަށް ގޮސް ވާހަކަ ދައްކައިނިއްޔޭ،" އަހުމަދު ބުންޏެވެ.

ކުރިން ލިބުނީ ތިން ފިރިހެން ކުދިންނެވެ. އެހެންކަމުން އަހުމަދުގެ ދެމަފިރިން އެދިގެން ތިބީ އަންހެން ކުއްޖަކަށެވެ. 'ލަސްވިޔަސް'ގެ މަސައްކަތް ނުނިމެނީސް އަންހެނުން ވިހެއީ ވެސް އަންހެން ކުއްޖެކެވެ. އެހެންކަމުން ފިލްމުގެ ފެށުމާ ވެސް އޭނާ ގުޅިފައި ވަނީ ހަނދާން ނައްތާނުލެވޭނެ ވަގުތުކޮޅަކާ އެވެ.

ފިލްމީ ހަޔާތުގައި އޭނާއަށް އޭގެ ކުރިން އެނގި ދަސްވި އެއްޗަކާ 'ލަސްވިޔަސް' ގުޅުވާލަދިނީ މާ ބޮޑެތި ފިލާވަޅުތަކެކެވެ.

"އެކްޓިންއަކީ ކޮން އެއްޗެއްކަން، އެކްޓްކުރަން މީހާގެ ހަށިގަނޑާއި މޫވްމަންޓްސް ގެންގުޅެންވީ  ގޮތް، ބަސް ކިޔަންވީ ގޮތް، މި ހުރިހާ އެއްޗެއް ވަރަށް ރީއްޗަށް ޓެޑް ބުނެދިން.  އިމޯޝަންސް ގެންނަންވާނެ ގޮތާއި މީހާ ފޭސްކުރަންވީ ގޮތް، އަނެއް މީހާއަށް ބަލަންވީ ގޮތް. އެހެން ފިލްމުތަކުގައި އެހެން ޑައިރެކްޓަރުން ކިޔައިނުދޭ އެހާ ފެންވަރަށް،" އަހުމަދު ބުންޏެވެ.

ބައްޕައެއްގެ އިހުސާސްތަކާ އެކު ހަމަ އަސްލު ވެސް ރޮވުނީ

ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮޓަރިއެއްގައި ސެޓް ހަދައި، މަންޒަރު ނަގަން ފެށުމުގެ ކުރިން ނިޔާޒު އެންމެންނަށް އެންގީ، އެއްވެސް މީހަކު ވާހަކަ ނުދައްކާށާއި ސަކަރާތް ނުޖަހާށާއި ބޭކާރު އެއްވެސް އަޑެއް ނީންވުމަށެވެ. މުޅި ތަން، އެ މަންޒަރަށް ހިމޭންކޮށްލީ އެވެ.

އެނދުގައި އޮތީ، ފިލްމުގައި ނަމަ، އިގުބާލްގެ އަންހެން ދަރިފުޅެވެ. ބަލި ދަރިފުޅެވެ. ވާހަކަ ދެއްކީ އެހާމެ މަޑުން، އެހާމެ ކުރުކުރުކޮށެވެ. އެއީ ބައްޕަ އާއި ދަރިއަކާ ދެމެދު، އެފަދަ ހާލަތެއްގައި، ދެއްކޭނެ އަސަރު ހުރި ވާހަކަތަކެކެވެ.

ފިލްމުގައި ދަރިފުޅު ބައި ކުޅުނު މަރިޔަމް ޒޯޔާ ހަސަން އާއި އަހުމަދު އީސާ، ފަހު މަންޒަރުގައި 

"ޝޮޓް ތެރެއިން ކުއްލިއަކަށް ފީލްވީ އެ މީހާއޭ މިއީ، އެ ކަރަކްޓާއޭ މިއީ، އެހެންވެ އެ އަސަރުކުރާނޭ. ބައްޕައަކާއި ދަރިފުޅާ ދޭތެރޭ ހިނގާ ކޮންވަޒޭޝަނެއް އެއީ،" ފިލްމުގައި ގާތްގަނޑަކަށް ހަތް މިނިޓަށް ދެމިގެންދާ މަންޒަރާ ބެހޭ ގޮތުން އަހުމަދު ބުންޏެވެ.

"އެރޭ އެ އިހުސާސްތައް ވީ. އަޅުގަނޑަކީ ވެސް ދަރިން ތިބި މީހެއް.  އެހެންވެ ހިތަށްއެރީ މިސާލަކަށް އަމިއްލަ ކުއްޖަކުގެ އާދޭސް އަޑުއަހަން އެހެން މަޑުކޮށްލައިގެން އިންނަންޏާ ކޮންމެ ބައްޕައަކަށް ވެސް އަސަރުކުރާނޭ. އެހެންވެ ކަންނޭނގެ އެރޭ އެހާ ފުރިހަމަކޮށް ދިޔައީ. ހަމަ ހިއެއް ވެސް ނުކުރަން އެހެން [އެތަންކޮޅު] ގެނެވޭނެއެކޭ."

އެ މަންޒަރުގައި އަސްލަށް ވެސް އަހުމަދު ރުއީ އެވެ. ކުރިން 'ދައުރު'އާ ވާހަކަ ދައްކަމުން ނިޔާޒު ބުނި ގޮތުން ނަމަ 'ބަޑި ފަޅައިގެން ދިޔައީ' އެވެ.

ފިލްމު ބަލަން މީހުން ދާނެ

'ލަސްވިޔަސް' އަޅުވާ ދުވަސް ކައިރިވަމުން އަންނަނީ އެވެ. ރަސްމީކޮށް ފިލްމު ރިލީޒްކުރަނީ ކުޑަ އީދު ބަންދު ތެރޭގަ އެވެ. އޭގެ ފަހުން 61 ޝޯ ދައްކަން އޮލިމްޕަސް ވަނީ ބުކްކޮށްފަ އެވެ.

އަހުމަދު ބުނި ގޮތުގައި ނިޔާޒުގެ އުއްމީދަކީ ދިވެހި ފިލްމު ބަލަން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްދުމެވެ.

އޭނާ ގަބޫލުކުރަނީ ހުރިހާ އުމުރެއްގެ ބަޔަކަށް ވެސް ބެލޭނެ ފިލްމަކަށް ވެފައި އަނެއްކާ ދިވެހިންނަށް ކަމުދާ ރަހަތައް ހިމެނޭތީ 'ލަސްވިޔަސް' ހިނގާނެ ކަމަށެވެ.

ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) 'ލަސްވިޔަސް'ގެ މަސައްކަތުގައި

"ފިލްމުން ލިބޭނެ ކޮންމެވެސް މެސެޖެއް. ދިރިއުޅުމުގައި އެމީހާ ބައްޓަންކުރަންވީ ގޮތް، މައިންބަފައިންނާ މެދު އޮންނަން ޖެހޭ ގުޅުން. ދަރިންނާ އޮންނަން ޖެހޭ [ގުޅުން].  އަނބިންނާއި ފިރިންނާ އޮންނަން ޖެހޭ [ގުޅުން]،" ފިލްމާ ބެހޭ ގޮތުން އަހުމަދު ބުންޏެވެ.

"މި ގުޅުން ވަރަށް ރީއްޗަށް ކިޔައިދީފައި އިންނާނީ. ދެން އާންމުކޮށް ތިބޭނީ އެކި ޖޮންރާތަކަށް ފިލްމު ރީތިވާ މީހުން. ލޯތްބާއި، ބިރުވެރި، މަޖާ [ފިލްމުތައް]. މީގައި [ލޯބީގެ ފިލްމަކަށް ބަލާއިރު] ހުންނާނެ އެކަހަލަ ހުރިހާ ރަހައެއް ވެސް. އެހެންވީމާ އުއްމީދުކުރަނީ އެންމެންނަށް ވެސް ވަރަށް ކަމުދާނެ [ކަމަށް]."

ކޮމެންޓް (2)

އަހުމަދު ޢަލީ

20 މާރިޗު 2024
ދިވެހި ހުރިހާ ފިލްމުތަކެއްވެސް މިހާވަރަށް ނޫސްތަކުން ކީއްވެ ޕްރޮމޯޓް ނުކުރަނީ؟
0 3

އައްޒުވީ

20 މާރިޗު 2024
ދިވެިހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ވެސް މިއީ ދިވެހިއްޔަތުގެ އާ ފަތިހެކެވެ. އެއާއެކު އަސްލު ދިވެހި ފިލްމް ބަލަން ދިވެހީން ޝައުގުވެރިކަން ހުންނަ ފިލްމް ތައް ޒަމާނީ ފަންނިއްޔާތާއެކު އުފައްދަން ފަށަންޖެހެއެވެ. ފާއިތުވެ ދިޔަ 5 އަހަރަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ވެސް އަދި އެންޓަރޓެއިނިން އެހެން އަރޓްގެ ދާއިރާތަކުން ރާއްޖެ ފަހަތަށް ޖެހުނު ފަސް އަހަރެވެ. ފެންވަރު ރަނގަޅު މިއުޒިކު ޝޯ ތަކާއި ލައިވް ކޮންސަރޓް ބާއްވަންޖެހެއެވެ. މޯލްޑިވިއަން އައިޑޯލް ވެސް ބާއްވަންޖެހެއެވެ.
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް