އައްޑޫ ހަންކެޑެ މަތިން. (ފޮޓޯ./ފަންޑު މެނޭޖުމެންޓު)

ހަންކެޑެ

ކޮޅެއްގައި ނެޖުހުނު ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމަށް

ރައީސްގެ ގަރާރަކުން ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާ ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުމާއި ހަލާލް ޓޫރިޒަމަށް ހުޅުވާލި ރަށްތަކުގެ ލިސްޓުން ވެސް ހަންކެޑެ ވަނީ އުނިކޮށްފައި. އޭގެ ބަދަލުގައި ހަލާލް ޓޫރިޒަމަް ތަރައްގީކުރަން ސަރުކާރުން މިހާރު ނިންމާފައިވަނީ އައްޑޫ ދޮންހެރަ
2 އޮކްޓޯބަރު 2025

ސިޔާސީ ބަދަލުތަކާ އެކު ޓޫރިޒަމަށް ތަރައްގީ ނުކުރެވި، ދިގުލައިގެން ގޮސްފައި އޮތް އައްޑޫ ހަންކެޑެ، އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށާއި ހަލާލް ޓޫރިޒަމަށް ދޮންހެރަ ތަރައްގީކުރަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައެޅުއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2 ޑިސެމްބަރު 2021 ގައި ނެރުއްވި ގަރާރަކުންނެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ރޭ އެ ގަރާރު އުވާލައްވާފަ އެވެ.

އޭގެ އިތުރުން މި ސަރުކާރުން މިދިޔަ ޖޫން ފަހުކޮޅު ހަލާލް ޓޫރިޒަމް ތަރައްގީކުރަން އެކުލަވައިލި ލިސްޓުން ވެސް ހަންކެޑެ ވަނީ އުނިކޮށްފަ އެވެ.

ބުނީ ކީކޭ؟ - ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުން ހަންކެޑެއާ މެދު މިހާރު ގެންގުޅޭ ވިސްނުން ވަނީ ވިދާޅުވެފަ އެވެ.

"އައްޑޫ ސިޓީގެ ހަންކެޑެ، އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަލަންޖެހޭ އެންމެހާ ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިދަނީ ކުރަމުންނެވެ،" ތޯރިގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސް މުހައްމަދު މުއިއްޒުގެ މި ދައުރުގައި މި ރަށް އޮޕަރޭޝަންސްއަށް ގެނައުމެވެ."

ތަފްސީލު - އެ ބަދަލުގެ ފަހަތުގައި އޮތީ، ތޯރިގު ވިދާޅުވި ގޮތުގައި ހަލާލު ޓޫރިޒަމް ރަށްތަކުގެ ލިސްޓުން އުނިކުރުމާއި ރިއަލް އެސްޓޭޓް މަޝްރޫއު ހިންގާ ސަރަހައްދެއްގެ ގޮތުގައި އޮތް އޮތުން އުވާލުމުގެ އިތުރުން ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ދެމެދު ވެފައި އޮތް އެއްބަސްވުން 28 ސެޕްޓެމްބަރު 2025ގައި ބާތިލު ކުރުމެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ހަންކެޑެގެ ބަދަލުގައި ހަލާލު ޓޫރިޒަމަށް އައްޑޫގެ ދޮންހެރަ ތަރައްގީކުރަން މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލާނެ އެވެ.

އެނގުން މުހިންމު - މި ސަރުކާރުން ހަންކެޑެ ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން މިދިޔަ ޖޫންގައި ނިންމިއިރު، މިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި، އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއް އެ ރަށުގައި ކުރިއަށްގެންދަން ނިންމާފަ އެވެ.

ހަލާލު ޓޫރިޒަމް މޮޑެލްއަކަށް މި ސަރުކާރުން ހަންކެޑެ މަޝްރޫއު ބަދަލުކުރީ އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް އޮތުމަށްފަހު އެވެ. އަދި މިހާރު ހަލާލު ޓޫރިޒަމްގެ ވިސްނުން ވެސް ސަރުކާރުން ދޫކޮށްލާފައިވާއިރު، އެކަމަށް އިއުލާން ކުރިއިރު ވެސް، އެއީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ، އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއިލް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް