ހަންކެޑެ: އައްޑޫ ޓޫރިޒަމް ފުޅާކުރަން އެކި ފަހަރު އެކި މަޝްރޫއުތައް އިއުލާންކުރި (ފޮޓޯ./ފަންޑު މެނޭޖުމެންޓު)
ހަންކެޑެ މަޝްރޫއު ހުއްޓާލީތީ ހިތާމަކުރަން: ފައްޔާޒު
ސ. ހަންކެޑޭގައި އެމްޑީޕީ ސަރުކާރުން ފަށަން އޮތް އިންޓަގްރޭޓެޑް ޓޫރިޒަމް މި ސަރުކާރުން ހުއްޓުވާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު ހޯދައިގެން އެމްޑީޕީ ސަރުކާރުން ފެށި އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މި ސަރުކާރުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ވަރަށް ފަހުން ވަނީ، އެ ރަށުގައި ހަލާލު ޓޫރިޒަމް ކުރިއަށް ގެންދަން ނިންމާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑުއަށް އިގްތިސޯދީ ތަރައްގީ ގެނެސް، އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރަން ފަށަން އޮތް އެ މަޝްރޫއު ސަރުކާރުން ބާތިލްކުރުމަކީ، އައްޑޫގެ ކުރިއެރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދައްކަން ޖެހި، އައްޑުއަށް ތަރައްގީ ގެންނަން ވަގުތުތަކެއް ބޭކާރުވީ ކަމަށް ވެސް ވިދާޅުވި އެވެ.
ހަންކެޑެ މަޝްރޫއު ހުއްޓާލައި، އެ ރަށުގައި ހަލާލް ޓޫރިޒަމް ހިންގުމާ ދެކޮޅަށް މީގެ ކުރިން ވެސް ފައްޔާޒު ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގައި ސަރުކާރުން ހަލާލު ޓޫރިޒަމް ހިންގަން ބޭނުން ނަމަ، މިހާރު ކުރިއަށް ދާ މަޝްރޫއެއް ނުހުއްޓުވައި އެހެން ރަށެއް ހިޔާރު ކުރެވިދާނެ އެވެ. އެގޮތުން އައްޑޫގެ ގައުކެނޑި އާއި ސަވާހެއްޔަކީ ވެސް އެކަން ކުރެވިދާނެ ރަށްރަށް ކަމަށް ވިދާޅުވި އެވެ.
ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު
-
ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރީގެ ސަރުކާރުގައި ސޮއިކުރި
-
އެތަން ތަރައްގީކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ
-
އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ މަޝްރޫއު ނިންމަން ސީއެންއީއީސީއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް
-
އޭގެ ފަހުން މި ސަރުކާރުން ވަނީ ހަންކެޑެ ތަރައްގީކުރަން ނުވެސް ފަށައި އޮއްވާ އެތަން ހިންގަން ޔޫއޭއީގެ ޓައިމް ހޮޓެލްސް ކިޔާ ކުންފުންޏަކަށް ދީފައި. އެ އެއްބަސްވުމުގެ ތަފްސީލެއް ނެތް