އައްޑޫ ހަންކެޑެ. (ފޮޓޯ./ފަންޑު މެނޭޖުމެންޓު)

ހަންކެޑެ

ހަންކެޑެ މަޝްރޫއު ނުފެށޭ ސަބަބު ބަލަން އެމްއެފްސީގެ ވެރިން ކޮމެޓީއަށް ހާޒިރުކުރަނީ

އިންޓަގްރޭޓަޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީކުރަން އެމްއެފްއެމްސީ މެދުވެރިކޮށް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ 2023ގައި؛ އޭގެ ފަހުން އެ ސަރަހައްދުން ރުއްގަސް ނެގުން ފިޔަވައި އިތުރުކަމެއް ކޮށްފައިނުވާއިރު، އެ މަޝްރޫއު ނުވެސް ފަށާ އޮއްވައި ހަންކެޑެ ހިންގަން ޔޫއޭއީ ކުންފުންޏަކަށް ވަނީ ދީފައި
10 އޭޕްރީލު 2025

އައްޑޫ ހަންކެޑެ، އިންޓަގްރޭޓަޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބުތައް ބަލަން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ހަންކެޑެ މަޝްރޫއަކީ އެމްއެފްއެމްސީއިން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއު ނުފެށި އޮތް ސަބަބު ބަލަން އެމްއެފްއެމްސީގެ ވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެން، މަޖިލީހުގެ އިދާރާއަށް މިއަދު ސިޓީ ފޮނުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން އެވެ.

ތަފްސީލު - އަޒާން ފޮނުއްވި ސިޓީގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު ނުފެށި ދިގުލައިގެންދިއުމަކީ އައްޑޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • 2023 ގައި އެމްއެފްއެމްސީއާ ހަންކެޑެއާ ގުޅޭ މަސައްކަތް ހަވާލުކުރުމަށް ފަހު މި ސަރުކާރުގައި 15 އޭޕްރީލް 2024ގައި ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އެ މަޝްރޫއު އިފްތިތާހުކުރަން ކުލަގަދަ ރަސްމިއްޔާތެއް ބޭއްވި

  • ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިފަހުން އަހަރެއްހާ ދުވަސް ފާއިތުވެގެންދާއިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސް ނެގުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއްނުވޭ

"ވީމާ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމުގައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް އެ މައުލޫމާތު ސާފުކޮށްދެއްވައި، އެ މައުލޫމާތު ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ،" އަޒާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން. (ފޮޓޯ/ މަޖިލީސް)

ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު

  • އައްޑޫ ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރީގެ ސަރުކާރުގައި ސޮއިކުރި

  • އެތަން ތަރައްގީކުރަން ހަވާލުކުރީ  ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ

  • އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ މަޝްރޫއު ނިންމަން ސީއެންއީއީސީއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް

  • އޭގެ ފަހުން މި ސަރުކާރުން ވަނީ ހަންކެޑެ ތަރައްގީކުރަން ނުވެސް ފަށައި އޮއްވާ އެތަން ހިންގަން ޔޫއޭއީގެ ޓައިމް ހޮޓެލްސް ކިޔާ ކުންފުންޏަކަށް ދީފައި؛ އެ އެއްބަސްވުމުގެ ތަފްސީލެއް ނެތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް