އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހަލާލު ޓޫރިޒަމަށް ހަންކެޑެ ހާއްސަ ކުރަނީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅަން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ ރަށްރަށް އައްޑޫގައި ހިއްކާފައި އޮއްވައި ހަންކެޑެ އެކަމަށް ހާއްސަކުރުމަކީ އައްޑޫގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ކުރާ ކަމެއް

ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށާއި އެކަމަށް އެރަށް ހާއްސަކުރަން މި ސަރުކާރުން ނިންމީ އައްޑޫގެ ތަރައްގީއަށް ހުރަސް އަޅައި ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުން ހުއްޓުވުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ ހަލާލު ޓޫރިޒަމަށް ސަރުކާރުން ހުޅުވާލި ހަ ރަށުގެ ތެރޭގައި އައްޑޫގެ ހަންކެޑެ ހިމެނޭތީ އެކަމަށް ފާޑުވިދާޅުވެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - މިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ އައްޑުއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް މިސަރުކާރުން ހާއްސަކުރީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް، ހުއްޓައިލުމަށް ކަމަށެވެ.

"ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ. އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • ހަންކެޑެ މަޝްރޫއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް 

  • އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ؛ އެކަން ވެސް ކުރެވިފައެއް ނުވޭ 

  • މިއީ އައްޑޫގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް 

  • އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި

އެނގުން މުހިންމު - ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައި ވެއެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.

މި ސަރުކާރުން ވެސް 15 އޭޕްރީލް 2024ގައި ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އެ މަޝްރޫއު އަލުން އިފްތިތާހުކުރަން ރަސްމިއްޔާތެއް ބޭއްވި އެވެ. ނަމަވެސް އެ ރަސްމިއްޔާތު ބޭއްވި ފަހުން އަހަރެއްހާ ދުވަސް ފާއިތުވެގެންދާއިރު، ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސް ނެގުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު

  • އައްޑޫ ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރީގެ ސަރުކާރުގައި ސޮއިކުރި

  • އެ ތަން ތަރައްގީކުރަން ހަވާލުކުރީ  ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ

  • އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ މަޝްރޫއު ނިންމަން ސީއެންއީއީސީއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް

  • އޭގެ ފަހުން މި ސަރުކާރުން ވަނީ ހަންކެޑެ ތަރައްގީކުރަން ނުވެސް ފަށައި އޮއްވާ އެތަން ހިންގަން ޔޫއޭއީގެ ޓައިމް ހޮޓެލްސް ކިޔާ ކުންފުންޏަކަށް ދީފައި؛ އެ އެއްބަސްވުމުގެ ތަފްސީލެއް ނެތް

ކޮމެންޓް (1)

ދާއޫދުޑޭވިޑް

30 ޖޫން 2025
ތިރަށުގައި ޓޫރިޒަމް ތަރައްގީ ކުރަންޏާ ރަށުގެ ނަން ބަދަލުކުރަންވީ. އޭރުން ތިކަންވާނީ. 20އަހަރުވީ. ވީކަމެއްނެތް. ކުދިންވެސް އަބަދު އަބދު ބަލިވެ އުޅޭތީ ނޫނީ ކޮންމެސް ކުށުވެރިކަމެއް އުޅޭ ކަމަށްފެންނާތީ ނަން ބަދަލުކުރޭ. ނަންބަދަލުކުރީމާ ރަނގަޅުވޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް