އައްޑޫ ހަންކެޑެ. (ފޮޓޯ/ފަންޑު މެނޭޖުމެންޓު)

ހަލާލް ޓޫރިޒަމް

6 އަތޮޅެއްގައި ރިސޯޓް ހަދަން ގިނަ ލުއިތަކެއް؛ ހަލާލު ޓޫރިޒަމަށް އަދި އިތުރު ފަސޭހަތަކެއް

އެއީ ހއ.، ހދ.، ށ.، ތ. އަދި ލ. އަތޮޅުގެ އިތުރުން އައްޑޫ

ރިސޯޓް ތަރައްގީކުރުމަށް ދީފައިވާ މުއްދަތުގެ ކުރިން އޮޕަރޭޝަނަށް ގެނެސްފި ނަމަ، ގްރޭސް ޕީރިއެޑްގެ މުއްދަތަށް އަރާ ބިމު ކުލި މައާފުކޮށްދެވޭނެ ލުއިތަކާ އެކު، ރިސޯޓް މަދު ފަސް އަތޮޅެއްގައި ރިސޯޓް ހަދަން މިއަދު ހުޅުވާލައިފި އެވެ. އެއާ އެކު، އެ އަތޮޅުތަކުގައި ހަލާލު ޓޫރިޒަމް ތަރައްގީކުރާ ނަމަ، އެ ތަންތަނަށް އިތުރު ލުއިތަކެއް ދޭން ވެސް ނިންމާފައިވެ އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، މި ލުއިތައް ދޭން ސަރުކާރުން ނިންމާފައިވަނީ، ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުންނެވެ. އެގޮތުން، ހަ އަތޮޅެއްގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓް ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 24 މަސްދުވަހުގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ އިއުލާންގައި ވެއެވެ.

ތަފްސީލް - އެ އަތޮޅުތަކަކީ:

  • 1-

    ހއ. އަތޮޅު 

  • 2-

    ހދ. އަތޮޅު 

  • 3-

    ށ. އަތޮޅު 

  • 4-

    ތ. އަތޮޅު 

  • 5-

    ލ. އަތޮޅު 

  • 6-

    އައްޑޫ

އިއުލާންގައިވާ ގޮތުން، އާންމުކޮށް ހުޅުވާލައިގެން، އޯޕަން ބިޑިން އުސޫލުން ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް މި ލުއިތައް ދޭން ނިންމާފައިވަނީ، އާންމުކޮށް ހުޅުވާލައިގެން އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނަށެވެ.

އެގޮތުން، ދޭ ލުއިތަކަކީ:

  • ލީސް އެކުއިޒިޝަން ފީ ހިސާބުކުރުމުގެ ރޭޓު ކުޑަކުރުން 

  • ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން

  • ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ އިތުރުކުރުމާއި ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރު، ކިޗަން އެޕްލަޔަންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފް ކެޓެގަރީއަށް އިތުރުކުރުން

  • ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކުން

މީގެ އިތުރުން، އެ އަތޮޅުތަކުގައި ހަލާލު ޓޫރިޒަމް އުސޫލުން ތަނެއް ތަރައްގީ ކުރާ ނަމަ، އެ ލުއިތަކުގެ އިތުރުން ވެސް އެހެނިހެން ލުއިތަކެއް ނިންމާފައިވެ އެވެ. އެއީ:

  • ރިސޯޓް ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން ފަސް ވަނަ އަދި ހަ ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައްކާ ގޮތަށް ހަމަޖެއްސުން  

  • ލީސް އެކުޒިޝަން ކޮސްޓުން އިތުރު %20 ދަށްކުރުން

ކޮމެންޓް (1)

ތެފައާސާ.

30 ޖޫން 2025
ހަގީގީ ބޮޑު ސޭލް އަޅުވައިގެން ނުއަގުގައި ރަށްތައް ދޫކޮށްލައިގެންވިޔަސް ފައިސާފޮއްޗެއް ލިބޭތޯ ސަރުކާރުން މި ކުރައްވާ މަސައްކަތައް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި މިގޮތަށްވިޔަސް ލިބޭ ފައިސާފޮއްޗެއް ހޭދަކުރަންވާނީ އިތުރު ސިޔާސީ މަގާމުތަކަށް ބޭކަލުން އައްޔަންކުރައްވައި އެބޭކަލުންގެ މުސާރައަށް ކަމުގައިވެސް ދަންނަވަން! ޝުކުރިއްޔާ!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް