ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަނީ (ފޮޓޯ/ފިނޭންސް މިނިސްޓްރީ)
މިއީ 2019ގެ ފަހުން އެންމެ ޑެފިސިޓު ކުޑަ ބަޖެޓަށް ވާނެ: ޒަމީރު
އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ޑެފިސިޓު ކުޑަ ބަޖެޓަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު މިއަދު މަޖިލީހުގައިި ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާ އިން ކަމަށެވެ.
ތަފްސީލް - އަންނަ އަހަރު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގަ އެވެ.
-
އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް
-
މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ޑެފިސިޓު ބަޖެޓު
-
އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގައި
"2025 ވަނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން. މިއީ ޖީޑީޕީގެ ނިސްބަތުން %7.8. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާކަމުގައި ވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން %3.2،" ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓަކީ ތަންފީޒު ކުރަން ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަކަށް ބިނާކޮށް އެކުލަވާލާފައިވާ އަދި އެ ފިޔަވަޅުތަކާއެކު ވެސް އެކަށީގެންވާ ގޮތެއްގައި ޑެފިސިޓް ކުޑަކުރެވޭނެ ގޮތްތަކެއް ހިމެނިފައިނުވާ ބަޖެޓެއް ކަމަށެވެ.
"މިއާ އެކު، މި އަހަރުގެ ބަޖެޓު ޑެފިސިޓް އިތުރުވެގެންދިޔަ ނަމަވެސް 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓަށް،" ޒަމީރު ވިދާޅުވި އެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް އެދެވޭ އަސަރުކުރާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ނިމި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އަންނަ އަހަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ، ފަތުރުވެރިކަމުގެ ދާއިރާ އާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާ އެކު ރާއްޖޭގެ އިގުތިސާދު %6.4 އިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް