ފިނޭންސް މިނިސްޓަރު މުސާ ޒަމީރު، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ބަޖެޓް 2025

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މިނިސްޓަރު ވިދާޅުވީ:

  • އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރާ 

  • ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި

  • އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް

  • މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ޑެފިސިޓު ބަޖެޓު

  • އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގައި

އެނގުން މުހިއްމު - މި ހިނގާ 2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް 5.5 ބިލިއަން ރުފިޔާ އިތުރުކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ބޮޑު ހޭދައެއް ބަޖެޓުން ކުރާނެ އަހަރު ކަމަށެވެ. އެގޮތުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު، 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އާސަންދަ އޮފީސް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަކީ:

  • ސަބްސިޑީގެ ނިޒާމު ބަދަލުކޮށް ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލު ކުރުން

  • އާސަންދަ ނިޒާމު މުރާޖައާކޮށް މިހާރަށް ވުރެ ވަށާ ޖެހޭ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލު ކުރުން

  • ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ހިރާސްތައް ހެޖުކުރުން

  • ދައުލަތުން ދޭ ޕެންޝަންތައް ތަކުރާރު އަދި އިސްރާފު ނުވާނެހެން މުރާޖައާ ކުރުން

  • އެސްއޯއީީތައް ރިިފޯމު ކުރުން

މީގެ އިތުރުން، އާމްދަނީ އިތުރު ކުރުމަށް ވެސް ފިޔަވަޅުތައް އަޅަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އެ ފިޔަވަޅުތަކާ އެކު 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އިސްކަން ދީފައިވާނީ ޑޮލަރުން އާމްދަނީ ލިބޭ ކަންތައްތަކަށް ކަމަށެވެ.

އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލު ގެންނަ ގްރާފެއް. (ގްރާފް / ފިނޭންސް މިނިސްޓްރީ)

އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް:

  • ސިނގިިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ރޭޓު މަތިކުރުން

  • އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުންް

  • ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން

  • އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުން

  • ޓީޖީއެސްޓީ ރޭޓު މަތިކުރުން

  • ޖީއެސްޓީ ނިޒާމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުން

  • ފްރެކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން

ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 11.5 ބިލިއަން ރުފިޔާގެ މާލީ އިސްލާހު ހިމެނެ އެވެ.


ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

31 އޮކްޓޯބަރު 2024
ގައުމީތަރައްގީގެ ޕްލޭނެއް ނަހަދައި، ސިޔާސީ ބޭނުމަށް ކަންކަން ކުރުމުގައި ގާތް މީހުންނަށް ބަހާކަށް ތިވަރުގެ ބަޖެޓް ފާސްކުރާކަށް އަހަރުން ބޭނުމެއްނޫން! ވޭތުވެދިޔަ 15 އަހަރުވެސް ފާހަގަ ކުރެވުނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ގައުމު ތަރައްގީކުރަށޭ ކިޔާފައި އެގޮތަށް ކަންކަން ކޮށްފައިވާކަން! ކޮންމެ ފަހަރަކުވެސް ބޮޑު ބަޖެޓެއް ހަދާފައި ޕްރޮޖެކްޓް ހިންގައެވެ. އެކަމަކު ލާރި ދައްކަންޖެހެނީ ޖެހިގެން އަންނަ އަހަރުގެ ބަޖެޓުންނެވެ. ހިލޭއެހީއަށް ބަރޯސާވުން ހުއްޓާލަންޖެހޭ!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް