ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. (ދައުރު ފޮޓޯ/އަޒްމީ)
އަންނަ އަހަރު 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ބަޖެޓުގައި ހުށަހަޅައިފި
ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ނުވަތަ ރާއްޖޭގައި ބޭނުންކުރާާ މުދަލާއި ހިދުމަތުން ރާއްޖޭގައި ޓެކްސް ނަގާ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް، އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ތަންފީޒުކުރަން ފެށުމަށް 2025ގެ ބަޖެޓުގައި ސަރުކާރުން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ބުނީ ކީކޭ؟ - ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ މިހާރު ހުރި މާލީ ހިރާސްތަކަށް ރިއާޔަތްކޮށް ހަރަދު ކުޑަކުރުމާ އެކު އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާނެ ކަމަށެވެ.
"މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރު މަތިކުރަން ވަނީ ނިންމާފައި،" ޒަމީރު ވިދާޅުވި އެވެ.
"މީގެ ތެރޭގައި ޑިޕާޗާ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީގެ ރޭޓުތައް ހިމެނޭއިރު، މި ބަދަލުތައް ފަރުމާކޮށްފައިވަނީ އާންމު ދިވެހި ރައްޔިތުންނަށް ބުރަ ބޮޑުނުވާނޭގޮތަށް ބަލައިގެން."
ތަފްސީލު - އޭގެ އިތުރަށް ޓެކްސް ބޭސް ފުޅާކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
އެކަން ކުރަން ހުށަހަޅާ މައިގަނޑު ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ހުރިހާ މުދަލަކާއި ހިދުމަތުން ރާއްޖޭގައި ޖީއެސްޓީ ނެގޭނެ ގޮތަށް ނުވަތަ ޓެކްސް ނެގުމުގެ ބައިނަލްއަގްވާމީ ކޮންސެޕްޓެއް ކަމަށްވާ 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒު ކުރަން ފެށުމެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފަށަން ބަޖެޓުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ.
"މިއާ އެކު، އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ،" އިތުރު ތަފްސީލު ދެއްވަމުން ޒަމީރު ވިދާޅުވި އެވެ.
"މި ބަދަލުން ލިބޭ އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގެ ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ މެދުގައި ޖީއެސްޓީއާ ގުޅިގެން އުފެދޭ ޑިސްޓޯޝަންތައް ކުޑަކުރެވި، ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ މަގު ފަހިވެގެންދިއުން."
އާމްދަނީ އިތުރުކުރުމަށްވުރެ ވެސް ބޮޑަށް އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނާފައިވާނީ، ޒަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެވެ.
ފަސްމަންޒަރު - ރާއްޖެއަށް ބޭރު ފައިސާގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމުގައި ވީ ނަމަވެސް، އެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ރާއްޖޭގެ ބޭންކިން ނިޒާމަށް ނުވަދެ ގެއްލިގެންދާ މައްސަލަ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ޕެކޭޖު ވިއްކާއިރު، އަގުގެ ތެރެއިން ބޮޑު ބައެއް ރާއްޖޭގައި ބޭރުގައި ޗާޖުކުރާތީ ޓެކްސް ކުރެވޭ އަދަދުން ބޮޑު ބައެއް އުނިވެ އެވެ.
ކޮމެންޓް