އެސްޓީއޯ ފުށް ގުދަން: ކުންފުނިތަކަށް ދޭ ސަބްސިޑީ ސީދާ ރައްޔިތުންގެ ޖީބަށް ދޭ ގޮތަށް ބަޖެޓުގައި ހިމަނާފައިވޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބޭނުން ޖެހޭ މީހުންނަށް ސީދާ ލިބޭ ގޮތަށް ސަބްސިޑީ ނިޒާމު ބަދަލުކުރަނީ
ދައުލަތުން ދޭ ސަބްސިޑީ އަކީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދެވޭ އެއްޗަކަށް ހެދުމަށް ސީދާ ރައްޔިތުންނަށް ސަބްސިޑީ ލިބޭ ގޮތަށް ނިޒާމު ބަދަލު ކުރަން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެންމެ ބޭނުން ޖެހިފައިވާ މީހާއަށް ސީދާ ލިބޭ ގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލު ކުރުމަށް ބަޖެޓުގައި ހިމަނާފައިިވާނެ ކަމަށެވެ.
ތަފްސީލް - ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސަބްސިޑީގެ ނިޒާމު ބަދަލުކޮށް، ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލު ކުރަން ނިންމާފައިވަނީ އެންމެ ބޭނުންޖެހިފައިވާ މީހާ ދެނެގަނެ އެންމެ އިންސާފުވެރިކަމާ އެކު ދެވޭ އެހީތަކަކަށް އެފަދަ އެހީތައް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"... އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ ދިވެހި ރައްޔިތުން ދެނެގަނެ ސީދާ އެ ރައްޔިތު މީހާގެ ޖީބަށް ސަބްސީޑީ ލިބޭ ގޮތަށް ނިޒާމު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ
ސަބްސިޑީ ނިޒާމަށް ބަދަލު ގެނައުމުގެ އިތުރުން، އާސަންދަ ނިޒާމު މުރާޖައާކޮށް މިހާރަށް ވުރެ ވަށާ ޖެހޭ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލު ކުރަން ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެނގުން މުހިއްމު - އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން:
-
ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރޭ
-
ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައިި
-
އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް
-
މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ޑެފިސިޓު ބަޖެޓު
-
އަންނަ އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރަނީ %6.4ގައި
ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 11.5 ބިލިއަން ރުފިޔާގެ މާލީ އިސްލާހު ހިމެނެ އެވެ.
ކޮމެންޓް