ރ. ފައިނު މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އަލުން ވަނީ ނިންމާފައި

ފައިނު ހިމެނޭހެން ނުވަ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން ނިންމައިފި

މިހާރު މަސައްކަތް ފަށާފައިވާ ހަ އެއާޕޯޓެއް ނިންމުމަށާއި މިހާރު ހިންގާ ބައެއް އެއާޕޯޓުތައް އިތުރަށް ތަރައްގީކުރަން ވެސް ގަރާރުގައި ކަނޑައަޅާފައިވޭ

ރ. ފައިނު ހިމެނޭހެން ނުވަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުމަށް ފައިސާ ދޭނެ އިންވެސްޓަރުން ހޯދަން ނިންމާ، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މަޝްރޫއުތައް ކަނޑައަޅާ ގަރާރު އިއްޔެ ރައީސް މުހައްމަދު މުއިއްޒު ވަނީ އިސްލާހު ކުރައްވައިފަ އެވެ.

ތަފްސީލު - ރައީސް އިސްލާހު ކުރެއްވި ގަރާރުގައި ވާ ގޮތުން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވަނީ

  • ހއ. ދިއްދޫ

  • ށ. ދިގުވެލި

  • ށ. މިލަންދޫ

  • ނ. ވިހަފަރު

  • ރ. ފައިނު

  • އއ. މަތިވެރި

  • ފ. ނިލަންދޫ

  • ގއ. މާޅެންދޫ

  • ތ. ގުރައިދޫ

މި އެއާޕޯޓުތައް ތަރައްގީކުރަން މަދުވެގެން 5 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

މިއީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އެއާޕޯޓުތަކެކެވެ.

މީގެ ތެރެއިން:

  • ރ. ފައިނުގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަސައްކަތްކުރި. ނަމަވެސް ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަޑުއުފުލުމާ އެކު އޭރު ސަރުކާރަށް ކުރިމަތިވި ޕްރެޝަރުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވުނު

މި ގަރާރު ރައީސް އިސްލާހު ކުރެއްވުމާ އެކު މީގެ ކުރިން ކުރީ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުއްވި ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާ ގަރާރު ވަނީ ބާތިލްވެފަ އެވެ.

ކުރީ ސަރުކާރުގައި އެންމެ ފަހުން ނެރުނު ގަރާރުގައި ވ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުރުމުގެ އިތުރުން ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމާއި ޅ. މަޑިވަރު އެއާޕޯޓު އިންޓަނޭޝަނަލް ކުރުން ހިމަނާފައި އޮތެވެ.

އެ ގަރާރުގައި ހިމެނޭ ބައެއް މަޝްރޫއުތައް މިހާރު ކުރިއަށް އެބަ ދެ އެވެ.

ރައީސް މުއިއްޒު އިއްޔެ ނެރުއްވި ގަރާރުގައި މިހާރު މަސައްކަތް ފަށާފައިވާ ހަ އެއާޕޯޓެއް ނިންމަން ވެސް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހދ. މަކުނުދޫ އެއާޕޯޓު

  • ރ. އަލިފުށި އެއާޕޯޓު

  • މ. މުލި އެއާޕޯޓު

  • ށ. ބިލެތްފަހި އެއާޕޯޓު

  • ބ. ތުޅާދޫ އެއާޕޯޓު

  • ތ. ވިލުފުށި އެއާޕޯޓު

މީގެ އިތުރުން ރައީސްގެ ގަރާރުގައި ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރަން ވެސް ހިމަނާފައިވެ އެވެ. މިހާރު ހިންގާ އެއާޕޯޓުތަކުގެ ތެރެއިން ތަރައްގީކުރާނީ؛ 

  • އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު

  • ށ. ފުނަދޫ އެއާޕޯޓު

  • ބ. ދަރަވަންދޫ އެއާޕޯޓް

  • ހދ. ކުޅުދުއްފުށި އެއާޕޯޓު

  • ފުވައްމުލަކު އެއާޕޯޓު

  • ގދ. މާވާރުލު އެއާޕޯޓު

މި މަސައްކަތްތައް ކުރުމަށް އިންވެސްޓު ކުރާ އިންވެސްޓަރުން މަދުވެގެން 4 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން ވެސް ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މަޝްރޫއުތަކުގެ ތެރޭ ހިމަނާފައިވެ އެވެ.

  • މި ދެ މަޝްރޫއަށް މަދުވެގެން 7 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭ

  • ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓަކާ އެކު ފަތުރުވެރިކަމަށް ރަށްތަކެއް ތަރައްގީ ކުރުމަށް ބެލްޖިއަމްގެ އެންވީ ބީސިކްސް އެސްއޭއާ އެކު ވަނީ މަޝްވަރާ ކުރަން އެއްބަސްވެފައި

  • ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަން ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލް ކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މަޝްރޫއުތަކުގެ ތެރޭ ދެން ހިމެނެނީ އައްޑޫ އާއި ލ. އަތޮޅުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް