ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިޔުމާ އެކު، މަންޒަރު ބަލާލުމަށް ރަށުގެ މީހަކު މަޑުކޮށްލައިގެން.

ހދ. މަކުނުދޫ

'އެކަހެރި މަކުނުދޫ' ނިމުމަކަށް: އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށައިފި

މަކުނުދޫ މީހުން ގަބޫލުކުރާ ގޮތުގައި އެއާޕޯޓާ އެކު އެ ރަށުގެ އެކަހެރިކަން ފިލާދާނެ
3 ސެޕްޓެމްބަރު 2023

ހދ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވި ގޮތުގައި، "އެކަހެރި މަކުނުދޫ"ގެ ނަމުން މަޝްހޫރުވެފައި އޮންނަ އެ ރަށުގެ ނަމުން މިއަދު އެކަހެރިކަން ފިލީ އެވެ. އެހެން ރަށްތަކާ މާ ދުރުގައި، ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ އެ ރަށުގައި އެއާޕޯޓު އަޅަން މިއަދު ބިން ހިއްކަން ފެށުމާ އެކު، ދެން ފެންނާނީ ރަށް މުޅި ދުނިޔެއާ ގުޅިގެން ދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަކުނުދޫ ކޮންމެ ރައްޔިތެއްގެ ވެސް ހުވަފެނެއް ހަގީގަތަކަށް ވުން،" އައުޒަމް ވިދާޅުވި އެވެ.

އަހަރުތަކެއްގެ އިންތިޒާރަށް ފަހު، މަކުނުދޫގައި އެއާޕޯޓު އެޅުމަށް މިއަދު ބިން ހިއްކަން ފެށުމާ އެކު، އެ ރަށުގެ ރައްޔިތުންނަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ.

އެހެން ރަށްތަކާ އެކަހެރިކޮށް އޮވެފައި، ދަތުރުފަތުރުގެ ފަސޭހަކަން ނެތުމަކީ މި ފަހަކާ ޖެހެންދެން ވެސް މަކުނުދޫގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އެވެ. ސަރުކާރުން ތައާރަފްކުރި އާރުޓީއެލްއާ އެކު، އެ އަތޮޅުގެ އެހެން ރަށްތަކަށް ފަސޭހައިން ދަތުރުކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، ކަނޑު ގަދަ ދުވަސްތަކުގައި އަދިވެސް ދަތުރުކުރަން ޖެހިފައި އޮންނަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

އެހެންވެ، މަކުނުދޫގައި އެއާޕޯޓެއް އަޅައިދިނުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އެ ރަށު މީހުން ކުރާ އާދޭހެކެވެ.

ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް

ވައިގެ މަގުން މަކުނުދުއަށް ދަތުރުކުރެވޭ ގޮތް ހަދައިދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018ގައި ކެމްޕޭން ކުރެއްވި އިރު ވެވަޑައިގެންނެވި ވައުދެކެވެ. އެ ކަމުގައި ކުލަ ޖެހޭ ގޮތްވީ އިހަކަށް ދުވަހު އެވެ. ނަމަވެސް، މަކުނުދޫގައި އެއާޕޯޓު އެޅުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި 'ބިގްފިޝް މޯލްޑިވްސް'އާ ހަވާލުކުރުމަށް ފަހު، ބާރު ސްޕީޑެއްގައި އެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މަކުނުދޫ އެއާޕޯޓް މަޝްރޫއުގެ އުސްއަލިތައް:

  • މި މަޝްރޫއަށް ސަރުކާރުން 16 މިލިއަން ޑޮލަރު ހަރަދު ކުރޭ

  • މަސައްކަތް ހަވާލުކުރީ، ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް

  • އެއާޕޯޓު އަޅަނީ އެ ރަށުގެ ދެކުނު ފަރާތުން ފެށިގެން ކައިރީގައި އޮންނަ ފަޅުރަށް، ހުރައާ ދޭތެރޭގައި

  • މަސައްކަތް ހަވާލުކުރި ބިގްފިޝް މޯލްޑިވްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަންނެލީގެ ވިޔަފާރިކުރާ ކުންފުންޏެއް

އައުޒަމް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ފަޅާ އެކު ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ މަކުނުދޫގައި އެއާޕޯޓު އަޅަން ނިންމުމާ އެކު، އިގްތިސޯދީ ގިނަ ފުރުސަތުތަކެއް މިހާރު ވެސް ފަހިވަމުން އަންނަ ކަމަށެވެ. އެގޮތުން، ޓޫރިޒަމް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމަށް މާލެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަރަށް އުފާވެރި ދުވަހެއް މިއީ. މިއަދު އަޅުގަނޑު ގަބޫލުކުރަނީ ހޭޝްޓެގެއްގެ ގޮތުގައި މި ރަށުގެ ޒުވާނުން ބޭނުންކޮށް އުޅޭ އެކަހެރި ފޮހެލެވިއްޖެ ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"މިއީ މުޅި ދުނިޔެއާ ލާމެހި، އިގްތިސޯދީ ގޮތުން ރަށް ތަރައްގީވުމުގެ ފެށުން ކަމަށް."

މަކުނުދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް