ގއ. ވިލިނގިލީގައި އެއާޕޯޓަކާއެކު ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމުގެ އެމްއޯޔޫގައި ސޮއިކުރުން (ފޮޓޯ/ރައީސް އޮފީސް)

މިއަދު ސޮއިކުރީ ޕްރޮޕޯސަލްއާ ގުޅޭ މަޝްވަރާތައް ކުރަން، އެއްބަސްވުން އެކުލަވާލާނީ އޭގެ ފަހުން: މުއްތޮލިބު

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް

ސަރުކާރުން މިއަދު ބެލްޖިއަމްގެ އެންވީ ބީސިކްސް އެސްއޭ އާ އެކު ސޮއިކުރީ، އެ ކުންފުނިން ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓަކާ އެކު ފަތުރުވެރިކަމަށް ރަށްތަކެއް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވިލިނގިލީ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ އެމްއޯޔޫގައި ވަނީ ސޮއިކޮށްފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • އެމްއޯޔޫގައި ސޮއިކުރީ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ކަމަށް

ފާހަގަ ކުރެވޭ ކަމެއް - އެ މަޝްރޫއުއަކީ އިންވެސްޓާ ފައިނޭންސިންގެ އުސޫލުން ކުރިއަށް ގެންދަން ހުށަހަޅާފައިވާ މަޝްރޫއެކެވެ.

ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއުގެ ޕްރޮޕޯޒަލް ހުށަހަޅާފައިވާ އެންވީ ބެސިކްސް އެސްއޭ އަކީ ދުބާއީގައި ހުންނަ ބުރުޖު ހަލީފާ އިމާރަތް ކުރުމުގެ ބައެއް މަސައްކަތްތައް ކުރި ކުންފުންޏެއް ކަމަށް، ރައީސްގެ އެޑްވައިޒަރު، ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

ތަފްސީލް - މިނިސްޓަރު މުއްތޮލިބު މިއަދު 'ދައުރު' އަށް ވިދާޅުވީ އިންވެސްޓަރު ހުށަހަޅާފައި ވަނީ ވިލިނގިލީ ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ކަމަށެވެ. އެކަމަށް ބޭނުންވާ ބިން ހިއްކަން ޖެހޭނީ ކޮންޓްރެކްޓަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިތުރު ތަފްސީލުތައް ދެ ފަރާތުން މަޝްވަރާ ކުރުމަށް ފަހު އެއްބަސްވުމަކަށް އާދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ހުށަހަޅާފައިވަނީ: 

  • 2.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ޓްރާންސިޓް ހޮޓަލެއް ތަރައްގީ ކުރަން

  • އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތްތަކެއް ތަރައްގީ ކުރަން

  • މަތީފަންތީގެ ރިސޯޓު، ހޮޓެލް އަދި ޔޮޓްމެރީނާ ތަރައްގީ ކުރަން

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކުރާނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

ރައީސް މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު (ފޮޓޯ/ރައީސް އޮފީސް)

'ވިލިނގިލި އެއާޕޯޓަކީ ރައީސް މުއިއްޒުގެ ހުވަފެނެއް'

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ބީސިކްސް ކުންފުންޏަކީ މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައިދެވޭނެ، އެކަމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.

ގއ. އަތޮޅުގައި ހިންގާ ކޫއްޑޫ އެއާޕޯޓު ތަރައްގީ ކުރެއްވި ޖަނާހު ވިދާޅުވީ އެންމެ ފުރަތަމަ ކޫއްޑޫ އެއާޕޯޓް އެޅުމުގެ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ދުވަސްވަރު އޭނާ މަސައްކަތް ކުރެއްވީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެ މަނިކުފާނުގެ މިނިސްޓްރީއާ އެކު ކަމަށެވެ.

"އޭރު ވެސް އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި ދެކެވުނު ވާހަކައަކީ ކިހާ ދެރަކަމެއް ހެއްޔޭ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގޭވަރުގެ ރަށެއްގައެއް ނޫނޭ މިކަން ކުރަން މި ޖެހުނީ،" އެ މަޝްރޫއަކީ އެހެން ސަރުކާރަކުން ކުރިއަށް ގެންދަން ނިންމާފައި އޮތް ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވައި ޖަނާހު ވިދާޅުވި އެވެ. 

"ޑރ. މުއިއްޒު ވިދާޅުވި އަޅުގަނޑުމެން ވާނެޔޭ އެއް ދުވަހަކުން ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން. ޑރ. މުއިއްޒުގެ ޑްރީމެއް އިނގޭތޯ. އެމަނިކުފާނުގެ ހުވަފެނެއް މިއަދު ހާސިލުވެގެން އެ ދިޔައީ،" 

މިއީ ގއ. އަތޮޅުގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވި ޖަނާއޭ، ކަން ކުރެވޭނެ ވަރުގެ މީހަކު ގެންނައްޗޭ. ޕްރޮޖެކްޓު ވަރަށް އަވަހަށް ނިންމާލެވޭ ވަރުގެ މީހަކު ނޫނީ ޕްރޮޖެކްޓު ރިއަލައިޒް ވާވަރުގެ ބަޔަކު ގެނެސްދެއްޗޭ،" ޖަނާހު ވިދާޅުވި އެވެ. 

އެ މަސައްކަތް ހަވާލުކުރީ ދުނިޔޭގެ 44 ވަނައަށް އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށް ޖަނާހި ފާހަގަ ކުރެއްވި އެވެ.

"މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޑޮލަރު. އެ މީހުންގެ މިދިޔަ އަހަރުގެ ފައިދާއަކީ 300 މިލިއަން ޑޮލަރު. އެހެންވީމާ، އެއް އަހަރުގެ ފައިދާއިން ވެސް އެމީހުންނަށް މިތާނގައި އެއާޕޯޓް އެޅޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ޖަނާހު ވިދާޅުވި އެވެ.

"އެހެންވީމާ [ބްރުޖު ހަލީފާ] ގެ ތަޖުރިބާއާ އެކީގައި، އެވަރުގެ އުސް އިމާރާތެއް ނޫނަސް ވިލިނގިލީގެ އެކަފަރުގަ ފަރުތާލެވޭ ރީތި ރަށްތަކާ އެއާޕޯޓަކީ ހަމަ ބުރުޖު ހަލީފާ ފަދަ މަޝްހޫރު ޕްރޮޖެކްޓަކަށްވެގެންދާނެ ކަމަށް [އުއްމީދު ކުރަން]،" އޭނާ ވިދާޅުވި އެވެ.

ޖަނާހު ވަނީ މި ޕްރޮޖެއްޓަށް ދޭނެ ނަމެއް ކަނޑައެޅުމަށް ވިލިނގިލީ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ގުޅުން ހުރި ކަމެއް - ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް އެމްއޯޔޫގައި ސޮއިކޮށްފައިވާއިރު، ހުވަދު އަތޮޅު ދެކުނުން، ގދ. ތިނަދޫގައި ވެސް އެއާޕޯޓެއް އެޅުމަށް މީގެ ދެ ދުވަސް ކުރިން ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.   

އިތުރު އާޓިކަލް

އިތުރު އާޓިކަލް