އަލިފުށީ ބިން ހިއްކައި އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވަޑައިގަތުމުން މަރުހަބާކިޔަނީ. (ފޮޓޯ/އެމްޓީސީސީ)

ރ. އަތޮޅު

އަލިފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

އެއާޕޯޓު އަޅަނީ އަލިފުށީ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކައިގެން

ރ. އަލިފުށީގައި ސަރުކާރުން އަޅާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއިން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އަލިފުށީ ފަޅުން ބިން ހިއްކައިގެން އެއާޕޯޓް އެޅުމުގެ މި މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއާޕޯޓް ތަރައްގީކުރަން ފަށާނީ ބިން ހިއްކާ ނިމުމުންނެވެ. އެގޮތުން:

  • 50.5 ހެކްޓަރުގެ ބިން ހިއްކައި، 2،871 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ

  • 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ

  • އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި އޭޕްރަން އާއި ޓެކްސީވޭ އަދި ފަޔާ ޕެޑަކާއި މަގުތައް ހަދާނެ 

  • އަދި އެއާފީލްޑް ލައިޓިން ސިސްޓަމް ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި އަލިފާން ނިއްވާ އިކުއިޕްމަންޓްގެ އިތުރުން 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހަދާނެ

އަލިފުށީ ބިން ހިއްކައި އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިއަދު ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްޓީސީސީ)

ސަރުކާރުން މި މަޝްރޫއަށް 451.61 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.

އެނގުން މުހިއްމު - އަލިފުށީ އެއާޕޯޓުގެ މަޝްރޫއަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭނުގައި ކުރިން ހިމެނި ކަމެއް ނޫނެވެ. ކުއްލިއަކަށް މިހާ ބޮޑު މަޝްރޫއެއް ހިންގަން ނިންމުމުން، އަތޮޅުގެ އެހެން ރަށްރަށުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި، މާލޭ ރައްޔިތުންގެ ގެދޮރުގެ ދަތިކަން ހައްލުނުވަނީސް، އެއާޕޯޓެއް އޮތް އަތޮޅެއްގައި އިތުރު އެއާޕޯޓެއް އަޅައިގެން ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަދައްކަވާފައިވެ އެވެ.

އަލިފުށީ ބިން ހިއްކައިގެން އެއާޕޯޓު އެޅުމަށް އެމްޓީސީސީ އާއެކު ޕްލޭނިން މިނިސްޓްރީ އިން ސޮއިކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް