Majlis 2024

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ގުޅިގެން ނޫސްވެރިން އިހުތިޖާޖު ކުރަނީ

އެމްޖޭއޭ އިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެއަށް ރިއާޔަތް ނުކޮށް މިއަދު ބިލު ފާސްކުރަން ވަނީ އެޖެންޑާކޮށްފައި

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީ، ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރަން ތައްޔާރުވުމާ ގުޅިގެން އެކަމާ ދެކޮޅަށް މަޖިލިސް ކައިރީގައި ނޫސްވެރިން މިއަދު އިހުތިޖާޖުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. 

ނަމަވެސް  އެ މައްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ މީގެ ކުރިން ވެސް ޖަމިއްޔާތަކުން ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފަ އެވެ. އަދި މާއްދާ އުނި ކުރަން މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް މީގެ ކުރިން ކޮމިޓީގައި ވަނީ އެދިފަ އެވެ.

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - މިހާރު ކުރިއަށްދާ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި އެ ބިލު އެޖެންޑާކޮށްފައި މިވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭ އިން އިއްޔެ ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަރުދާހުގައި ހުރި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި އެވެ.

ބުނީ ކީކޭ؟ - އެ ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި، މިއަދު ބިލު ފާސްކުރަން އެޖެންޑާކޮށްފައި ވާތީ ނޫސްވެރިން އަންނަނީ މަޖިލިސް ކައިރީގައި ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. އެމްޖޭއޭ އިން ބުނީ، އެ އިހުތިޖާޖުގެ ބޭނުމަކީ ބިލުގެ 136 ވަނަ މާއްދާ އޮތް ގޮތުން ނޫސްވެރިކަމަށް އޮތް ނުރައްކާތަކުގެ އަޑު މަޖިލިސް މެމްބަރުންނަށް އިއްވުން ކަމަށެވެ.

މަޖިލިސް ކައިރީގައި އިހުތިޖާޖުކުރަމުން އަންނަ ނޫސްވެރިންނާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ވަނީ ބައްދަލުކުރައްވައިފަ އެވެ.

ތަފްސީލް - މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ ވަކި ކަންކަމަކަށް ރިއާޔަތްކުރުމާ އެކު މަދަނީ މިންގަނޑުން އެ ކަންކަން ސާބިތު ވާނަމަ ކަމަށް ކޮމިޓީން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ. އެ ކަންކަމަކީ: 

  • ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން 

  • ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމެއްކަން 

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށް ވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއްކަމަށް އެ ހާލަތުވާކަން 

  • ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން 

  • ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން 

  • ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާއަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެންހުރި އެންމެހާ މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެން ވެސް އެ މަސްދަރު އެނގިފައިނުވާކަން

  • ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މައުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން 

  • ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައި ނޫންކަން

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޖޭއޭ އިން ހުށަހެޅި ހިޔާލު ކަރުދާހުގައި، އެ ބިލަށް ގެންނަން ބޭނުންވާ ޖުމްލަ ހަތް އިސްލާހެއް ހިމަނާފައިވެ އެވެ. މައިގަނޑު އިސްލާހަކަށް އޮޮތީ، މިހާރު ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަސްދަރު ހާމަ ކުރުން ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭތީ އެކަން ހަނި ކުރާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ.

އެންގުން މުހިންމު - ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަބުރުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖުގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުވެސް ކުރި އެވެ.

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް